" ޒައި ޕްލީޒް... އަދިވެސް ތިއީތަ ބުނަން އެނގުނު އެއްޗަކީ. ޒައި އަހަރެން ރުޅި އެރުވީ ކީއްކުރަން؟ " އާދޭހުގެ ރާގަކަށް ނަދީމް އެހިއެވެ.
" ނަސީބެއްނު ރުޅި އެރުވުނުކަން. ރުޅި އެރުވީމަ އެއްނު މި އެނގުނީ މިހާރު ނަދީމްގެ ހިތް ބަދަލުވެއްޖެކަން." މަޑުމަޑުން ބުނެލި ނަމަވެސް ޒައިނާ ހިތްހަމަ ނުޖެހިފައި ހުރިކަން ނަދީމްއަށް އެނގުނެވެ.
" ހިތް ބަދަލެއް ނުވެ. ހިތްހަމަ ނުޖެހުނީ. ޒައި ކަންތައް ކުރި ގޮތް އެނގުނީމަ. އަނެއްކާ އަބަދާއަބަދު އަހަރެންގެ ބޮލުގައި އަރޫޝާއޭ ކިޔައިގެން ކޮންމެވެސް އިލްޒާމެއް އަޅުވާތީ ރުޅި އަންނަނީ. މަންމަ ވެސް ހުރީ އަހަރެންދެކެ ރުޅި އައިސްފައޭ. ޒައި އެކަން ތި ކުރީ އެންމެ ހަޑިކޮށް. އަހަރެން އެ ވާހަކަތައް މަންމަ ގާތު ބުނަން ދެން މަޑުކުރި ނަމަ." އަސަރާއެކު ނަދީމް ބުންޏެވެ.
" މަޑުކޮށްކޮށް ވަރުބަލި ވެގެން އަހަރެން ބުނީ. އެހެން ނޫނަސް ނަދީމް މަންމަ އަހަރެންގެ ބޮލުގައި ނުބައި ތުހުމަތެއް ދޯ އެ ދުވަހު އެޅުވީ. ތި ދެ މީހުންގެ ދެމެދަށް ވަންނަން އުޅެނީއޭ ކިޔައިގެން. އެހެންވެ ދެން ނުބުނެ ނުވީ! ނަފްސާނީ ގޮތުންވެސް އަހަރެން މިހާރު ހަމައެއް ނޫން ކަންނޭނގެ" ޒައިނާ ބުނެލިއެވެ.
" ނުވިސްނާ! އަހަރެން ރަށަށް ގޮސް ހުރިހާ ކަމެއް ހަމަޖައްސާނަން. މަންމަ ނުގަބޫލު ވިޔަސް ކޮންމެވެސް ގޮތެއް އޮތްތޯ ބަލާނަން. އަހަރެން ރަށަށް ދަންދެން އިތުރަށް އަހަރެން ބޯ ނުގޮއްވައްޗޭ! ޕްލީޒް." ނަދީމް ބުންޏެވެ.
ޒައިނާ ހޫމް އަޅުވާލުމާއެކު ނަދީމް އަވަހަށް ފޯނު ކަނޑާލިއެވެ. އޭނާ ކޮޓަރިއާ ހަމައަށް ނުދެވި އުޅެނިކޮށް ޒައިނާގެ މެސެޖެއް ލިބުނެވެ.
" އަރޫޝާއަށް އެވަރަށް ތައުރީފް ކުރީމަ އަހަރެން ވަރަށް ދެރަވި." ޒައިނާގެ މެސެޖް ކިޔާލުމާއެކު ނަދީމްއަށް ދެ ފަރާތަށް ބޯ ހޫރާލެވުނެވެ. ނަމަވެސް ޒައިނާއަށް ރައްދެއް ދޭ ހިތެއް ވެސް އޭނާ ނުވިއެވެ. ފޯނު ބަލަމުން އޭނާ އެތެރެއަށް ވަތް އިރު އަރޫޝާ އިނީ އެނދުމަތީގައެވެ.
" މަންމަ ދޫކޮށްލައިފި. އެބަ އާދޭ މިހާރު ގެއަށް. ބައްޕަ ބުނީ މެންދުރު ފުރާ ލޯންޗަކުން ރަށަށް ދާ ވާހަކަ." އަރޫޝާ އަވަސް އަވަހަށް ބުނެލިއެވެ.
" އެހެންތަ؟ މިއަދު ފުރާ ލޯންޗެއް؟" ނަދީމް ސުވާލު ކުރިއެވެ'
އެއާއެކު އަރޫޝާ އަވަސް އަވަހަށް ބޯ ޖަހާލިއެވެ. ނަދީމް އިތުރަށް އެއްޗެއް ނުބުނެ ފާހާނާއާ ދިމާލަށް ހިނގައިގަތެވެ.
