މަޖިލީހަށް އިންތިހާބުވި ޕާޓީން ވަކިވާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހަކީ ގާނޫނުއަސާސީގެ އަސާސީ ހަމަތަކާ ހިލާފަށް ގެނެސްފައިވާ އިސްލާހެއް ކަމަށް ސުޕްރީމް ކޯޓުގައި މިއަދު ބުނެފި އެވެ.
މަޖިލީހަށް އިންތިހާބުވި ޕާޓީން ވަކިވުމުން ނުވަތަ ވަކިކުރުމުން މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން މިދިޔަ އަހަރު ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިނެވެ.
މިއަދު ބޭއްވި އަޑުއެހުމުގައި އަލީ ހުސައިންގެ ވަކީލް މަހްފޫޒް ސައީދު ވިދާޅުވީ ދައުލަތުގެ ހުރީ ބާރުތައް ފެށެނީ ވެސް އަދި ދެމިއޮންނާނީ ވެސް ރައްޔިތުންގެ ކިބައިގައި ކަމަށް ގާނޫނުއަސާސީގައި ބުނާތީ މަޖިލީހުގެ މެންބަރުން މަސައްކަތް ކުރަން ޖެހޭނީ ޕާޓީތައް ހިމެނޭ ގޮތަށް އެހެން އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި ކަމަށާއި އަދި ދައުލަތް ހިންގުމުގައި ޕާޓީތަކުގެ ދައުރާއި ހައިސިއްޔަތު ބޭއްވުމަށް ބާރު އަޅާފައިނުވާ ކަމަށް މަހްފޫޒް ވިދާޅުވި އެވެ.
" ސިޔާސީ ޕާޓީތަކުގެ ދައުރާއި ހައިސިއްޔަތު ގާނޫނުއަސާސީގައި ބަޔާންކޮށްފައެއް ނުވޭ. ސިޔާސީ ޕާޓީގެ ޓިކެޓާއި ޕާޓީގެ ވިޕާއި ޕާޓީ ލައިނަކީ ގާނޫނުއަސާސީ ދަންނަ ލަފުޒުތަކެއް ނޫން،" މަހްފޫޒް ވިދާޅުވި އެވެ.
ބަރުލަމާނީ ނިޒާމެއްގައި މެންބަރަކު ޕާޓީ ބަދަލު ކުރުމުން، ސަރުކާރު އެކުލަވާލުމަށް ލިބޭ ބާރަށް ބަދަލުތަކެއް އަންނަ ނަމަވެސް ރިޔާސީ ނިޒާމެއްގައި ޕާޓީ ބަދަލު ކުރުމުން ސަރުކާރު ހިންގުމަށް ދުސްތޫރީ ގޮތުން އަންނަ ހުރަހެއް ނެތް ކަމަށް ވަކީލް ވިދާޅުވި އެވެ. އަދި އެ އިސްލާހުގެ ސަބަބުން ގާނޫނުއަސާސީގައި މެމްބަރުން އިސްކަން ދޭންޖެހޭ ކަމަށް ބަޔާންކުރާ ރައްޔިތުންގެ މަސްލަހަތު އެއްފަރާތް ކުރުމަށްފަހު ޕާޓީގެ ފިކުރު އިސްކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންކަމުން އެ އިސްލާހު ގާނޫނުއަސާސީއާ ހިލާފްވާތީ އެ އިސްލާހު ބާތިލްކުރަން އޭނާ އެދިވަޑައިގަތެވެ. އަދި މިހާރުގެ މަޖިލިސް މެމްބަރުންގެ މައްޗަށް އެ އިސްލާހު ނުހިނގާނެ ކަމަށް ކަނޑައަޅައިދޭން އެދޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ސަބަބަކަށް އޭނާ ވިދާޅުވީ ގާނޫނު އައުމުގެ ކުރިން ހިނގާ ކަންކަމަށް ގާނޫނުގެ އުސޫލުތައް ނުހިނގާތީ އެވެ.
އެ މައްސަލަ ސުޕްރީމް ކޯޓުން ބައްލަވަނީ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!