ދިވެހި ފުލުހުންގެ ޚިދުމަތުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ބ. އަތޮޅު މާރިކިލުން ނުވަ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނިގޮތުގައި މި އޮޕަރޭޝަން ހިންގާފައި ވަނީ އެ އިދާރާގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ.

Ad
ooredoo

މި އޮޕަރޭޝަންގައި ހައްޔަރުކުރި ހައްޔަރުކުރި ނުވަ މީހުންގެ ތެރޭގައި ހިމެނެނީ، ތިން ދިވެހިންނާއި، އިންޑިއާ އަށް ނިސްބަތްވާ ދެ މީހަކާއި، ސްރީލަންކާ އަށް ނިސްބަތްވާ ތިން މީހަކާއި އަދި ބަންގްލަދޭޝް މީހެކެވެ.

މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވާ ނުވަ މީހުންނަކީ،

  • އަލްޙާން ރަޝީދު ޙުސައިން (49އ)، މ. ޖަވާހިރުވާދީ، މާލެ.
  • މަރްޔަމް ރިފާޢު ( (25އ)، ޏ. ފުވައްމުލައް / ދިގުވާނޑު، ހޮލެންޑް.
  • ޢަބްދުލް މުޙްސިން ޙަސަން (65އ)، ރ. އިނގުރައިދޫ / ވަފާ.
  • ކުމަރެސަން ޗިންނައިއަ، އިންޑިއާ (20އ)
  • ދިނޭޝް ސައްމިޔައްޕަން، އިންޑިއާ (29އ)
  • އެލަވެންޑަން ސިވަގުނަނަ ސަންޑަރަމް، ސްރީލަންކާ (39އ)
  • ކަނަގަރާޖު ޕޮންނައްޔަ ސުޕައްޔަ، ސްރީލަންކާ (46އ)
  • ސަބެޝަން ނަހާރަޖަ، ސްރީލަންކާ (31އ)
  • މުޙައްމަދު މައްސޫދު، ބަނގުލަދޭޝް (46އ)

މި އެންމެން ވެސް ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރުގެ ދަށުންނެވެ.

މާރިކިލުގައި މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު އަދި ބ. އަތޮޅު ފުލުހުން ގުޅިގެން މި ފެބުރުވަރީ މަހުގެ 15 ދުވަހު ހިންގި މި އޮޕަރޭޝަނުގައި މާރިކިލުން މި ނުވަ މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު 162 ދަޅު ބަނގުރާއާއި ފަސް ފުޅި ބަނގުރާ އަދި މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާކަމަށް ފުހުން ބުންޏެވެ. އަދި ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 12.8 ގުރާމްކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ނުވަ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ރ. އިނގުރައިދޫ / ވަފާ، ޢަބްދުލް މުޙްސިން ޙަސަން (65އ) ކޯޓުން ޝަރުތުކުރުމަށްފަހު ދޫކޮށްލާފައިވާއިރު، ބާކީ ތިބި އަށް މީހުން ވެސް 15 ދުވަހަށް ބަނދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.