" ކައިވެންޏަށް މަންމަ ނުގަބޫލު ވާހަކަ ޒައިނާ ގާތު ބުނީތަ؟" އަރޫޝާ އެހިއެވެ.
އެއާއެކު ނަދީމްއަށް ހުރި ފިޔަވަޅުމަތީ ހުއްޓެން މަޖުބޫރު ކުރުވި ކަހަލައެވެ. އޭނާ ފަސްއެނބުރި ބަލައިލި އިރު އަރޫޝާ ހުރީ ސީދާ އޭނާއަށް ބަލަހައްޓައިގެންނެވެ.
" ނަދީމް މާ ބާރަށް ވާހަކަ...ދައްކާ އަޑު އިވުނީމަ.." އާގަންނަމުން އަރޫޝާ ބުންޏެވެ. ނަދީމް ބަލައިލި ގޮތުން އޭނާ ކޮންމެވެސް ވަރަކަށް ޖެހިލުންވިއެވެ.
" އަދި ނުބުނަން. ޒައިނާ ހުރީ ވަރަށް ސްޓްރެސްގައި.. އެކަނި އުޅޭތާ ދުވަސްކޮޅެއް ވެއްޖެއެއްނު. އެހެންވެ." ޒައިނާއާ ދެކެވުނު ވާހަކަތައް ހިއްސާކުރާކަށް ނަދީމް ބޭނުމެއް ނުވިއެވެ. އާދައިގެ ގޮތަކަށް ހީލަމުން އޭނާ އެނބުރި ގޮސް ފާހާނާއަށް ވަތް އިރު ވެސް އަރޫޝާ ހުރީ ނަދީމްއަށް ބަލާށެވެ.
މަދިހާ ގޮވައިގެން ދާއިންއާއި ރިޒާ އައި އިރު ނަދީމް އިނީ ސޯފާގައެވެ. ނަދީމް ކޮޅަށް ތެދުވުމާއެކު އަރޫޝާ ކޮބައިތޯ މަދީހާ ސުވާލު ކުރިއެވެ. ކޮޓަރިއާ ދިމާލަށް ނަދީމް ބަލައިލުމާއެކު މަދީހާ ހިނގައިގަތެވެ.
" ބައްޕަ އެބައޮތް ތި ދެ ކުދިން ގާތު ވަރަށް ބޮޑު ވާހަކައެއް ދައްކަން ވެފައި. " ރިޒާގެ އަޑަށް ނަދީމްއާއި ދާއިންގެ ސަމާލުކަން އޭނާއަށް އަމާޒުވިއެވެ. ދާއިންގާތު އިށީނުމަށް އިޝާރާތް ކުރަމުން ރިޒާ ވެސް ސޯފާގައި އިށީނެވެ.
" ނަދީމް. އިށީނދެބަލަ! ބައްޕަ ގާތު ޑޮކްޓަރު މިއަދު ދެއްކި ވާހަކަތަކުން ބައްޕަ މި ހުންނަނީ ވަރަށް ބޮޑަށް ދެރަވެފައޭ. " ރިޒާ ބުނެލިއެވެ.
ދާއިންއާ ނަދީމް ސުވާލުގެ ނަޒަރަކުން ރިޒާއަށް ބަލަމުން ދިޔައެވެ.
" މީގެ ފަހުން މަންމަ ގެންގުޅެން ޖެހެނީ ވަރަށް ބަލައިގެން. އެއްޗެއް ބުންޏަސް ވަރަށް ވިސްނާފައި ނޫނީ މަންމައާ ދިމާލަށް އެއްޗެއް ނުބުނާތި. ހާޓްއެޓޭކެއް ޖެހުމުގެ ފުރުސަތު އަދިވެސް ވަރަށް ބޮޑު ކަމަށް ވަނީ. ވީހާ ވެސް ބޮޑަށް އުފަލުގައި، ހިތްހަމަ ޖައްސައިގެން ގެންގުޅެން ޖެހެނީ. އެހެންވީމަ ތި ދެ ކުދިން ވެސް ދިރިއުޅުމުގެ ކަންތައްތައް ނިންމާއިރު، މަންމަގާތު ވާހަކަ ދައްކަން ވާނީ ވަރަށް ވިސްނާފަ. މަންމަގެ ފުރާނައަށް ނުރައްކާވެދާނެކަން އަބަދުވެސް ހަނދާނުގައި ބަހައްޓާތި." ރިޒާ ބުންޏެވެ.
