ދިވެހިރާއްޖެއާއި ސަޢުދީ އަރަބިއްޔާއާ ދެމެދު ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭ އެއްބަސްވުމަށް ސަޢުދީ އަރަބިއްޔާގެ ކެބިނެޓުން ރުހުން ދީފިއެވެ.
މިކަން ހާމަކޮށްފައި ވަނީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން ވަނީ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއް މެވެރިކޮށެވެ.
ރާއްޖެ އާއި ސައޫދީ މި އެއްބަސްވުމުގައި ސޮއިކުރެވިފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހުއެވެ.
މިއީ ދިވެހިރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއާއި ސަޢުދީ އަރަބިއްޔާގެ ޖެނެރަލް އޮތޯރިޓީ އޮފް ފޮރިން ޓްރޭޑް އާ ދެމެދު ވެވުނު އެއްބަސްވުމެކެވެ.
މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ ދެ ޤައުމުގެ ދެމެދު އިޤްތިޞާދީ ދާއިރާއިން ގުޅުން ހަރުދަނާކޮށް، ވިޔަފާރީގެ ދާއިރާއިން ގުޅުން އިތުރަށް ބަދަހިކުރުމެވެ.
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން ބުނި ގޮތުގައި، މި އެއްބަސްވުމަށް ސަޢުދީ އަރަބިއްޔާގެ ކައުންސިލް އޮފް މިނިސްޓަރސްއިން ރުހުން ދިނުމަކީ ދެ ޤައުމުގެ ދެމެދު ވިޔަފާރީގެ ގުޅުން އިތުރަށް ފުޅާވެ، ބަދަހިވުމަށް މަގުފަހިވެގެންދާނެ ކަމެކެވެ.
މި އެއްބަސްވުމުގެ ސަބަބުން ދިވެހިރާއްޖެއާއި ސަޢުދީ އަރަބިއްޔާއާ ދެމެދު ވިޔަފާރީގެ މުޢާމަލާތްތައް އިތުރުވެ، އިންވެސްޓްމަންޓްގެ ފުރުޞަތުތައް ފުޅާވެގެންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!