ޔުއެފާ ޔޫރޮޕާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ޗެކް ރިޕަބްލިކުގެ ވިކްޓޯރިއާ ޕްލަޒެން ބައްދަލުކުރި މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފިއެވެ. ރަށުން ބޭރުގައި ކުޅުނު މި މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފައި ވަނީ ވިކްޓޯރިއާ ޕްލަޒެން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރާ ދެ ލަނޑު (2-1) ޖަހައިގެންނެވެ.
ރޭ މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވުނެވެ. މެޗުގައި ވިކްޓޯރިއާ ޕްލަޒެން އިން ލީޑުނެގީ ދެވަނަ ހާފުގެ ކުރީކޮޅު މަތެޖް ވައިދްރާ އެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ ޔުނައިޓެޑްގެ ކީޕަރ އޮނާނާ ހެދު ބޮޑު ގޯހެއްގެ ފައިދާ ނަގައިގެންނެވެ.
ޔުނައިޓެޑްގެ ދެ ލަނޑު ވެސް ޖެހީ ދެވަނަ ހާފުގައި ރަޝްފޯޑްގެ ބަދަލުގައި ކުޅެން ނުކުތް ހޮއިލުންޑެވެ. މި ދެ ލަނޑާއިއެކު ޔޫރޮޕާ ލީގުގައި މި ސީޒަންގައި އޭނާ ޖެހި ލަނޑުގެ އަދަދު މިވަނީ ފަހަކަށް އަރާފައެވެ.
މި މޮޅާއިއެކު ޔުނައިޓެޑް ވަނީ ޕޮއިންޓް ތާވަލުގެ ހަތްވަނައަށް ކުރިއަށް ޖެހިލާފައެވެ. އެ ޓީމަށް 6 މެޗުން ވަނީ 12 ޕޮއިންޓް ލިބިފައެވެ. ވިކްޓޯރިއާ ޕްލެޒަން އޮތީ ތާވަލުގެ 17 ވަނާގައެވެ. އެ ޓީމަށް 6 މެޗުން ލިބިފައި ވަނީ 9 ޕޮއިންޓެވެ.