ސިލްސިލާ ވާހަކަ: ލޯބިވިޔަސް (21)

loabi viyas

ކުރީގެ އަދަދާއިގުޅޭ،

އެވަގުތު ކުއްލިއަކަށް ނަދީމް ނިކުތްތަން ފެނުނެވެ. އެއާއެކު ދާއިންއަށް ތެޅިގަނެވުނެވެ. ބިރުން ހުރި ވަރުން ކޮޅަށް ވެސް ތެދުވެވުނެވެ. އޭރު ނަދީމްގެ ނަޒަރު ހުއްޓިފައި ހުރީ އިސްޖަހައިގެން ރޯން އިން އަރޫޝާއަށެވެ. 

ނަދީމް އައިސް ސޯފާ ކައިރީ ހުއްޓުނު ވަގުތަކީ ރިޒާ ވެސް ކޮޓަރިން ނިކުތް ވަގުތެވެ. ދުރުގައި ހުރެ އޭނާ ވަކިވަކިން ފަހަރަކު މީހެއްގެ މޫނަށް ބަލައިލިއެވެ. އިސްޖަހައިގެން އިން އަރޫޝާ ފެނި، ރިޒާ ލަސް ނުކޮށް އެތަނަށް އައިސް ހުއްޓިއްޖެއެވެ. އަދި ހައިރާންވެފައި ހުރެ އަރޫޝާއަށް ބަލަމުން ދިޔައެވެ.

" ކީއްވެ އަރޫޝާ ރޮނީ؟" ނަދީމް ސުވާލު ކުރީ ދާއިންއާއެވެ.

ބުނާނެ އެއްޗެއް ނޭނގި ހުރެ، ދާއިން ބަލައިލީ އަރޫޝާއަށެވެ. އެ ވަގުތު ރިޒާގެ ހިތަށް ނުތަނަވަސްކަން ވެރިވެގަތެވެ. އޭނާ އިންތިހާއަށް ކަންބޮޑުވެއްޖެއެވެ. އަރޫޝާއާއި ދާއިން ގުޅުމެއް އޮތް ކަމަށް ޝައްކު ކުރެވުނު ހަނދާންވެ، ޖެހިލުން ވެއްޖެއެވެ.

" ދަރިފުޅު މިހާރު މިއީ ރޯންވި ވަގުތެއް ނޫނެއްނު. މަންމަ ވެސް ރަނގަޅު ވަމުން އަންނަނީ. އިތުރަށް އެކަމާ ނުވިސްނާ." ރިޒާ އަވަސް އަވަހަށް ބުންޏެވެ.

އަރޫޝާ އެއްވެސް އެއްޗެއް ނުބުންޏެވެ. އިން ގޮތަށް އިނީއެވެ. 

" ހިނގާ ދާން ފިހާރައަށް ގޮސްލަން. އަރޫޝާ ދޭ ކޮޓަރިއަށް ކުޑަކޮށް ނިދާލެވޭތޯ ބަލާ." ރިޒާ ބުންޏެވެ.

ރިޒާއަށް ރަނގަޅަށް އެހެން ނުބުނެވެނީސް އަރޫޝާ ތެދުވެއްޖެއެވެ. އޭނާ އިނީ އެތަނުން ދާން އިންތިހާއަށް ބޭނުންވެފައެވެ.

އަރޫޝާ ދިޔުމާއެކު ރިޒާ އެނބުރިލީ ނިކުންނާށެވެ.އޭނާގެ ފަހަތުން ދާއިން ވެސް މަޑުމަޑުން ހިނގައިގަތެވެ. އޭރު ނަދީމް ހުރީ ރިޒާއާ ވާހަކަ ދައްކާލާނެ ފުރުސަތަކަށް އެދިއެދިއެވެ. ޒައިނާގެ ކޯލެއް އައުމުގެ ކުރިން ޒައިނާއާމެދު ގޮތެއް ނިންމަން ނަދީމް ހުރީ ބޭނުންވެފައެވެ.

