ސްޕެނިޝް ކަޕް ކުއާޓާ ފައިނަލުގެ މެޗުތައް ކާމިޔާބުކޮށް، މުބާރާތުގެ ސެމީ ފައިނަލުން ބާސެލޯނާއާއި ރިއާލް ސޮސިއެޑާޑް ޖާގަ ހޯދައިފިއެވެ. މުބާރާތުގެ ކުއާޓާ ފައިނަލުގައި ބާސާއިން ވަނީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއިން ވެލެންސިއާ ބަލިކޮށްފައެވެ.
ސްޕެނިޝް ލީގުގައި ވެސް ދާދިފަހުން މި ދެ ޓީމް ވަނީ ބައްދަލުކޮށްފައެވެ. އެ މެޗު ބާސާއިން ކާމިޔާބު ކޮށްފައިވަނީ 7-1 ގެ ނަތީޖާއިންނެވެ. ވުމާއިއެކު ދެމެޗުގެ މައްޗަށް ބާސާއިން މިވަނީ ވެލެންސިއާ ކޮޅަށް 12 ލަނޑު ޖަހާފައެވެ.
ރޭ ވެލެންސިއާގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ބާސާއިން ހަތަރު ލަނޑު ޖެހިއެވެ. އޭގެތެރެއިން ތިން ލަނޑުޖަހައި ފެރާން ޓޯރޭސް ވަނީ 27 މިނެޓްގެ ތެރޭ ހެޓްރިކް ފުރިހަމަ ކޮށްފައެވެ. މިއީ 2008 ވަނަ އަހަރު 24 މިނިޓުގެ ތެރޭގައި ސެމުއެލް އެޓޫ އަލްމޭރިއާ އާއި ދެކޮޅަށް ހެދި ހެޓްރިކްގެ ފަހުން ބާސާގެ ކުޅުންތެރިއަކު ހެދި އެންމެ އަވަސް ހެޓްރިކެވެ. ދެން ފުރަތަމަ ހާފުގައި ބާސާއަށް ލަނޑު ޖަހައިދިނީ ފާމިން ލޮޕޭޒްއެވެ. ބާސާއަށް ފަސްވަނަ ލަނޑު 59 ވަނަ މިނެޓުގައި ޖަހައިދިނީ ލެމީން ޔަމާލްއެވެ.
ރޭ އަމިއްލަ ދަނޑުގައި 2-0 ގެ ނަތީޖާއިން އޮސަސޫނާ ބަލިކޮށް ރެއާލް ސޮސިއެޑާޑުން ވެސް ވަނީ ސެމީގެ ޖާގަ ހޯދާފައެވެ. މެޗުގެ 35 ވަނަ މިނެޓުގައި އޮސަސޫނާގެ ކަޓޭނާއަށް ރަތްކާޑު ދެއްކުމާއި ގުޅިގެން އެ ޓީމުން މެޗުގެ ބޮޑުބައި ކުޅެފައިވަނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.
މުބާރާތުގެ ސެމީ ފައިނަލުގެ ޓީމްތައް މިހާރު ވަނީ ކަށަވަރުވެފައެވެ. ސެމީން ޖާގަ ހޯދާފައިވަނީ ބާސެލޯނާއާއި ރެއާލް މެޑްރިޑާއި ރެއާލް ސޮސިއެޑާޑްގެ އިތުރުން އެތުލެޓިކޯ މެޑްރިޑެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!