ހައިރާންކަމާއިއެކު އަރޫޝާއަށް ދާއިންގެ މޫނަށް ބަލަން ހުރެވުނީއެވެ. އަރޫޝާއާ މެދު އެއްވެސް ފަރުވާލެއް ނުބަހައްޓާ، މޭޒުމަތީގައި ހުރި ދަބަސް ނަގައިގެން ދާއިން ހިނގައިގަތީ ނިކުންނާށެވެ.
" ދާއިން..." އެއާއެކު އަރޫޝާ ބަލި އަޑަކުން ގޮވާލިއެވެ.
" އަހަންނަކަށް ނެތް ވަގުތެއް. ފެރީ ގަޑި ވަރަށް ކައިރި ވެއްޖެ." ދާއިން ބުނެލިއެވެ. އޭރު އޭނާ ހުރީ ދޮރާ ހިސާބަށް ގޮހެވެ.
" އަހަރެން ބޭނުން ދާއިންއާ ވާހަކަ ދައްކަން." އަރޫޝާ ބުންޏެވެ.
" ކިތަންމެ ވަރަކަށް ވެސް ވާހަކަ ދެއްކިދާނެ. އެކަަމަކު އަހަންނަކަށް ހިއެއް ނުވެ ވާހަކަ ދައްކަންޖެހޭ އެއްވެސް ބޭނުމެއް އޮވެދާނެހެންނެއް." ދާއިން ބުނެލިއެވެ.
" އަހަރެން ހިއެއް ނުކުރަން ދާއިން އަހަންނަށް ކުރާ އިތުބާރު ތި ދަރަޖައަށް ވެއްޓިދާނެ ކަމަކަށް." އަރޫޝާއަށް ވާހަކަ ދެއްކެނީ ދުރުދުރުންނެވެ.
" އަހަރެން ކުއްވެރި ކުރަން ތި މަސައްކަތް ކުރަނީ ކީއްވެތަ؟ އަހަރެން އަރޫއަށް އިތުބާރު ކުރިވަރު ހަމަ ރަނގަޅަށް ވެސް އަރޫއަށް އެނގޭނެ. މިއަދު ތިހެން ވާހަކަ ދެއްކުމުގެ އެއްވެސް ހައްގެއް އަރޫއަކަށް ނޯންނާނެ." ދާއިން އެނބުރިލުމަށްފަހު ބުނެލިއެވެ.
" އަހަންނާ ވާހަކަ ނުދައްކައެއް ދާއިންއަކަށް މިރެޔަކު ނުދެވޭނެ. އަހަންނަށް އެނގޭ ދާއިން ތި ދަނީ މުޅި އުމުރަށް އަހަރެން ދޫކޮށްލާފައިކަން. އެހެން ނޫންނަމަ އަހަރެން މި މާލެތެރެއަށް އެކަނިމާއެކަނި މިހާ ބަލި އިރު ދުލެއް ނުކުރާނެ." ވާހަކަ ދައްކަމުން އައިސް އަރޫޝާ ހުއްޓުނީ ދާއިންގެ ކުރިމަތީގައެވެ.
" ތިހާ ބަލިވީ އަހަންނާ ހެދިއެއް ނޫނެއްނު. ތިކަން ކުރި މީހާ ކައިރީ ބުނޭ ތިމަންނަ ބަލަން އަންނާށޭ." ދާއިން ބުނެލީ މަލާމާތުގެ ރާގަކަށެވެ.
އޭނާގެ ޖުމްލަ ނިމުމާއެކު އަރޫޝާ އަތަށް ލެވުނު ބާރެއް ލައިފައި ދާއިންގެ މޫނުމަތީގައި ވިހެލައިފިއެވެ. ނުވިސްނާ ހުއްޓާ، އަރޫޝާ ހިންގި އެ އަމަލުން ދާއިންއަށް ލިބުނީ ކުއްލި ސިހުމެކެވެ. މޫނުގައި އަތް ޖައްސާލައިގެން ހުރެ ދާއިން އަރޫޝާއަށް ބަލަމުން ދިޔައީ ހައިރާންކަމާއެކުއެވެ.
ރޮވިފައި ހުރި އަރޫޝާ މަޑުމަޑުން ކޮޓަރި ފާރުގައި ލެނގިލުމަށްފަހު އިސްޖަހާލިއެވެ.
