ދިވެހީންގެ ދައުލަތް
ދައުލަތްތަކީ އިންސާނުން ވަކި ޖަމާޢަތެއްގެ ގޮތުގައި ދެމިތިބުން ކަށަވަރުކުރުމަށް ޓަކައި އުފައްދާފައިވާ ނިޒާމެކެވެ. މި ނިޒާމަށްވުރެ ފުޅާކޮށް ގިނަ ދައުލަތްތަކެއް ހިމަނައިގެން އެކުވެރި ދައުލަތްތައް (United Nations) އާއި ހުޅަނގުގެ އިއްތިހާދު (European Union) ފަދަ ނިޒާމުތައް އުފެދިފައިވެއެވެ. ނަމަވެސް ޤައުމެއްގެ ގޮތުގައި ނުވަތަ އެކުވި ވިސްނުމާއެކު ޖަމާޢަތެއްގެ ގޮތުގައި ދެމިތިބުމަށް އޮތް އެންމެ ރަނގަޅު ނިޒާމަކީ އަދިވެސް ދައުލަތްކަން އިންސާނީ ތަޖުރިބާއިން ދަނީ ފެންނަމުންނެވެ.
ޤައުމެއް އުފެދެނީ ބަޔަކު މީހުންގެ މެދުގައި އެއް މަސްލަހަތުތަކަކަށް އެއްބަސްވެ، އެއީ އެއް ބައެއްކަމަށް ބުނާ ހިސާބުންނެވެ. އެ ޖަމާޢަތުގެ މެދުގައި އުފެދޭ ގުޅުންތަކުން އެއްބައެއްވަންތަ ފެނި ޤަބޫލުކުރެވޭ ހިސާބުންނެވެ. މިގޮތަށް ފުންވަމުންދާ ގުޅުންތަކަކުން ޤައުމެއް އުފަންވާއިރު އެކަކު އަނެކަކާ އެއްބަސްވާ މަސްލަހަތުތަކަކީ ޤައުމީ މަސްލަހަތުތަކެވެ.
ބަހަކީ ޤައުމެއް އުފެދިގެންދާއިރު އެބައެއްގެ ތެރޭގައި ވާހަކަދައްކައި އުޅުމަށް ޠަބީޢަތުން އުފަންވާ އިލާހީ ވާސިތާއެކެވެ. "ބަސްބަހީ މީހުން ހަދާ އެއްޗެއް ބަލަގަ! ނޫނޭ ތެދޭ، އަސްތަ އަސްތާ! ޤުދުރަތުގެ އޭ އެއްޗެކޭ ހަމަ ހިންގަވާ" މިގޮތަށް ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީން ވިދާޅުވެފައި އެ އޮންނަނީ ޠަބީޢަތުން ބަސް އުފަންވާތީއެވެ. އެހެންކަމުން ކޮންމެ ޤައުމެއްގައި ވެސް އެ ޤައުމެއްގެ ޤައުމިއްޔަތުގެ ނާރެހަކަށް ވެގެންދަނީ އެ ބައެއްގެ ޤައުމީ މާދަރީ ބަހެވެ. އެ ބައެއްގެ އަމިއްލަ ބަހެއް އޮވެފައި އެ ބަހަކީ އެބައެއްގެ ރަސްމީ ބަހާއި ޤައުމީ މާދަރީ ބަހަކަށްވުމުގެ ނަސީބު ލިބިފައި ހުރި ގިނަ ޤައުމުތަކަކީ ވަރަށް އެވޭލާ ޤައުމުތަކެވެ. ދިވެހި ޤައުމަކީ މީގެ މިސާލެކެވެ.
