މޫސުމަށް އަންނަ ބަދަލުތަކާއި ދެމެހެއްޓެނިވި ތަރައްޤީ ހޯދުން ފަދަ ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އަންހެން ސައިންސްވެރިންނާއި ފަންނީ ތަޖުރިބާކާރުންނާއި އިސްވާރުންގެ ދައުރު ވަރަށް މުހިންމު ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ، މިއަދު ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަކުރަމުންދާ "އިންޓަރނޭޝަނަލް ޑޭ އޮފް ވިމެން އެންޑް ގަރލްސް އިން ސައިންސް" ގެ މުނާސަބަތުގައި ފޮނުއްވި ޚާއްޞަ މެސެޖުގައެވެ.
މި ދުވަސް ފާހަގަކުރުމުގެ މަޤްޞަދަކީ ސައިންސްގެ ރޮނގުން އަންހެނުންނާއި އަންހެން ކުދިން ހޯދާފައިވާ މުހިންމު މަސައްކަތްތައް ފާހަގަކޮށް، އެކުދިންގެ ބައިވެރިވުމާއި، ހަމަހަމަ ފުރުޞަތުތައް ހޯދައިދިނުމާއި، ކުރިއެރުމާއި ކާމިޔާބީ ފާހަގަކޮށް، އެއްބާރުލުންދީ، ބާރުއެޅުން ކަމުގައި ރައީސް ވިދާޅުވިއެވެ.
ރައީސްގެ މެސެޖުގައި، ސައިންސާއި ސައިންސްގެ ދާއިރާއިން އަންހެނުންނާއި އަންހެން ކުދިން، އީޖާދީ އަދި ވިލުންތެރި ގޮތެއްގައި ބާރުވެރިކުރުވައި، މަސައްކަތްތެރިކަމުގެ ފަންނުތަކަށް އަންނަ ހަލުވި ކުރިއެރުމުގައި އަންހެނުންގެ ބައިވެރިވުން ކަށަވަރު ކުރުމަށް ދިވެހި ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން ދެއްވާފައިވެއެވެ.
ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ސްކޮލަރޝިޕްތަކާއި ސްޓޫޑެންޓް ލޯން ސްކީމްތަކާއި ސައިންސް، ޓެކްނޯލޮޖި، އިންޖިނިއަރިންގ އަދި މެތަމެޓިކްސް (ސްޓެމް) ގެ ދާއިރާގެ ކޯސްތަކުން ފުރަތަމަ ޑިގްރީގެ ހިލޭ އެހީގެ ނަތީޖާއެއްގެ ގޮތުން މި ޕްރޮގްރާމްތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުވެ، ތަޢުލީމީ ދާއިރާގައި މިންތީގެ ފަރަގު ކުޑަކުރުމުގައި، ދެމެހެއްޓެނިވި ތަރައްޤީގެ އަމާޒުތަކަށް ވާޞިލުވެވެމުންދާކަން ފާހަގަކުރެއްވިއެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، ވޮކޭޝަނަލް ލެބްތަކާއި ކެރިއަރ ގައިޑެންސް ޕްރޮގްރާމްތައް މެދުވެރިކޮށް، މަސައްކަތުގެ ތަމްރީނުތައް އިތުރުކޮށް، އަންހެނުންނާއި އަންހެން ކުދިންނަށް ތަޢުލީމާއި މަސައްކަތް އުނގެނުމުގެ ފުރުސަތުތައް ފަހިކޮށްދިނުމާއި، މިހާރަށްވުރެ ބޮޑު ޖީލެއް ބާރުވެރިކުރުވައި، މިންތީގެ ތަފާތުކުރުންތަކާ ދެކޮޅަށް މަސައްކަތް ކުރުމަކީ ދިވެހި ރާއްޖޭގެ އަމާޒު ކަމުގައެވެ.
ރައީސް މުޢިއްޒުގެ މެސެޖުގައި އިތުރަށް ފާހަގަކުރެއްވި ގޮތުގައި، 2040 ވަނަ އަހަރާ ހަމައަށް ރާއްޖެއަކީ ކުރިއަރާފައިވާ ޤައުމަކަށް ހެދުމާއި، ޑިޖިޓަލް އިޤްތިޞާދުގެ ހިއްސާ ޖީޑީޕީގެ 15 އިންސައްތައަށް އިތުރުކުރުމުގެ އަމާޒަށް ވާސިލުވުމުގައި އަންހެނުންގެ ދައުރު ވަރަށް މުހިންމެވެ. މި ގޮތުން، ޑިޖިޓަލް އިޤްތިޞާދީ ބަދަލުތަކުގެ ބޭނުން ހިފުމުގައި އަންހެނުންނަކީ މުހިންމު ދައުރެއް އަދާކުރާ ބަޔަކަށް ވުމަށް އެދިވަޑައިގަންނަވާ ކަމުގައި ވިދާޅުވިއެވެ.
ދިވެހިރާއްޖެއިން މަސައްކަތް ކުރަނީ، ވަކި ބަޔަކަށް އަމާޒުކޮށްގެން ހިންގާ މަޝްރޫޢުތަކާއި، ޝާމިލު ސިޔާސަތުތަކުގެ ޒަރީޢާއިން ސިންދަފާތުކަމާއި ހުރިހާ އެންމެންގެ ޝާމިލުވުން އިތުރުކޮށް، އަންހެނުންނަށް ސައިންސްގެ ރޮނގުން ހަމަހަމަކަމާއެކު އިސްވާރުންގެ ގޮތުގައި ކުރިއެރުން ހޯދޭނެ މާޙައުލެއް ޤާއިމުކުރުން ކަމުގައި ރައީސް މުޢިއްޒު ފާހަގަކުރެއްވިއެވެ.
މި މުނާސަބަތާ ގުޅިގެން ރައީސް ވަނީ އެ މަނިކުފާނުގެ ރަސްމީ "އެކްސް" އެކައުންޓްގައިވެސް ޕޯސްޓެއް ހިއްސާކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!