2009 ވަނަ އަހަރު އިހަވަންދޫގައި ފާހަގަކުރި މަސްވެރިންގެ ދުވަހާއި ގުޅުވައިގެން ހުޅުވު ކުޑަކުދިންގެ ޕާކް ހަލާކުވެ ވީރާނާވެފައި ވަނިކޮށް، އެ ރަށު ކައުންސިލުން ބޮޑު ހަރަދެއްކޮށްގެން އެތަން މަރާމާތު ކުރުމަށް ފަހު އަލުން ހުޅުވައިފިއެވެ.

ޕާކް ހުޅުވުމަށް ރޭ ބޭއްވި ރަށްމިއްޔާތުގައި ރަސްމީކޮށް ޕާކް ހުޅުއްވައި ދެއްވީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމްއެވެ.

Ad
rt

ޕާކް ހުޅުއްވައި ދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ވިދާޅުވީ އިހަވަންދޫއަކީ ކުށްމަދު އަމާން ރަށެއް ކަމަށާއި، އެކަން އެގޮތުގައި ދެމެހެއްޓުމަށް އެންމެހާ ރައްޔިތުންގެ އަރިހުން އެދޭކަމަށެވެ.

ރޭ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހް ވިދާޅުވީ ކުޑަކުދިން ޕާކްގެ މަރާމާތުކޮށް ތަރައްގީކުރުމަށް ގާތްގަނޑަކަށް 1.3 މިލިއަން ރުފިޔާ ހަރަދުވިކަމަށާއި، ޕާކް ތަރައްގީ ކޮށްފައިވަނީ އެ ކައުންސިލުން ގެންގުޅޭ ބަނދަރުސަރަހައްދު ޒަމާނީކުރުމުގެ ޕްލޭންގެ ދަށުން އެސަރަހައްދަކީ ހިތްފަސޭހަ ރީތި ހިތްހަމަޖެހޭ ތަނަކަށް ހެދުމުގެ ޕްލޭންގެ ދަށުން ކަމަށެވެ.

އިހަވަންދޫ ކައުންސިލުން އެ ޕާކް ތަރައްގީ ކޮށްފައި ވަނީ ކެފޭއަކާއި އެކުއެވެ. ކެފޭ މިހާރު ކުއްޔަށް ދީފައިވާއިރު، ޕާކް ބެލެހެއްޓުމުގެ އެންމެހާ ޒިންމާތަށް މަތިކޮށްފައި ވަނީ ކެފޭ ހިންހާފަރާތަށެވެ.

އިހަވަންދޫ ކައުންސިލުން އެ ޕާކް ތަރައްގީ ކޮށްފައި ވަނީ މަސްފެންގަނޑަކާއި މިނީ ފުޓްސަލް ދަނޑަކާއި އެކުއެވެ. މީގެއިތުރުން އެތަނުގައި ހިތްގައިމުކަން އިތުރު ކުރުމަށް ބަގީޗާހައްދައި ވޯކްވޭ ވަނީ ތަރައްގީ ކޮށްފައެވެ. އަދި ކުޑަކުދިން ކުޅޭ ގިނަސާމާނުވެސް އެތަނުގައި ވަނީ ބަހައްޓާފައެވެ.