" ބައްޕާ! " ނަދީމް ގޮވާލިއެވެ.

 ނަދީމްގެ އަޑުގެ ރާގުން އޭނާ ކޮންމެވެސް ކަމެއް ބޭނުން ވެފައި ހުރިކަން ރިޒާއަށް އެނގުނެވެ. ރިޒާ ހުއްޓުމާއެކު ދާއިން ވެސް ހުއްޓި ފަހަތް ބަލައިލިއެވެ.

" ބައްޕާ! ޒައިނާ ގޭގަ އެކަނި ހުންނަން ނުކެރިގެން އުޅެނީ. އަހަރެން ވެސް ވަރަށް ކަންބޮޑުވޭ އެކަމާ. މީހެއްގެ ފަރާތުން އުނދަގުލެއް ވެސް ވެދާނެތީ. " ނަދީމް ބުންޏެވެ.

ނަދީމްގެ ވާހަކަތަކަށް ދާއިންއަށް ވަރަށް ބޮޑަށް ސަމާލުކަން ދެވުނެވެ. ޒައިނާގެ ނަން ބުނުމާއެކު އޭނާ ހައިރާންވީ، އެ ކުއްޖާ އުޅެނީ ގޭގައިކަން އެނގުމުންނެވެ. 

" ބައްޕަ ވެސް އެއްފަހަރު މިހާރު ހިތަށް އަރައިފި ޒައިނާ މަތިން. ޒައިނާ މާލެ ގެންނަން ވީ އެއްނު. އޭނައަށް އޭނަގެ ގޭގައި ހުރެވޭނެ އެއްނު." ރިޒާ ހިޔާލު ދިނެވެ.

އެ ދެ ބަފައިންގެ ވާހަކަތަކަށް ދާއިން ނުހަނު ޝައުގުވެރިވެއްޖެއެވެ. ފާރުގައި ލެނގިލައިގެން އޭނާ ހުރީ ސީދާ ނަދީމްގެ މޫނަށް ބަލާށެވެ.

" ކޮން ޒައިނާއެއް؟" ދާއިން ސުވާލު ކުރީ ގަސްތުގައެވެ.

ޒައިނާއަކީ ނަދީމްގެ ސިއްރު ލޯބިވެރިޔާކަން ދާއިންއަށް އެނގުމުން އޭނާގެ ހިތުގައި އޭރު ވެސް އޮތީ ވަރަށް ބޮޑު ހިތްހަމަ ނުޖެހުމެއް އުފެދިފައެވެ.

" އެއީ ނަދީމްބެގެ ރައްޓެއްސެއް. ޗުއްޓީއެއްގައި ރަށަށް ޖައްސާލާފައި ހުރީ. މަންމަ ބަލިވެގެން އަހަރެމެން އެންމެން މި އައީ މާލެ ޒައިނާ ރަށުގައި ބަހައްޓާފައި. ހަނދާން ވާ ވަރެއް ނުވިއޭ. ލާނެ އެއްޗެއް ވެސް ނުގެނެސް މި އައީ." ރިޒާ ބުންޏެވެ.

އެހެން ބުނުމަށްފަހު އަނެއްކާ ވެސް ރިޒާ ހިނގައިގަތީ ނިކުންނާށެވެ. ނަމަވެސް އޭރު ނަދީމް ހުރީ ހަދާނެ ގޮތް ހުސްވެ، ޒައިނާގެ ހަގީގަތް ހާމަ ކުރާނެ ގޮތެއް ނޭނގިފައެވެ.

" ބައްޕާ!" އަނެއްކާވެސް ރިޒާ ހުއްޓުނީ ނަދީމް ގޮވާލުމުންނެވެ.

" ޒައިނާ... ޒައިނާ މާލެ އައިސް ހުންނާނެ ތަނެއް ނުހުންނާނެ މިހާރަކު. " ނަދީމް ބުންޏެވެ.

