ސްޕެނިޝް ކަޕް ގަދަ 16 ބުރުގައި ރޭ ރެއާލް މެޑްރިޑާއި ސެލްޓަ ވީގޯ ބައްދަލުކުރި މެޗު ކާމިޔާބުކޮށް ރެއާލުން، މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ރޭ ރެއާލްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް އޮތީ 2-2 ގެ ނަތީޖާއިން އެއްވަރުވެފައެވެ. އިތުރު ވަގުތުގެ ދެ ހާފުގައި ރެއާލުން ވަނީ ތިން ލަނޑުޖަހައިގެން މޮޅުވެފައެވެ.

Ad
rt

ރޭ މެޗުގައި ރެއާލުން ލީޑު ނެގީ ފުރަތަމަ ހާފުގެ 37 ވަނަ މިނެޓުގައެވެ. އަރިމަތިން ލިބުނު ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ ގޯލުގެ ދުރުކަނަށް ބޯޅަ ފޮނުވާލައިގެން މި ލަނޑު ކާމިޔާބު ކޮށްދިނީ އެމްބާޕޭއެވެ. މި ލަނޑާއިއެކު ފުރަތަމަ ހާފު ނިމުނީ ރެއާލް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ފެށިތާ ތިން މިނެޓް ތެރޭ ރެއާލުން ވަނީ ލަނޑުޖަހައި ލީޑު ފުޅާކޮށްފައެވެ. ސެލްޓަ ވީގޯގެ ޑިފެންސް ތެރެއިން ހުސްވި ޖާގައަށް ބްރަހިމް ޑިއާޒް ކުޅުނު ބޯޅަ ހިފައިގެން ހުސްކޮށް ވަދެ ގޯލުގެ ދުރުކަނަށް ފޮނުވާލައިގެން މި ލަނޑު ކާމިޔާބު ކޮށްދިނީ ވިނީސިއަސްއެވެ.

ހަމަޖެހިލައިގެން ރެއާލުން ކުޅެމުން ދަނިކޮށް 83 ވަނަ މިނެޓުގައި ކަމަވިންގާއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން ސެލްޓަ ވީގޯގެ ބަމްބާ ވަނީ ލަނޑެއްޖަހައި ރެއާލް ޕްރެޝަރަށް ދުއްވާލާފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ އިތުރު ވަގުތުތެރޭ ސެލްޓައަށް ލިބުނު ޕެނަލްޓީއަކުން މާކޮސް އެލަންސޯ ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ.

މެޗުގެ އިތުރު ވަގުތުގައި ރެއާލުގެ ތަރިއަކަށް ވީ އެ ޓީމްގެ ބްރެޒިލްގެ ޒުވާން ފޯވާޑް އެންޑްރިކްއެވެ. އޭރިއާ ބޭރުން ގުލާ ކުޅުނު ޕާހަކުން ތަނަވަސް ވީ ފުރުސަތުގައި ދުރުކަނަށް ފޮނުވާލި ބާރު ހަމަލާއަކުން ލަނޑުޖަހައި އެންޑްރިކް ރެއާލަށް ލީޑު ހޯދައިދިންއިރު އެ ޓީމަށް ލީޑު ފުޅާކޮށްދިނީ ވަލްވަޑޭ އޭރިއާ ބޭރުން ފޮނުވާލި ރޮކެޓް ހަމަލާއަކުން ކާމިޔާބުކުރި ލިނަޑުންނެވެ. ސެލްޓަގެ އޭރިއާތެރެއިން ޑިފެންސްގައި ޖެހިފައި ބްލޮކްވީ ބޯޅަ އެންޑްރިކް ވަނީ ފުންނާބުން ޖަހާ ގޯލުގެ ތެރެއަށް ވައްދާލައި ރެއާލަށް ފަސްވަނަ ލަނޑު ކާމިޔާބު ކޮށްދީފައެވެ.