ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާއާއި ރެއާލް ބެޓިސް ބައްދަލުކުރި މެޗު އެއްވަރުވެ އެ ޓީމަށް ދެ ޕޮއިންޓް ގެއްލުމުގެ ފައިދާނަގައި ރެއާލް މެޑްރިޑުން ނަގައިފިއެވެ.
ރޭ ރަށުން ބޭރުގައި ބާސާއާއި ރެއާލް ބެޓިސް ބައްދަލުކުރި މެޗު ނިމުނީ 2-2 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ ބާސާއިންނެވެ. މެޗުގެ 39 ވަނަ މިނެޓުގައި ކޫންޑޭ ތަނަވަސް ކޮށްދިން ފުރުސަތެއްގައި މި ލަނޑު ކާމިޔާބު ކޮށްދިނީ ލެވަންޑޯސްކީއެވެ. މިއީ އޭނާ ލީގުގައި ޖެހި 16 ވަނަ ލަނޑެވެ.
ބެޓިސްއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ 68 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީންނެވެ. ޕެނަލްޓީން މި ލަނޑު ޖަހައިދިނީ ލޮ ސެލްސޯއެވެ. މި ޕެނަލްޓީ ބެޓިސްއަށް ލިބިފައި ވަނީ ބެޓިސްގެ ވިކްޓަރ ރޯކޫ ހުއްޓުވުމަށް މަސައްކަތް ކުރުމުގެ ތެރެއިން ބާސާ އޭރިއާތެރެއިން ޑިޖޮން ކުރި ފައުލަކަށެވެ. އެއީ ޕެނަލްޓީއެއް ކަމަށް ރެފްރީ ނިންމާފައި ވަނީ ވީއޭއާރުން ބެލުމަށް ފަހުއެވެ. އެ ވަގުތު ބާސާގެ ކޯޗް ހަންސީ ފްލިކް ހުތްހަމަ ނުޖެހުން ފާޅުކުރުމާއި ގުޅިގެން ރެފްރީ ވަނީ އޭނާއަށް ރަތްކާޑު ދައްކާފައެވެ.
އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު ނަމަވެސް މެޗުގައި ދެވަނަ ފަހަރަށް ވެސް ލީޑު ނެގީ ބާސާއެވެ. މެޗުގެ 82 ވަނަ މިނެޓުގައި ޔަމާލް ތަނަވަސް ކޮށްދިން ފުރުސަތެއްގައި މި ލަނޑު ޖަހައިދިނީ ފެރާން ޓޯރޭސްއެވެ. ބެޓިސް އަށް މެޗުގެ ދެވަނަ ލަނޑު އިތުރު ވަގުތުގެ ތެރޭ ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޑިއާއޯއެވެ.
ރޭ ރަށުން ބޭރުގައި ރެއާލުން ވަނީ 3-0 ގެ ނަތީޖާއިން ޖިރޯނާ ބަލިކޮށްފައެވެ. މި މެޗުގައި ރެއާލަށް ގޯލުތައް ޖަހައިދިނީ ބެލިންހަމް، ގުލާގެ އިތުރުން އެމްބާޕޭއެވެ.
ރެއާލަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެން ދެ ޕޮއިންޓްގެ ލީޑަކާއިއެކު ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތީ ބާސާއެވެ. އެ ޓީމަށް 17 މެޗުން 38 ޕޮއިންޓް ލިބިފައިވާއިރު ދެވަނާގައި ރެއާލް އޮތީ 16 މެޗުން 36 ޕޮއިންޓް ހޯދައިގެންނެވެ. މެޗު ހަމަވާއިރު ޕޮއިންޓް ތާވަލުގެ އެއްވަނާގައި އެއް ޕޮއިންޓްގެ ލީޑެއް ހޯދުމުގެ ފުރުސަތު މިހާރު ރެއާލަށް އޮތީ ތަނަވަސް ވެފައެވެ.