ރ. ދުވާފަރުގައި ގާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ބުރާންޗުގެ ޚިދުމަތް މި އަހަރުގެ ޖޫން މަހުގެ ތެރޭގައި ލިބެންފަށާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މި ފަދައިން ވިދާޅުވީ، ރ.އަތޮޅުގެ ބައެއް ރަށްތަކަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިއްޔެ އެ އަތޮޅު އުނގޫފާރަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރޭ ދެއްކެވި ވާހަކަފުގައެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ އަދުގެ ސަރުކާރުގެ ވިސްނުމަކީ އެއްވެސް ރައްޔިތަކު ބާކީ ކުރުމެއް ނެތި، ކުޑަ ރަށެއް، ބޮޑު ރަށެއް ފަރަޤު ކުރުމެއް ނެތި، ޒިންމާދާރު ކަމާއެކު ތަރައްޤީ ހޯއްދަވައިދެއްވުން ކަމުގައި އެމަނިކުފާނު ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރަށްވާފައެވެ.
ރ. އަތޮޅުގެ ރަށްތަކަށް ބޭނުންވާ ތަރައްޤީގެ ކަންކަން ހަމަޖައްސަވައިދެއްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވަމުން، ރ. ދުވާފަރުގައި ބީ.އެމް.އެލްގެ ބްރާންޗެއް ހުޅުވުމުގެ މަސައްކަތް ހަލުވި ދުވެލީގައި މިހާރުވެސް ކުރިއަށް ދާކަން ރައީސް ވަނީ ފާހަގަކުރަށްވާފައެވެ. އަދި މި އަހަރުގެ ޖޫން މަހުގެ ތެރޭގައި މި ބްރާންޗްގެ ޚިދުމަތް ދެވެން ފެށޭނެ ކަމުގައި ވިދާޅުވިއެވެ.
މީގެ އިތުރުން، ޤައުމީ ފެންވަރުގައި ހުރި ބޮޑެތި ބައެއް މައްސަލަތަކަށް ޙައްލު ހޯއްދެވުމަށް ސަރުކާރުން ގެންގުޅުއްވާ ވިސްނުންފުޅާއި، އަމަލީ ގޮތުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށްވެސް ރައީސްގެ ވާހަކަފުޅުގައި ވަނީ އަލިއަޅުއްވާލައްވާފައެވެ.
ރ.އަތޮޅުގެ ބައެއް ރަށްތަކަށް ރައީސް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅުގެ 11 ރަށަކަށް ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ. މިގޮތުން އިއްޔެ ވަނީ އުނގޫފާރުގެ އިތުރުން ވާދޫ، އަނގޮޅިތީމު އަދި ރަސްގެތީމަށް ވަޑައިގެންފައެވެ. މިއަދު އެންމެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި ވަޑައިގަތީ ހުޅުދުއްފާރަށެވެ.
ރ. އަތޮޅުގެ ބައެއް ރަށްތަކަށް ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ވަޒީރުންނާއި ސަރުކާރުގެ މަތީ ފަންތީގެ އޮފިޝަލުންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. އަދި ރަށްރަށުގެ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކާއި އަތޮޅު ކައުންސިލުގެ މެންބަރުންނާއެކު މުހިންމު މަޝްވަރާތަކެއްގައި ވަފުދުގެ މެންބަރުންވެސް ބައިވެރިވެވަޑައިގަންނަވައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!