ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް މިއަހަރު ނަން ހުށަހެޅުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ.
މި އިނާމަކީ ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކޮށްފައިވާ މުވައްޒަފުންނަށް ދެވޭ ޝަރަފުވެރި އިނާމެކެވެ.
ޤައުމީ އިނާމާބެހޭ ކޮމިޓީން މިއަދު މިފުރުސަތު ހުޅުވާލާފައިވާއިރު، އިނާމު ދިނުމުގެ އުސޫލު ދިވެހި ސަރުކާރުގެ ގެޒެޓުގައި މިއަދު ވަނީ ޝާއިޢު ކޮށްފައެވެ.
މި އިނާމަށް ނަން ހުށަހެޅޭނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ "ފޯމު ހުށަހެޅުން" ޕޯޓަލް މެދުވެރިކޮށް އެކަނި ކަމަށް ކޮމިޓީން ބުނެފައިވެއެވެ. ޕޯޓަލްގެ އެޑްރެހަކީ http://apply.presidency.gov.mv އެވެ.
އިނާމަށް ނަން ހުށަހެޅުމުގެ މުއްދަތު ހަމަވާނީ 2025 މާރިޗު 18 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 1:00 ގައެވެ.
މި އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ އައްޑަނައަކާއި، ޝަރަފުގެ ބެޖަކާއި، ހަނދާނީ ލިޔުމެކެވެ. އިނާމު ދެވޭނީ ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރުގެ ކުންފުންޏެއްގައި ނުވަތަ ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮތް ކުންފުންޏެއްގައި ޚިދުމަތްކުރި ނުވަތަ ޚިދުމަތްކުރާ މުވައްޒަފުންނަށެވެ.
ޤައުމީ އިނާމާބެހޭ ކޮމިޓީން އިނާމަށް ކުރިމަތިލާ ފަރާތްތަކަށް އިލްތިމާސްކޮށްފައިވަނީ ހުރިހާ މަޢުލޫމާތުތަކެއް ފުރިހަމަކޮށް، ކަމާބެހޭ ހުރިހާ ލިޔުންތަކާއެކު އިނާމަށްއެދޭ ފޯމު ހުށަހެޅުމަށެވެ. އަދި ބޭނުންވާ ރެކޯޑުތައް ހޯދުމުގެ މަސައްކަތް ދުރާލާ ކުރިއަށް ގެންދިއުމަށާއި، އެންމެފަހު ވަގުތާ ހަމައަށް މަޑުނުކުރުމަށް ކޮމިޓީން އެދިފައިވެއެވެ.
މި އިނާމަކީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ޤާބިލުކަމާއި އިޚްލާޞްތެރިކަމާއެކު ކޮށްފައިވާ ޚިދުމަތްތަކަށާއި، މުއައްސަސާގެ ކުރިއެރުމަށް ކޮށްދީފައިވާ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދެވޭ އިނާމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!