އިންޑިއާ އައުޓް ކެމްޕެއިނުން މި ސަރުކާރު ބަރީއަވާ ކަމަށާއި، އެ ކެމްޕޭނަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން ފެށްޓެވި މަސައްކަތެއް ކަމަށް ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެ އެވެ.

ޚަލީލް މިހެން ވިދާޅުވީ، އިންޑިއާގެ "ވިއޯން ނިއުސް" އަށް ދެއްވި އިންޓަވިއުއެއްގައެވެ.

Ad
rt

ޚާރިޖީ ވަޒީރު ވިދާޅުވީ، ރާއްޖެއާއި އިންޑިއާއާއި ދެމެދު އޮތީ ޒަމާންވީ ގާތްގުޅުމެއްކަމަށެވެ. އަދި އެގުޅުން ދެމެހެއްޓުމުގައި ދެޤައުމުންވެސް އެންމެ އިސްކަމެއްދެނީ ދެޤައުމުގެ ދެމެދުގައި އޮތް އިޙްތިރާމާއި އިތުބާރުކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

"އިންޑިއާގެ ގުޅުމަކީ އަޅުގަނޑުމެންނަށް ވަރަށް ހާއްސަ އަދި އިސްކަން ދޭނެ ގުޅުމެއް." ޚަލީލް ވިދާޅުވި އެވެ.

ޚަލީލް ވަނީ އިންޑިއާ އައުޓް ކެމްޕެއިނުން އެއްކޮށް ބަރީއަވާކަމަށް ވިދާޅުވެފައެވެ.

އިންޑިއާ އައުޓް ކެމްޕެއިންގައި އިސްކޮށް އުޅުއްވި ޔާމީންކަމަށާއި، އެމަނިކުފާނު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާ ފެއަށް ޖެހިވަޑައިގެން، ވަކި ޕާޓީއެއް އުފައްދަވާފައި ކަމަށް ޚަލީލު ވިދާޅުވިއެވެ. އަދި ޔާމީން މަސައްކަތްޕުޅު ކުރަށްވަމުން ގެންދަވަނީ މި ސަރުކާރާ ދެކޮޅަށް ކަމަށް ވެސް ޚަލީލް ވިދާޅުވިއެވެ.

ޚާރިޖީ ވަޒީރު އިތުރަށް ވިދާޅުވީ، އިންޑިއާއަކީ ރާއްޖޭގެ ތަރައްޤީގެ މުހިއްމު ބައިވެރިއެކެވެ. އަދި އެކަން އެގޮތުގައި އޮންނާނެކަމަށް ޤަބޫލުކުރައްވާކަމަށް ވެސް ވިދާޅުވިއެވެ.

މި އިންޓަވިއުގައި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގުޅުމުގެ މުހިންމުކަން އަލިއަޅުވާލައްވައި، އިންޑިއާ އައުޓް ކެމްޕޭނާ ދޭތެރޭ ސަރުކާރުގެ ސިޔާސަތު ސާފުކޮށް ބަޔާންކުރެއްވިއެވެ.