އެއް ޤައުމެއްގެ ގޮތުގައި ބަޔަކުވާ އިޢުތިރާފަށް ފަހު އެ ބަޔަކު އެ ތިބި ސަރަޙައްދަކީ އެބައެއްގެ ތަނެއްކަމުގައި ބަލައެވެ. އެތަނަކުން އެބަޔަކު ކައިގެންބޮއިގެން ނުވަތަ ބަނޑުފުރާނަމުއްތިކޮށްގެން އުޅެވޭ ވަރުގެ ތަނަކަށް ނޫނީ އެއްވެސް ބަޔަކު އެބައެއްގެ ރާއްޖެއެކޭ ނުކިޔައެވެ. ކޮންމެ ޤައުމަކުން ވެސް އެ ބައެއްގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން އެބައެއްގެ ޤައުމާއި ރާއްޖެ ދިފާޢުކުރުމަށް ދައުލަތެއް އުފައްދައެވެ. ކޮންމެ ޤައުމެއްގެ ކޮންމެ ދައުލަތަކުން ވެސް އެބައެއްގެ ސަރަޙައްދު ފުޅާކުރަމުން ގެންދިއުމުގެ ވިސްނުމަކީ ކޮންމެ ޤައުމެއްގައި ވެސް އޮންނަކަމެކެވެ. ދޭދޭ ޤައުމުތަކުގެ މެދުގައި އޮންނަ ޒަމާންވީ ކޯޅުންތަކުގެ އަސްލަކީ މިއީއެވެ.
ދިވެހީންގެ ރައްޔިތުކަމާއި ރަށްވެހިކަން
މީހުން އާބާދުވެ ވަޒަންވެރިވެ ޤައުމުތައް އުފެދޭ ތިން ގޮތެއް އޮވެއެވެ. ފުރަތަމަ ގޮތަކީ ތަނެއް ހުހަށް އޮއްވައި އެތަނަށް ބަޔަކުއަލަށް އައިސް ވަޒަންވެރިވެ އެތަނެއްގައި ޤައުމެއް ބިނާކުރުމެވެ. އެއީ ފަސްޓް އިންހެބިޓެންޓް ނުވަތަ އެބޮރިޖިނަލް ޤައުމުތަކެވެ. ދެވަނަ ގޮތަކީ ބަޔަކު ތަނެއްގައި އުޅެމުން ދަނިކޮށް ބޭރުން ބަޔަކު އައިސް އެތަނެއްގައި ވަޒަންވެރިވެ އެތަނެއްގެ ސަގާފަތާ ގުޅިގެން އާބާދުވާ ޤައުމުތަކެވެ. މިއީ އިންޑިޖެނަސް ނޭޝަން ތަކެވެ. ތިންވަނަ ގޮތަކީ ތަނެއްގައި ދައުލަތެއް އޮއްވައި ބޭރުން ބަޔަކުއައިސް އެ ދައުލަތާ ގުޅި އެ ދައުލަތަކުން ތިމާއާ މަތިކުރާ ޒިންމާއާ އަދާކޮށް އެ ދައުލަތެއްގެ ރައްޔިތެއްގެ ގޮތުގައި އުޅުމެވެ. މިއީ އިމިގްރެންޓް ނޭޝަންތަކެވެ. މިއީ މިހާރުގެ ގޮތުން ދަންވަނާ ނަމަ އެ ޤައުމެއްގެ ސިޓިޒަންޝިޕް (ރައްޔިތުކަން) ހޯދައިގެން ދިރިއުޅުމެވެ. މި ތިންގޮތުގެ ތެރެއިން އެ ސަރަޙައްދަކަށް މިލުކުވެރިކަން އެންމެ މަތިވާނީ އިންހެބިޓެންޓް ނޭޝަންތަކެވެ.
ދިވެހީންގެ އަސްލަށް ބަލާލާއިރު ދިވެހީންނަކީ މި ރާއްޖެ މިއޮތް ސަރަޙައްދު ހުހަށް އޮއްވައި މިތަނަށް އައިބައެކެވެ. އެހެންކަމުން ދިވެހީންނަކީ އިންހެބިޓެންޓް އަސްލަކުން އުފެދިފައިވާ ޤައުމެކެވެ. އެހެންނަމަވެސް ޒަމާންތައް ދައުރުވަމުން ދިޔަ ދިއުމުގައި ބޭރުންއައި މީހުން ދިވެހީންނާ ގުޅި ދިވެހީންގެ ސަގާފަތާ އެއްބަސްވެ މި ރާއްޖޭގައި ވަޒަންވެރިވެ މި ރާއްޖޭގެ މީހުންނާ ކައިވެނިކޮށް ދަރީން ލިބިގެން އުފެދުނު ޤައުމެކެވެ. އެހެންވީމާ ދިވެހީންނަކީ އެބޮރިޖިނަލް އަސްލަކުން އައި، އިންޑިޖިނަސް ކޮންޓިނިވިޓީ ނޭޝަންއެއްކަމަށް ދެންނެވިދާނެއެވެ. ދިވެހީން، މި ދިވެހިރާއްޖެއަކީ ތިމަންނަމެން ދިވެހީންގެ ތަނެކޭ ބުނުމާއެކު ދިވެހި ދައުލަތް އުފެދުނެވެ. ދިވެހީން ދައުލަތެއް އުފައްދާފައި މިވަނީ މިތަނުގެ ވަސީލަތްތަކުން ދިވެހީންގެ ބަނޑުފުރާނަ މުއްތިކޮށް، ބޯހިޔާވަހިކަން ލިބޭނެތީއެވެ.
ދިވެހީންގެ ސަގާފަތާއި ތަރިކަ
ދިވެހީންގެ ސަގާފަތަކީ ދިވެހީންގެ ވިސްނުމާއި ޚިޔާލާއި ފިކުރާއި ދިވެހީން ގަބޫލުކުރާ ގިޔަމުތަކާއެކު ދިރިއުޅެމުން ގެންދާގޮތެވެ. އެއްޖީލުން އަނެއް ޖީލަށް ވާރުތަވަމުން އައިސް މިހާރު އުޅެމުންދާ އާދަކާދަތަކަކީ ވެސް ދިވެހީންގެ ސަގާފަތެވެ. ދިވެހީންގެ ތަރިކައަކީ ސަގާފަތުގެ ތެރެއިން މާޒީއަށް ދޫކޮށްފައިވާ ތަކެއްޗާއި ކަންކަމެވެ. ދިވެހީންގެ މަސައްކަތްތެރިކަމުގެ ތެރެއިން ހިރިގަލުގައި ކަނޑައި ނެގުމުގެ މަސައްކަތް ނުވަތަ ކުރަހަނިކަން މިހާރު ނުކުރާނަމަ އެ މަސައްކަތްތެރިކަން ވާނީ ދިވެހީންގެ ތަރިކައަކަށެވެ. އެ މަސައްކަތް ދިވެހީން މިހާރު ވެސް ކުރާނަމަ އެ މަސައްކަތް ވާނީ ދިވެހީންގެ ސަގާފީ މަސައްކަތަކަށެވެ.
ޤައުމެއްގައި ސަގާފަތެއް ބިނާވަނީ އެ މުޖުތަމަޢުގައި ހިމެނޭ ބަޔަކު ކަންތައްތަކެއްގެ މައްޗަށް އެއްބަސްވެ މުޖުތަމަޢުގައި އާންމުވާ ކަންތައްތަކުގެ މައްޗަށެވެ. ދިވެހީން މި ރާއްޖޭގެ މައްޗަށް މިލުކުވެރިކަން ކަށަވަރުކުރީ ދިވެހީންގެ ރަށްވެހިކަމާއި، ވަޒަންވެރިކަމާއި، ކަނޑުވެރިކަންފަދަ ސިނާޢަތްތަކަށް މަގުފަހިވާނެ ވިސްނުމާއި ޢިލްމުތައް ދިވެހިރާއްޖެއަށް ވެހިކޮށްގެންނެވެ. އަންނަ ކޮންމެ އާ ޚިޔާލަކާއި އަންނަ އާ ކޮންމެ އެއްޗެކީ ދިވެހީންގެ ބޭނުމަށް ބަދަލުކުރެވޭ ނުވަތަ ދިވެހީންނަށް ވެހިކުރެވޭ އެއްޗެއްކަމަށް ހަދައިގެންނެވެ.
