ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަންގައި ހދ. މަކުނުދޫ ކައުންސިލްގެ މެންބަރުގެ މަގާމަށް ކުރިމަތިލާފައިވާ އިބްރާހީމް މުޙައްމަދު، ކަރާދުނބުރިއާގެ /މާލެ، ކެންޑިޑެންސީ ބަލައިގަތުމަށް، ދިވެހިރާއްޖެގެ ހައިކޯޓުން، އިލެކްޝަން ކޮމިޝަން (އީސީ)ގެ މައްޗަށް މިއަދު ހުކުމްކޮށްފިއެވެ.
މި މައްސަލައަކީ އިބްރާހީމް މުޙައްމަދު މި އިންތިޚާބުގައި ވާދަކުރުމަށް ހުށަހެޅި ލިޔެކިޔުންތަކުގެ ތެރޭގައި، އޭނާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް އީސީ އަށް ހުށަހަޅާފައި ނުވާކަމަށްބުނެ، އެ ކޮމިޝަނުން އިބްރާހީމް މުޙައްމަދުގެ ކެންޑިޑެންސީ ބާތިލުކުރުމުން ހުށަހަޅާފައިވާ މައްސަލައެކެވެ.
މި މައްސަލާގައި އިބްރާހީމް މުހައްމަދު އިންތިޚާބަށް ކުރިމަތިލުމަށް އީ-މެއިލް މެދުވެރިކޮށް ހުށަހެޅި ލިޔުންތައް ލިބުނުކަމަށްބަލައި، އީސީން ވަނީ އިންތިޚާބަށް ކުރިމަތިލުމުގެ އިދާރީ ފީ ބަލައިގަނެފަވެއެވެ. ނަމަވެސް އޭގެ އަނެއްދުވަހު އޭނާގެ އައިޑީކާޑު ނުލިބޭކަމަށްބުނެ ކެންޑިޑެންސީ ބާތިލުކުރިކަން އޭނާ އަށް އީސީން ވަނީ އަންގާފައެވެ.
އިބްރާހީމް މުހައްމަދު ކެންޑިޑެންސީ ބަލައިނުގަތުމަށް ނިންމައި އީސީން ވަނީ މި ބައި-އިލެކްޝަނަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތު ހަމަވިއިރު، ކުރިމަތިލާފައިވަނީ އިންތިޚާބު ކުރަންޖެހޭ ޢަދަދަށްކަމަށް ކަނޑައަޅައި އެ އިންތިޚާބަށް ދެން ކުރިމަތިލި ނަޛްރާނާ ޢަލީ، ހުދުވިލާ / ހދ. މަކުނުދޫ، ކައުންސިލްގެ މެންބަރުގެ މަގާމަށް އިންތިޚާބުވެއްޖެކަމަށް ކަނޑައަޅައި އެކަން ޢިއުލާންކޮށްފައެވެ.
އިބްރާހީމް މުހައްމަދުގެ ފަރާތުން އީސީ އާއި ދެކޮޅަށް ހައިކޯޓަށް މި މައްސަލަ ހުށަހެޅުމުން ހައިކޯޓުން މި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު މުހައްމަދު ނިޔާޒްގެ ރައުޔުގައި ވަނީ އިބްރާހީމް މުހައްމަދުގެ ކެންޑިޑެންސީ ބަލައިގަތުމަށް އީސީގެ މައްޗަށް އަމުރު ކުރަންޖެހޭކަމަށް ދެކިވަޑައިގަންނަވާކަމަށެވެ. މި ފަނޑިޔާރުގެ ރައުޔަށް ބެންޗުގައި ދެން ހިމެނިވަޑައިގަންނަވާ ދެ ފަނޑިޔާރުންކަމަށްވާ އިސް ފަނޑިޔާރު ހުސައިން ޝަހީދު އާއި ފަނޑިޔާރު ޚުޒައިފާ މުޙައްމަދު ވަނީ ތާއީދު ކުރަށްވާފައެވެ.
މި މައްސަލައިގެ ޙުކުމުގައި އިބްރާހީމް މުހައްމަދުގެ ކެންޑިޑެންސީ ބަލައިނުގަތުމަށް އީސީން ނިންމީ ސައްހަ ޤާނޫނީ އަސާސެއްގެ މައްޗަށް ކަމަށް ބެލެވެންނެތްކަމަށް ބަޔާންކޮށް، ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ އެ ކެންޑިޑެންސީ ބަލައިގަތުމަށް އީސީގެ މައްޗަށް އަމުރުކޮށްފައެވެ.
ހައިކޯޓުގެ މި ޙުކުމާއި ގުޅިގެން އީސީން ވަނީ އެ އިންތިޚާބަށް ކުރިމަތިލި އަނެއް ކެންޑިޑޭޓް ނަޛްރާނާ ޢަލީ ކައުންސިލްގެ މެންބަރުގެ މަގާމަށް އިންތިޚާބުވެއްޖެކަން ޢާންމުކޮށް އަންގައި އެ ކޮމިޝަނުން ކޮށްފައިވާ އިޢުލާން ބާޠިލު ކޮށްފައެވެ.
މިއާއިއެކު 8 ފެބުރުވަރީ 2025 ވާ ހޮނިހިރު ދުވަހު މަކުނުދޫ ކައުންސިލްގެ މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން އޮންނާނެކަމަށް އީސީން ވަނީ މިއަދު ޢިއުލާންކޮށްފައެވެ.
މި އިންތިޚާބުގައި ވާދަކުރާ އިބްރާހީމް މުހައްމަދަކީ އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓެކެވެ. ނަޛްރާނާ އަކީ ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!