އެއާއެކު ރިޒާގެ މޫނުމައްޗަށް ހައިރާންކަން ވެރިވެގެން ދިޔައެވެ.

" އެއީ... އޭނަ މަންމަމެން ރާއްޖެއިން ބޭރަށް ދިޔައީ އުޅޭތަން ކުއްޔަށް ދީފައި. އެ މީހުން އެއްކޮށް ބަދަލުވީ." ނަދީމް ބުންޏެވެ.

" އެހެންތަ؟ އެހެންވިއްޔާ ޒައިނާ ކޮން އިރަކުން ދެން މަންމަމެން ގާތަށް ދަނީ؟ އަހަރެމެން އެންމެން މިތާ އުޅޭ އިރު ޒައިނާ އެކަނި ރަށުގައި ހުންނާކަށް ނުވާނެ. " ރިޒާ ބުންޏެވެ.

ރިޒާގެ ސުވާލަށް ޖަވާބު ދޭން ނަދީމްއަށް އުނދަގޫވިއެވެ. ނަމަވެސް ތެދު ހާމަ ކުރަން ނުކެރިގެން އޭނާ އަނެއްކާ ވެސް ބައްޕައަށް ހެދީ ދޮގެވެ.

" ޒައިނާ އަސްލު ބޭނުމެއް ނުވޭ އެހާ އަވަހަށް ދާކަށް. އޭނަ އެކޮޅުގައި ކިޔަވަން ފަށަން ވީމަ ދާނެ." ނަދީމް ބުންޏެވެ.

ރިޒާއަށް އަނެއްކާވެސް ލިބުނީ ހައިރާންކަމެވެ. އަންހެން ކުއްޖަކަށް، އޭނާގެ މައިންބަފައިން އެވަރުގެ ބޮޑު މިނިވަންކަމެއް ދިނީތީއެވެ. އަދި އެހާ ގިނަ ދުވަހު މައިންބަފައިންނާ ވަކިން އުޅެން ޒައިނާއަށް ވެސް ހެޔޮ ވީތީއެވެ.

" ދެން.. ތިކަމުގައި ބައްޕަ ކީކޭ ބުނާނީ؟ އަރޫޝާ އޮފީހަށް ނިކުންނަން ޖެހެނީ ކޮން އިރަކުން؟" ރިޒާ އެހިއެވެ.

ނަދީމްއަށް ދެ ކޮނޑު ހިއްލާލެވުނީ ނޭނގެޔޭ ބުނުމުގެ ގޮތުންނެވެ.

" އަދި އަހައެއް ނުލެވޭ."  ނަދީމް ބުންޏެވެ.

" އަރޫޝާ ރަށަށް ދިޔައީމަ ރަނގަޅުވާނެ އެއްނު. އޭރުން އަހަރެމެންނަށް ދެވެން ދެން އެ ދެ ކުދިންނަށް އުޅެވޭނެއެއްނު." ރިޒާ ބުންޏެވެ.

އެ ހިޔާލު ނަދީމްއަކަށް ކަމަކު ނުދިޔައެވެ. އަމުދުން ދާއިންގެ ހިތެއް ވެސް އެކަމަށް އެއްބަހެއް ނުވިއެވެ.

" އަރޫޝާ ހިއެއް ނުވެ މަންމަ ދޫކޮށް ނުލަނީސް ހިނގައިދާނެ ހެންނެއް." ދާއިންއަށް ބުނެވުނެވެ.

"  ކޮންމެ ގޮތެއް ވިޔަސް، ޒައިނާއަކީ އަހަރެން ގެނެސް ހުރި ކުއްޖެއް. ޒައިނާއަށް ކަމެއް ވިއްޔާ އަހަރެން ޖެހޭނެ ޒިންމާ ވާން. އަހަރެންގެ އަތަކު ނެތް ޒައިނާ މާލެ ގެނެސް ހަރަދު ކުރާނެ ލާރިއެއް. ދާއިން މިތާ ހުރިއްޔާ އަހަރެން ހިނގައިދާނަން ރަށަށް. ދެ ތިން ދުވަސް ތެރޭ މަންމަ ދޫކޮށްލާނެ އެއްނު. އޭރުން ރަށަށް ދެވޭނެ އެއްނު. " އަވަސް ހިތަކައިގެން ނަދީމް ވާހަކަ ދެއްކިއެވެ.

" ދެ ތިން ދުވަހު މަޑުކޮށްލަން ތި ބުނާ ޒައިނާއަކަށް ނުކެރޭނެތަ؟ ނަދީމްބެ އެކަނި ގޮސް ގޭގައި އުޅެން އަރޫ ހިތްހަމައެއް ނުޖެހޭނެއެއްނު." ދާއިން ބުންޏެވެ.

އޭނާ ބޭނުންވީ ނަދީމް ރުޅި އަރުވާލާށެވެ. ނަދީމް ތެޅޭވަރު ބަލައިލާށެވެ.

" އަރޫޝާ ގޮވައިގެން ދަރިފުޅު ދޭ ރަށަށް. ބައްޕައާ ދާއިން ދާނަން މަންމަ ދޫކޮށްލީމަ." ރިޒާ ބުންޏެވެ.

 

ފިހާރައިގައި އުޅުނު އިރު ވެސް ނަދީމްގެ ހިތް އަވަސްވަމުން ދިޔައެވެ. ޒައިނާއަށް އެ ހަބަރު ދޭ ހިތުން އޭނާ ހުރީ ކެތްމަދުވެފައެވެ. ޒައިނާ އޭނާ ދެކެ އައިސްފައި ހުރި ރުޅިގަނޑު ވަގުތުން މައިތިރިވާނެކަން ނަދީމްއަށް އެނގުނެވެ.

 

ނަދީމް ކޮޓަރިއަށް ވަނުމާއެކު އަރޫޝާ މަޑުމަޑުން ތެދުވެ ހެޑްބޯޑުގައި ބުރަކަށި ޖައްސާލިއެވެ. ލަސް ހިނގުމެއްގައި އައިސް ނަދީމް އެނދު ކޮޅުގައި އިށީނުމާއެކު އަރޫޝާގެ މެޔަށް ފިނިވެގެން ދިޔައެވެ. ނަދީމް ކޮންމެވެސް ވާހަކައެއް ދައްކަން އުޅޭހެން ހީވެގެން އަރޫޝާ ނަދީމްއާ ދިމާލަށް ބަލަން ފެށިއެވެ.

" މާދަމާ ހެނދުނު ފުރާ ބޯޓުން ރަށަށް ދާން ތައްޔާރުވޭ." ނަދީމް ބުންޏެވެ.

އެ ވަގުތު އަރޫޝާއަށް ތެޅިގަނެވުނެވެ. މިހާރު އޭނާގެ މޫނުމަތީގައި ވަނީ ހައިރާންކަމެވެ. 

" މަންމަ އަދި ދޫކޮށެއް ވެސް ނުލައެއްނު. އަހަރެން ބޭނުމެއް ނޫން ރަށަށް ދާކަށް. އާއިލީ ޒިންމާ ޗުއްޓީގެ 10 ދުވަސް ވެސް އަހަންނަށް ހަމަޖެހިއްޖެ." އަރޫޝާ އިންކާރު ކުރިއެވެ.

ބުނާނެ އެއްޗެއް ނޭނގި އިނދެ ނަދީމް އަރޫޝާއަށް ބަލައިލިއެވެ. އަރޫޝާގެ މޫނުމަތީގައިވާ ހައިރާންކަމާއި އެ ދެ ލޮލުގައިވާ ސުވާލުގެ ނަޒަރުން ނަދީމްއަށް އަނެއްކާވެސް އިސްޖަހާލެވުނެވެ.

" އެއީ... ޒައިނާ އެކަނި ހުރީމަ، ބައްޕަ ބުނެފި އަހަރެމެން ދެ މީހުން ރަށަށް ދާށޭ. " ނަދީމް ބުންޏެވެ.

" ޒައިނާއަށް އެކަނި ގޭގައި ނުހުރެވެނީތަ؟ އެހެން ނޫނަސް މަންމަ ނުފެނި ނަދީމް ވެސް ނުވާނެ ދޯ ރަށަށް ދާކަށް. " އަރޫޝާ ބުންޏެވެ.

ހިތްހަމަ ނުޖެހިގެން އޭނާ އެނދުން ތެދުވެ، ކޮޓަރިން ނިކުންނަން ހިނގައިގަތެވެ. އެ ވަގުތު ނަދީމް އަރޫޝާއަށް ގޮވާލިއެވެ.

" މަންމަގެ ހާލު ރަނގަޅު ވާހަކަ ބުނީމަ އަހަރެން ދާން މި ނިންމީ! މި ނިންމުން ނުވާނެ ދެން ބަދަލެއް. އަހަންނާއެކު ދަންޏާ ތައްޔާރުވޭ!" ނަދީމް ބުންޏެވެ. 

ނަދީމްގެ ވާހަކަ އަޑުއެހުމަށްފަހު ހިތްހަމަ ނުޖެހިފައި ހުރެ އަރޫޝާ އަނެއްކާ ވެސް ހިނގައިގަތެވެ. ބާރުބާރަށް ހިނގާފައި ގޮސް އޭނާ ނިކުތީ ބެލްކަންޏަށެވެ. އޭރު ދާއިން ވެސް ހުރީ ބެލްކަނީގައެވެ. 

ބެލްކަނީގެ ފެންސުގައި ދެ އަތުން ބާރަށް ހިފަހައްޓާލުމަށްފަހު އަރޫޝާ ފުން ނޭވާއެއް ދޫ ކޮށްލިއެވެ.

" ރަށަށް ދާން ބުނީ ދޯ؟" އަރޫޝާއާ އެއް ހަމައެއްގައި ހުއްޓެމުން ދާއިން ބުންޏެވެ.

އަރޫޝާ ޖަވާބެއް ނުދިނެވެ. މޫނު ކުނިކޮށްގެން ދުރަށް ބަލަހައްޓައިގެން ހުރީއެވެ.

" އެ ކުއްޖާ ރަށުގައި އުޅޭތާ ކިހާ ދުވަހެއް ވެއްޖެ؟" ދާއިން އަހާލިއެވެ.

އެއްވެސް ޖަވާބެއް ނުދީ އަރޫޝާ ދާއިންއަށް ބަލައިލުމެއް ނެތި ގޭތެރެއަށް ވަންނަން ހިނގައިގަތެވެ. 

" އަހަންނާ އަނގައިން ވެސް ދެން ނުބުނާނަންތަ؟" އަސަރާއެކު ދާއިން އެހިއެވެ.

އެ ޖުމްލަ އިވުމާއެކު އަރޫޝާގެ ދެ ފައިގައި ކަސްތޮޅު އެޅުނު ކަހަލައެވެ. މޫނުމަތީގައިވާ ހިތްހަމަ ނުޖެހުމުގެ އަސަރުތައް ބަދަލުވެގެން ދިޔައީ މާޔޫސްކަމަށެވެ. ދާއިންއަށް ފުރަގަސްދީގެން ކުޑަ ވަގުތު ކޮޅަކު ހުރުމަށްފަހު، އޭނާ އެތެރެއަށް ވަދެގެން ދިޔައެވެ. 

އަރޫޝާ ކޮޓަރިއަށް ވަތް އިރު ވެސް ނަދީމް އިނީ އެ އިންތަނުގައެވެ. އަރޫޝާ ފެނުމާއެކު ނަދީމްއަށް ކޮޅަށް ތެދުވެވުނެވެ. ކޮޓަރި ދޮރު ތަޅުލުމަށްފަހު އަރޫޝާ ގޮސް ހުއްޓުނީ ސީދާ ނަދީމްގެ ކުރިމަތީގައެވެ. ދެ އަތް އުރާލުމަށްފަހު ނަދީމްގެ ދެ ލޮލާ ނަޒަރު ސީދާ ކޮށްލިއެވެ.

" އަހަރެން ރަށަށް ނުދިޔައްޔާ؟ " އަރޫޝާ ބުންޏެވެ.

" ބަހައްޓާފައި ވެސް އަހަރެން ދާނަން." ނަދީމް ބުންޏެވެ.

އެއާއެކު އަރޫޝާ ދެ ބުމަ ހިއްލާލުމަށްފަހު ލުއި ގޮތަކަށް ހީލިއެވެ.

" އެހާ ވެސް ޒައިނާ މުހިއްމުތަ؟ އެއީ ނަދީމްއަށް ހިލޭ އަންހެނެކޭ! " ރުންކުރު ގޮތަކަށް އަރޫޝާ ބުނެލިއެވެ.

އެއާއެކު ރުޅިވެރި ލޮލަކުން ނަދީމް އަރޫޝާއަށް ބަލައިލިއެވެ.

" އާއިލާގެ އެންމެން މިތިބީ މިތާ! އޭގެ އިތުރުން އެންމެން ވެސް މި ތިބީ މަންމަ ދެކިލާހިތުން މަންމަ ފެންނާނެ އިރެއްގެ އިންތިޒާރުގަ. އައިސީޔޫގައި އޮންނަ އިރު މަންމަ ވެސް އަހަރެމެން މަތިން ހަނދާންވާނެ ދޯ! މަންމަ ވެސް އޮންނާނީ އަހަރެމެން އެންމެން ދެކިލާ ހިތުން. އަހަންނެއް ނުދާނަން. ނަދީމް ދޭ! އަހަންނަށް މުހިއްމީ މަންމަ. ޒައިނާއެއް ނޫން." އެންމެ ފަހު ޖުމްލަ އަރޫޝާ ބުނެލީ މަޑުމަޑުންނެވެ.

ނަދީމް ދޭނެ ޖަވާބަކަށް އިންތިޒާރު ކުރުމެއް ނެތި އަރޫޝާ ގޮސް ވަނީ ފާހާނާއަށެވެ. އެތެރެއަށް ވަދެ، ދޮރުފަތުގައި ލެނގިލެވުމާއެކު އޭނާއަށް ރޮވިއްޖެއެވެ. އެތެރެއަށް ހިނދާލައިފައި ވާ އުދާސްތައް ވަގުތުން ބޭރުކޮށްލެވުނެވެ. ދެ އަތުން އަނގަމަތީގައި އަތް އަޅައިގެން ހުރެ އޭނާ ރޮމުން ދިޔައީ ބޭރަށް އަޑު ނިކުމެ ދާނެތީއެވެ. ހިތް ފުރެން ދެން އޭނާ ރުޔެވެ. ފާރުގައި ހަރުކޮށްފައިވާ ލޯގަނޑުން މޫނު ފެނުމުން އިތުރަށް ދެރަވިއެވެ. ދެ ލޯ ހުރީ ރަތްވެ، ދުޅަވެފައެވެ. މޫނުމަތިން ފާޅުވަމުންދަނީ ވަރުބަލިކަމެވެ. 

" އަހަރެންގެ މޫނުމަތިން ހިތްވަރުގަދަކަން ނުފެންނަންވީ ކީއްވެ؟ ދިރިއުޅުމުގައި އަހަރެން ކިހާ ހިތްވަރެއް ކުރަންތަ؟ އެކަމަކު، އަހަންނަށް އަހަރެންގެ ސޫރަ ފެންނަ ކޮންމެ ފަހަރަކު އިހްސާސް ކުރެވެނީ ގޮތް ހުސްވެފައި ހުންނަހެން. ހަދާނެ ގޮތެއް ނޭނގިގެން އުޅޭހެން." އަރޫޝާއަށް ބުނެލެވުނެވެ.

ފާހާނާގައި އެތައް އިރެއް ކޮށްފައި ނިކުތް އިރު ނަދީމްއެއް ނެތެވެ. އޭނާއަށް ހަމަޖެހުމުގެ ނޭވާއެއް ބޭރު ކޮށްލެވުނީ ދެނެވެ.

 

ދާއިން އިނީ އާބިދުއާއެކު ކޮފީއެއްގައެވެ. ދާއިންގެ ހިތަށް ލިބެމުންދާ ހުރިހާ އުނދަގޫތަކެއް އޭނާ އާބިދުއާ ހިއްސާކުރިއެވެ. ކޮފީތަށި ގެނައި ގޮތަށް ހުރެ ހިހޫ ވީ އިރު ވެސް ދާއިން، އެންމެ ކޯވަރެއް ވެސް ބޮއިނުލައެވެ. އޭނާ އިނީ އެއަށްވުރެ ވެސް މާ ކަންބޮޑު ވެފައެވެ.

" އަރޫއަށް ދެރަ ގޮތެއް ވާތަން ބަލާކަށް އަހަންނަކަށް ނުހުރެވޭނެ. އަހަރެން އަސްލު މި ހުންނަނީ ނަދީމްބެ ދެކެ ވަރަށް ހިތްހަމަ ނުޖެހިފައި. މަންމަ އެހާލުގައި އޮއްވާ ވެސް އޭނަ އެ ބެލީ ޒައިނާ ގާތަށް ރަށަށް ދެވޭތޯ." ދާއިން ވާހަކަ ދެއްކީ ފޫހި ރާގެއްގައެވެ.

" އަންހެނެއްގެ އަވައިގައި ޖެހުނިއްޔާ ނުވާނެ ސަލާމަތެއް. އަހަރެން ބުނަންތަ ދާއިން ކައިރީ ރަނގަޅު ވާހަކައެއް." އާބިދު ބުންޏެވެ.

ސުވާލުގެ ނަޒަރަކުން ދާއިން އާބިދަށް ބަލައިލިއެވެ.

" ހެޔޮނުވާނެ ދެން އެ މީހުންގެ ދިރިއުޅުމުން ދާއިން ދުރަށް ދޭ! ނަދީމްއާއި ޒައިނާގެ ގުޅުން ޖާސޫސްކޮށް، އަރޫއާ މެދު ވިސްނުން ދޫކޮށްލާ! ދެން އެކަންތައްތަކާ ހެދި ދާއިން އަވަދިވާނީ. އެންމެ ފަހުން ކަންނުވެ ނަން ވެދާނެ. " އާބިދު ބުންޏެވެ.

ދާއިންއަށް ދެ ފަރާތަށް ބޯ ހޫރާލެވުނެވެ. އޭނާ ހުރީ ގޮތް ދޫ ކުރާ ގޮތަަކަށް ނޫނެވެ.

" އަހަރެން އަރޫދެކެ ލޯބިވާވަރު އާބިދުއަށް ހަމަ އެންމެ ރަނގަޅަށް ވެސް އެނގޭނީ.. " ދާއިން ބުންޏެވެ.

" ދެން؟ ދެން ގޮސް އަރޫ ގާތު ބުނެބަލަ ޒައިނާއަކީ ނަދީމްބެގެ ބިޓޭ. ވަގު ލޯބިވެރިޔާއޭ. ބުނޭ! އޭރުން އަރޫޝާ ނަދީމް ކައިރިން ވަރިވެގެން އަންނާނެ އެއްނު. ދެން ދާއިން އޭނައާ އިންނާނީ. އަހަރުގެ އެއްބައި ބޭބެއާ ކައިވެނިކޮށްފައި. އަނެއްބައި ދާއިންއާ! " އާބިދު ބުނެލީ މަލާމާތުގެ ރާގަކަށެވެ.

ދާއިން ހިތްހަމަ ނުޖެހުނު ނަމަވެސް އާބިދުއަށް އޭނާ އެކަމާ ގުޅިގެން އެއްވެސް ރައްދެއް ނުދެއެވެ. ހިތްހަމަ ނުޖެހިފައި އިނީއެވެ.

" އާނ ދެން ދާއިން އެކަމަށް ވަންނަންޏާ، ވަންނަން ޖެހޭނީ ނަދީމްއާ އަރޫ ދުރު ކުރުވަންތާ! އެކަމަކު އަރޫ އިނދެގެން އެ އުޅެނީ ތިމާއާ އެއް ލޭ ހިނގާ ބޭބެއާކަން ހަނދާން ނެތޭތީ މަށަށް ދެރައީ. އެކަން ހަނދާންކޮށްބަލަ!" އާބިދު ބުނެލިއެވެ.

" ދެން ތި ބުނީ މަށަކަށް ދުވަހަކު ވެސް އަރޫއެއް ނުލިބޭނެޔޭތަ؟" ދާއިން އަވަސް އަވަހަށް އެހިއެވެ.

" އާނ ނުލިބޭނެ! " އާބިދު ވަގުތުން ބުނެލިއެވެ.

" މަގޭ ބޭބެއެއް އިނދެގެން އުޅޭ މީހަކާ ފަހުން ވެސް އިންނާކަށް މަށަށް ލާހިކެއް ނޫން. ހުތުރު ކަމެއް ދޯ!" އަނެއްކާ ވެސް ވާހަކަ ދެއްކީ އާބިދެވެ.

ދާއިން އެއްޗެއް ނުބުންޏެވެ. އަރޫޝާ ފެނުނީއްސުރެ އޭނާގެ ހިތަކަށް ހަމަޖެހުމެއް ނުލިބެއެވެ. ކުރިއަސް ވުރެ ބޮޑަށް އޭނާގެ ހިތް އަރޫޝާއަށް އެދެވޭ ހެން ވެސް ހީވެއެވެ. 

" ދެން ތިހެން ނީނދެ ތި ކޮފީތަށި ބޯލާ! ވިސްނިއަކަސް ނުވާނެ ދޯ އެކަމެއް. " ވެއިޓަރަށް ހަނާ އަޅާލަމުން އާބިދު ބުންޏެވެ.

އެވަގުތު ދާއިންއަށް ކޮފީތައްޓަށް ބަލައިލެވުނީ ފޫހި ގޮތަކަށެވެ.

ފަތިސް ނަމާދަށް ތެދުވެ، އަރޫޝާ ފުރަތަމަ ވެސް ބަލައިލީ ކޮޓަރީގައި ހުރި ސޯފާއަށެވެ. އެތާ ނަދީމް ނެތުމުން އޭނާ ފުރީކަން އަރޫޝާއަށް ޔަގީން ކުރެވުނެވެ. އެއާއެކު ޒައިނާއާމެދު އޭނާގެ ހިތުގައި އޮތް ޝައްކު ޔަގީނާ ގާތްވިއެވެ. އެއާއެކު އޭނާގެ ބޮލު ތެރޭގައި އުނދަގޫ ރިހުމެއް ވެސް އުފެދިގެން ދިޔައެވެ. 

ނަމާދުކޮށް އަވަދި ވެގެން ސިޓިންރޫމަށް އަރޫޝާ ނިކުތީ ކޮފީއެއް ބޯށެވެ. އެ ވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ފޯނު ހިފައިގެން ސޯފާގައި އިން ނަދީމެވެ. އޭނާ ރަށަށް ނުދިޔައީ ކީއްވެ ބާވައޭ އަރޫޝާގެ ހިތަށް އެރިއެވެ. ނަދީމްއަށް ބަލަހައްޓައިގެން ހުއްޓާ، ކުއްލިއަކަށް ނަދީމް ވެސް އަރޫޝާއަށް ބަލައިލައިފިއެވެ. 

( ނުނިމޭ )

މި ވާހަކަ ގެނެސްދޭނީ ކޮންމެ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *