" އަސްލު ލޯތްބަކީ އެއީއެއްނު. ލޯބީގައި ހިމެނޭ ހަގީގީ އަސާސްތަކަކީ އެއީ އެއްނު. ލޯތްބަކީ ހަމައެކަނި ބުނެލާ ބަހެއް ނޫންކަން އަހަންނަށް ކޮންމެވެސް މީހަކު ދަސްކޮށްދީފި! " އަނެއްކާ ވެސް ނަދީމް ބުނެލިއެވެ.
ހަމަ ރަނގަޅަށް ވެސް އަރޫޝާ ބިރުގަނެއްޖެއެވެ. ނަދީމްގެ ކޮންމެ ޖުމްލައަކުން އޭނާއަށް ލިބެނީ ހައިރާންކަމާއި ނުތަނަވަސް ކަމެވެ.
" އެއީ ކާކުތޯ ބަލާކަށް ވެސް ބޭނުމެއް ނުވޭތަ؟" ނަދީމް އެހިއެވެ.
" އުމް؟ އާނ! އެއީ ޒައިނާކަން އަހަންނަށް އޮޅިފައެއް ނެތޭ. " މައުޟޫ ބަދަލު ކޮށްލުމަށްޓަކައި އަރޫޝާ ކުޑަކޮށް ހީލިއެވެ. އަދި އަވަސް އަވަހަށް އަލަމާރި ހުޅުވާލިއެވެ.
" އެއީ ޒައިނާއެއް ނޫން. " ނަދީމްގެ އަޑު އައީ ހުޅުވިފައިވާ ދޮރުފަތުގެ ފުރަގަހުންނެވެ.
ނަދީމް ފެންނަން ނެތްކަން އެއީ ނަސީބެކޭ އެވަގުތު އަރޫޝާގެ ހިތަށް އެރިއެވެ. ނަދީމް ބުނަން އުޅެނީ ކީކޭކަން މިހާރު އަރޫޝާއަށް ހަމަ ރަނގަޅަށް ވެސް އެނގެއެވެ. އަދި ނަދީމްގެ ދުލުން އެ ޖުމްލަ ބުނާ އަޑު އަހާކަށް އަރޫޝާ ފަހަރެއްގައިވެސް ނޭދެއެވެ.
" ކީއްވެތަ އަޑު ނާހަން ތި އުޅެނީ؟ އަހަރެން ދައްކާ ވާހަކަތަކަށް ސަމާލުކަން ދޭން ބޭނުންވާ ހެންނެއް ހިއެއް ނުވެ." އަރޫޝާގެ ފުރަގަހުގައި ހުއްޓި ހުރެ ނަދީމް އެހެން ބުނެލުމާއެކު އަރޫޝާ ދިޔައީ ސިހިގެންނެވެ.
" ނަދީމް ލޯބިވާ މީހުންނާ، ނަދީމްއަށް ލިބޭ އުފާތަކާ ހިތާމަތަކަކީ އަހަންނާ ގުޅުން ހުރި ކަންކަމެއް ނޫނޭ. އެއީ އަހަރެން އަޑުއަހަން ވެސް ޖެހޭނެ ވާހަކަތަކެއް ނޫން. ނަދީމް ތި މައުޟޫއަށް ދައްކާ އެއްވެސް ވާހަކައަކަށް އަހަރެން ސަމާލުކަން ދޭކަށެއް ނުޖެހޭނެ." ނަދީމްއާ ދިމާލަށް އެނބުރެމުން އަރޫޝާއަށް ޖުމްލަތައް ދޫކޮށްލެވުނީ ބޭއިހްތިޔާރުގައެވެ.
އެއާއެކު ނަދީމްގެ މޫނުމައްޗަށް ވެރިވި ހައިރާންކަން އަރޫޝާއަށް ފާހަގަ ކުރެވުނެވެ. ނަދީމް މަޑުމަޑުން ފަހަތަށް ޖެހިލުމާއެކު، އަޅައިވެސް ނުލާ، އަތުގައި އޮތް ހެދުން ހިފައިގެން އަރޫޝާ އަވަސް އަވަހަށް ގޮސް ފާހާނާއަށް ވަދެއްޖެއެވެ.
