މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ދެ ރަށަކަށް އުދައަރައިގެން، ހަތަރު ރަށެއްގައި ފެން ބޮޑުވެގެން މިހާތަނަށް ރިޕޯޓު ލިބިފައިވާކަމަށް ނެޝަނަލް ޑިސާސްޓަރ މެނޭޖްމެންޓް އޮތޯރިޓީން (އެންޑީއެމްއޭ) ބުނެފިއެވެ.

އެންޑީއެމްއޭ އިން ބުނީ، ބޯކޮށް ވާރޭ ވެހުމާާއި އުދަ އެރުމުގެ ސަބަބުން މިހާތަނަށް ހަ ރަށެއްގައި ފެންބޮޑުވެގެން ރިޕޯޓު ލިބިފައިވާ ކަމަށެވެ.

Ad
rt

އުދައަރައިގެން ފެން ބޮޑުވެގެން ރިޕޯޓުކޮށްފައި ވަނީ ށ.ނަރުދޫ އަދި ރ. އިނގުރައިދޫ އަށެވެ. ވާރޭ ވެހި ފެންބޮޑުވެގެން ރިޕޯޓުކޮށްފައި ވަނީ ދ. ކުޑަހުވަދޫ، ދ.މީދޫ، ފ.ނިލަންދޫ އަދި ފ. މަގޫދޫ އަށެވެ.

''ބައެއް ރަށްރަށުގައި ފެން ހިއްކުމުގެ މަސައްކަތުގައި ސިފައިން އަންނަނީ ހަރަކާތްތެރިވަމުން. އަދި އެއްވެސް ހާދިސާއެއްގައި ބޯހިޔާވަހިކަން ގެއްލި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން ޖެހިފައި ނުވޭ'' އެންޑީއެމްއޭ އިން ބުނެފަވެއެވެ.

ވެރިރަށް މާލޭގެ އިތުރުން ށ. ނަރުދޫ، ފ.ނިލަންދޫ، ދ.ކުޑަހުވަދޫ އަދި އދ. މާމިގިލީގައި ބޯކޮށް ވާރޭވެހި ފެން ބޮޑުވެގެން ފެންހިއްކުމުގައި ސިފައިން މަސައްކަތްކުރަމުން އަންނަކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

ސްރީލަންކާގެ އިރުދެކުނުގައި އުފެދިފައިވާ ކޮޅިގަނޑާއި، މި ކޮޅިގަނޑާއި ގުޅިފައިވާ ލޯ ޕްރެޝަރ ޓްރަފުގެ ސަބަބުން ޖަނަވަރީ 1 އިން 5 ރާއްޖޭގެ ބޮޑު ބަޔަކަށް ގަދަ ވިއްސާރަކުރާނެތީ އެކަމަށް ސަމާލުވުމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން އިލްތިމާސްކޮށްފައިވާއިރު، ރާއްޖޭގެ ބޮޑު ބަޔަކަށް މިހާރު ވެސް ދަނީ ގަދަ ވިއްސާރަ ކުރަމުންނެވެ.