މަޑުމަޑުން ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު، ދާއިންއަށް ފުރަތަމަ ވެސް ބަލައިލެވުނީ އެނދުގައި އޮތް އަރޫޝާއަށެވެ. އޭރު ވެސް އަރޫޝާގެ ދެ ލޯ ހުޅުވެނީ ހަމަ ކިރިޔާއެވެ. އަރޫޝާގެ މޫނަށް ދެ ވަނަ ފަހަރަށް ބަލައިލާނެ ހިތްވަރެއް ދާއިންއަކަށް ނުލިބުނެވެ.
ވަރުދެރަވެފައި ހުރި މީހެއް ފަދައިން ދާއިން އެތެރެއަށް ވަދެގެން ގޮސް ހުއްޓުނީ އަރޫޝާގެ އެނދު ކައިރީ ހުރި ކަބަޑު ކައިރީގައެވެ. ކަބަޑުމަތީގައި ސައި ޕެކެޓް ބޭއްވުމަށްފަހު ދާއިން ފުން ނޭވާއެއް ދޫކޮށްލިއެވެ. އަދި ވަގުވަގަށް އަރޫޝާއަށް ބަލައިލިއެވެ. އޭރު އަރޫޝާ ވެސް އޮތީ ދާއިން ބުނާނެ އެއްޗެއްގެ އިންތިޒާރުގައެވެ.
" ސައިތަށި ބޯލަން ތެދުވެވޭނެތަ؟" ދާއިން އަހާލިއެވެ.
ދުރު މީހެއް ގާތު އަހައިލާ ފަދަ ގޮތަކަށް ދާއިން ސުވާލު ކުރުމާއެކު އަރޫޝާއަށް މޫނު އަނބުރައި ދާއިންއާ ދިމާލަށް ބަލައިލެވުނެވެ. އޭރު ދެ ޖީބަށް އަތް ޖަހާލައިގެން، ދާއިން ހުއްޓެވެ. އަރިމަތިން ދާއިންގެ މޫނު ފެންނާތީ، އެ މޫނުމަތީގެ އިހްސާސްތައް ދެނެގަންނާކަށް އަރޫޝާއަކަށް ފަސޭހައެއް ނުވިއެވެ. ނަމަވެސް އެ އަޑުގައިވާ ހިތްހަމަ ނުޖެހުމުގެ އަސަރުތައް ވަރަށް ރަނގަޅަށް އަރޫޝާއަށް ފާހަގަ ކުރެވުނެވެ.
އަރޫޝާގެ ގައިގައި އަތް ޖައްސާލަން ވެސް ދާއިން ބޭނުން ނުވާކަން އޭނާގެ އަޑުން އަރޫޝާއަށް ޔަގީން ކުރެވުނެވެ. އެހެންކަމުން ދާއިންގެ އެހީތެރިކަމާނުލައި ތެދުވަން އަރޫޝާ މަސައްކަތް ކުރިއެވެ.
ވަރަށް އުނދަގުލުން އޭނާ ތެދުވެ، އެނދުގައި ލެނގިލުމަށްފަހު ދާއިންއަށް ބަލައިލިއެވެ. އޭރުވެސް ދާއިން ހުރީ އަރޫޝާއަށް ބަލައިލަން ވެސް ބޭނުން ނުވެފައިކަން އަރޫޝާއަށް އެނގުނެވެ. އަރޫޝާ ތެދުވުމާއެކު ދާއިން އަވަސް އަވަހަށް ސައި ޕެކެޓް، ޖޯޑަކަށް އޮއްސާލުމަށްފަހު، އަރޫޝާއާ ދިމާލަށް އެނބުރިލިއެވެ.
އެ ވަގުތު އަރޫޝާގެ ދެ ލޮލުން ފައިބަމުން ދާ ކަރުނަތައް ފެނުނު ނަމަވެސް ދާއިން، އެކަން ފެންނަ ކަމަކަށް ނުހެދިއެވެ. ސައި ޖޯޑު ދިއްކޮށްލި އިރު އޭނާގެ ނަޒަރު ހުއްޓިފައި ހުރީ ވެސް ހަމަ އެ ސައިޖޯޑަށެވެ. ތުރުތުރުއަޅާ އަތަކުން އަރޫޝާ އެ ޖޯޑުގައި ހިފަމުން ވެސް ދާއިންގެ މޫނަށް ފަރުވާތެރިކަމާއެކު ބަލައިލިއެވެ. ނަމަވެސް ފަރުވާކުޑަ ގޮތަކަށް ދާއިން ގޮސް އިށީނދެލީ ކޮޓަރީގެ އެއްކަނުގައި ހުރި ސޯފާ ގޮނޑީގައެވެ. ޖީބުގައި އޮތް ފޯނު ނަގައި ފޯނަށް ބަލަން އޭނާ އިނީ، އަރޫޝާއާމެދު އެއްވެސް ފަރުވާލެއް ނެތް ފަދަ ގޮތަކަށެވެ.
ދާއިންގެ އަމަލުތަކުން އިންތިހާއަށް އަރޫޝާ ދެރަވެއްޖެއެވެ. އިރުކޮޅަކު ދާއިންއަށް ބަލަހައްޓައިގެން އިނުމަށްފަހު އޭނާ މަޑުމަޑުން ސައިފޮދެއް ބޯލިއެވެ. އޭރު އެތައް ޝަކުވާއެއް އޭނާގެ ހިތުގައި ލިޔެވެމުންދެއެވެ. އޭގެ ކޮންމެ އަކުރަކުން ހިތުގައި އިތުރު ލަކުނެއް ލެވި، ފިކުރު ބޮޑުވާ ގޮތް ވެއްޖެއެވެ. އަދި ހިތުގައި ހިނގަމުން ދާ ވޭނީ ޖަޒްބާތުތައް އުތުރި އަރަމުން ދާ ކަހަލައެވެ.
ކުއްލިއަކަށް ދެ މީހުން ވެސް ސިހުނީ، ވީލްޗެއާ ހިފައިގެން އެތެރެއަށް މީހަކު ވަނުމުންނެވެ. ހަމަ އެ ވަގުތު އޭނާގެ ފަހަތުން ރާޔާ ސިސްޓާ ވަދެ، އަވަސް އަވަހަށް ވާހަކަ ދައްކަން ފެށިއެވެ.
" ޑޮކްޓަރ ޑިޔުޓީ ނިންމަވާފަ ގެއަށް ވަޑައިގެންނެވުމުގެ ކުރިން ސްކޭން ރިޕޯޓް ބައްލަވަން ބޭނުންވެ ލައްވާކަމުގައި ވިދާޅުވީމަ މި ގަޑިއަށް ސްކޭނަށް ގެންދަން މި އައީ." ރާޔާ ސިސްޓާ ބުންޏެވެ.
އޭރު ދާއިން ހުރީ ކޮޅަށް ތެދުވެއެވެ. އަރޫޝާ، އޭނާގެ އަތުގައި ހުރި ސައި ޖޯޑު ދާއިންއަށް ދިއްކޮށްލުމާއެކު ދާއިން ނުހަނު އަވަހަށް އޭގައި ހިފިއެވެ. މަޑުމަޑުން ތެދުވެވޭތޯ އަރޫޝާ މަސައްކަތް ކުރަމުން ދިޔައެވެ. ނަމަވެސް އޭރު ބާރުމިނުގައި ބޮލުގައި ރިއްސާތީ، ކޮޅަށް ތެދުވަން އޭނާއަކަށް ފަސޭހައެއް ނުވިއެވެ.
" ވަރަށް އަވަސް..." ސިސްޓާ އެހެން ބުނެ އަރޫޝާ ކޮޅަށް ތެދުވަން އެހީތެރިވެދިނެވެ.
އޭރު ވެސް ދާއިން ހުރީއެވެ.
" ޕޭޝަންޓްގެ އަތުގައި ހިފާލީމަ ތަންކޮޅެއް ފަސޭހަވާނެ ތެދުވަން." ސިސްޓާ ބުނެލީ ދާއިންއަށް ބަލައިލަމުންނެވެ.