" އަހަރެން ދުވަހަކުވެސް އަރޫއަކަށް މަޢާފެއް ނުކުރާނަން. " ދާއިން މަޑުމަޑުން ބުނެލިއެވެ.
އެއާއެކު ކަރުނައިން ފުރިގެންވާ ލޮލަކުން އަރޫޝާ ދާއިންއަށް ބަލައިލިއެވެ.
" އަހަރެންގެ ބޭބެއާ ކައިވެނިކޮށްގެން އުޅުނު އިރު ވެސް އަހަރެން އަރޫއަށް އިންތިޒާރު ކުރިން. ތި ދެ މީހުންގެ ދެމެދުގައި އެއްވެސް ކަހަލަ ގުޅުމެއް ނެތްކަން އެނގުނީމަ، އަހަރެން ޔަގީން ކުރިން އަރޫ އަހަރެންދެކެ ތެދުވެރި ލޯބި ވާކަމަށް. އަދި ފަހުން އަރޫވެސް ނަދީމްބެއާއެކު އުޅެން ބޭނުން ނުވާކަމާއި އަރޫ ބޭނުންވަނީ އަހަރެންކަން އެނގުމުން މިއަދާ ޖެހެންދެން ވެސް އަހަރެން ދެކެމުން މި އައީ އަހަރެމެން ދެ މީހުންގެ ކައިވެނީގެ ހުވަފެންތައް. ދެ މީހުންގެ މުސްތަޤްބަލް ބިނާކުރާނެ ގޮތްތައް އަމިއްލައަށް ވެސް ރާވަމުން މި އަންނަނީ. އެކަމަކު އަރޫ ކަންތައް ތި ކުރީ ކިހިނެއް؟" ދާއިން ބުނެލިއެވެ.
އަނގައިން ބުނާނެ ހިތްވަރު ނެތިގެން އަރޫޝާއަށް ދެ ފަރާތަށް ބޯ ހޫރާލެވުނެވެ.
" އަނދިރީގެ ތެރޭގައި އަހަރެން ބަހައްޓައިގެން، ނަދީމްބެއާއެކު އަރޫ އުޅުނީ އުފާވެރި ދިރިއުޅުމެއްކަން އަހަންނަށް މިހާރު އެނގިއްޖެ. ދެ މީހުން ވެސް ލޯބީގެ ގުޅުންތައް ކުރިއަށް ގެންދިޔަކަން ޔަގީން ވެއްޖެ. ނަދީމްގެ އަރޫ ވަރިކޮށްލީ ފައިސާގެ ދަހިވެތިކަމުގައޭ ބައްޕަ ބުނި. އެކަމަކު ވެސް އަހަރެން ވާވައްދާލައިގެން އަރޫޝާ ތި އުޅެނީ ހުރިހާ ކަމެއް ސިއްރުކޮށްގެން އަހަންނާ ވެސް އިންނަން. ނަދީމްބެ ވަރިކުރިޔަސް އަރޫޝާއަކަށް ގޮތެއް ހުހެއް ނުވޭތާ ދޯ؟ ތި ކަހަލަ މީހުންނަށް ކިޔާނީ އަވަށު ތުންފުހި. ކޮންމެ ފިރެހެނެއް ވެސް ތި ކަހަލަ މީހުންނަށް ހެޔޮވަރު." ދާއިން ރުޅި އައިސް ހުރެ އެހެން ބުނުމާއެކު އަރޫޝާ މަޑުމަޑުން ދާއިންއާ ދިމާލަށް އަންނަން ފެށިއެވެ.
" އަހަރެންގެ ބޮލުގައި އިލްޒާމްތަކެއް އެޅުވުމުގެ ކުރިން އެކަން ހިނގި ގޮތް އަހަރެން ގާތު އަހާލައިގެން ވެސް ނުވޭތަ؟ " އަރޫޝާ ބުންޏެވެ.
މި ފަހަރު ދާއިން އެއްޗެއް ނުބުނެ މަޑުކުރީ އަރޫޝާގެ ވާހަކަތައް އަޑުއަހަން ބޭނުން ވެގެންނެވެ. އެ ވާހަކަތަކަށް ރައްދު ދޭން ވެސް އޭނާ ހުރީ ނުހަނު ބޭނުންވެފައެވެ. ދިފާއުގައި އަރޫޝާއަށް ދެއްކޭނެ އެއްވެސް ވާހަކައެއް އޮންނާނެ ކަމަކަށް ދާއިންއަކަށް ގަބޫލެއް ނުކުރެވެއެވެ.