ފެން މާގަނޑު ދޫކޮށްލުމާއެކު އޭނާއަށް ރޮވެން ފެށިއެވެ. މާގަނޑު ދަށުގައި ހުރެ އަރޫޝާ ގިސްލަ ގިސްލާފައި ރޮމުން ދިޔައީ ހިތަށް އުނދަގޫވެ، ހަދަންވީ ގޮތެއް ނުވިސްނިގެންނެވެ. މިރޭ ދާއިންއާ ބައްދަލްވެ، ދެކެވުނު ވާހަކަތަކާއި ދާއިންއާ ގާތްވެވުނު ވަރާއި އެ އިހްސާސްތައް އަދިވެސް ތާޒާކަމާއެކު ހިތުގައި ހިނގަމުން ދެއެވެ. އެކަހެރި ގޮތެއްގައި ދާއިންއާ ބައްދަލް ވެވުމުގެ ސަބަބުން މިހާރު އަރޫޝާގެ ހިތުގައި ދާއިންއާމެދު އުފެދިފައި އޮތް ލޯބި ތާޒާ ވާން ފެށިހެން ވެސް އޭނާއަށް ހީވިއެވެ.
އަރޫޝާ ނިކުތް އިރު ނަދީމް އިނީ އޭނާއަށް ފުރަގަސްދީގެން އެނދުމަތީގައެވެ. ނަދީމް އަދިވެސް އެ އިނީ އަރޫޝާއާ ވާހަކަ ދައްކަން ބޭނުން ވެފައިބާވައޭ އެ ވަގުތު އަރޫޝާގެ ހިތަށް އެރިއެވެ. ނަމަވެސް އެ ފުރުސަތު ދޭކަށް ހަމަހިލާ އޭނާ ބޭނުމެއް ނުވިއެވެ. އަލަމާރީގައި އޮތް ބޮޑު ރަޖާގަނޑު ހިފައިގެން އައިސް މުށިތައްމަތީ ފަތުރާލުމަށްފަހު އަރޫޝާ، އޮށޯތް އިރު ވެސް ނަދީމް އެ އިން ގޮތަށް އިނެވެ.
" އަހަރެން މިރޭ ޒައިނާގެ ކޮޓަރިއަށް ދިޔައިން. " ކުއްލިއަކަށް ނަދީމްގެ އަޑު އަރޫޝާގެ ކަންފަތުގައި ޖެހުނެވެ.
ނަމަވެސް އޭނާ އެއްވެސް އެއްޗެއް ނުބުންޏެވެ.
" ޒައިނާ ބުނެގެން އޭނާގެ އެދުމަށް އަހަރެން ދިޔައީ. އޭރު ވެސް އަހަރެންގެ ހިތް އެކަމަކަށް ވަރަށް ދެކޮޅު ހެދި. މީގެ ކުރިން އަހަންނަކީ ޒައިނާދެކެ އިންތިހާއަށް ލޯބިވީ މީހެއް. ޒައިނާއާ ބައްދަލް ނުވެ އަހަރެންގެ ލޮލަކަށް ނިންޖެއް ނާންނާނެ. އެކަމަކު އަހަންނަކަށް ނޭނގެ ކީއްވެ ކަމެއް، މިހާރު ހުރިހާ ކަމެއް ވެސް ބަދަލް ވާން ފަށައިފި. އޭނަ ފެނިދާނެތީ އަހަރެންގެ ހިތް ބިރުގަނޭ. އޭނަ ކުރާ ޝަކުވާތަކާއި ކިޔާ އެއްޗެހި އަޑުއަހާ ހިތެއް ނުވެ. ފާޑަކަށް ފޫހި ވާން ފަށައިފި. " ނަދީމްގެ ވާހަކަތައް އަޑުއަހަން އަރޫޝާ އޮތީ ތެޅިތެޅި އޮތް ހިތަކައިގެންނެވެ.
" މިރޭ އަހަރެން ދިޔައީމަ، ޒައިނާ އަހަންނާ ގާތްވާން ވަރަށް މަސައްކަތް ކުރި. އެކަމަކު އަހަރެންގެ ހިތް އެދުނީ އޭނައާ ދުރަށް ދާން. އަހަރެން ކަންތައް ކުރީ ހިތް ބޭނުން ވާ ގޮތަށް. " ނަދީމް އެހެން ބުނުމަށްފަހު ތެދުވެގެން އައިސް އަރޫޝާއަށް ބަލައިލިއެވެ.
