ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ ސްކޫލު އޮފީހުގައި އަލިފާނުގެ ހާދިސާއެއްހިނގައި، އެތަން އަނދާ ހުލިވެއްޖެއެވެ.

މި ހާދިސާއާއި ގުޅޭގޮތުން މި ނޫހަށް މައުލޫމާތު ދެމުން ހިރިމަރަދޫ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ބުނީ، ސްކޫލު އޮފީހުގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ހުކުރު ވަގުތު ކަމަށާއި، އެ އޮފީހުގައި އަލިފާން ރޯވެފައިވާކަމުގެ މައުލޫމާތުލިބި އަލިފާން ނިއްވުމުގެ މަސައްކަތް ފެށިފައި ވަނީ 1:30 ހާއިރު ކަމަށެވެ.

Ad
rt

ވަހީދު އިތުރަށް ބުނީ ރަށުގެ ކުދިބޮޑު އެންމެން ނުކުމެ ބާލިދީން ފެންޖަހައިގެންނާއި، ކައިރި ގެތަކުގެ ފެން މޯޓަރުތަކަށް ހޮޅިގުޅައިގެން ފެންޖައި އޮފީހުގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވާލެވިފައި ވަނީ ތިނެއްޖެހުމާއި ކައިރިވެފައި ވަނިކޮށް ކަމަށެވެ.

ނިއްވާލެވުނުއިރު އޮފީސް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާކަން ފާހަގަ ކުރަމުން ވަހީދު ބުނީ އެތަނުގައި ހުރި ޕްރިންޓަރުތަކާއި ފޮޓޯކޮޕީ މެޝިނާއި ކޮމްޕިއުޓަރ، ލެޕްޓޮޕްތައް ހިމެނޭހެން އޮފީހުގައި ގެންގުޅޭ ހުރިހާ ސާމާނެއް އަނދާ އަޅިއަށްވެފައިވާ ކަމަށެވެ.

ވަހީދު އިތުރަށް ބުނީ ފުލުހުން މިހާރު އެރަށަށް އައިސް ތަހުގީގު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އަލިފާން ނިއްވުމުގައި ރަށުގެ ކުދިބޮޑު އެންމެންގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަކޮށް އޭނާ ވަނީ ރައްޔިތުންނަށް ޝުކުރު އަދާކޮށްފައެވެ.