ހަމަ އެ ވަގުތެވެ. ކޮޓަރި ސާފުކުރަން ހޮސްޕިޓަލްގެ މުވައްޒަފުން އެތަނަށް އައިސް ވަނެވެ. އެހެންކަމުން ދާއިންއާއި އަރޫޝާއަށް އިތުރަށް އެ ކޮޓަރީގައި މަޑުކޮށްލާނެ ފުރުސަތެއް ނުލިބުނެވެ.
" ދާއިން. ޕްލީޒްް! އެންމެ ފަހަރަކު ނަމަވެސް އަހަރެންގެ ވާހަކަތައް އަޑުއަހާބަލަ. އޭގެ ފަހުގައި ދާއިން ނިންމާ ކޮންމެ ނިންމުމަކަށް އަހަރެން އިހްތިރާމް ކުރާނަން. އަހަންނަށް އެނގޭ އަހަރެންވެސް ކުއްވެރިވާނެކަން. އެކަމަކު އަހަރެން ކުއްވެރިވާނެ ހަމައެކަނި ސަބަބަކީ ދާއިންއަށް އެކަން ސިއްރުކުރީމަ." އަރޫޝާ ބުންޏެވެ.
އޭރު ދާއިން މަގުގެ ދެކޮޅު ބަލަމުން ދިޔައީ ޓެކްސީއެއް ހޯދާށެވެ. އޭނާގެ އަމަލުތަކުން އަރޫޝާގެ ވާހަކަތަކަށް ސަމާލުކަން ދިން ހެން ވެސް ހިއެއް ނުވެއެވެ.
" ދާއިން. އަހަންނަކަށް އެކަނި ކޮޓަރީގައި ހުންނާކަށް ނުކެރޭނެ. ދާއިން. އަހަންނަށް ތިހެން ނަހަދަބަލަ. ޕްލީޒް" އަރޫޝާ ބުނެލިއެވެ.
އެއާއެކު ދާއިން އަރޫޝާއާ ދިމާލަށް އެނބުރި އޭނާގެ މޫނަށް ފުން ނަޒަރަކުން ބަލައިލިއެވެ. ދުޅަވެފައިވާ އަރޫޝާގެ ދެ ލޮލާއި މޫނުމަތިން ވެސް އޭނާ ތަހައްމަލް ކުރަމުންދާ ވޭނާއި ހިތްދަތިކަން ދާއިންއަށް އިހްސާސް ކުރެވުނު ކަހަލައެވެ.
" އަރޫ! އަހަރެންގެ ސިމްޕަތީ ހޯދަން މަސައްކަތް ނުކުރައްޗޭ. އަރޫއަށް އެނގޭނެ އަހަރެން އަރޫދެކެ ލޯބިވާ ވަރު. އެކަމަކު އަހަރެން މިހާރު މި ހުރީ އަރޫދެކެ ވަރަށް ރުޅި އައިސްފަ. ވަރަށް ބޮޑަށް ރުޅި އައިސްފަ. އެހެންވީމަ އަހަރެންގެ ޖަޒްބާތުތައް ހޭލައްވަން އަހަރެންގެ ހިތަށް މަޖުބޫރު ނުކުރައްޗޭ. އަހަންނަކަށް މިހާރު އަރޫ ދައްކާ އެއްވެސް ވާހަކައެއް އަޑެއް ނީވޭނެ. ގަބޫލެއް ވެސް ނުކުރެވޭނެ. ދެން ވެސް ރަނގަޅުވާނީ އަހަރެން ބުނި ގޮތް ހަދައިގެން ހެނދުނު ރަށަށް ދިޔައްޔާ." ދާއިން ބުނެލިއެވެ.
އަރޫޝާއާ ހަތަރުކަޅި ހަމަކޮށްގެން ހުންނަން ދާއިންއަށް އުނދަގޫވީ ނަަމަވެސް، އޭނާގެ ދެ ލޯ ފެނި، ދާއިންއަކަށް އެހެން ދިމާލަކަށް ވެސް ނުބެލުނެވެ.އަރޫޝާގެ ހިތުގެ އާދޭސްތައް އެ ދެ ލޮލުން ފެންނަމުންދާ ކަހަލައެވެ.
" އަހަރެން އަރޫ ދައްކާ ވާހަކަތައް އަޑުއަހާނަމޭ. އެކަމަކު މިހާރަކު ނޫން! " ދާއިން އެހެން ބުނުމުން އަރޫޝާ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުނެވެ.
