ކުރިއަށް އޮތް 2025 އައި 2026 ވަނަ އަހަރަކީ، މި ސަރުކާރުގެ ވަޢުދުތައް ފުއްދުމުގެ ޢަމަލީ މަސައްކަތް ހިނގާނޭ ދެއަހަރުކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، އަރިއަތޮޅު އުތުރުބުރިއާއި މާލެ އަތޮޅުގެ ބައެއް ރަށްތަކަށް އެމަނިކުފާނު މިއަދު ފެއްޓެވި ދަތުރުފުޅެއްގައި ފުރަތަމަ މަންޒިލެއްގެ ގޮތުގައި އއ.ތޮއްޑޫ އަށް ވަޑައިގެން ތޮއްޑޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، 2025 ވަނަ އަހަރާއި 2026 ވަނަ އަހަރު ވެގެންދާނީ، ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ރަށްރަށަށް ވަޑައިގެން ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދެވުމުގެ ޢަމަލީ މަސައްކަތް ހިނގާނޭ ދެ އަހަރަށެވެ.
ރައީސް ވިދާޅުވިގޮތުގައި މި ނިމޭ 2024 ވަނަ އަހަރު ރައްޔިތުން އުންމީދުކުރި މިންވަރަށް މަސައްކަތްތައް ކުރިއަށް ނުދިޔަ ސަބަބުތަކަކީ ފޮރުވިފައިވާ ކަމެއް ނޫނެވެ. އަދި 2024 ވަނަ އަހަރު ސަރުކާރުން ތަންފީޒުކުރަން ޖެހިވަޑައިގަތީ، މިދިޔަ ސަރުކާރުގެ ފިނޭންސް މިނިސްޓަރު، މި ދިޔަ ސަރުކާރުގެ އަޣުލަބިއްޔަތު އޮތް މަޖިލީހަކަށް ހުށަހަޅުއްވައިގެން، އިންތިޤާލީ މަރުޙަލާގެ ހުށަހެޅުންތަކަށް ރިޢާޔަތްކުރުމެއް ނެތި، މަސައްކަތް ކުރިއަށް ނުގެންދެވޭގޮތަށް، ފާސްކުރި ބަޖެޓެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އެހެންވީމާ ސަރުކާރަށް މި އަހަރުތެރޭގައި މަސައްކަތްތައް ކުރުމުގައި ދިމާވި އެންމެ ބޮޑު ހުރަހަކަށްވީ، ސިޔާސީ ވިސްނުމެއްގައި، މި ސަރުކާރަށް އުނދަގޫ ކުރުމަށްޓަކައި، އޭރުގަ އޮތް މަޖިލީހުން ފާސްކޮށްފައި އޮތް ބަޖެޓު. އިރާދަކުތެއްވިއްޔާ އެކަން މިހާރު މި ނިމުނީ،" ރައީސް ވިދާޅުވިއެވެ.
ދެން ތަންފީޒުކުރަން ފައްޓަވާނީ، މި ސަރުކާރުން ރައްޔިތުންނަށްޓަކައި ވެވަޑައިގެންފައި ހުރި ވަޢުދުތައް ފުއްދެވުމަށްޓަކައި މި ސަރުކާރުގެ އަޣުލަބިއްޔަތު އޮތް މަޖިލީހުން ފާސްކުރެއްވި ބަޖެޓުކަމަށާއި، ކުރިއަށް އޮތް ދެ އަހަރުދުވަހުގެ ތެރޭގައި މުޅި ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި، ބަހާލެވިގެން، ތަރުތީބެއްގެ ތެރެއިން، ރިޔާސީ ހުރިހާ ވަޢުދެއްގެ މަސައްކަތް ޢަމަލީގޮތުން ފަށްޓަވައި، އެކި މަޝްރޫޢުތައް ނިމެމުން ވެސް ދާނެކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!