އޭނާގެ މާޔޫސީ ރާގުން ނަދީމްގެ އިތުރުން ދާއިން ވެސް އިނީ ދެރަވެފައެވެ.
މަދީހާ ވަތް އިރު އަރޫޝާ އުޅެނީ ދަތުރު ހަދާށެވެ. އޭނާއަށް މަދީހާ ފެނުމާއެކު ބާރުބާރަށް ގޮސް މަދީހާގެ ގައިގައި ބައްދާލިއެވެ. އެއާއެކު އޭނާގެ ދެ ލޮލުން އުފާވެރި ކަމުގެ ކަރުނަތައް ފައިބަން ފެށިއެވެ.
" އަލްޙަމްދުލިﷲ. އަހަރެން ވަރަށް އުފާވެއްޖެ މަންމައަށް ގެއަށް އާދެވުނީމަ." މަދީހާގެ ދެ އަތުގައި ހިފައިގެން ހުރެ އަރޫޝާ ބުންޏެވެ.
" މަންމަ މި އައީ ވަރަށް ބޮޑު ވާހަކައެއް ދައްކަން ވެގެންނޭ. ރަށަށް ދިޔުމުގެ ކުރިން މިހެން ބައްދަލް ކުރެވޭނެބާއޭ ހިތަށް އަރައަރާ މި ހުންނަނީ!" މަދީހާ ބުންޏެވެ.
" މަންމާ! ވާހަކަތައް ދެއްކި ދާނެ ރަށަށް ގޮއްސަ ވެސް. އަދިކިރިޔާ ހޮސްޕިޓަލްއިން ތި އާދެވުނީ. އެހެންވީމަ މި ވަގުތު ޖެހޭނީ އެއްޗެއް ކައިގެން ފެންވަރައިގެން ރެސްޓް ކޮށްލަން. " އަރޫޝާ ބުނެލީ މަދީހާގެ ދެ ކޮނޑުގައި ހިފަހައްޓާލަމުންނެވެ.
ނަމަވެސް އަރޫޝާގެ ވާހަކަތަކަށް މަދީހާ ތާއީދެއް ނުކުރިއެވެ. އަރޫޝާގެ ދެ އަތުގައި ހިފައި އޭނާގެ ކޮނޑުން ނައްޓުވައިލަމުން މަދީހާ ވާހަކަ ފެށިއެވެ.
" ވަގުތެއް ނެތޭ ދަރިފުޅާ އަރޫޝާ! ރަށަށް ދިޔުމުގެ ކުރިން މި ވާހަކަތައް ކޮންމެހެން ވެސް އަރޫޝާއަށް އެނގެން އެބަޖެހެޔޭ!" މަދީހާ ބުނެލީ ބާރަށެވެ. އެއާއެކު އަރޫޝާގެ ހަރަކާތްތައް ހުއްޓިއްޖެއެވެ. ސުވާލުގެ ނަޒަރަކުން އޭނާ މަދީހާއަށް ބަލަހައްޓައިގެން ހުއްޓާ، މަދީހާ ވާހަކަ ފެށިއެވެ.
" ޒައިނާއޭ ކިޔައިގެން ނަދީމް އެއްވެސް ވާހަކައެއް ދަރިފުޅު ގާތު ދެއްކިތަ؟" މަދީހާ ބުންޏެވެ.
މަދީހާގެ ދެ ލޮލުން ފެންނަމުންދަނީ ކަންބޮޑުވުމުގެ އަސަރުތަކެވެ. އޭނާ ހުރީ އަރޫޝާގެ ޖަވާބަކަށް އެދި ކެތްމަދުވެފައިކަން އެ މޫނަށް ބަލައިލުމުން ދޭހަވެއެވެ.
" މަންމާ! އަހަންނަށް ނަދީމް ހުރިހާ އެއްޗެއް ކިޔައިދީފި. " އަރޫޝާ ބުންޏެވެ.
" ކިޔައިދީފިއޭ؟ ދެން ކީއްވެ ތިހާ ހަމަޖެހިގެން ތި ހުންނަނީ؟ ދަރިފުޅުގެ މަގާމޭ އެ ޒައިނާ ޖަހައިގަންނަން އެ އުޅެނީ؟ ދެ އަނތްބަށް އިންނަން ވެސް ޒައިނާ އެ ހުރީ ތައްޔާރަށް. އޭނަ އެ ހުންނަނީ ނަދީމްއާ ހެދި ހޭބަލިވެފަ." މަދީހާ ބުންޏެވެ.
" އެކަމަކު އަހަންނަށް ހީވަނީ އަހަންނަށް މި ޖަހައިގަނެވުނީ ޒައިނާގެ މަގާމްހެން. " އަރޫޝާ މަޑުމަޑުން ބުނެލި ޖުމްލައިން މަދީހާއަށް ސިހުން ލިބުނު ކަހަލައެވެ.
