މިއަހަރު ދިވެހިރާއްޖެއިން ޙައްޖުގެ މަތިވެރި އަޅުކަމަށް ދާ ޙައްޖުވެރިންގެ 50 އިންސައްތަ އުފުލާނީ ޤައުމީ އެއާލައިން މޯލްޑިވިއަންއިން ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިކަން ހާމަކޮށްފައި ވަނީ، މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި ދިވެހިރާއްޖޭގެ ޙައްޖު ކޯޕަރޭޝަނާއި ޤައުމީ އެއާލައިން މޯލްޑިވިއަންއާ ދެމެދު، މިއަހަރު ރާއްޖެއިން ހައްޖަށްދާ މީހުން ސައޫދީއަށް ގެންދިއުމުގެ ބައެއް ދަތުރުތައް ހަމަޖެއްސުމަށް އެއްބަސްވުމެއްގައި ސޮއިކުރެވުމާއި ގުޅިގެންނެވެ.

Ad
rt

މި އެއްބަސްވުމުގައި ޙައްޖު ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް އެވެ. އަދި މޯލްޑިވިއަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސް އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވިދާޅުވީ، އަހަރުތަކެއް ފަހުން ދިވެހި ޙާޖީން، ދިވެހިންގެ އަމިއްލަ އެއާލައިނެއްގައި ޙައްޖަށް ދިއުމުގެ ފުރުސަތު ލިބިފައިމިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޙިކްމަތްތެރި ސިޔާސަތުތަކުގެ ސަބަބުން ޤައުމީ އެއާލައިނަށް އައިސްފައިވާ ބޮޑު ކުރިއެރުމުގެ ސަބަބުން ކަމަށެވެ. އަދި މިކަން ޙަޤީޤަތަކަށް ހެއްދެވުމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީންގެ ފަރާތުން ލިބުނު އެހީތެރިކަމަށް ވަޒީރު ފާހަގަކުރަށްވާފައި ވެއެވެ.

ވަޒީރު ޝަހީމް ވިދާޅުވީ މިއަހަރު ހައްޖާޖީންގެ 50 ޕަސެންޓް ގައުމީ އެއާލައިނުގައި އުފުލި ނަމަވެސް މުސްތަގުބަލުގައި ހުރިހާ ހައްޖާޖީން ވެސް ގައުމީ އެއާލައިނުގައި ގެންދިއުމަކީ އުއްމީދެއް ކަމަށެވެ.

ގައުމީ އެއާލައިންގެ ފްލީޓަށް ފުރަތަމަ ވައިޑް-ބޮޑީ މަތިންދާބޯޓު ގެނެސް، ވައިޑް-ބޮޑީ އެއާކްރާފްޓް އޮޕަރޭޝަން އަދި އެއާބަސް އޭ330-200 ރަސްމީކޮށް އިފްތިތާޙު ކޮށްފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހުއެވެ. މި އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ދިވެހިރާއްޖެއަށް ދެވަނަ ވައިޑް-ބޮޑީ މަތިންދާބޯޓު ގެނެވި، އުދުހުންތައް ފެށޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެދުވަހު ވިދާޅުވެފައެވެ.