ސިސްޓާގެ އެދުމަށް ދާއިން އަރޫޝާގެ އަތުގައި ހިފެހެއްޓިއެވެ. ދުއްވާ ގޮނޑީގައި އަރޫޝާއަށް އިށީނދެވުމާއެކު ދާއިން، އަރޫޝާގެ އަތުން ދޫކޮށްލިއެވެ. އެއާއެކު ހައިރާންވެފައި އަރޫޝާއަށް ދާއިންގެ މޫނަށް ބަލައިވެސް ލެވުނެވެ.
" ސްކޭން ނިންމާފައި ރޫމަށް ޕޭޝަންޓް ގެނެސްދޭނަން. އެންމެ ރަނގަޅު ރޫމްގައި މަޑުކޮށްލިޔަސް." ރާޔާ ސިސްޓާ ދާއިންއަށް ބަލައިލަމުން ބުންޏެވެ.
އަރޫޝާ ގޮވައިގެން އެ މީހުން ދިޔުމާއެކު ދާއިންއަށް ދެ އަތުން ބޮލުގައި ބާރަށް ހިފަހައްޓާލެވުނެވެ. އެ ހާލުގައި އަރޫޝާ އުޅޭތަން ދެކެން ހަގީގަތުގައި އޭނާގެ ހިތަކަށް ކުޅަދާނައެއް ނޫނެވެ. ނަމަވެސް ދާއިންގެ ހިތުގައި އަރޫޝާއަށްޓަކައި ހިނގަމުންދާ ލޯބީގެ ޖަޒްބާތުތަކުގެ މައްޗަށް ރުޅި އިސްކުރެވެން ފަށައިފިކަމުގެ އިހްސާސް މިހާރު އޭނާއަށް ކުރެވެން ފަށައިފިއެވެ.
މަހުދީގެ ކުންފުނީގައި ނަދީމް ވަޒީފާ އަދާކުރާތާ އެއް މަސް ދުވަސް ވެއްޖެއެވެ. ދެ ތިން ފަހަރު އެކައުންޓްވެސް އޭނާއަށް ޗެކް ކުރެވިއްޖެއެވެ. ކޮންމެ މަހެއްގެ އެއްވަނަ ދުވަހު މުސާރަ ޖަމާވާނެ ކަމަށް ބުނެފައި އޮތުމުން، ނަދީމް ހުރީ އެކަމަށްޓަކައި އިންތިޒާރު ކޮށްލަކޮށްލައެވެ. އޭނާގެ އަމިއްލަ އެކައުންޓްގައި އެއްލައްކަ ރުފިޔާ ހުންނާނެ ދުވަހެއް ހުވަފެނަކުން ވެސް އޭނާއަކަށް ނުފެނެއެވެ.
މަހުދީ ނަގާފައި ހުރި ދެ ތިން ޕްރޮޖެކްޓެއްގެ މަސައްކަތް ނަދީމް މިހާރު ނިންމައިފިއެވެ. ނަދީމަކީ މަސައްކަތަށް ފަރުވާތެރި، މޮޅު މީހެއްގެ ގޮތުގައި މަހުދީއަށް ވަނީ ފާއިތުވި މަހެއްހާ ދުވަހު ފާހަގަ ކުރެވިފައެވެ. އެކަމާ މަހުދީ ހުރީ ނުހަނު ހިތްހަމަ ޖެހިގެންނެވެ.
ކުއްލިއަކަށް ނަދީމް ސިހުނީ އޭނާ މަސައްކަތް ކުރާ ކޮޓަރީގެ ދޮރު ހުޅުވުމުންނެވެ. ދެ ލޯ ކުޑަ ކޮށްލާފައި ބަލައިލި އިރު ދެ އަތް ފުޅާކޮށްގެން، ބޮޑު ފިޔަވަޅުގައި ހިނގަމުން މަހުދީ އަންނަތަން ފެނުނެވެ. އެއާއެކު ނަދީމް ގޮނޑީގައި ލެނގިލިއެވެ. އަދިވެސް މުސާރަ ޖަމާނުވާތީ ނަދީމްގެ ހިތުގައި ކޮންމެވެސް ވަރެއްގެ ހިތްހަމަ ނުޖެހުމެއް އޭރު ވެސް އޮތެވެ. ނަމަވެސް މަހުދީ އައިސް ވަނުމުން ނަދީމް މަސައްކަތްކުރީ މަހުދީއާ ވާހަކަ ދައްކާށެވެ.
