ލޯކަލް ޓްއަރިޒަމާއި، ރަށްރަށުގެ ސަގާފަތާއި އާދަކާދަ ޕްރޮމޯޓް ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ދި ޓްރެވްލް ގާއީޒްގެ ފަރާތުން އިންތިޒާމް ކޮށްގެން ބޭއްވި "ރަށު އެކްސްޕޯ 2025" ގެ ބެސްޓް ކައުންސިލް ޓީމް އެވޯޑް، ތިލަދުންމަތީ އުތުރުބުރީ އުތީމް ކައުންސިލަށް ލިބިއްޖެއެވެ.
ރަށު އެކްސްޕޯގައި އުތީމް ކައުންސިލުން ވަނީ އެ ރަށް ޕްރޮމޯޓް ކުރުމަށްޓަކައި، އެ ރަށުގެ ސަގާފަތާއި އާދަކާދައިގެ އިތުރުން އެ ރަށުގައި އުފައްދާ ތަފާތުތަކެތި، އެ ރަށަށް ހާއްސަ ސްޓޯލުގައި ބަހައްޓާފައެވެ. ހާއްސަކޮށް އެރަށުގައި އުފައްދާ ތަފާތު ބާވަތްތަކުގެ ކާބޯތަކެތި ވެސް ވަނީ ސްޓޯލުގައި ވިއްކާފައެވެ. އުތީމް މަދުމެޓާފަދަ ތަކެއްޗަކީ އާންމުންގެ މެދުގައި ބޮޑު މަގުބޫލްކަމެއް ހޯދާފައިވާ އެއްޗެކެވެ.
މި ނޫހަށް މައުލޫމާތު ދެއްމުން އުތީމް ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ބުނީ ރަށު އެކްސްޕޯއަކީ ރަށް ޕްރޮމޯޓްކުރަން ލިބުނު ރަނުގެ ފުރުސަތެއް ކަމަށާއި، އެ ކައުންސިލުން އެކްސްޕޯގައި ބައިވެރިވީ އުތީމިގެ މުއްސަނދި ސަގާފަތާއި، ތަރިކައާއި އާދަކާދަތަށް ޕްރޮމޯޓް ކުރުމުގެ އިތުރުން، އެ ރަށުގައި ތައްޔާރުކުރާ ތަފާތު ބާވަތްތަކުގެ ކާބޯތަކެތި ޕްރޮމޯޓްކޮށް އެތަކެތި މާކެޓް ކުރުމުގެ ފުރުސަތު ހޯދައިދީ އުތީމް ޕްރޮމޯޓް ކުރުމަށް ކަމަށެވެ.
އެކަން ވަރަށް ފުރިހަމައަށް ހާސިލްވެފައިވާކަން ފާހަގަ ކުރަމުން އޭނާ ބުނީ އުތީމަށް އަންނަންވީ ހަމައެކަނި ގަނޑުވަރު ބަލައިލަން ނޫން ކަމަށާއި، އުތީމަކީ ހުރިހާ ގޮތަކުން ބެލިނަމަވެސް ޒިޔާރަތްކޮށްލަން ހިތްގައިމު ރަށެއް ކަމަށެވެ.
އުތީމް އިތުރަށް ޕްރޮމޯޓް ކުރުމުގެ ގޮތުން ބްރޭންޑެއް ހަދައި، އެ މަސައްކަތް އިތުރަށް ފުޅާކުރަން ކައުންސިލުން އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން "ގައުމީ ބަތަލުގެ ރަށް" ނަމުގައި އުތީމް އިތުރަށް ޕްރޮމޯޓް ކުރުމުގެ މަސައްކަތް ވެސް ކައުންސިލުން ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ.
ރަށު އެކްސްޕޯ ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ 13 ވަނަ ދުވަހުން 15 ވަނަ ދުވަހަށް، ހުޅުމާލޭ ސެންޓަރަޕް ޕާކުގައެވެ. މި އެކްސްޕޯގައި ރަށު ކައުންސިލްތަކާއި ގެސްޓްހައުސްތަކާއި ރިސޯޓުތަކާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ވަނީ ބައިވެރިވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!