ހައުސިން މިނިސްޓްރީ ހިންގާ އިމާރާތުގެ ރޯވި އަލިފާން ފެތުރެމުން އަންނައިރު، އެ ސަރަހައްދުގެ ބައެއް ގޭތަކުން މީހުން ހުސްކޮށްފިއެވެ.

އެމްއެންޑީއެފުން ބުނީ، ރޯވެފައިވާ އަލިފާން އަދިވެސް ކޮންޓްރޯލް ކުރެވިފައި ނުވާކަމަށެވެ. އެހެންވެ އަލިފާން ރޯވެފައިވާ އިމާރާތާ ކައިރި ހިސާބުތަކުގައި މީހުން ދިރިއުޅޭ ގޭތަކުން މިހާރު މީހުން ހުސްކޮށްފައިވާކަމަށެވެ.

Ad
rt

މި ހާދިސާ ހިނގި ސަބަބު އަދި ދެނެގަނެވިފައިނުވާއިރު، ފުރަތަމަ އަލިފާން ހިފީ ހައުސިން މިނިސްޓްރީގެ ފަންގިފިލާއެއްގެ ސީލިންގ ގައިކަމަށް ބެލެވޭކަމަށް އެ ސަރަހައްދުން ތިލަދުންނާއި ވާހަކަ ދެއްކެވި އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ.

އަލިފާން ފެތުރި އެންވަޔަރަންމަންޓް މިނިސްޓްރީ ވެސް އަނދަނީ

ރޯވި ކޮށީގައި ހިމެނޭ އިމާރާތްކުގައި ހައުސިން މިނިސްޓްރީގެ އިތުރުން ކޮންޓްރަކްޝަން މިނިސްޓްރީ އާއި އެންވަޔަރްމަންޓް މިނިސްޓްރީ އާއި މާލޭ ސިޓީ ކައުންސިލްގެ ބައެއް ވެސް އަންނަނީ ހިންގަމުންނެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަލިފާނުގެ ހާދިސާއާއި ގުޅިގެން ސަމާލުކަން ދެންވީ ކަންތައްކުގެ ގޮތުގައި ފާހަގަކޮށްފައިވަނީ، ކޮންމެހެން ނުކުންނަން ޖެހިއްޖެ ހާލަތެއްގައި މެނުވީ ދުމުގެ އަސަރުކޮށްފައިވާ ސަރަހައްދަކަށް ނުނިކުތުމާއި، ދުމުގެ އަސަރުކޮށްފައިވާ ސަރަހައްދަކަށް ނުކުތުމުގެ ކުރިން އަނގައާއި ނޭފަތް ނިވާކުރުމާއި އަދި ގޭގެ ދޮރުތަކާއި ކުޑަދޮރުތައް، ދުން ނުވަންނާނެހެން ބަންދުކޮށްފައި ބެހެއްޓުމެވެ.

މީގެ އިތުރުން ނޭވާލާ ނިޒާމް އަދި ހިތުގެ ބަލިތައް ހުންނަ ފަރާތަތްކަށް ދުނުގެ ސަބަބުން ކުރާ ނޭދެވޭ އަސަރު ބޮޑުވުން އެކަށީވާކަމަށާއި، ނޭވާ ކުރުވުން، ނޭވާލާން އުނދަގޫވުން، ގަދަޔަށް ކެއްސުން އަދި ބޯ އެނބުރުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޞިއްޙީ އެހީތެރިއެއްގެ ލަފާ ހޯދުމަށް އެ އޭޖެންސީން ވަނީ އެދިފައެވެ.

އިމަންޖަންސީ އިވެކުއޭޝަން ސެންޓަަރެއް މިވަގުތުވަނީ ސޯޝަލް ސެންޓަރގައި ގާއިމްކޮށްފައިވާއިރު، އެހީތެރިކަން ބޭނުންވާ ފަރާތްތަކުން 115 އަށް ގުޅައިގެން އެހީ ހޯދުމަށް ނުވަތަ މިސެންޓަރަށް ދިއުމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ (އެންޑީއެމްއޭ)އިން ވަނީ އިލްތިމާސްކޮށްފައެވެ.

ހައުސިން މިނިސްޓްރީ ހިންގާ އިމާރާތުގެ ރޯވި އަލިފާން ފެތުރެމުން އަންނައިރު، އެ ސަރަހައްދުގެ ބައެއް ގޭތަކުން މީހުން ހުސްކޮށްފައިވާއިރު، އެ ސަރަހައްދުގެ ބައެއް ސްކޫލްތަކުގެ ކިޔެވުން ވެސް ވަނީ މެދުކަނޑާލާފައެވެ.