ސުޕްރީމް ކޯޓުގެ ނިންމުމަށްފަހު ކުއްލި ކެބިނެޓް ބައްދަލުވުމެއް ބޭއްވި ކަމަށް ބުނެ އަދަދު ނޫހުން ގެނެސްދީފައިވާ ޚަބަރަކީ "ކަނޑައެޅިގެން ދޮގެއް" ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެއެވެ.

''ސުޕްރީމް ކޯޓުގެ ނިންމުމަށް ފަހު ކުއްލި ކެބިނެޓް ބައްދަލުވުމެއް ބާއްވައިފި'' ސުރުޚީގެ ދަށުން އަދަދު ނޫހުގައި ޝާޢިއުކުރި ޚަބަރުގައި ބުނެފައި ވަނީ، ''ބަންޑާރަ ނައިބުގެ އޮފީހުން ވަކާލާތުކުރި ގޮތާ ހިލާފަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލާ ގުޅޭ ދުސްތޫރީ މައްސަލަ ބެލޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމުމުން'' ކުއްލި ކެބިނެޓް ބައްދަލުވުމެއް ބާއްވާފައިވާކަން އެ ނޫހަށް އެނގިފައިވާ ކަމަށެވެ.

Ad
rt

މި ޚަބަރު ދޮގުކޮށް ހީނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ޚަބަރުގައި އެއްވެސް ސައްހަ ކަމެއް ނެތް ކަމަށެވެ.

''އްވެސް ސައްހަ ކަމެއް ނެތް މިފަދަ ދޮގު މައުލޫމާތެއް، ރައްޔިތުންނަށް އޮޅޭ ގޮތަށް ގެނެސްދިނުމަކީ ބަލައިގަނެވޭނެ ކަމެއްނޫން.'' ހީނާ ވިދާޅުވެފަވެއެވެ.

މި މައްސަލައާ ގުޅިގެން މީޑިއާ ކައުންސިލަށް މައްސަލަ ހުށަހަޅާނެ ކަމަށްވެސް އިސް ތަރުޖަމާނު ވިދާޅުވިއެވެ.