އެއާއެކު އަވަސް އަވަހަށް އަރޫޝާ ތެދުވެ، އެނދުގައި ލެނގިލިއެވެ. އަދި ލައިގެން ހުރި ޓީޝާޓް ރަނގަޅު ކޮށްލުމަށްފަހު އިސްތަށިތައް ރީތި ކޮށްލިއެވެ. ފަރުވާތެރިކަމާއެކު އެ މަންޒަރު ބަލަހައްޓައިގެން ހުރެ، ނަދީމް މުށިތައްމަތީ އިށީނދެ، ފަހަތަށް ވާ ގޮތަށް މުށިތައް މަތީ ދެ އަތް ވިއްދާލިއެވެ.
" އަހަރެން މިރޭ ބޭނުން ވަރަށް ސީދާކޮށް މި ވާހަކަތައް ކިޔައިދޭން." ނަދީމް ބުންޏެވެ.
ކޮނޑުމަތީގައި އޮތް އިސްތަށިގަނޑާ ކުޅެލަކުޅެލާ އިން އަރޫޝާ، އޭރު ވެސް އިނީ އިސްޖަހައިގެންނެވެ. ނަދީމްގެ ވާހަކަތައް އަޑު އަހަން މަޖުބޫރުވެފައި ކަހަލަ ގޮތަކަށެވެ.
"އަހަރެންގެ ހިތް ބަދަލުވީ އަރޫޝާގެ ސަބަބުން. ކައިވެނީގެ ކުރީކޮޅު ދެ މީހުން ދެ ބަސް ވިޔަސް އެއީ އެކަން ވާނެގޮތްކަން އަހަންނަށް އެނގޭ. އެކަމަކު ތި ނިޔަނެތިކަން އަހަރެންގެ ޖަޒްބާތުތަކާ ކުޅެލައިފި. " އަވަސް އަވަހަށް ނަދީމް ބުންޏެވެ.
އެއްވެސް ރައްދެއް ދޭކަށް އެ ވަގުތު އަރޫޝާ ބޭނުމެއް ވެސް ނުވިއެވެ. ހުއްޓުން އަރާފައި އޭނާ ހަަމަ އިނީއެވެ.
" އަހަންނާ ވާހަކަ ދައްކަބަލަ! އަހަރެމެން ދެ މީހުންނަށް އެކުގައި އުފަލުގައި އުޅެވިދާނެތަ؟ ބުނެބަލަ! " ނަދީމް ބުނެދީ އާދޭހުގެ ރާގަކަށެވެ.
" ނަދީމް... އަހަންނަކީ ނިކަމެއްޗެއް. އެހެންވީމަތަ އަހަރެންގެ އިހްސާސްތައް ސަމާސާއަކަށް ވަނީ؟ އެއް ފަހަރު ވެސް އެކަކު ވެސް، އަހަރެން ބޭނުންވާ ގޮތެއް ނާހާ! އަހަރެން އުފާވާ ގޮތެއް ނާހާ! އެންމެން ވެސް އެ މީހަކު ބޭނުންވާ ގޮތަށް ކަންތައް ކުރަން އަހަންނަށް ކުރަނީ އޯޑަރު. މިހެން މި ބުނީ، ބުނަން ބޭނުން ވެގެންނެއް ނޫން. އެކަމަކު ނަދީމްގެ ވާހަކަތަކުން، މިހާރު ނަދީމް އަހަރެން ދެކެ ލޯބިވާ ވާހަކަ ބުނަން ބޭނުންވާކަން އަހަންނަށް އެނގިއްޖެ. " އަރޫޝާ ވާހަކަ ދެއްކީ އަސަރާއެކު އިންތިހާއަށް ދެރަވެ ހުރެއެވެ.