" ނަދީމް! މިއަދަކީ ކުންފުނީގެ ހުރިހާ މުވައްޒަފުންނަށް މުސާރަދޭން ކަނޑައަޅާފައި އޮތް ދުވަސް. އަހަރެން ކުރިން ވެސް މިކަން ނަދީމްއަށް ވެސް އެންގިން. " ލޮލުގައި އޮތް އައިނު ނަގަމުން މަހުދީ ބުނެލިއެވެ.
" ބައްޕަ އިށީންނަވަން ވީ ނޫންތޯ؟" ނަދީމް އަވަސް އަވަހަށް ބުނެލިއެވެ.
އެއާއެކު މަހުދީ ހަށިގަނޑު ތެދުކޮށްލުމަށްފަހު ބޮލުމަތީގައި އައިނު އަޅުވާލިއެވެ. އަދި ދެ ޖީބަށް އަތް ޖަހައިލަމުން ފުން ނޭވާއެއް އޭނާ ދޫކޮށްލީ ނަދީމްގެ މޫނަށް ބަލައިލުމަށްފަހުގައެވެ.
" މީގެ ކުރިން ދުވަހަކު ވެސް މި މައްސަލަ މި ކުންފުންޏަކަށް ކުރިމައްޗެއް ނުވޭ." މަހުދީގެ އަޑުގައި ހުރި ކަންބޮޑުވުން ނަދީމްއަށް ދެނެގަނެވުނެވެ. ނަމަވެސް އެއްވެސް ސުވާލެއް ނުކޮށް އޭނާ މަޑުމަޑުން އިނީއެވެ.
" މި މަހު ވަރަށް ގިނަ އަދަދެއްގެ ޑޮލަރު އެކައުންޓަށް ވަތް. އެހެންވެ، ބޭންކުން އަހަރެންގެ އެކައުންޓް ފްރީޒްކޮށްފައި ހުރީ. ބޭންކަށް ހާޟިރުވެގެން ކުންފުނީގެ ޑޮކިޔުމަންޓްސްތައް ހުށަހަޅައިގެން އަހަރެން މިތާ މި ކުރަނީ ވަގު ވިޔަފާރިއެއް ނޫންކަމަށާ އަހަންނަކީ ޤަވާއިދާ އެއްގޮތަށް އުޅޭ މީހެއްކަން އެ މީހުންނަށް ޕްރޫފްކޮށްދޭން ޖެހޭނީ. ހެކި ހުށަހެޅީމަ އެނގޭނެތާ." މަހުދީ ބުންޏެވެ.
" އެހެންތޯ؟ ބައްޕައާއެކު ބޭންކަށް އަޅުގަނޑު ވެސް ދާނަން." ނަދީމް ބުންޏެވެ.
އެއާއެކު މަހުދީ ހިނިގަނޑެއް ޖަހާލިއެވެ.
" ނޫނޭ... ބައްޕައަށް މިތާ ނޭނގޭ ކަމެއް ދަރިފުޅަކަށް ވެސް ވަކި ނޭނގޭނެ. ބައްޕަ މި ކަހަލަ މައްސަލަތަކުގައި ބޭންކަށް މި ދަނީ އަލަކަށް ނޫނޭ. " މަހުދީ އެހެން ބުނެ އަނެއްކާ ވެސް ލޮލުގައި އައިނު އަޅާލިއެވެ.
" މުސާރަ ނުލިބުނަސް، ނަދީމްއާ ޒައިނާއަކަށް އެއްވެސް ކަމެއް ދައްޗެއް ނުވާނެ! އެކަމާ ހާސްނުވޭ." މަހުދީ ބުނެލީ ނިކުންނަން އެނބުރިލުމަށްފަހުގައެވެ.
