މިޔަންމާގެ ސިފައިންގެ ވެރިޔާ ހައްޔަރުކުރުމަށް އަމުރެއް ނެރުމަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ)ގެ ޗީފް ޕްރޮސެކިއުޓަރ، ބުދަ ދުވަހު ފަނޑިޔާރުންގެ ކިބައިން އެދިވަޑައިގެންފިއެވެ.
މި އަމުރު ނެރެދިނުމަށް އޭނާ އެދިވަޑައިގެންނެވީ އެ ޤައުމުގެ ރޮހިންގިޔާ މުސްލިމް މައިނޯރިޓީއާ ދެކޮޅަށް ހިންގި ޖަރީމާތަކާ ގުޅިގެންނެވެ.
2021 ވަނަ އަހަރު އިންތިޚާބުވެފައިވާ ލީޑަރު އޯންގް ސާން ސޫޗީގެ އަތުން ބާރު އަތުލައިގަތް ސީނިއަރ ޖެނެރަލް މިން އައުންގް ހްލައިންގް އަށް ދަޢުވާ ކުރެވިފައިވަނީ ރޮހިންގިޔާ މީހުން ފޮނުވާލުމާއި އަނިޔާކުރުމުގެ އިންސާނިއްޔަތާ ދެކޮޅު ޖަރީމާތަކުގެ ތުހުމަތުގައެވެ.
ގާތްގަނޑަކަށް އެއް މިލިއަން މީހުން ވަނީ އިންސާނިއްޔަތާ ދެކޮޅު ޖަރީމާތަކުގެ ގޮތުގައި ބެލެވޭ ކަންތައްތަކުން ސަލާމަތްވުމަށް ޓަކައި އަވައްޓެރި ބަންގްލަދޭޝްއަށް ފިލަން މަޖުބޫރުވެފައެވެ. މީގެ ތެރޭގައި ގަދަކަމުން ބަދުއަޚްލާޤީ ޢަމަލު ހިންގުމާއި، މަރާލުމާއި އަދި ގެދޮރު އަންދާލުން ހިމެނެއެވެ.
ކޯޓުގެ އެންމެ އިސް ޕްރޮސެކިއުޓަރު، ކަރީމް ޚާން ވިދާޅުވެފައިވަނީ މިޔަންމާގެ އިތުރު ވެރިންނަށް ވެސް ހައްޔަރު ކުރުމުގެ އަމުރު ނެރުމަށް އެދޭނެ ކަމަށެވެ.
"މިކަން ކުރުމުން އަޅުގަނޑުމެން ދައްކުވައިދޭނީ، އަޅުގަނޑުމެންގެ ހުރިހާ ޕާޓްނަރުންނާއެކު، ރޮހިންގިޔާ މީހުން ހަނދާން ނައްތާނުލާކުލާކަމެވެ. އެމީހުންނަކީ ވެސް، ދުނިޔޭގެ އެހެން ހުރިހާ މީހުންނެކޭ އެއްފަދައިން، ޤާނޫނުގެ ރައްކާތެރިކަން ލިބެންޖެހޭ ބައެއްކަމެވެ،" އިނގިރޭސި ބެރިސްޓަރު ވިދާޅުވިއެވެ.
މި ތުހުމަތުތައް ކުރެވެނީ 2017 ވަނަ އަހަރުގެ އޯގަސްޓް މަހު މިޔަންމާގެ ސިފައިން ފެށި ކައުންޓަރ އެޓޭކް ކެމްޕޭނާ ގުޅިގެންނެވެ. މިޔަންމާ ޑިފެންސް ސަރވިސަސްގެ އިސްވެރިޔާގެ ގޮތުގައި ހުންނެވި ހްލައިންގް ވަނީ ޓަޓްމަޑޯ ނަމުން މަޝްހޫރު މިޔަންމާގެ ހަތިޔާރުއެޅި ބާރުތަކާއި ނެޝަނަލް ޕޮލިހުންނަށް ރޮހިންގިޔާ ސިވިލިއަނުންނަށް ހަމަލާދިނުމަށް އަމުރުކުރެއްވި ކަމަށް ތުހުމަތު ކުރެވިފައެވެ.
ޚާން ވަނީ ބަންގްލަދޭޝްގައި ހުންނަވައި، ގެއްލުން ލިބިފައިވާ ރޮހިންގިޔާ މީހުންނާ ބައްދަލުކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!