" ކައިވެނި ކުރަން ބުނީމަ އަހަރެން އެއްބަސްވީ އުއްމީދުތަކަކާއެކު. އެކަމަކު ކައިވެނީގެ ކުރިން ނަދީމް ބުނެފި، ނަދީމް ވަރަށް ލޯބިވާ ކުއްޖަކު ހުރި ވާހަކަ. އަދި އެދުވަހު ނަދީމްގެ ވާހަކަތަކުން އަހަންނަކީ ނަދީމްއަށް އެއްވެސް މީހެއް ނޫންކަން އަންގައިދިން. ނަދީމް ކަންތައް ކުރީ ވެސް ހަމަ އެހެން ދޯ! ކައިވެނީގެ ފުރަތަމަ ރޭ ފުރައިގެން ދިޔައީ. ގޮސް އައީ ލޯބިވެރިޔާ ގޮވައިގެން. އަހަންނަށް އެއްވެސް އެއްޗެއް ނާނގާ! އަހަންނަކީ އެއްވެސް މީހެއް ނޫން. ހުރިހާ ކަމެއް ފަޅާއެރީމަ ވެސް ހުރިހާ މޮޅެއް ވީ ނަދީމްއަށް. ނަދީމްއަށް ނަދީމްގެ ލޯބިވެރިޔާއާ ކައިވެނި ކުރެވޭ ގޮތް ވެއްޖެ. އެކަމަކު އަދިވެސް އަހަރެން މި ހުރީ ހަމަ މިހެން. އެއްވެސް އުފަލެއް ނެތް، ޙަޔާތެއްގައި، އަޅާލުމާއި ލޯބި ނުލިބޭ އަނތްބެއްގެ ގޮތުގައި. " އަރޫޝާ މަޑުމަޑުން ދެ ލޮލުން ފެން ފޮހެލަމުން ނޭފަތް ދަމަން ފެށިއެވެ.
" އަރޫޝާއަށް އަހަރެންގެ ފަރާތުން ލިބުނު ނިކަމެތިކަމާ، ހިތްދަތިކަމަށް އަހަރެން މައާފަށް އެދެން. މިހާ ގިނަ ދުވަސް ވީ އިރު ވެސް، އަހަރެންގެ ކުރިމަތީގައި އެއްވެސް ޝަކުވާއެއް ނުކުރެ. އަރޫޝާ އުޅުނު ގޮތޭ އަހަންނަށް ކަމުދިޔައީ!މަންމައަށް ރަހުމުކޮށް، އެ މަންމައަށް އަޅާލުންދީ، އަހަރެންގެ ލޯބިވާ މަންމަގެ ހައްގުގައި ފިދާވާން ހުރި އަންހެންކުއްޖަކު އިތުރަށް އަހަރެން ނިކަމެތި ކުރާނީ ކިހިނެއް؟ އަހަރެންގެ ހިތުގައި ލޯބި އުފެދުނީ ބައިވަރު ސަބަބު ތަކެއް މެދުވެރި ވެގެން. " ނަދީމް އަވަސް އަވަހަށް ބުނެލިއެވެ.
" އެކަމަކު އަހަރެން ނަދީމްދެކެ ލޯތްބެއް ނުވެޔޭ. ނަދީމް ވެސް އަހަރެންދެކެ ލޯބި ނުވާއިރު އަހަންނަށް އެންގީ ހަމަ މިހެން ދޯ؟ ނަދީމް އެ ދުވަހު މާލެ ގޮސް ވެސް އަހަރެންގެ ހާލެއް ވެސް ބަލައިނުލާ! އެކަމަކު ހަނދާންވޭތަ؟ އަހަރެން ގުޅި ހަނދާން؟ އޭރު އަހަރެން ނަދީމްއާއެކު ލޯބިން އުޅެވޭތޯ ބެލީމޭ! ނަދީމްދެކެ ލޯބި ވެވޭތޯ ވެސް މަސައްކަތް ކުރިން. ހީވަނީ އޭރު ނަދީމް އަހަންނާމެދު ވިސްނިނަމަ މި ދުވަސް ދެކޭކަށް ނުޖެހުނީސް ހެން. ދެން ބުނަންތަ؟ އަހަންނަށް ވެސް ނަދީމްދެކެ ލޯބި ވެވިއްޖެއްޔާ، ނަދީމް ތި ބުނިހެން ހަމަ ލޯބިވެޔޭ ބުނާނަން. އަހަރެން އެދެނީ ނަދީމް އެންމެ ލޯބިވާ ކުއްޖާއާ ކައިވެނިކޮށް، ތި ދެ މީހުން ލޯބިން ދިރިއުޅެން. އިތުރަށް އަހަރެން ނަދީމްއާ ދައްކަން ބޭނުންވާ އެއްވެސް ވާހަކައެއް ނެތް." އަރޫޝާއަށް ވާހަކަ ދެއްކުނީ ބާރަށެވެ. އޭނާގެ އަޑުން، އެ ހިތަށް އަސަރު ކޮށްފައިވާ ވަރު ފާޅުވެއެވެ.