" ދާއިން ޖެހޭނީ މިރޭ އަހަންނަށް ވަގުތު ދޭން. ދާއިންއަކަށް ރިސޯޓަކަށް ނުދެވޭނެ. އެއީ މިހެން މަގުމަތީގައި ހުރެގެން ދެއްކޭނެ ވާހަކަތަކެއް ނޫނޭ." އަރޫޝާ ބުނެލިއެވެ.
އަރޫޝާގެ އާދޭހުގެ އަޑު އެހުމަށްފަހު ދާއިން، އޭނާ ގޮވައިގެން ކޮޓަރިއަށް ދިޔައެވެ. ނަމަވެސް ދާއިން، އަރޫޝާއަށް އެ ފުރުސަތު ދިނީ ޝަރުތު ކަނޑައެޅުމަށްފަހުގައެވެ.
" އަރޫގެ ވާހަކަތައް އަހަންނަށް ގަބޫލު ނުކުރެވިއްޖެއްޔާ އަހަރެން މިރެއިން މިރެޔަށް އަރޫ ދޫކޮށްލާނަން. އެކަމާ އެއްބަސް ވެގެން އަހަރެން ކޮޓަރިއަށް ދާނީ. " ދާއިން ބުނެލި ޖުމްލަ އަރޫޝާގެ ކަންފަތުގައި އަދި ވެސް ގުގުމަމުން ދެއެވެ.
ކޮޓަރިއަށް ވަނުމާއެކު ދާއިން ދެ އަތް އުރާލީ، އަރޫޝާއަށް ބަލަހައްޓައިގެން ހުރެއެވެ. އޭނާ ހުރީ އަރޫޝާ ވާހަކަދައްކަންދެން މަޑުކޮށްގެންނެވެ.
" ދާއިން! ތިހެން ހިތްހަމަ ނުޖެހިފައި ހުރެ އަހަންނަށް ނުބަލަ ބަލަ! "އަރޫޝާ ބުންޏެވެ.
" ދެން ކިޔައިދޭން ވީއެއްނު. އަހަންނަކަށް ވަގުތެއް ނެތޭ. " ދާއިން ރުންކުރު ގޮތަކަށް ބުނެލިއެވެ.
" އަހަންނަކަށް ނޭނގެ މި ވާހަކަ ފަށާނެ ގޮތެއް ވެސް. " އަރޫޝާ ބުނެލީ ދާއިންއަށް ބަލަހައްޓައިގެން ހުރެއެވެ.
" ވެ ނިމިފައި އޮތްކަމެއް އަލުން ފެށިޔަސް އެއީ ނުވާ ކަމަކަށް ނުވާނެ. ދެން ރަނގަޅުވާނީ އަހަރެމެން ދެ މީހުންގެ މި ގުޅުން ވެސް ނިންމާލިއްޔާ." ދާއިން އެހެން ބުނެ ނިކުންނަން ހިނގައިގަތެވެ. އެއާއެކު އަރޫޝާ އަވަސް އަވަހަށް ދާއިންގެ އަތުގައި ހިފާ އޭނާ ހުއްޓުވިއެވެ.
" ދާއިން ޝަރުތު ކަނޑައެޅީ ތި ގޮތަކަށް ނޫނެއްނު." އަރޫޝާ ހުރީ ދާއިން ދޫކުރާ ގޮތަކަށް ނޫނެވެ. މި ފަހަރު އޭނާ ބަސް ހުއްޓިފައި ހުންނާކަށް ވެސް ބޭނުމެއް ނުވެއެވެ.
" އަހަރެން ދާއިން ގާތު ބުނީމެއްނު ނަދީމް އަހަންނާ ހެދި އުޅޭ ވާހަކަ. އޭނަ އަހަރެން ކައިރިއަށް ނިދަން އަންނަން ކޮންމެ ރެޔަކު ކަހަަލަ ގޮތަކަށް ގުޅާ ވާހަކަ ވެސް ބުނީމެއްނު. އެންމެ ފަހުން އޭނަ އެ ފުރުސަތު ހޯދީ ފުރަން އޮތް ރޭ. އަހަރެންގެ ނުރުހުމުގައި..." އަރޫޝާ ބުނެލިއެވެ.
" ދެން ތި ބުނީ އޭގެ ކުރިން ތި ދެ މީހުންގެ ދެމެދު އެއްވެސް ވަރަކަށް ގުޅުމެއް ނޯވެޔޭތަ؟" ދާއިން އެހިއެވެ.
