ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް އެކުލަވާލި ބޭރު ފައިސާއާއި ބެހޭ ބިލު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ތަސްދީޤު ކުރައްވައިފިއެވެ.
މި ބިލު ފާސްކޮށްފައި ވަނީ، 12 ޑިސެންބަރު 2024 ވީ ބުރާސްފަތި ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 60 ވަނަ ޖަލްސާއިންނެވެ.
ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުގެ ތެރެއިން ތިން ގިންތިއަށް ފެތޭ ފަރާތްތަކުން، އެ ފަރާތްތަކަށް ބޭރު ފައިސާއިން ލިބޭ އާމްދަނީން ބައެއް، ބޭންކަކަށް މާރުކުރަންޖެހޭގޮތަށް ކަނޑައަޅައި، ބޭންކުން އެ ބޭރު ފައިސާގެ ވަކި އިންސައްތައެއް، އެމް.އެމް.އޭ އިން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި، އެމް.އޭ.އޭ އަށް ވިއްކާގޮތަށް މި ބިލުގައި ވަނީ ހިމަނާފައެވެ.
އެ ގިންތިތަކަކީ،
ކެޓެގަރީ-އޭ ޓޫރިޒަމް އެސްޓޭބްލިޝްމަންޓުގެ ތެރޭގައި ހިމެނޭ ދިވެހިރާއްޖޭގައި ހިންގާ ޓޫރިސްޓް ރިސޯޓުތަކާއި، އިންޓްގްރޭޓެޑް ޓޫރިސްޓް ރިސޯޓުތަކާއި، ޕްރައިވެޓް އައިލަންޑްތަކާއި، ރިސޯޓު ހޮޓާތަކާއި، އެނޫންވެސް އެފަދަ ތަންތަނުން، މިލާދީ މަހެއްގެ ތެރޭގައި އެ އެތަނަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 އެމެރިކާ ޑޮލަރުގެ ރޭޓުން، އެ މަހެއްގެ ތެރޭގައި އައިސްފައިވާ ޖުމުލަ ޓޫރިސްޓުންނަށް ޖެހޭ ޢަދަދު، ނުވަތަ، މީލާދީ މަހެއްގައި ތެރޭގައި އެތަނަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ (ގްރޮސް ސޭލްސް) ގެ 20 އިންސައްތަ، މި ދެގޮތުންކުރެ ގޮތަކަށް ބޭރު ފައިސާ ބޭންކަކަށް މާރުކުރުން.
• ކެޓެގަރީ-ބީ ޓޫރިޒަމް އެސްޓޭބްލިޝްމަންޓުގެ ތެރޭގައި ހިމެނޭ، ޓޫރިސްޓް އުޅަނދުތަކާއި، ޓޫރިސްޓު ހޮޓާތަކާއި، ޓޫރިސްޓް ގެސްޓްހައުސްތަކުން، މީލާދީ މަހެއްގެ ތެރޭގައި އެތަނަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 25 އެމެރިކާ ޑޮލަރުގެ ރޭޓުން، އެ މަހެއްގެ ތެރޭގައި އައިސްފައިވާ ޖުމުލަ ޓޫރިސްޓުންނަށް ޖެހޭ ޢަދަދު، ނުވަތަ މީލާދީ މަހެއްގައި ތެރޭގައި އެތަނަކަށް ލިބޭ ބޭރު ފައިސާގެ ގްރޮސް ސޭލްސްގެ 20 އިންސައްތަ، މި ދެގޮތުންކުރެ ގޮތަކަށް ބޭރު ފައިސާ، ބޭންކަކަށް މާރުކުރުން.
• ކެޓެގަރީ-އޭ އާއި ކެޓެގަރީ-ބީ ފިޔަވައި، އެހެން ފަރާތްތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ މުދަލާއި ޚިދުމަތްތަކަށް ފާއިތުވި މީލާދީ އަހަރުގެ ތެރޭގައި ބޭރު ފައިސާއިން މަދުވެގެން 15،000،000 އެމެރިކާ ޑޮލަރަށް ނިސްބަތްވާ އަދަދެއް ލިބިފައިވާ ފަރާތްތަކުން، އެ ފަރާތްތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ ޚިދުމަތަށް، މީލާދީ މަހެއްގެ ތެރޭގައި އެ ފަރާތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 20 އިންސައްތަ، ބޭންކަކަށް ރުފިޔާއަށް މާރުކުރުން.
ބޭރު ފައިސާއާބެހޭ ބިލު ރައީސް މިއަދު ތަސްދީޤުކުރެއްވުމާއި ގުޅިގެން މި ޤާނޫނު މިއަދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައިވާއިރު، މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ، 1 ޖަނަވަރީ 2025 ގައެވެ.