އެއް ކިލޯއަށްވުރެ ގިނަ ޑްރަގާއިއެކު މާލޭގެ ރެސްޓޯރެންޓެއްގެ ތެރެއިން ޒުވާނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ އެ އިދާރާގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ގޭންގު ކްރައިމް އެންފޯސްމަންޓުގެ ފުލުހުން، ޑްރަގް އެންފޯސްމަންޓުގެ އެހީތެރިކަމާއެކު މާލޭގައި މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.

Ad
rt

މި ފެބުރުވަރީ މަހުގެ 14 ވަނަ ދުވަހު، ހިންގި މި އޮޕަރޭޝަނުގައި މީހަކު ހައްޔަރުކޮށްފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ. މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ މއ. ހިތްތަލަވިލާ / މާލެ، މުޙައްމަދު ކިޔާން އަޙްމަދު ނާޠިމް (19އ) ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން މައުލޫމާތުދިން ގޮތުގައި މުޙައްމަދު ކިޔާން އަޙްމަދު ނާޠިމް ހައްޔަރުކޮށްފައި ވަނީ މާލޭގެ ރެސްޓޯރަންޓެއްގެ ތެރެއިންނެވެ. އެތަނުން އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާއިރު، މި ތަކެތީގެ ވަގުތީ ބަރުދަން 1 ކިލޯއަށްވުރެ ގިނަކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.