ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ ވޮލީބޯޅަ މުބާރާތް އަންނަ ޑިސެމްބަރ މަހުގެ އެއްވަނަ ދުވަހު ފަށަން ތާވަލުކޮށްފިއެވެ.
ދެ ޖިންސަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެ ފިރިހެން ޑިވިޝަންގައި ވަނީ ތިން ޓީމް ބައިވެރިވެފައެވެ. އެ ޓީމްތަކަކީ ސޫރިޔާ ސްޕޯޓްސް، އޭލިއަންސް ސްޕޯޓްސް އަދި ވިއޯރާ ސްޕޯޓްސް ކްލަބެވެ.
މި މުބާރާތުގެ އަންހެން ޑިވިޝަންގައި ހަތަރު ޓީމެއް ވަނީ ބައިވެރިވެފައެވެ. އެ ޓީމްތަކަކީ އައިރިސް، ވިއޯރާ ސްޕަރ ކްއީންސް، އޭލިއަންސް ކަނބަލުން އަދި ސްޕާކްލްއެވެ.
އަންނަ ޑިސެމްބަރ މަހުގެ އެއްވަނަ ދުވަހުގެ ރޭ ބާރަށު ކައުންސިލް ވޮލީ ގްރައުންޑްގައި ފަށާ މި މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރަނީ އައިރިސް އާއި ވިއޯރާ ސްޕަރ ކްއީންސްއެވެ.
މި މުބާރާތް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ އެ ރަށުގައި ވޮލީ ކުޅުމުގެ ރޫޙު އާލާކޮށް، ރަށުގެ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި، އެއްބައިވަންތަކަން ޤާއިމުކޮށް، ގުޅުން ބަދަހި ކުރުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!