ޔުއެފާ ޗެމްޕިއަންސް ލީގުގައި އެތުލާންޓާއާއި ރެއާލް މެޑްރިޑް ބައްދަލުކުރި މެޗު ރެއާލުން ކާމިޔާބުކޮށް ދެވަނަ ބުރުގެ އުންމީދު ބޮޑުކޮށްފިއެވެ. ރޭ އެތުލާންޓާގެ ދަނޑުގައި ކުޅުނު މެޗު ރެއާލުން ކާމިޔާބު ކޮށްފައި ވަނީ 3-2 ގެ ނަތީޖާއިންނެވެ.

ޗެމްޕިއަންސް ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން ބަލިވެ، ރޭ މެޗަށް ނުކުތްއިރު ރެއާލް އޮތީ ޕޮއިންޓް ތާވަލުގެ 25 ވަނާގައެވެ. މުބާރާތުން ކެޓުމުގެ ބިރާއި ކުރިމަތިވެފައި އޮތް ރެއާލުން ރޭ މެޗު ކާމިޔާބު ކުރުމާއިއެކު އެ ޓީމްވަނީ 18 ވަނައަށް ކުރިއަށް ޖެހިލާފައެވެ. ރެއާލަށް ވަނީ ނުވަ ޕޮއިންޓް ލިބިފައެވެ. އެތުލާންޓާ މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ 9 ވަނާގައެވެ. އެ ޓީމަށް ވަނީ 11 ޕޮއިންޓް ލިބިފައެވެ.

Ad
rt

ރޭ މެޗުގެ 10 ވަނަ މިނެޓުގައި ރެއާލަށް ލީޑު ހޯދައިދިނީ އެމްބާޕޭއެވެ. މިއީ އެމްބާޕޭ ޗެމްޕިއަންސް ލީގުގައި ޖެހި 50 ވަނަ ލަނޑެވެ. މި ލަނޑާއިއެކު އޭނާ ވަނީ ޗެމްޕިއަންސް ލީގުގެ އޯލްޓައިމް ޓޮޕްސްކޯރާސް ލިސްޓްގެ 10 ވަނައަށް ޖެހިލާފައެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން އެތުލާންޓާއިން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން އެތުލާންޓާއަށް ކާމިޔާބު ކޮށްދިނީ ކެޓެލާރޭއެވެ.

ރެއާލުން ވަނީ ދެވަނަ ހާފުގައި ކައިރިކައިރީ ދެ ލަނޑުޖަހައި ލީޑުފުޅާކޮށްފައެވެ. އެ ޓީމުގެ ދެވަނަ ލަނޑު 56 ވަނަ މިނެޓުގައި ވިނީސިއަސް ޖަހައިދިންއިރު އޭގެ ތިން މިނެޓް ފަހުން ތިންވަނަ ލަނޑު ޖަހައިދިނީ ބެލިންހަމް އެވެ. އެތުލާންޓާގެ ދެވަނަ ލަނޑު 65 ވަނަ މިނެޓުގައި ޖަހައިދިނީ ލޫކްމަންއެވެ.