މަހުދީ ދިޔުމާއެކު ނަދީމް ފުންމައިގެން ތެދުވެއްޖެއެވެ. އަދި މޭޒުމަތީގައި އޮތް އޭނާގެ ފޯނު އަވަސް އަވަހަށް ޖީބަށް ލަމުން އޭނާ ވެސް ނިކުންނަން ހިނގައިގަތެވެ. ހަލުވިކަމާއެކު ގޮސް ކޮޓަރިއަށް ވަތްއިރު ޒައިނާ ހަމަޖެހިލައިގެން އެނދުމަތީގައި އޮތެވެ. ނަދީމް ފެނުމާއެކު، ޒައިނާ ފުންމައިގެން ތެދުވެ، ނަދީމްއަށް ބަލައިލީ ހައިރާންކަމާއެކުއެވެ.
" ކިހިނެއްވީ؟ ހާދަ ރުޅި އައިސް ތި ހުރީ؟" ޒައިނާ ސުވާލު ކުރިއެވެ.
އޭނާ މަޑުމަޑުން ތެދުވެގެން ގޮސް ނަދީމް ކައިރީ ހުއްޓުނެވެ.
" ރުޅިއެއް ނާދޭ. އެކަމަކު ޒައިގެ ބައްޕަ ބުނުއްވި ގޮތަށް ކަންތައްތައް ނުވީމަ އެހާ ހިތްހަމައެއް ނުޖެހުނު." ނަދީމް ބުންޏެވެ.
" ތި ބުނީ؟" ހައިރާންކަމާއެކު ޒައިނާ ސުވާލު ކުރީ ނަދީމްގެ ގައިގައި އަތް ޖައްސާލަމުންނެވެ. އެއާއެކު ނަދީމް ހުރި ތަނުން ދުރަށް ހިނގައިގަތެވެ.
" މި މަހު ބައްޕަގެ އެކައުންޓް ފްރީޒް ކުރީމަ މުސާރަ ނުދެވިގެންނޯ ބުނީ. ބެންކަށް ގޮސް އެކަންތައް ހައްލު ވީމަ މުސާރަ ދޭނަމޯ." ނަދީމް ބުންޏެވެ.
ޒައިނާއަށް ދެ ފަރާތަށް ބޯ ހޫރާލެވުނެވެ. އަދި ފަހަތުން ގޮސް ނަދީމްގެ ކުރިމަތީގައި އޭނާ ހުއްޓުނީ ހެވިފައި ހުރެއެވެ.
" އެކަމާތަ؟ ބައްޕަ ދޮގެއް ނަހައްދަވާނެ. އެކައުންޓް ފްރީޒް ކުރީމަ ، އެ ބުނީ ފްރީޒް ކުރި ވާހަކަ. އެހެން ނޫނަސް ބައްޕަގެ މުވައްޒަފުން ބައްޕައާއެކު މަސައްކަތް އެ ކުރަނީ އުފަލުން." ޒައިނާ ބުންޏެވެ.
" އުފަލެއް ނުވާނެ އެއްނު މިހެން ވީމަ." ނަދީމް އަދިވެސް ހުރީ ރުޅި ގަދަވެފައެވެ.
" ނަދީމް. އަދި ކިރިޔާއެއްނު މަސް ފެށުނީ. އެހެން ނޫނަސް މުސާރަ ނުލިބިގެން ނަދީމްއަށް ދަތިވަނީ ކޮން ކަމަކަށްތަ؟" ޒައިނާ ބުނެލީ ޝަކުވާގެ ރާގެއްގައެވެ.
ނަދީމް އިތުރަށް އެއްޗެއް ނުބުނެ ގޮސް ފާހާނާއަށް ވަނެވެ. އޭރު ޒައިނާއަށް ހުރެވުނީ ނުހަނު ފުން ވިސްނުމެއްގެ ތެރޭގައެވެ.