އަރޫޝާގެ ވާހަކަތައް އަޑު އެހުމަށްފަހު، އިރުކޮޅަކު އެހެން އިނުމަށްފަހު ނަދީމް ތެދުވެގެން ގޮސް އެނދުގައި އޮށޯތެވެ. އޭނާ ހުރި ކޮންމެވެސް ވަރަކަށް ލަދުންނެވެ. ނަމަވެސް އަރޫޝާގެ އެދުމުގެ މަތިން އޭނާ އިތުރަށް ވާހަކަ ދައްކަން މަސައްކަތެއް ނުކުރެއެވެ.
ޖެހިގެން އައި ދުވަހެވެ. އަރޫޝާ އޮފީހަށް ދިޔައިރު، ނީޒާ އިނީ އޭނާގެ އިންތިޒާރުގައެވެ. އަރޫޝާ ފެނުމާއެކު ނީޒާގެ މޫނުމައްޗަށް ފުޅާ ހިނިތުންވުމެއް ވެރިވެއްޖެއެވެ. އޭރު އެ ދެ މީހުން ފިޔަވައި އިތުރު މީހަކު އޮފީހަކު ނެތެވެ.
" ހާދަ ހެވިފައި ތި ހުރީ؟" އަރޫޝާ އެހިއެވެ.
ގޮނޑީގައި އީށީނުމަށްފަހު، އަރޫޝާ ކޮމްޕިޔުޓަރު ހުޅުވާލި އިރު ވެސް ނީޒާ އެއްޗެއް ނުބުންޏެވެ. އަރޫޝާ ނީޒާއަށް ބަލައިލި އިރު، އޭނާ އިނީ ގޮނޑީގައި ލެނގިލައިގެން ސީލިންގަށް ބަލާށެވެ. އޭރު ވެސް އޭނާ އިނީ ހެވިދިލިފައެވެ.
" އޭ! ކިހިނެއް ވެފަ ހޭ؟" އަނެއްކާ ވެސް އަރޫޝާ އެހިއެވެ.
" އޯހް އަރޫ! އައިމް އިން ލާވް..." ނީޒާ ބުންޏެވެ.
" ވަޓް؟ ރިއަލީ؟" އަރޫޝާ ބުންޏެވެ.
" އަހަރެން ވަރަށް ބޮލުގައި ވެސް ރިއްސާ ދުވަހެއް. އެކަމަކު ވެސް މަސައްކަތްތައް ހުރީމަ ހަމަ މި އައީ! އެހާ މޫޑެއް ވެސް ނެތް. އެހެންވީމަ މިއަދު އަހަންނާ ސަމާސާ ނުކުރައްޗޭ!" އަރޫޝާ އަނެއްކާ ވެސް ބުންޏެވެ.
އެއާއެކު ނީޒާ ބުރަކަށި ހިއްލާލުމަށްފަހު ހިނިތުންވެލިއެވެ.
" އަހަރެންގެ ކްރަޝްއެއް އިއްޔެ ފެނިއްޖެ. އާހް! އޭނަ މިހާރު ހާދަ ހޭންޑްސަމްއޭ! ސޯ ކިޔުޓް. " ނީޒާ ބުނެލިއެވެ.
އެއާއެކު އަރޫޝާއަށް ދެ ބުމަ އުފުލައިލެވުނެވެ.
" އޭނަ ފެނުނު ފަހުން މަށަށް ރޭގަ ނުވެސް ނިދުނު. ރޭގަ މިތާ މާ މީހުން ގިނަ ވީމަ ދެން ބިޒީވީމައާއެކު ޔޫ ކައިރީ ނުބުނީ. މިއަދު އެ ވާހަކަ ދައްކަން ވެގެން މި ހުރީ. " ނީޒާ އަވަސް އަވަހަށް ބުންޏެވެ.
" ހޫމް ދެން މާ ބޭކާރު ވާހަކަ ނުދައްކާ ކިޔާބަލަ." އަރޫޝާ އަނެއްކާ ވެސް ބަލައިލީ ކޮމްޕިޔުޓަރަށެވެ. އޮފީހަށް ލިބިފައި ހުރި މެއިލް ޗެކް ކުރުމުގައި އޭނާ އަވަސް އަރުވާލިއެވެ.
" އަރޫއަށް މިކަން ކޮށްދެވިދާނެ ކަންނޭނގެ." ލަސްލަހުން ނީޒާ އެހެން ބުނުމާއެކު އަރޫޝާއަށް ހިނިތުން ވެލެވުނެވެ. ނަމަވެސް އޭނާ އޭރު ވެސް އިނީ ސްކްރީނަށް ގޮސް ހުސްވެފައެވެ.
" އަޅެ އެނގޭތަ ޔޫގެ ދައްތަގެ ދަރި ދާއިންގެ ވާހަކައޭ މި ދައްކަނީ. އޭނަ ހާދަ ލޯތްބޭ މިހާރު ވެސް. ވަރަށް ހޮޓް ދޯ!" ނީޒާގެ އަވަސް ޖުމްލައިން، އަރޫޝާގެ ހުރިހާ ހަރަކާތެއް ހުއްޓިއްޖެއެވެ.
" އަރޫ އަޅެ އޭނަ ހުސް ތަ؟ އަރޫއަށް އެނގިދާނެ އެއްނު. އަހަންނަށް އެނގޭ އެހާ ސަޅި ބިޓެއް ސިންގަލްއެއް ނުވާނެކަން. ރިސޯޓެއްގައި އުޅެންޏާ އަމުދުން ބިޓުން ނަގާނެ ދޯ! އެކަމަކު ޔަގީން ނުވަންޏާ މަށަށް ޓްރައި ކުރެވިދާނެއެއްނު. " ނީޒާ ބުންޏެވެ. އެއާއެކު އަރޫޝާއަށް ހިންދިރުވާލެވުނެވެ.
" އަހާލަން ވީތަ؟ " ހަމަޖެހޭ ގޮތް ދައްކަމުން އަރޫޝާ ސުވާލު ކުރިއެވެ.
ނަމަވެސް އޭރު އޭނާގެ ހިތަށް އުނދަގޫ ވާން ފަށައިފިއެވެ.
" ނަންބަރު ދީބަަލަ! އަހަންނަށް ގުޅަން ކެރޭތޯ! އަހަރެން ކޮންމެވެސް އެއް ގްރޭޑެއްގައި އުޅުނިން ދާއިންއާއެކު. " ހަނދާން ކުރަމުން ނީޒާ ބުންޏެވެ.
" ނަންބަރު؟ ނެތޭ މަ އަތަކު." އަރޫޝާ އަވަސް އަވަހަށް ބުނެލިއެވެ.
" ތި އެއް ގެ އެއްގައި އުޅޭ އިރު ވާ ވަރު. ހޯދައިދީބަލަ! ޕްލީޒް." ނީޒާ ހުރީ ކެތްމަދު ވެފައެވެ.
" ހޫމް.. ބަލާނަން އިނގޭ! " އަރޫޝާ ބުނެލިއެވެ.
" ޔޫ އެކްސައިޓެއް ވެސް ނުވޭތަ؟ ޔޫ އާ އެކު އަހަރެން އެ ގޭގައި އުޅޭ މަންޒަރު ފެންނަ ކަހަލަ. ދެ މީހުން އެއްކޮށް ދޯ އޮފީހަށް އަންނާނީ؟" ނީޒާ އެހެން ބުނެ، ހޭން ފެށުމުން އަރޫޝާ ވެސް ބައިވެރިވިއެވެ.
ނަމަވެސް މިހާރު އަރޫޝާއަށް މަސައްކަތް ކުރަން ވެސް އުނދަގޫ ވެއްޖެއެވެ. ދާއިން ގާތު ދިރިއުޅުމެއް ފަށަން އެދެވުނު އިރު، ދާއިން އެހެން މީހަކާ ގުޅިގެން އުޅޭ މަންޒަރު ދެކެން ކެތްނުވާނެކަން އަރޫޝާއަށް އެނގުނީ ވެސް އަދިކިރިޔާއެވެ. އެ ވަގުތު އޭނާ ހާސްވާން ފެށިއެވެ. އެހެން މީހަކަށް ދާއިން ލިބެން އޭނާގެ ހިތެއް ނޭދުނެވެ.
ނީޒާ މަސައްކަތުގައި އިންދާ، އަރޫޝާ ތެދުވެއްޖެއެވެ. އަދި ބޭރަށް ނިކުމެ ވިސްނަން ފެށިއެވެ. ރޭ ނަދީމް ދެއްކި ވާހަކަތަކާ މެދުގައެވެ. ހަމަ އެ ގޮތަށް ރޭ، ދާއިންއާ ދެކެވުނު ވާހަކައެވެ. އަދި ނީޒާގެ ވާހަކަތަކެވެ. ހަތަރު އުދަރެސް ފެނުޖެހިފައި ހުރި މީހެއް ފަދައިން އަރޫޝާ ހުރީ ހަދާނެ ގޮތް ހުސްވެފައެވެ.
އޮފީސް ނިންމާފައި އަރޫޝާ ގޮސް ދޮރާށިން ވަނުމާއެކު ފުރަތަމަ ވެސް ކަންފަތުގައި ޖެހުނީ ޒައިނާގެ އަޑެވެ.
" ކަލޭ ކޯއްޗެއް ދައްކައިގެން މަގޭ ނަދީމް ތި ޖަހައިގަތީ؟" ޒައިނާ ބުންޏެވެ.
އަރޫޝާ އެނބުރިލި އިރު ޒައިނާ އިނީ ޖޯލިފަތީގައެވެ.ނީޒާ ދެއްކި ވާހަކަތަކުން، ބޮލުގެ ރިހުން އިތުރަށް ގަދަވެފައި ހުއްޓާ، ޒައިނާގެ ޝަކުވާތައް އަޑުއަހާނެ ހިތްވަރެއް އަރޫޝާގެ ކިބައިގައި ނެތްކަހަލައެވެ. އެއްވެސް ޖަވާބެއް ނުދީ ގެއަށް ވަންނަން ހިނގައިގަތް ވަގުތު އަނެއްކާ ވެސް ޒައިނާ އޭނާއަށް ގޮވިއެވެ.
" ނަދީމް އަހަންނާ ދުރަށް ދާން ފަށައިފި. " ޒައިނާ ޝަކުވާ ކުރިއެވެ.
" އެއީ އަހަންނާ ބެހޭ ކަމެއް ނޫން. ނަދީމް އެދުނު ފަދައިން މަންމަގެ ރުހުން އަހަރެން ހޯދައިދިނިން. ދެން ތި ދެ މީހުންގެ ދެމެދު ހިނގާ މައްސަލަތަކަށް އަހަރެން ނުވައްދާ! އަހަންނާ ނަދީމް، ފެށުނިއްސުރެ އެއްވެސް ގުޅުމެއް ނޯންނާނެ." އަރޫޝާ ވެސް މިފަހަރު ހުރީ ޒައިނާއަށް ދޫ ކުރާ ގޮތަކަށް ނޫނެވެ.
" ގުޅުމެއް ނެތަސް، ކަލޭގެ ތި ދޮންކަމާއި ފަރިކަން ދައްކައިގެން އޭނަގެ ހިތޭ ލެންބުވީ! " ޒައިނާ ބުންޏެވެ.
" ދެން ތި ކަމަށް ހައްލެއް ހޯދޭނީ ކިހިނެއް؟ އަހަރެންގެ ސިފަ ތަ ބަދަލު ކުރަންވީ؟ މޮޔަވެގެން ނޫޅެބަލަ! އަހަރެން ނޫޅެމޭ ނަދީމް ބޭނުން ވެގެންނެއް. ނަދީމްއަކީ ޒައިނާގެ މީހެއް. ހަމައެކަނި ޒައިނާގެ މީހެއް. ނަދީމްގެ ޝައުގުވެރިކަން ހޯދަން އަހަރެން އެއްވެސް މަސައްކަތެއް ނުކުރަން. އެކަން ކުރަންޖެހޭނީ ޒައިނާއެއްނު. " އަރޫޝާއަށް ވާހަކަ ދެއްކުނީ މަލާމާތުގެ ރާގަކަށެވެ. އެއާއެކު ޒައިނާގެ ރުޅިގަނޑު އިތުރަށް ގަދަވެއްޖެއެވެ.