ހައިރާންވެފައި ހުރެ މަދީހާ އަރޫޝާއަށް ބަލަމުން ދިޔައެވެ. އަރޫޝާ ކިޔަން އުޅެނީ ކީކޭ ކަމެއް ނޭނގި އޭނާ ހާސްވަމުން ދިޔައެވެ.
" ނަދީމް ވެސް ޒައިނާދެކެ ވަރަށް ލޯބިވޭ. އަސްލު އަހަންނަށް ހަމަ އޯކޭ އޭ އެ ދެ މީހުން ކައިވެނި ކުރިޔަސް. " އަރޫޝާ ބުންޏެވެ.
" އަރޫޝާ! " މަދީހާއަށް ބުނެވުނީ ހިތްހަމަ ނުޖެހި ހުރެއެވެ.
ހަމަ އެވަގުތެވެ. ޒައިނާ ދެއްކި ވާހަކަތައް އޭނާގެ ހަނދާނަށް އަންނަން ފެށިއެވެ. އަރޫޝާއާ ނަދީމްއާ ދެމެދު އެއްވެސް ގުޅުމެއް ނެތްކަމުގެ ވާހަކަތަކެވެ. އެހެންވެ، އެކަމުގެ ހަގީގަތް ހޯދަން ވެސް މަދީހާ ބޭނުން ވެއްޖެއެވެ.
" ޒައިނާ ބުނި ނަދީމްއާ އަރޫޝާ އެއްވެސް ގުޅުމެއް ނޯވެޔޭ. ދެ މީހުން ނިދަނީ ވެސް ވަކިންނޯ! އެއީ ތެދެއްތަ؟" މަދީހާގެ ސުވާލުން މި ފަހަރު އަރޫޝާއަށް ސިހުން ލިބުނެވެ.
ލިބުނު ހައިރާންކަމާއެކު އޭނާ އިންތިހާއަށް ދެރަވެސް ވިއެވެ. މަދީހާގެ ކުރިމަތީގައި އިސްޖަހާލީ ބޭއިހްތިޔާރުގައި ފެންކަޅިވާން ފެށުމުންނެވެ. ނަމަވެސް އެތެރެއަށް ނޭވާ ހިފަހައްޓާލައިގެން ހުރެ އޭނާ ކަރުނަތައް ކޮންޓްރޯލް ކުރިއެވެ. އަދި ފުންނޭވާއެއް ދޫކޮށްލަމުން ހިނިތުންވެލީ ގަދަކަމުންނެވެ.
" އަހަރެމެން ކައިވެނި ކުރީ މަންމަމެންގެ އެދުމުގެ މަތިން ހަމަ ވަރަށް ކުއްލި ގޮތަކަށް ދޯ؟ އެހެންވީމަ ދެ މީހުން ދަސްކުރަން ވަގުތު ނަގާނެ އެއްނު. އަދި ރަނގަޅުވާނެޔޭ މަންމާ!" އަރޫޝާ ވާހަކަ ދެއްކީ ކުޑަކުއްޖަކު ފަދައިންނެވެ.
" ދެން ޒައިނާއާ ނަދީމް ކައިވެނި ކުރީމަ ނަދީމްއަށް ދަރިފުޅު ނުވެސް ފެންނާނެ އެއްނު." މަދީހާ ބުންޏެވެ.
" މަންމަ ވިސްނަނީ ހަމައެކަނި އަހަންނާމެދުތަ؟ މަންމަ ކީއްވެ ނަދީމްއާމެދު ނުވިސްނަނީ؟ އެއީ މަންމަގެ އުފަން ދަރިއެއްނު! އޭނަ ޒައިނާދެކެ ވަރަށް ލޯބިވޭ. ކައިވެނިކުރަން ވެސް ބޭނުންވޭ! އަނެއްކާ ޒައިނާ އެހުރީ ރަށަށް ގޮސް ނަދީމްއަށްޓަކައި. އަހަރެން ބޭނުމެއް ނޫން އެ ދެ މީހުންގެ ހުރަހަކަށް އަހަރެން ވާކަށް. އެ ކަންތައްތައް އެނގުނީމަ އަހަރެން މި ހުންނަނީ ބޯ ގޮވާފައި. އަހަންނަށް ދެން ހިތްހަމަ ޖެހުމެއް ވެސް އުފަލެއް ވެސް ލިބޭނީ އެ ދެ މީހުން ގުޅުނީމަ." އަރޫޝާ ވާހަކަ ދެއްކީ އަވަސް އަވަހަށެވެ. މަދީހާ ހުރީ ބުނާނެ އެއްޗެއް ނޭނގި ބަސް ހުއްޓިފައެވެ.