ބައިގަޑިއެއްހާއިރު ފަހުން ދާއިން އެނބުރި ކޮޓަރިއަށް އައި އިރު ސްކޭންކޮށްގެން އައިސް އަރޫޝާ އޮތީ އެނދުގައެވެ. އަރޫޝާ ފެނުމާއެކު ދާއިންއަށް ފުން ނަޒަރަކުން އޭނާގެ މޫނަށް ބަލައިލެވުނެވެ. އޭރު އަރޫޝާ ވެސް އޮތީ ސީދާ ދާއިންއަށް ބަލަހައްޓައިގެންނެވެ. ދާއިން އެތެރެއަށް ވަދެ އަނެއްކާ ވެސް ސޯފާ ގޮނޑީގައި އިށީނދެލިއެވެ. އޭނާ ވާހަކަ ދައްކާނެ ކަމުގެ އުއްމީދުގައި އޮތް އަރޫޝާ ދެރަވީ، ދާއިން އޭނާއާ ސުވާލެއް ނުކުރިތާ، އަނގައިން ވެސް ނުބުނުމުންނެވެ.
ދާއިން އިނީ ފޯނާ ކުޅޭށެވެ. އުދާސްކަންވެރިވެފައިވާ އޭނާގެ މޫނުމަތިން ފާޅުވަނީ ފޫހިކަމެވެ. އޭނާ އިންގޮތުން ހީވަނީ އަރޫޝާއަށް ބަލައިލަން ވެސް ބޭނުން ނުވާހެންނެވެ.
" އަހަންނަށް ސުވާލެއް ވެސް ނުކުރާނަންތަ؟" ކުއްލިއަކަށް ދާއިންގެ ކަންފަތަށް ވެރިވީ އަރޫޝާގެ ވަރުބަލިވެފައިވާ ކުރަކި އަޑެވެ.
އެ އަޑު އިވުނު ނަމަވެސް ދާއިން ފަރުވާލެއް ނުބެހެއްޓިއެވެ. އަނގައިން ބުނާ ހިތެއް ނުވިއެވެ. އޭނާގެ ބޮލުގައި އަދިވެސް އެނބުރެމުންދަނީ އަރޫޝާއާ މެދު ޝަކުވާތަކެވެ. ހިތުގެ އެންމެ އަޑިން އޭނާ އަރޫޝާ ކުށްވެރި ކުރެއެވެ.
" ދާއިން.." އާދޭހުގެ ރާގަކަށް އަރޫޝާ ގޮވާލުމުން ވެސް ދާއިން އަރޫޝާއަކަށް ސަމާލުކަމެއް ނުދިނެވެ. މޫނު އަނބުރައިގެން އޮވެ އަރޫޝާ ދާއިންއަށް ބަލަމުން ދިޔައެވެ.
އެންމެފަހުން އޭނާ މަޑުމަޑުން ތެދުވެ، އެނދުގައި ލެނގިލިއެވެ.
" އަހަންނަށް އެނގޭ ދާއިންގެ ހިތުގައި މިހާރު އަހަންނާމެދު އެއްވެސް ރަހުމެއް ނެތްކަން." އަރޫޝާ ބުންޏެވެ.
އެއާއެކު ދާއިން ކުރު ހިނިގަނޑެއް ޖަހާލުމަށްފަހު ފޯނު ތިރިކޮށްލިއެވެ.
" ކީކޭ؟ އަހަރެންތަ މި ކުއްވެރިވަނީ؟" ދެ ކޮނޑު އުފުލައިލުމަށްފަހު ދާއިން ބުނެލިއެވެ.
" އަހަންނާ ދިމާލަށް އެއްޗެހި ކިޔަން ވެސް އަހަންނާ ވާހަކަ ދައްކަބަލަ ދާއިން. ޕްލީޒް! ތި ހިތުގައި ހުރި ހުރިހާ އެއްޗެއް އަހަންނާ ދިމާލަށް ކިޔާބަލަ! އެއްޗެހި ކިޔާބަލަ!" އަރޫޝާ ބުނެލިއެވެ.
އަރޫޝާއަށް ބަލަން އިނދެ ދާއިންއަށް ދެ ފަރާތަށް ބޯ ހޫރާލެވުނެވެ.