" އޭނަގެ ޝައުގުވެރިކަން ހޯދަން އަހަރެން އެއްވެސް މަސައްކަތެއް ކުރާކަށް ނުޖެހޭނެ. މީގެ ކުރިން އޭނައަކީ އަހަންނާ ދުރުން އުޅޭ މީހެއް ނޫން. އަހަރެން ނޫން މީހަކަށް އޭނަ ލައިކެއް ނުވާނެ." ޒައިނާ ދެ އަތް އުރާލީ އަރޫޝާއަށް ލޯ އަޅާލަމުންނެވެ.
" ދެން ކޮންކަމަކާ ތި ބިރު ގަންނަނީ؟ އަހަރެންގެ ބޮލުގައި ކޮން އިލްޒާމެއް ތި އަޅުވަނީ؟ ޒައިނާ ހާސްނުވޭ! ތި ދެ މީހުންގެ ދެމެދަކަށް އަހަންނެއް ނުވަންނާނަން. " އަރޫޝާ އެހެން ބުނެ އަވަސް އަވަހަށް ހިނގައިގަތެވެ. ހަސަދައިން އަނދައަނދާ އޮތް ހިތަކައިގެން ޒައިނާ ހުރީ އަރޫޝާއަށް ބަލާށެވެ.
ކޮޓަރިއަށް ނުވަދެ، އަރޫޝާ ފުރަތަމަ ކާގެއަށް ދިޔައީ ފިނި ފެންތައްޓެއް ބޯލާށެވެ. އޭރު ވެސް އޭނާ ހުރީ އިންތިހާއަށް ބޮލުގައި ރިއްސާފައެވެ. ކާގެއަށް ވަތް އިރު މޭޒުކައިރީ އިން ދާއިން ފެނި، އޭނާ ހުއްޓުން އެރިއެވެ. ދާއިންއަށް ވެސް ބަލައިލެވުނީ ސީދާ އަރޫޝާގެ މޫނަށެވެ. އަރޫޝާ އިސްޖަހާލަމުން އައިސްއަލަމާރިއާ ދިމާލަށް ހިނގައިގަތެވެ.
" އަރޫ! ފެންތައްޓެއް އަޅައިދީބަލަ. " ދާއިން ގޮވާލިއެވެ.
މަޑުމަޑުން އަރޫޝާ ގޮސް ދާއިންގެ ކައިރީ ހުރި ތައްޓަށް ފެން އެޅިއެވެ. އިސްއުފުލައިގެން އިނދެ ދާއިން އޭނާއަށް ބަލާކަން އަރޫޝާއަށް އެނގުނު ނަމަވެސް އޭނާ އެންމެ ފަހަރަކު ވެސް ދާއިންގެ މޫނަކަށް ނުބަލައެވެ.
" އަހަރެން މާދަމާ ފުރަން. މިރޭ އަހަންނާ ބޭރުން މީޓް ކުރެވިދާނެތަ؟" ދާއިން އެހިއެވެ.
އެއާއެކު އަރޫޝާގެ ދެ ލޯ ދިޔައީ ބޮޑު ވެގެންނެވެ.
" ދާއިން މޮޔަ ވީތަ؟ " ވައި އަޑަކުން އަރޫޝާއަށް އެހެން ބުނެވުނީ ދޮރާ ދިމާލަށް ބަލައިލަމުންނެވެ.
" ޕްލީޒް! " ދާއިން ބުންޏެވެ.
" ނޫން. ނުވާނެ! " އަރޫޝާ ބުނެލިއެވެ.
" އަހަރެން އިންތިޒާރު ކުރާނަން. " ދާއިން އެހެން ބުނި އަޑު އިވުނު ނަމަވެސް އަރޫޝާ ބެލީ އަވަހަށް އެތަނުން ނިކުމެވޭތޯއެވެ.
( ނުނިމޭ)
މި ވާހަކަ ގެނެސްދެނީ ކޮންމެ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެވެ.
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!