" އާނއެކޭ ދާއިން. އަހަރެން ކީއްކުރަންތަ ދޮގު ހަދަންވީ؟ " އަރޫޝާއަށް ބުނެވުނީ ބާރަށެވެ.
" ދޮގެއް ވާ ނަހަދާ! ކޮންމެ ސިއްރަކީ ބޮޑު އޮޅުވައިލުމެއް. އޮޅުވައިލުމާ، ސިއްރުކުރުމާ ދޮގު ހެދުމާ ހުރި ތަފާތަކީ ކޮބައިތަ؟ އެއީ ހަމަ އެކައްޗެއް ނޫންތަ؟ ބަނޑުބޮޑު ނުވި ނަމަ އަރޫއާ ކައިވެނި ކުރާއިރު ވެސް އަހަރެން ހުންނާނީ ނޭނގުމެއްގެ ތެރޭގައި. އަހަންނަށް ތިކަން އޮންނާނީ ސިއްރުވެފައި." ދާއިން ބުންޏެވެ.
" ނޫން. އަހަރެން ބުނީމުސް. ނަދީމް ދިޔަ ފަހުން އަހަންނަށް އައި ބަދަލުތަކަކީ ވެސް ހަމައެއީ. ދާއިން ގާތު އެ ވާހަކަ ދައްކާނެ ގޮތެއް ނޭނގިގެން އަހަންނަށް އަބަދުވެސް ހުރެވުނީ ބިރުގަނެފައި. ދާއިން ރުޅި އައިސް، ދެރަވެދާނީ އަހަރެން ވަރަށް ކަންބޮޑުވި. ދާއިން! އެއީ ހަމަ އެރޭ އެކަން ހިނގި ގޮތް. އޭގެ ފަހުން އަހަރެން އޭނަ ލޮލަށް ވެސް ނުދެކެން. އަހަރެންގެ ކުށަކީ އެ ވާހަކަ ދާއިންއަށް ސިއްރުކުރުން. އެކަމަކަށް އަހަރެން ނިހާޔަތަށް މަޢާފަށް އެދެން. އިތުރަށް މިކަމުގައި އަހަންނަށް ދެއްކޭނެ އެއްވެސް ވާހަކައެއް ނެތް. ޕްލީޒް ދާއިން އަހަރެން ދޫކޮށްނުލާ." އަރޫޝާ ބުންޏެވެ.
އަރޫޝާގެ ވާހަކަތަކަށް ރައްދެއް ދޭން އުނދަގޫވެފައި ދާއިންއަށް ހުރެވުނީއެވެ.
" އެއީ ވަރަށް ބިރުވެރި ރެޔެއް. ސަލާމަތްވާން، ހިމާޔަތް ހޯދަން އަހަންނަށް އެއްވެސް ކަމެއް ނުކުރެވުނު. ސިކުނޑީގައި އޭރުވެސް ހަރުލައިފައި ހުރީ ހަމަ ދާއިން. " އަރޫޝާ މަޑުމަޑުން ބުނެލިއެވެ.
" ވިސްނާލަން އަހަރެން ވަގުތު ބޭނުން." ދާއިން ބުންޏެވެ.
އެއާއެކު އަރޫޝާ ގޮސް ދާއިންގެ އަތުގެ މުލައްދަނޑީގައި ހިފިއެވެ. އަދި އިސްއުފުލައިގެން ހުރެ، ދާއިންގެ މޫނަށް ބަލަން ފެށީ ބިރުގެންފައި ހުރި ކަހަލަ ގޮތަކަށެވެ.
" ކީކޭ ތިބުނީ؟ ވަގުތު ބޭނުމޭ؟ ވިސްނާލާށޭ؟ ދާއިން އިތުރަށް ކޮންކަމަކާ ވިސްނަންވީ؟ އަހަރެން މި ކިޔައިދިނީ ތެދަށޭ. " އަރޫޝާ ބުންޏެވެ.
" އަރޫ. އަހަރެން ބުނަންތަ ވާހަކައެއް؟" ދާއިން ބުންޏެވެ. އެއާއެކު އަރޫޝާ އަވަސް އަވަހަށް ބޯ ޖަހާލިއެވެ.
" މިސާލަކަށް އަހަންނާ އެހެން އަންހެން ކުއްޖަކާ ދެމެދު ތިޔަ ކަހަލަ ގުޅުމެއް އޮތްކަން އެނގިއްޖެއްޔާ އަރޫ އަހަންނާއެކު އުޅޭނަންތަ؟ މިސާލަކަށް ނީޒާއާއެކު އަހަރެން..." ދާއިންގެ ޖުމްލަ މެދުކަނޑާލީ އަރޫޝާއެވެ.
" ނޫން. ނޫން ދާއިން. ތިހެން ނުބުނޭ. އެ ކަހަލަ ދުވަހެއް ހިތަށް އަރުވާނެ ހިތްވަރު ވެސް އަހަރެންގެ ކިބަޔަކު ނެތް. " އަރޫޝާއަށް ބުނެވުނީ ބޭއިހްތިޔާރުގައެވެ.
އެ ވަގުތު ދާއިންގެ ތުންފަތްމައްޗަށް ހިނިތުންވުން ވެރިވިއެވެ.
" އެހެންވީމަ؟ އަހަންނަށް ކިހިނެއް ހިތްވަރު ކުރެވޭނީ؟ އަހަންނަށް ވާނެ ގޮތް އަރޫއަށް އިހްސާސް ކުރެވޭތަ؟" ދާއިން ބުނެލިއެވެ.
އަރޫޝާއަކަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އާދޭހުގެ ނަޒަރަކުން އަރޫޝާ ދާއިންއަށް ބަލަމުން ދިޔައެވެ.
" އަސްލު، ތި ބުނާ ރޭ، އެ ވަގުތު އަހަރެން ކައިރީ އަރޫ އެ ވާހަކަ ބުނިނަމަ އަހަންނަށް ތަންކޮޅެއް ފަސޭހަވީސް. ހަމްދަރުދީ ވެސް ވެވުނީސް." ދާއިން ބުނެލިއެވެ.
" ނަދީމްއަކީ އެހެން މީހެއް ނަމަ، ދާއިންގެ ބޭބެ ނޫންނަމަ، އަހަރެން ދާއިން ގާތު ބުނީމުސް. އަދި ހަމަ އެއީ ދާއިންގެ ބޭބެ ނޫންނަމަ އަހަރެން އެހާ ގިނަ ދުވަހު އެ ކައިވެނިމަތީ ދެމިވެސް ނުހުރީމުސް. ތި ދެބެންގެ އަދި މައިންބަފައިންގެ ސުލްހަމަސަލަސް ކަމަށް ވިސްނާފައި އަހަރެން ވީ ގުރުބާނީ މިއަދު ދާއިންއަށް ނުވިސްނުނީތީ އަހަރެން ވަރަށް ދެރަވެއްޖެ." އަރޫޝާ ބުންޏެވެ.
އޭނާ ދާއިންގެ އަތުން ދޫކޮށްލުމަށްފަހު ދާއިންއަށް ފުރަގަސްދިނެވެ. އެއަށްފަހު އަނެއްކާ ވެސް މަޑުމަޑުން އަރޫޝާ ދާއިންއާ ވާހަކަ ދައްކަން ފެށިއެވެ.
" ދާއިން! ވިސްނާކަށް އަހަރެން ދާއިންއަކަށް ވަގުތެއް ނުދޭނަން. މިރޭ، ހަމަ މި ވަގުތު ދާއިން ގޮތެއް ނިންމާ! ދާާއިންއަށް ވިސްނައިދޭން އަހަރެން އިތުރަށް ދައްކާނެ އެއްވެސް ވާހަކައެއް ނެތް. އަހަންނާ ދުރަށް ދާން ބޭނުން ވަންޏާ، އަހަރެންގެ ކުރިމައްޗަށް ނައިސް ތި ހުރިގޮތަށް ނިކުމެގެން ދޭ. އެ ހިސާބުން އަހަރެން ވެސް، އަހަންނަކީ ކުށްވެރިއެއްކަން އަހަރެންގެ ނަފްސަށް ވިސްނައިދޭނަން. " އަރޫޝާ ބުންޏެވެ.
ފުރަގަސްދީގެން ހުރި އަރޫޝާއަށް ބަލަހައްޓައިގެން ހުރި ދާއިންއަށް އެ ވަގުތު ފުން ނޭވާއެއް ދޫކޮށްލެވުނެވެ.
( ނުނިމޭ )
މި ވާހަކަ ގެނެސްދޭނީ ކޮންމެ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެވެ.
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!