" އަހަރެން ހިތަށް އަރާނެ އެއްޗެއްސާ، ބުނަން ބޭނުންވާނެ އެއްޗެހި ވެސް އަރޫއަށް މިހާރު އެނގޭނެ. އަހަރެން އަރޫއާ މެދު މިހާރު ދެކޭ ގޮތް ވެސް އަރޫއަށް އެނގޭނެ. އަހަރެންގެ ދުލުން އަރޫއަށް އެއްޗެހި ކިޔާކަށް ބޭނުމެއް ނޫން. އެހެންވީމަ ދެން އިތުރަށް އަހަންނާ ތި މައުޟޫއަށް އެއްވެސް ވާހަކައެއް ނުދައްކާތި. " ދާއިން ބުނެލިއެވެ.
އޭރު އަރޫޝާ ހަމަ ރަނގަޅަށް ވެސް ފެންކަޅި ވެއްޖެއެވެ.
" ތިހެން ނުބުނޭ ދާއިން. ދާއިންގެ ހިތުގައި އަހަންނަށްޓަކައި މިހާރު އޮންނާނީ ނަފްރަތާއި ރުޅިވެރިކަންކަން އަހަންނަށް އެނގޭ. އެ ހުރިހާ އެއްޗެއްވެސް އަހަންނާ ދިމާލަށް ބޭރުކޮށްބަލަ. ކިޔާބަލަ. އަހަރެން ދެން ހިތްހަމަ ޖެހޭނީ އޭރުންނޭ." އަރޫޝާ ބުންޏެވެ. އޭރު އޭނާގެ އަރުތެރެ ބެދި، އަޑު ކުރަކި ވެއްޖެއެވެ.
" އަދިވެސް އަހަރެން އަރޫޝާ ހިތްހަމަ ޖައްސައިދޭންވީތަ؟ މީގެ ކުރިން ވެސް ތި އުޅުނީ ހިތްހަމަ ޖެހިގެންނެއްނު. ވަރަށް ހިތްހަމަޖެހޭ އުފާވެރި ދިރިއުޅުމެއް އުޅުނުކަން އަހަންނަށް މިހާރު ޔަގީން ވެއްޖެޔޭ. އަހަރެން މި ކުއްވެރިކުރަނީ އަހަރެންގެ އަމިއްލަ ނަފްސު. މީހެއްގެ އުފާވެރި ދިރިއުޅުން އަހަންނަށް ހަލާކުކޮށްލެވުނީތީ ވަރަށް ބޮޑަށް މަޢާފަށް އެދެން." ދާއިން އެހެން ބުނެ ތެދުވެއްޖެއެވެ.
" ދާއިން. ތިހެން ނުބުނޭ. އެންމެ ފަހަރަކު ވެސް އަހަރެން ވާހަކަ ދައްކަން ފުރުސަތު ދީބަލަ. އަހަންނާމެދު ތިހާ ކުށްހީ ނުކުރޭ." ދެ ލޮލަށް ޖަމާވަމުންދާ ކަރުނަތައް ފުހެލަމުން އަރޫޝާ ބުނެލިއެވެ.
" ލޮލަށް ފެނި ހާމަ ވީމަ އިތުރަށް ދޭނެ ފުރުސަތެއް އެބައޮތްތަ؟ އަހަރެން ބުނެފީމެއްނު އިތުރަށް ދެން ތި މައުޟޫއަށް ވާހަކަ ދައްކާކަށް ނެތީމޭ. މިއަދު ހޮސްޕިޓަލުން ދޫކޮށްލީމަ މިރޭ ފުރާ ބޯޓަކުން ވެސް އަރޫޝާ ރަށަށް ފޮނުވާލަން އަހަރެން ބޭނުންވަނީ. އަސްލު މިހާރު ތި ސޫރަ ދެކެން ވެސް އަހަރެން ބޭނުމެއް ނޫން." ދާއިން ބުނެލީ އަރޫޝާއަށް ފުރަގަސް ދީގެން ހުރެއެވެ.
