މިދިޔަ 2024 ވަނަ އަހަރުގެ ފަހު ކުއާޓަރުގައި ޤައުމީ ބޭސް ފަރުވާގެ ނިޒާމު، އާސަންދަ ސްކީމް މެދުވެރިކޮށް ބޭސް ފަރުވާ އަށް ކުރި ހޭދަ ކުރީ ކުއާޓަރާއި އަޅާބަލާއިރު %4.3 ދަށްވެއްޖެއެވެ.
އާސަންދައިން މިއަދު ވަނީ އެ ކުންފުނީގެ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ ތަފާސްހިސާބު އާންމުކޮށްފައެވެ.
މި ތަފާސްހިސާބުން ފެންނަ ގޮތުގައި ފާއިތުވެދިޔަ 2024 ވަނަ އަހަރުގެ އޮކްޓޫބަރު 1 ވަނަ ދުވަހުން ފެށިގެން ޑިސެންބަރު 31 ވަނަ ދުވަހުގެ ނިޔަލަށް އާސަންދަ ސްކީމްގެ ދަށުން ބްލޮކްކުރެވިފައިވާ ޖުމުލަ ޚަރަދަކީ 817 މިލިއަން ދިވެހި ރުފިޔާއެވެ. މިއީ 2023 ވަނަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު %4.3 ގެ ދަށްވުމެކެވެ. 2023 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރގައި އާސަންދަ ސްކީމުގެ ދަށުން ބްލޮކްކުރެވުނު ޖުމުލަ ޚަރަދަކީ 854 މިލިއަން ރުފިޔާއެވެ.
މީގެ އިތުރުން ފާއިތުވެދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރގައި އާސަންދަ ސްކީމުގެ ދަށުން ޚިދުމަތް ހޯދި މީހުންގެ ޢަދަދުވެސް ވަނީ 2023 ވަނަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު ދަށްވެފައެވެ. އެގޮތުން، 2023 ވަނަ އަހަރު ޚިދުމަތް ހޯދި މީހުންގެ ޖުމުލަ ޢަދަދަކީ 279،851 އެވެ. ފާއިތުވީ އަހަރު މި ޢަދަދުވަނީ 278،330 އަށް ދަށްވެފައެވެ.
އާސަންދަ ސްކީމްގެ ދަށުން 2024 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރގައި 1،393 ފަހަރަށް ބަލިމީހުން އިމަޖަންސީ ހާލަތުގައި އެއް ރަށުން އަނެއް ރަށަށް ގެންގޮސްދީފަވެއެވެ.
މި ކުއާޓަރުގައި ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ޖުމުލަ 2،327 ބަލިމީހުން އާސަންދަ ސްކީމްގެ ދަށުން ޚަރަދު ހަމަޖައްސައިދީފަވެއެވެ.
ޤައުމީ ބޭސް ފަރުވާގެ ނިޒާމު، އާސަންދަ ސްކީމް މެދުވެރިކޮށް ބޭސް ފަރުވާ އަށް ކުރި ހޭދަ ދަށަށް ގޮސްފައި މިވަނީ މިސްކީމް އިސްލާހްކޮށް، ޚަރަދު ކުޑަކުރުމަށް ސަރުކާރުން ފިޔަވަޅުތަކެއް އަޅާފައި ވަނިކޮށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!