ޗައިނާގެ ސައިންސްވެރިން ފުރަތަމަ ފަހަރަށް މަސްނޫޢީ ފޮޓޯސިންތަސިސް ބޭނުންކޮށްގެން އޮކްސިޖަނާއި ރޮކެޓް ފިއުލް އުފައްދައިފިއެވެ.
ޗައިނާގެ ޓިއަންގޯންގް ޖައްވީ މަރުކަޒުގައި ތިބި ޗައިނާގެ ސައިންސްވެރިން، ފުރަތަމަ ފަހަރަށް މަސްނޫޢީ ފޮޓޯސިންތަސިސްގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކާބަން ޑައިއޮކްސައިޑާއި ފެން، ބޭނުންކޮށްގެން އޮކްސިޖަނާއި ރޮކެޓް ފިއުލްގެ ބާވަތްތައް ކާމިޔާބުކަމާއެކު އުފައްދާފައިވާއިރު މިއީ ދުނިޔޭގައި މިފަދަކަމެއްކުރި ފުރަމަ ފަހަރެވެ.
ޝެންޒޯ-19 ގެ ފަޅުވެރިން މި ތަޖުރިބާތައް ކުރިއަށް ގެންގޮސްފައިވަނީ ވަކި ޑްރޯއަރެއްގެ ސިފައިގައި ހުރި އާލާތެއްގައި ކަމަށް ޗައިނާ މޭންޑް ސްޕޭސް (ސީއެމްއެސް) އިން ހާމަކޮށްފައިވެއެވެ. ޖުމްލަ 12 ތަޖުރިބާ މި ތަކެތީގައި ކުރެވުނެވެ.
މި ޓެކްނޮލޮޖީ ބޭނުންކުރަނީ ގަސްގަހާގެހީގެ ގުދުރަތީ ފޮޓޯސިންތަސިސްގެ ނިޒާމު އަލުން އުފެއްދުމަށެވެ. މިގޮތުން އިންޖިނިއަރުންގެ ފިޒިކަލް އަދި ކެމިކަލް ގޮތްތައް ބޭނުންކޮށްގެން، ބަންދުކުރެވިފައިވާ ތަންތަނުގައި ނުވަތަ ބޭރު ޖައްވުގައި ހުންނަ ކާބަން ޑައިއޮކްސައިޑް ބޭނުންކޮށްގެން އޮކްސިޖަނާއި ކާބަން އަސާސްކޮށްފައިވާ ފިއުލް އުފެއްދުމަށް މަސައްކަތްކުރެވެއެވެ.
މި އާ ޓެކްނޮލޮޖީގެ އެންމެ މުހިންމު ކަމަކީ މިހާރު ބޭނުންކުރާ އާދައިގެ ގޮތްތަކާ ޚިލާފަށް، މި ނިޒާމު އާންމު ފިނިހޫނުމިނާއި ޕްރެޝަރގައި މަސައްކަތްކުރުމެވެ. މީގެ ސަބަބުން ހަކަތައިގެ ބޭނުން ކުޑަކުރެވެއެވެ.
2030 ވަނަ އަހަރުގެ ކުރިން ހަނދަށް އިންސާނުން ފޮނުވުމުގެ ޗައިނާގެ މަޝްރޫޢުއަށް މި ކާމިޔާބީ ވަރަށް މުހިންމެވެ. އަދި ޗައިނާއިން ރޭވި އިންޓަނޭޝަނަލް ލޫނަރ ރިސާރޗް ސްޓޭޝަން (އައިއެލްއާރްއެސް) ގެ މަޝްރޫޢުއަށްވެސް މި ޓެކްނޮލޮޖީ ވަރަށް މުހިންމު ވާނެއެވެ.
މި މަޝްރޫޢަކީ ޗައިނާ ނޭޝަނަލް ސްޕޭސް އެޑްމިނިސްޓްރޭޝަން (ސީއެންއެސްއޭ) އާއި ރަޝިޔާގެ ސްޕޭސް އޭޖެންސީ ކަމުގައިވާ ރޮސްކޮސްމޮސް ގުޅިގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ. 2028 އިން 2035 އާ ދެމެދު މި މަޝްރޫޢުގެ އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްދާނެކަމަށް ލަފާކުރެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!