ދައުލަތް ދެމެހެއްޓުމުގެ އަސާސްތައް
ދައުލަތުގެ ސަލާމަތްތެރިކަން ކަށަވަރުކޮށް، ހައިބަތު ހިފަހައްޓައި ވަރުގަދަކުރުމަށް ޓަކައި ކުރަންޖެހޭ ކަންތައްތަކުގެ މައްޗަށް ތިން މަފުހޫމެއް އޮވެއެވެ. މިގޮތުން ފުރަތަމަ މަފުހޫމަކީ ބާރުގެ އިހުތިކާރު (Monopoly of Power) އެވެ. މިއީ ޤައުމުގެ އެތެރޭގެ ހަމަ ހިފަހައްޓައިދޭ ނިޒާމެވެ. ގާނޫނާއި ގަވާއިދު ތަންފީޒުކޮށް އެތެރޭގެ ހަމަ ގެއްލުވާލަން ކުރާ މަސައްކަތް ބާރުގެ ބޭނުންކޮށްގެން ހުއްޓުވުމުގެ އިޚުތިޔާރު ދީފައި އޮންނަ ސަލާމަތީ ޚިދުމަތެވެ. ދިވެހިރާއްޖޭގައި ނަމަ ދިވެހި ފުލުހުންގެ ޚިދުމަތެވެ.
ޤައުމެއް ސަލާމަތުން އޮންނަނީ ޤައުމެއް ދިފާޢުކުރުނޭ ބަޔަކު ތިބެގެންނެވެ. އެތަނަކަށް ޓަކައި ފުރާނަދޭން ޖެހިއްޖެ ހިނދެގައި ފުރާނަދޭނެ ބަޔަކު ތިބެގެންނެވެ. އެފަދަ ބަޔަކަށް ޤައުމީ މަސްލަހަތުގައި ހަތިޔާރު ބޭނުންކުރުމާއި ބާރުގެ ބޭނުން ކުރުމުގެ ބާރު ދީފައިވާ މަފުހޫމަށް ކިޔަނީ ހިންސަގެ އިހުތިކާރު (Monopoly of Violence) އެވެ. މިއީ ދައުލަތުގެ ޙައްޤުގައި ނުވަތަ ޤައުމީ މަސްލަހަތު ކުރިއަށް ނެރުމުގައި ބޭނުންކުރަން ޖެހުނު ކޮންމެ ބާރެއް ބޭނުންކުރުމުގެ ޤާނޫނީ ބާރު އޮންނަ ހަމައެކަނި ފަރާތެވެ. ދިވެހިރާއްޖޭގައި ނަމަ މިއީ ދިވެހި އަސްކަރިއްޔާއެވެ. ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރެވެ. ދިވެހި ސިފައިންނެވެ.
ދައުލަތް ވަރުގަދަކޮށް ދަމަހައްޓައިދޭ ތިންވަނަ މަފުހޫމަކީ ރިވާގެ އިހުތިކާރު (Monopoly of Narrative) އެވެ. ދިވެހިރާއްޖެއަކީ ދިވެހީންގެ ތަނެއްކަމާއި ދިވެހި ދައުލަތަކީ މިނިވަން މުސްތަޤިއްލު ދައުލަތެއްކަމާއި ދިވެހީންގެ ވިސްނުމާއި ފިކުރު ހުރިގޮތް ދުނިޔެއަށް ހާމަކޮށްދެނީ ދިވެހިރާއްޖޭގެ ފޮރިން ސަރވިސް ނުވަތަ ޚާރިޖީ ޚިދުމަތުންނެވެ.
ދިވެހީން 4000 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދިވެހި ދައުލަތް އޭގެ ކީރިތިކަމާއި މޫރިތިކަމުގައި މިނިވަން ދައުލަތެއްގެ ގޮތުގައި ދެމެހެއްޓީ މި މަފުހޫމުތަކުގެ މަތީގައެވެ. ބާރުގެ އިހުތިކާރާއި، ހިންސަގެ އިހުތިކާރާއި، ރިވާގެ އިހުތިކާރު ދިވެހީން ހިފައްޓައި ދެމެހެއްޓީ މި ދިވެހިރާއްޖެއިން ދިވެހީންނަށް ބަނޑުފުރާނަމުއްތިކުރެވި، އަދި މި ދިވެހިރާއްޖޭގައި ދިވެހީން ބޭނުންވާ ގޮތަކަށް ކަންތައްތައް ކުރުމުގެ އިޚުތިޔާރު އޮތަތީއެވެ. (ނުނިމޭ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!