އިތުރަށް މަޑުކުރުމެއްނެތި އޭނާ ބާރަށް ހިނގާފައި ގޮސް ކޮޓަރިން ނިކުމެއްޖެއެވެ. އެއާއެކު މޫނުގައި ދެ އަތުން އަތްއަޅަމުން އަރޫޝާއަށް ބާރުބާރަށް ރޮއިގަނެވުނެވެ.
ދާއިން ބޭރަށް ނިކުތް ގޮތަށް އެނބުރި ކޮޓަރިއަކަށްނައެވެ. ރޮއިލަރޮއިލާ އޮތް އަރޫޝާއަށް ވަރުބަލި ވެގެން އެންމެ ފަހުން ނިދުނީއެވެ. ސިހިފައި އޭނާއަށް ހޭލެވުނީ ނަރުސް ކުއްޖާ އައިސް ގޮވާލުމުންނެވެ. ހޭލެވުމާއެކު އަރޫޝާއަށް މުޅި ކޮޓަރިތެރެއަށް ނަޒަރު ހިންގާލެވުނެވެ. އޭރު ވެސް ދާއިންއެއް ނާދެއެވެ. އޭނާ ދިޔަފަހުން މިހާރު ތިން ގަޑިއިރަށް ވުރެ ބޮޑު ވެއްޖެއެވެ.
އަތަށް ގުޅާފައި ހުރި ކެނިޔުލާ ނައްޓާލުމަށްފަހު، ހޮސްޕިޓަލުން ދޫކޮށްލި ވާހަކަ ނަރުސްކުއްޖާ ބުނެލިއެވެ. ނަރުސް ކުއްޖާ ދިޔުމުން އަރޫޝާ އަވަސް އަވަހަށް އޭނާގެ ފޯނު ހޯދަން ފެށިއެވެ. ފޯނުވާނީ ގޭގައޭ ހިތަށް އެރުމާއެކު އޭނާ ގޮތް ހުސްވިއެވެ. ހަދަންވީ ގޮތެއް ނޭނގި އޭނާ އެނދުމަތީގައި އިށީނދެލީ އިންތިހާއަށް ދެރަވެގެންނެވެ.
ކުއްލިއަކަށް ދާއިން އައިސް އެތެރެއަށް ވަނުމާއެކު އަރޫޝާގެ ހިތަށް ފިނިކަން ލިބުނު ކަހަލައެވެ. އޭނާ މަޑުމަޑުން ކޮޅަށް ތެދުވެ، ދާއިންއާ ދިމާލަށް ހިނގައިގަތެވެ. ނަމަވެސް ދާއިން ވަގުތުން މޫނު އަނބުރާލިއެވެ.
" މާދަމާ ހެނދުނަށް ޓިކެޓް ލިބުނީ. އަރޫޝާ ޓެކްސީއަކަށް ލައިފައި އަހަރެން މި ދަނީ ރިސޯޓަށް ދާން. މާދަމާ ހެނދުނު ހަތެއް ޖެހުމުގެ ކުރިން އެއާޕޯޓަށް ދާތި. ކޮޓަރިއަށް ހުންނާނީ ފައިސާ ދައްކާފަ. ކޮޓަރި މޭޒުމަތީގައި އޮންނާނެ ދެ ހާސް ރުފިޔާ ވެސް. " ދާއިން ބުނެލިއެވެ.
ހައިރާންކަމާއިއެކު އަރޫޝާއަށް ދާއިންގެ މޫނަށް ބަލަން ހުރެވުނީއެވެ. އަރޫޝާއާ މެދު އެއްވެސް ފަރުވާލެއް ނުބަހައްޓާ، މޭޒުމަތީގައި ހުރި ދަބަސް ނަގައިގެން ް ދާއިން ހިނގައިގަތީ ނިކުންނާށެވެ.
" ދާއިން..." އެއާއެކު އަރޫޝާ ބަލި އަޑަކުން ގޮވާލިއެވެ.
( ނުނިމޭ )
މި ވާހަކަ ގެނެސްދޭނީ ކޮންމެ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެވެ.
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!