" މަންމަ ވެސް ބޭނުންވަނީ ގޭތެރޭގެ އުފާވެރިކަމެއްނު. އަހަރެމެން އެންމެން އުފަލުގައި އުޅޭކަށްނު. ދެ އަނތްބަށް އިނުމަކީ މައްސަލައެއް ނޫނޭ. އެއް ގެ އެއްގައި ވެސް ދެ އަނތްބަށް އިނދެގެން އުޅެވިދާނެ. މަންމާ ހެޔޮނުވާނެ. ނަދީމްއާ ޒައިނާގެ ކައިވެންޏަށް މަންމަ ރުހުން ދީބަލަ! އޭރުންނޭ އަހަރެންގެ ހިތަށް ވެސް ހަމަޖެހުމެއް ލިބޭނީ. " އަރޫޝާއަށް ރޮވިއްޖެއެވެ.
މޫނުގައި އަތް އަޅައިގެން އޭނާ އެނދުގައި އިށީނދެ މަޑުމަޑުން ގިސްލަމުން ދިޔައެވެ. މަޑުމަޑުން ހިނގާފައި ގޮސް މަދީހާ އިށީނީ އަރޫޝާއާ ދާދި ގާތުގައެވެ. އަދި އަރޫޝާގެ ކޮނޑުގައި އޭނާ އަތްޖައްސާލިއެވެ.
" މަންމަ ވިސްނަނީ ހަމައެކަނި ދަރިފުޅާމެދު" މަދީހާ ބުންޏެވެ.
މަދީހާގެ އަޑަށް އަރޫޝާ ދެ އަތުން މޫނު ފުހެލުމަށްފަހު ބަލައިލިއެވެ.
" އަހަރެން ބޭނުންވަނީ މި އާއިލާގެ އެންމެން ވެސް ހަމަޖެހިގެން އުޅެން. މި އާއިލާ ނޫން އަހަރެންގެ ވަކި ތިބީ ކޮންބައެއްތަ މަންމާާ؟ ރަށަށް ގޮސް މަންމައާ ޒައިނާއާ ދެމެދު ހަމަނުޖެހުން ފެށުނިއްޔާ އާއިލާގެ މަސްލަހަތު ވަރަށް ގޯސް ވާނެ ދޯ! " އަރޫޝާ ބުންޏެވެ.
އަރޫޝާގެ ނިންމުމާމެދު އަދިވެސް މަދީހާ އެއްޗެއް ނުބުނެއެވެ.
" ޒައިނާއަކީ ވެސް އަހަރެމެން ކަހަލަ އަންހެނެކޭ މަންމާ! އަހަރެމެންނަށް ކިހިނެއް އަންހެނަކު ނިކަމެތި ކުރޭވޭނީ؟ ނަދީމްއާ ނީނދެވުނިއްޔާ އޭނަ ދެން ގޮސް ވަންނާނީ ކޮންތާކަށް؟ މަންމާ އަހަންނަކަށް އެހާ ރަހުމް ކުޑައެއް ނުކުރެވޭނެ. ދުނިޔެއަކީ ވަގުތީ ތަނެއް. މިތަނުން ލިބޭނީ ވެސް ހުސް ވަގުތީ އުފާ! އެހެންވީމަ ހެވެއް ލިބެން އޮތް ގޮަތަކަށް އުޅެގެން ދެރައެއް ނުލިބޭނެ." މަދީހާއަށް ވިސްނައިދެވޭތޯ އަރޫޝާ ވަރަށް މަސައްކަތް ކުރިއެވެ.
މަދީހާ އެއްޗެއް ނުބުނެ އުޅެނިކޮށް ކުއްލިއަކަށް ކޮޓަރި ދޮރު ހުޅުވުނު އަޑަށް ސިހިފައި ދެ މީހުންނަށް ވެސް ބަލައިލެވުނެވެ. އޭރު ރިޒާ އެތެރެއަށް ވަދެއްޖެއެވެ.
" އެއްޗެއް ކައިގެން ފުރަން އުޅެން ވީއޭ! " ރިޒާ ބުންޏެވެ.
އެއާއެކު މަދީހާއާއި އަރޫޝާގެ މޫނުމަތީގެ ކުލަވަރު ފެނި ރިޒާ ހާސްވެއްޖެއެވެ. އޭނާ ބިރުގަންނަނީ މަދީހާ ބަލިވެދާނެތީއެވެ. އެ ދެ މީހުން ތިބި ގޮތުން ކޮންމެވެސް ވާހަކައެއް ދެކެވިއްޖެކަން ރިޒާއަށް އެނގުނެވެ.
