ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރ.އަތޮޅު އުފުލަންދޫ އަކީ އެ އަތޮޅު މަޑުއްވަރީގެ ބައެއްކަމަށާއި، އަދި ތާވަތާ އަކީ އެ އަތޮޅު މީދޫގެ ބައެއް ކަމުގައި ކަނޑައަޅުއްވައިފިއެވެ.

މިދިޔަ ޖެނުއަރީ މަހު ރ.އަތޮޅުގެ ބައެއް ރަށްތަކަށް ރައީސް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ޖެނުއަރީ 22 ވަނަ ދުވަހު މަޑުއްވަރީއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުގައި ރައީސް ވަނީ މަޑުއްވަރީގެ އިޚްތިޞާޞްގައި އެ އަތޮޅު އުފުލަންދޫ، އަދި އެ އަތޮޅު މީދޫގެ އިޚްތިޞާޞްގައި އެ އަތޮޅު ތާވަތާ ހިމެނުއްވުމަށް ނިންމަވަައި އެކަން ޢިއުލާން ކުރަށްވާފައެވެ.

Ad
rt

ރައީސްގެ މި ވައުދުފުޅު ފުއްދެވިކަން ހާމަކުރަމުން ރައީސް އޮފީހުން މިއަދު ބުނީ، ރައީސް މިގޮތަށް ނިންމަވާފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ލިބިދޭ ބާރުގެ ދަށުންކަމަށެވެ.

ރައީސް މިގޮތަށް ނިންމަވާފައި ވަނީ އެދެރަށުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބިމުގެ ދަތިކަމަށް ޙައްލު ހޯއްދަވައިދެއްވުމަށް އެޅުއްވި ފިޔަވަޅެއްގެ ގޮތުގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މި ނިންމެވުން ޢިއުލާން ކުރެއްވި ދުވަހު ރައީސް ފާހަގަކުރެއްވި ގޮތުގަައި މަޑުއްވަރީގައި ވަރަށް ގިނައިން ފައިބަރުގެ މަސައްކަތް، އިޤްތިޞާދީ މަސައްކަތްތައްވެސް ކުރަމުން އަންނާތީ، ރަށު ތެރޭގައި އިޤްތިޞާދީ މަސައްކަތްތަކަށް ހުރި ބިންތަކާއި، އަދި އެހެނިހެން މަސައްކަތްތަކުގެ ބޭނުންތަކަށް ބޭނުންކުރަމުން އަންނަ ތަންތަން، ރަށުން ބޭރަށް ބަދަލުކުރުމަކީ، ރަށުގައި ޖާގަ އެންމެ ބޮޑަށް އިތުރުކުރެވޭނެ ގޮތެވެ.

މީގެ އިތުރުން ކެންސަރު ބަލިފަދަ ބަލިތައް މި އިތުރުވަނީ، ފައިބަރުގެ މަސައްކަތް ކުރުން ކަހަލަ ކަންތައްތައް ކުރާތީކަން ފާހަގަކުރަށްވައި، މަޑުއްވަރީގައި އެ ކަމުގެ މައްސަލަ ވަރަށް ބޮޑުކަމަށް މަޢުލޫމާތު ލިބިވަޑައިގެންފައިވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން އެކަމަށް ޙަޤީޤީ ޙައްލެއް އަންނާނީ ޙަޤީޤަތުގައި މި ހުރިހާ ކަމަކަށްވެސް މާނަހުރި ޙައްލެއް ގެނެވުނީމާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

''އެހެންވީމާ، އިރާދަކުރެއްވިއްޔާ، އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވަން ބޭނުންވަނީ، ތިޔަބޭފުޅުންގެ މިހިރަ ހުރިހާ މައްސަލައެއް ޙައްލުކުރެވޭ ގޮތަށް، "އުފުލަންދޫ"، މިރަށުގެ އިޚްތިޞާޞްގެ ތެރޭގައި ހިމަނައިދޭން އަޅުގަނޑު ނިންމި ވާހަކަ. އިރާދަކުރެއްވިއްޔާ، އެކަމާ ގުޅޭ ޤާނޫނީ ލިޔެކިޔުމުގެ ކަންތައްތައް ކުރިއަށް ގެންގޮސް، އެކަން ހަމަޖެހިގެންދާނެ.'' އެދުވަހު ރައީސް ވިދާޅުވެފަވެއެވެ.