މާދަމާއިން ފެށިގެން ހޮނިހިރު ދުވަހު ވެސް ޕާސްޕޯޓު ދޫކުރަން ނިންމާފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުން މިއަދު ބުނީ މާދަމާއިން ފެށިގެން ހޮނިހިރު ދުވަސްތަކުގައި ވެސް ޕާސްޕޯޓު ދޫކުރަން ފަށާއިރު، ފުރަތަމަ މި ޚިދުމަތް ފޯރުކޮށްދޭނީ މާލެ ސަރަހައްދުގެ އިމިގްރޭޝަންގެ ތިން އޮފީހަކުންނެވެ.
އެ ތިން އޮފީހަކީ ވެލާނާ ބިލްޑިންގ ހުންނަ އިމިގްރޭޝަންގެ މައި އޮފީހާއި، ހުޅުމާލެ ފޭސް 1 ގައި ހުންނަ ސަރުކާރުގެ އޮފީސް ބިލްޑިންގ އުމަރު ޒާހިރު ބިލްޑިންގ ގައި ހުންނަ އިމިގްރޭޝަން އޮފީހުންނާއި އަދި ފޭސް 2 ގެ ވިނަރެސް 2 ގައި ހުންނަ އިމިގްރޭޝަން އޮފީހުންނެވެ.
މި އޮފީސްތަކުން ޚިދުމަތް ދިނުމިގައި މި ދުވަހު ނަންބަރު ދޫކުރަން ހަމަޖެހިފައި ވަނީ ހެނދުނު 9:00 ގައި އަދި މެންދު 12:00 ގައެވެ.
މި ބަދަލާއި ގުޅިގެން ކޮންޓްރޯލް ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްޢާން ވަހީދު ވިދާޅުވީ، މީގެ ކުރިން ޕާސްޕޯޓު ދޫކުރަމުން ދިއައީ ހަމައެކަނި ރަސްމީ ދުވަސްތަކުގައި ވީ ނަމަވެސް މާދަމާއިން ފެށިގެން ހަފްތާ ބަންދު ދުވަހެއް ކަމުގައިވާ ހޮނިހިރު ދުވަހުގައިވެސް ޕާސްޕޯޓު ލިބިލައްވާނެ ކަމަށެވެ.
މަގްސަދަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ އިރުޝާދާއި އެއްގޮތަށް، ޚިދުމަތް ދޭ ވަގުތު އިތުރުކޮށް، ރައްޔިތުންނާ ގާތުން އަވަސް އަދި ލުއިފަސޭހަ ޚިދުމަތެއް ފޯރުކޮށްދިނުން ކަމަށް ޝަމްޢާން ވިދާޅުވެފަވެއެވެ.
މީގެއިތުރުން، މެޑިކަލް އެމަރޖެންސީގައި ރާއްޖެއިން ބޭރަށް ދާ ފަރާތްތަކަށް ކުރިއެކޭ ވެސް އެއްގޮތަށް 24/7 ޚިދުމަތް ލިބިލައްވާނެކަން ކޮންޓްރޯލަރ ވަނީ ފާހަގަ ކުރަށްވާފައެވެ.
މާދަމާއިން ފެށިގެން ހޮނިހިރު ދުވަހު ވެސް ޕާސްޕޯޓު ދޫކުރަން އިމިގްރޭޝަނުން ނިންމި އިރު އެ އިދާރާގެ ޚިދުމަތް މުޅި ރާއްޖެ އަށް އަންނަނީ ފުޅާކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!