ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށި ސިޓީއާއި ގުޅޭ ފޮތެއް ލިޔުމުގެ މަސައްކަތް ކުރުމަށް ބަޔަކާއި ހަވާލުކޮށްފިއެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނީ އެ ރަށާއި ގުޅޭގޮތުން ފޮތެއް ލިޔުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ އެ ރަށުގެ ޖޯގްރަފީއާއި ތާރީހާއި ސަގާފަތާއި އިގްތިސާދުގެ އިތުރުން އިޖުތިމާއީ ދިރިއުޅުމާއި ގުޅުންހުރި މައުލޫމާތުގެ މައްޗަށް ފޮތެއް އެކުލަވާލުން ކަމަށެވެ.

Ad
rt

މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައި ވަނީ ރޯޔަލް ހެރިޓޭޖް ޕްރައިވެޓް ލިމިޓެޑާއެވެ. މަސައްކަތުގެ އަގަކީ 100000 (އެއްލައްކަ ރުފިޔާ) އެވެ. މަސައްކަތް ނިންމަން ކަނޑައަޅާފައި ވަނީ ހަ މަސްދުވަހެވެ. އެއީ މި ހިނގާ ޖަނަވަރީ މަހުގެ 21 ވަނަ ދުވަހުން ފެށިގެން މި އަހަރުގެ ޖުލައި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ.

ތިލަދުންމަތީގެ ރަށްތަކުގެ ތެރެއިން ކުޅުދުއްފުއްޓަކީ އެތައް ގޮތަކުން ހާއްސަ ރަށެކެވެ. ބޮޑުމިނުގައި 247 ހެކްޓަރު ހުންނަ މި ރަށަކީ އުތުރުގެ އެންމެ އާބާދީ ބޮޑު ރަށެވެ. އާބާދީގެ ގޮތުން ރާއްޖޭގެ ތިންވަނައެވެ. މާލެފިޔަވައި ތަފާތުގިނަ އެތައް ހިދުމަތެއް އެންމެ ފުރިހަމަ ގޮތުގައި ލިބޭނެ އެއް ރަށަކީ ވެސް ކުޅުދުއްފުއްޓެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ ބޮޑުތިލަދުންމަތީގެ އެންމެން ސިއްހީ ހިދުމަތަށް ބަރޯސާވާ ހޮސްޕިޓަލެވެ. މިއީ މާލެއިން އުތުރުގައި ހުރި އެންމެ ރަނގަޅު ސިއްހީ ޚިދުމަތްލިބޭ ތަނެވެ. މި ހޮސްޕިޓަލުން އެންމެ އުތުރުގެ ތިން އަތޮޅުގެ ގިނަބަޔަކު ކޮންމެ ދުވަހަކު ވެސް ޚިދުމަތް ހޯދަމުންދެއެވެ. މި ރަށުގައި ހޮސްޕިޓަލްގެ އިތުރުން ރަނގަޅު ފެންވަރުގެ ޚިދުމަތްލިބޭ ކުލިނިކްތަކާއި ގިނަ ބޭސް ފިހާރަތައް މިހާރު ވެސް ހުރެއެވެ.

ރާއްޖޭގެ ނިސްބަތުން ބަލާއިރު ކުޅުދުއްފުއްޓަކީ ތައުލީމީ ފުރުޞަތުތައް އެންމެ ފުޅާވެފައިވާ އެއް ރަށެވެ. މިގޮތުން އެ ރަށުގައި ސަރުކާރުގެ ތިން ސްކޫލެއް މެދުވެރިކޮށް ފައުންޑޭޝަން ލެވެލްއިން ފެށިގެން މަތީ ސާނަވީއާހަމައަށް މިހާރު ވެސް އަންނަނީ ތަޢުލީމް ފޯރުކޮށްދެމުންނެވެ. މީގެއިތުރުން އެ ރަށުގައި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ކެމްޕަހެއް ދަނާލާއިއެކު ހުރެއެވެ. އަދި ވިލާ ކޮލެޖާއި އެމްއައި ކޮލެޖްގެ ކެމްޕަސްތަކުގައި ގިނަ ކޯސްތަކެއް ހިންގަމުން އާދެއެވެ. މީގެ އިތުރުން އަމިއްލަ މީހުން ހިންގާ ޕްރިސްކޫލުން ފެށިގެން ގޮސް ފެންވަރު ރަނގަޅު ޤްރުއާން ކްލާސްތަކާއި ޓިއުސަން ޝެންޓަރުތައް އެ ރަށުގައި އަންނަނީ ހިންގަމުންނެވެ.

ރާއްޖޭގެ އުތުރުގެ އިގްތިސާދުގެ މައި ހަބަކީ ކުޅުދުއްފުއްޓެވެ. އެ ރަށުގައި ރީޓެއިލް ވިޔަފާރިއާއި ހޯލްސޭލް ވިޔަފާރި މިހާރު ވެސް އަންނަނީ ފުޅާ ދާއިރާއެއްގައި ކުރަމުންނެވެ. އެކިއެކި ބޭނުންތަކުގައި ބޮޑު ތިލަދުންމަތީގެ ރަށްތަކުގެ އެތައް ބަޔަކު ކޮންމެ ދުވަހަކު ވެސް އެރަށަށް ޒިޔާރަތްކުރެއެވެ.

ކުޅުދުއްފުށީގައި މިހާރުވެސް ރާވެރިކަމާއި މަސްވެރިކަމާއި އޮޑިދޯނި ބަނުންފަދަ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ. އެ ރަށަށް މަޝްހޫރު ކަނބުރުވެރި މަސައްކަތް އަދި ވެސް ހުއްޓުމެއް ނެތި އަންނަނީ ކުރަމުންނެވެ

މުޅި ރާއްޖެއަށް މަޝްހޫރު ކުޅުދުއްފުށީ ހާލު ފޮޅިއާއި ފަތުލި ހަކުރާއި މަސްބޮނޑި ފަދަ އުފެއްދުންތަކަކީ އެ ރަށުގެ ހީވާގި ކަނބަލުންގެ އުފެއްދުންތަކެވެ. މިއީ ހައްތަހާވެސް ކުޅުދުއްފުށީގެ ތާރީހާއި ގުޅިގައިވާ ކަންކަމެވެ.