" ދެ މީހުން ކީއްވެފަ ތި ތިބެނީ؟ " ރިޒާ އެހިއެވެ.
" ޒައިނާއާ ނަދީމް ކައިވެނިކުރިޔަސް އަހަންނަށް މައްސަލައަކަށް ނުވެޔޭ މި ބުނީ. އަހަރެންގެ ހިތްހަމަ ޖެހުމަށްޓަކައިވެސް މަންމައާއި ބައްޕަ އެކަމަށް އިންކާރު ނުކޮށްބަލަ." އަރޫޝާ ބުންޏެވެ.
ރިޒާއަށް ބަލައިލެވުނީ މާޔޫސްވެފައި އިން މަދީހާއަށެވެ. އެ ވަގުތު މަދީހާ ތެދުވެއްޖެއެވެ. އަދި އަރޫޝާގެ ބޮލުގައި ފިރުމާލުމަށްފަހު ހީލިއެވެ.
" ހުރިހާ ދަރިންނަށް ވެސް ރަނގަޅުގޮތް މަންމަ އެދެނީ. " މަދީހާ ބުނެލީ ހަމައެކަނި އެހެންނެވެ. އެއަށްފަހު ރިޒާއަށް ބެލުމެއްނެތި އޭނާ ނިކުމެެގެން ދިޔައެވެ.
" ދަރިފުޅު ދެން އެކަމާގުޅިގެން އެއްވެސް ވާހަކައެއް ނުދައްކާތި އިނގޭ. މަންމަ އެއްޗެއް ބުނަން ބޭނުން ވަންދެން ބަހައްޓާ! މިހާރު މަންމަ ހާސްވެ ކަންބޮޑުވާ ކަހަލަ ކަންތައްތައް ކުރުން އެހާ ރަނގަޅެއް ނުވާނެ. ދެން ނަދީމް ވެސް ޖެހޭނީ މަންމަ ނުގަބޫލު ވަންޏާ އެކަން ހުއްޓަން. " ރިޒާ ބުންޏެވެ.
އެއާއެކު އަރޫޝާ ސިހިފައި ރިޒާއަށް ބަލައިިލިއެވެ. އަރޫޝާ ބަލަމުން ދާ ގޮތުން އޭނާ އިތުރަށް ވާހަކަ ދައްކަން ބޭނުންވެފައި ހުރިކަން ރިޒާއަށް އެނގުމުން އޭނާ މަޑު ކުރުމެއް ނެތި އަވަސް އަވަހަށް ނިކުމެއްޖެއެވެ.
ޒައިނާ ހުރީ ނަދީމް ދެކިލާ ހިތުން ކެތްމަދުވެފައެވެ. ލޯންޗް ފުރީއްސުރެ އޭނާގެ ހިތަކަށް ހަމަޖެހުމެއް ނުލިބެއެވެ. ނަދީމްގެ އަނތްބަކަށްވުމުގެ ހުވަފެންތައް ދެކެމުން ދާތާ އެތައް ދުވަހެއް ވެއްޖެއެވެ. އެ ހުވަފެންތަކުގައި ކުލަ ޖެހެން މާ ގިނަ ދުވަހެއް ނެތޭ އަބަދުވެސް އޭނާގެ ހިތަށް އަރައެވެ.
ކުރަމުން ދިޔަ އިންތިޒާރުގެ ނިމުން އައި އިރު އިރު އޮއްސި އަނދިރި ވެއްޖެއެވެ. ދޮރާށި ހުޅުވުނު އަޑަށް ސޯފާގައި އިނދެ ޒައިނާ ފުންމައިގެން ތެދުވެއްޖެއެވެ. އަވަސް އަވަހަށް ގޮސް ދޮރު ކައިރީ ހުއްޓުނު އިރު މަދީހާއާއި އަރޫޝާގެ އިތުރުން ރިޒާ އެތެރެއަށް ވަދެގެން އާދެއެވެ. ހިނިތުންވާން ބޭނުންވި ނަމަވެސް މަދީހާ ފެނުމާއެކު އޭނާ ޖެހިލުންވިއެވެ.
ޒައިނާ އެއް ފަރާތަކަށް ޖެހިލުމާއެކު ރިޒާއާއި މަދީހާ އެތެރެއަށް ވަނެވެ. ފަހަތުން ވަތް އަރޫޝާ ޒައިނާއަށް ބަލައިލި ގޮތުން އޭނާގެ ހިތް ނުތަނަވަސް ވެގެން ދިޔައެވެ. ހިނިތުންވުމެއް ނެތް އަރޫޝާގެ މޫނުމަތިން ޒައިނާއަށް ފެނުނީ މާޔޫސްވެރިކަމެވެ.
" ދައް...ތާ! ސައި ހަދާފަ ހުންނާނެ." ސޯފާގައި މަދީހާ އިށީނުމާއެކު ޒައިނާ އަވަސް އަވަހަށް ބުނެލިއެވެ.
އޭރު އަރޫޝާ ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. ޒައިނާ އެހެން ބުނެ ސޯފާގެ ފުރަގަހުގައި ހުއްޓުނެވެ.
" އެންމެން އައީމަ ސައިބޯނީ. ނަދީމްއާއި ދާއިން އެބަ އާދޭ ލޯންޗަށް ލާރި ދައްކާފަ." ޖަވާބު ދިނީ ރިޒާއެވެ.
މަދީހާ އަނގައިން ނުބުނުމުން ޒައިނާ ހުރީ ކަންބޮޑުވެފައެވެ.
" ބަންގި ވެސް ގޮވައިފިއެއްނު. މަދީހާ ވެސް ހިނގާ ފެންވަރައިގެން ނަމާދުކޮށްލަން. އެހާ ގިނަ އިރު ލޯންޗްގައި އިނީމަ ގައިގައިވެސް ރިއްސާނެއެއްނު." ރިޒާ ބުންޏެވެ.
" ރިޒާ ދޭ! އަހަރެން މި ދަނީ އިރުކޮޅަކުން." މަދީހާ ބުންޏެވެ.
އެއާއެކު ރިޒާ ތެދުވެއްޖެއެވެ. ވަގުތަކީ ނަދީމްއާއި ދާއިން އައިސް ވަތް ވަގުތެވެ.
" ފެންވަރައިގެން ނަމާދު ކުރަން އުޅޭ އަވަހަށް. ސައިބޯން ނިކުމޭ ނަމާދު ކޮށްގެން. ވަގުތެއް ނެތް ދެން." އެންމެންގެ މޫނަށް ވަކިވަކިން ބަލައިލުަމަށްފަހު ރިޒާ ތަންކޮޅެއް ބާރަށް ބުންޏެވެ.
ނަދީމް ފެނުމުން ޒައިނާ ހުރީ ނޭވާ ހިފަހައްޓާލައިގެންނެވެ. ނަމަވެސް މަދީހާ ސިޓިންރޫމްގައި އިނުމުން ނަދީމްއަށް އިސް އުފުލައި ޒައިނާގެ މޫނަށް ބަލައިލާކަށް ވެސް ނުކެރުނެވެ. އޭނާ އަވަސް އަވަހަށް ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. ޒައިނާއަށް ބަލައިލެވުނީ ދެން ދާއިންއަށެވެ. އެއަށްފަހު އޭނާ ހީލުމުން ރައްދުގައި ދާއިން ވެސް ހިނިތުންވެލިއެވެ. އިތުރަށް މަޑުކުރުމެއްނެތި ޒައިނާ ގޮސް އޭނާގެ ކޮޓަރިއަށް ވަދެއްޖެއެވެ.
" އަހަރެން ފެންނަ ކަމަށް ނެހެދީ ކީއްވެ؟" ޑްރެސިންޓޭބަލް މަތީ އޮތް ފޯން ވައިބްރޭޓް ވުމާއެކު ނަދީމް މެސެޖް ކިޔާލީ މަޑުމަޑުންނެވެ.
އޭރު އަރޫޝާ ނަމާދުކޮށް ނިމިއްޖެއެވެ. ލޯގަނޑު ކުރިމަތީ ހުރެ ނަދީމް އަރޫޝާއަށް ބަލަމުން ދިޔައީ ލޯގަނޑުންނެވެ.
" އަހަރެން ވަރަށް ބަނޑުހައިވެއްޖެ. " ނަދީމް ބުނެލިއެވެ.
" ޒައިނާ ބުނި ސައި ހެދި ވާހަކަ. " އަރޫޝާ އަވަސް އަވަހަށް ބުންޏެވެ.
އެ ވަގުތު ނަދީމް ކުރު ހިނިގަނޑެއް ޖަހާލަމުން އަރޫޝާއާ ދިމާލަށް އެނބުުނެވެ.
" ތީގެ މާނައަކީ ދެން އަހަންނަށް އެއްވެސް ހިދުމަތެއް ނުދޭނަމޭތަ؟" ނަދީމް ހުރީ ވާހަކަ ދައްކާ ހިތުންކަން އޭނާގެ ރާގުން ދޭހަވެއެވެ.
" އަހަރެން މި ބުނީ ޒައިނާ ބުނި އެއްޗެއްގެ ވާހަކަ. އެންމެންނަށް ސައި ހަދައިގެން އޭނަ އެ ހުރީ. " އެހެން ބުނެ އަރޫޝާ އައިސް ޑްރެސިންޓޭބަލް ކައިރީ ހުއްޓުނެވެ.
" ނަދީމް ގޮސް ސައިބޯލާ! އަހަރެން ވަރަށް ބޮޑަށް ބޮލުގައި ރިއްސާތީ ބޭނުމީ ޖައްސާލަން." އަރޫޝާ ބުންޏެވެ.
" އެއްޗެއް ކައިގެން ބޭސް ކާލީމަ ރަނގަޅުވާނީ. އަދި ވާހަކައެއް އަހަންތަ؟ އަހަރެންދެކެ ހިތްހަމަ ނުޖެހިފައިތަ؟" ނަދީމް ބުންޏެވެ.
" ނޫން. އަހަންނަކީ މީހުންދެކެ ހިތްހަމަ ނުޖެހިގެން އުޅޭނެ މީހެއް ނޫން. ހިތްހަމަ ނުޖެހެންޏާ ދިމާލަށް ބުނާނަން ހިތްހަމަ ނުޖެހޭ ސަބަބު ވެސް." އަރޫޝާ މަޑުމަޑުން ބުނެލިއެވެ.
ހަމަ އެވަގުތެވެ. ދޮރުގައި ޓަކި ޖަހާލުމަށްފަހު ސައިބޯން އައުމަށް ރިޒާ ގޮވާލިއެވެ. ދެން ނުގޮހެއް ނުވާނެކަން އަރޫޝާއަށް އެނގުނެވެ. އެހެންކަމުން އޭނާ ލަސްނުކޮށް ހިނގައިގަތެވެ. ފަހަތުން ނަދީމް ވެސް ދިޔައެވެ.
އަރޫޝާއާ ނަދީމް ދިޔައިރު މޭޒުކައިރީގައި ޒައިނާ ފިޔަވައި އެންމެން ތިއްބެވެ. ޒައިނާއާ ބެހޭ ގޮތުން ސުވާލު ކުރާކަށް އެކަކަށް ވެސް ނުކެރުނެވެ. މާލެއިން ފުރީއްސުރެން ވެސް މަދީހާގެ މޫޑު ރަނގަޅު ނޫންކަން އެންމެންނަށް ވެސް ފާހަގަ ކުރެވުނެވެ. އެހެންވެ، އެކަމާ ގުޅިގެން އެއްވެސް ސުވާލެއް ކުރާކަށް އެކަކަށްވެސް ނުކެރެއެވެ.
އަރޫޝާ އިށީންނަމުން ވަގު ލޮލަކުން ދާއިންއަށް ބަލައިލީ، އިށީންނަން ޖެހުނީ ދާއިންގެ ކުރިމަތީގައި ކަމަށް ވުމުންނެވެ. އޭރު ވެސް ދާއިން އިނީ ސީދާ އަރޫޝާގެ މޫނަށް ބަލާށެވެ. އެ ދެ ލޮލުގައިވާ ވަރުބަލިކަމާއެކު އަރޫޝާއަށް އެތައް ވާހަކަތަކެއް ބުނެދޭހެން އޭނާއަށް ހީވިއެވެ. އެހެންކަމުން ދެ ވަނަ ފަހަރަށް ވެސް އަރޫޝާއަށް ދާއިންގެ މޫނަށް ބަލައިލެވުނެވެ. މި ފަހަރު އޭނާވެސް އެ ނޫން އެހެން ދިމާލަކަށް ބަލައިލާ ހިތެއް ނުވިއެވެ.
" ނަދީމް ދޭބަލަ ޒައިނާ ގޮވައިގެން އަންނަން." ތަނަށް ވެރިވެފައިވަ ހަމަހިމޭންކަން ފޫއަޅުވާލީ މަދީހާއެވެ.
އެއާއެކު އެންމެންނަށް ވެސް ލިބުނީ ކުއްލި ހައިރާންކަމެވެ. ނަދީމްއަށް ސިހިފައި ބަލައިލެވުނީ އަރޫޝާގެ މޫނަށެވެ.
( ނުނިމޭ )
މި ވާހަކަ ގެނެސްދޭނީ ކޮންމެ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެވެ
ކިޔުންތެރިންގެ ޚިޔާލުތައް
V v v reethi..sifakurun hama 1000% adhives madhee genesdhey dhuvasthah… Konme dhuvahaku y.kiyan beynunvey salaage stor
Varah reethi