ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އެކައުންޓް ގެންގުޅޭ މަސްވެރިންނަށް 48 ގަޑިއިރުތެރޭ މާދަމާ އިން ފެށިގެން ފައިސާ ޖަމާކޮށްދޭން ފަށާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، އަރިއަތޮޅު އުތުރުބުރިއާއި މާލެ އަތޮޅުގެ ބައެއް ރަށްތަކަށް އެމަނިކުފާނު އިއްޔެ ފެއްޓެވި ދަތުރުފުޅެއްގައި މިއަދު ކ. ގާފަރަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

Ad
rt

ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، ކުރީގެ ސަރުކާރުން މަސްވެރިންނަށް ދައްކަން ޖެހޭ ފައިސާގެ ތެރެއިން ނުދައްކައި އޮތް ފައިސާ އެއްކޮށް ދައްކައި ޚަލާސްކުރެވިފައިވާ ކަމަށެވެ. އެއީ 38 މިލިއަން ރުފިޔާއެވެ. މިފައިސާ ދެވުމާއެކު މަސްވެރިންނަށް ދޭން ޖެހޭ ފައިސާގެ ބެކްލޮގް މިހާރު ނިމުމަކަށް ގެނެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

މިއާއެކު ބީއެމްއެލްގައި މަސްވެރިންގެ އެކައުންޓް ހުޅުވާފައިވާ ފަރާތްތަކަށް އެމަނިކުފާނުގެ އެ ވަޢުދާ އެއްގޮތަށް 48 ގަޑިއިރުގެތެރޭގައި މާދަމާއިން ފެށިގެން ފައިސާ ޖަމާވަމުންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މިކަމާއި ގުޅިގެން މާލީ ވުޒާރާއާއި، ސަރުކާރުގެ މަސްކުންފުނި، މިފްކޯ އާއި ބީއެމްއެލްއާ ދެމެދު ވަރަށް މުހިންމު އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފައިވާ ކަމަށެވެ.

''މި އިންތިޒާމްތަކާ އެކު ބީއެމްއެލްގައި އެކައުންޓެއް އޮތް ނަމަ މަސް ކިރާތާ 48 ގަޑި އިރުގެތެރޭގައި ފައިސާ ޖަމާކޮށްދޭނެ، އެމްއައިބީގައި އެކައުންޓު ހުރި ފަރާތްތަކަށް އަދި އިތުރު ގޮތްތަކެއް ހޯދަން ޖެހޭ،" ރައީސް ވިދާޅުވިއެވެ.

މަސްވެރިން މަސް ކިރާތާ 48 ގަޑިއިރު ތެރޭ ފައިސާ ދިނުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ.