ރ. އަތޮޅުގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓްކޮށް ދޫކުރުމާއި، ޕާސްޕޯޓުގެ ޚިދުމަތް ފަށައިފިއެވެ.

މި ދެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙްކޮށްފައިވަނީ ރައީސް ޑރ. މުހައްމަދު މުޢިއްޒު، ރ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އުނގޫފާރަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިންނެވެ.

Ad
rt

މި ދެ ޚިދުމަތް ރ. އަތޮޅުގައި ރަސްމީކޮށް ފަށްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނީއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނާއި، ރ. އަތޮޅު ކައުންސިލުގެ ރައީސް ޙުސެއިން ނާސިފެވެ.

ރ. އަތޮޅުން ޕާސްޕޯޓް ދޫކުރަން ފެށުމާއި ގުޅޭގޮތުން އިމިގްރޭޝަނުން ބުނީ، މިއަދުން ފެށިގެން "އިމުގާ" މެދުވެރިކޮށް ހުށަހަޅާ ޕާސްޕޯޓުތައް ރ.އުނގޫފާރުން ނެގުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ.

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް ޕްރިންޓްކޮށް ދޫކުރުމާއި، ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ރައްޔިތުންނާ ގާތުން އަވަހަށް ފޯރުކޮށްދިނުމުގެ ކަންކަން މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަޝްރޫއު ރައީސް ޑރ. މުޢިއްޒު އިފްތިތާހުކޮށްދެއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ.

އައިޑީކާޑާއި ޕާސްޕޯޓުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަޝްރޫއު އެއްކޮށް ނިންމުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ނިޔަލަށެވެ.