އޭނާގެ ފަން އިސްތަށިގަނޑުން މޫނު ހުރީ ފޮރުވިފައެވެ. ހާސްކަމުގެ ތެރެއިން އަރޫޝާ ފެނުމުން އިތުރަށް ދާއިންގެ ހިތަށް ތަދުވިއެވެ.
މިސްކިތުން ފޭބުމާއެކު ނަދީމްގެ ފޯނު ވައިބްރޭޓް ވާން ފެށިއެވެ. ރިޒާ ގާތު ބައްޕަ ދާށޭ ބުނެ ނަދީމް މަޑުކޮށްލީ، އެ ފޯނަށް ޖަވާބު ދޭށެވެ.
" ނަދީމް ކީއްވެ ތިވަރަށް އަަހަރެން ބާކީ ތި ކުރަނީ؟ ކިހާ ވަރަކަށް އަހަރެން ނަދީމްއަށް ގުޅައިފިން؟ ކިތައް ފަހަރު މެސެޖް ކޮށްފިން؟ އަހަރެން މިތާ އެކަނި ބަހައްޓާފައި ދާން ނަދީމް ބިރެއް ވެސް ނުގަނޭތަ؟ އަހަރެން އެކަނިވާނެކަމެއް ނަދީމްއަކަށް ނޭނގޭތަ؟ މާލެ ދަމުން، ދާ ވާހަކަ ބުނަން ވެސް ނަދީމްއަކަށް މުހިއްމެއް ނުވި! އެކަމަކު ނަދީމްގެ ކަފު ޖަހައިގެން އަރޫޝާ ގެންދެވުނު." ނޭވާ ލުމެއް ނެތި ޒައިނާ އެއްފައްޗަކަށް ޝަކުވާތައް އަމުނާލިއެވެ.
" ޒައިނާ، ޒައިނާ، ޒައިނާ! " ނަދީމްގެ އަޑުން ޒައިނާއަށް މައިތިރި ވެވުނެވެ.
" އަހަރެންގެ މަންމަ އަދިވެސް އެ ދަނީ މަރާ ހަނގުރާމަ ކުރަމުން. މިހާރު ވެސް އެ ފަކީރު ދުނިޔޭގައި އޮތްކަމެއް އަހަންނަކަށް ނޭނގެ. އެހާ ހާލުން، ތެޅިފޮޅިގެން އަހަރެމެންނަށް މާލެއާ ހަމައަށް މި އާދެވުނީ. " ރުޅިގަދަވެފައި ހުރެ ނަދީމް ވާހަކަ ދެއްކި ނަމަވެސް އޭނާގެ އަޑުން ދެރަވެފައި ހުރި ވަރު ހާމަވެއެވެ.
" ސިއްހީމަރުކަޒަށް މަންމަ ގެނައި ގޮތަށް އަހަރެމެން އެކަކު ވެސް ގެއަކަށް ނުދަން. އަހަރެމެން މާލެ އައި އިރު ވެސް ޒައިނާގެ އެއްވެސް ހަބަރެއް އަހަންނަކަށް ނުވެ. އެންމެ ކުޑަމިނުން ސިއްހީމަރުކަޒަށް، ޒައިނާ އައިނަމަ، އަހަންނަށް ކޮންމެވެސް އިޝާރާތެއް ކުރެވުނީސް. ހަމަ ތެދަށް މި ބުނީ. އަހަންނަށް އަދިވެސް މަންމަގެ ކަންތައް ފިޔަވާ އިތުރު އެއްވެސް ކަމަކާ ނުވިސްނޭ." ނަދީމް ބުންޏެވެ.
" އަހަންނަށް ފޯނު ނެގުނީމަ ވެސް ކުރަން ތި ފެށީ ޝަކުވާ. މަންމަގެ ހާލު އަހާލަން ވެސް ޒައިނާ ހަނދާން ނެތް. މައްސަލައަަކަށް ވީ އަހަރެން މަންމަ ގޮވައިގެން މާލެ އައީމަ. އަހަންނާއެކު އަރޫޝާ އައީމަ. ގުޅި ގޮތަށް މަންމަގެ ހާލު އަހާފައި ދެން ޒައިނާ އެކަނި ތިތާ ހުރީތީ ޝަކުވާ ކުރި ނަމަ އަހަންނަކަށް ހިއެއް ނުވެ މިވަރަށް އަހަންނަށް ރުޅި އާދެވުނީސް ހެންނެއް." އަނެއްކާ ވެސް ވާހަކަ ދެއްކީ ނަދީމްއެވެ.
" ދެން އަހަރެން ކިހިނެއް ހަދަންވީ؟ އަހަންނަކަށް ނުކެރޭނެ އެކަނި އޮންނާކަށް. ނަދީމް އާދޭ އަހަރެން ބަލާ! " ޒައިނާ ރުންކުރު ގޮތަކަށް ބުނެލިއެވެ.
" ޒައި ކީއްވެ އަހަންނާމެދު ނުވިސްނަނީ! ތިހެން ބުނާއިރު ވެސް އެނގޭނެ އަހަންނަކަށް ނުދެވޭނެކަން. އަހަރެންދެކެ ތިހާ ލޯބިވާ މީހަކު، އަހަންނާމެދު ތިހެން ކަންތައް ކޮށްފާނެ ކަމަކަށް ހިއެއް ނުކުރަން. ޒައިގެ ފަރާތުން ހަމްދަރުދީގެ ބަހެއް ނުލިބުނުތާ ހިތްވަރުގެ ބަހެއްވެސް އަހަންނަކަށް އަޑެއް ނީވުނު. އަހަރެން ދެރަވާނެ ވަރު ޒައިއަކަށް ނޭނގުނު. ޒައިގެ ކެއާ އަހަރެން ބޭނުންވާނެކަން ވެސް ނުވިސްނުނު." ނަދީމް ވާހަކަ ދެއްކީ ވަރުބަލި އަޑަކުންނެވެ.
" އަހަންނަކީ ދިރިހުއްޓާ މައިންބަފައިން އަހަންނަށް މަރުވީ ކަމަށް ނިންމައިގެން ނަދީމްގެ ފަހަތުން އައި ނިކަމެތި އަންހެން ކުއްޖެއް. ނަދީމްގެ ފަރާތުންވެސް ތި ބުނާ ހިތްވަރުގެ ބަސްތަކާ ހަމްދަރުދީއާ ކެއާ އަހަރެން ވަކި ބޭނުމެއް ނުވާނެތަ؟ ނަދީމްއަށްޓަކައި އަހަރެން އެވަރުގެ ބޮޑު ގުރުބާނީއެއް ވީމަ ވެސް ނަދީމް ތި ހަދަނީ ހަދާނެ އެއްޗެއް. ނަދީމް ހުންނަނީ ބައެއްގެ ދަށުވެ ސައިޒުވެފައި. އިނދެގެން އުޅޭ ކަޓު އަންހެންމީހާއަށް ވެސް ނަދީމް އަހަންނަށް ނުކުރާ އިހުތިރާމާ ގަދަރު ކުރޭ! މިއަދު އަހަރެން ދެރަވޭ އަހަންނާމެދު އެއްވެސް ކުލުނެއް ނެތް މީހަކަށްޓަކައި މައިންބަފައިން ދޫކޮށްލެވުނީމަ. " ޒައިނާ އެހެން ބުނެ ފޯނު ކަނޑާލިއެވެ.
ނަދީމްއަށް ދެ ފަރާތަށް ބޯ ހޫރާލެވުނެވެ. ޒައިނާގެ ރުޅި މައިތިރި ކުރުމަކީ އުނދަގޫވާނެ ކަމެއްކަން ނަދީމްއަށް އެނގެއެވެ. ދުރުގައި ހުރެގެން އަމުދުން އެ ރުޅިގަނޑު މައިތިރިއެއް ނުކުރެވޭނެއެވެ. ހިތަށް އިތުރަށް ލިބުނު ހާސްކަމައިގެން އޭނާ އެތެރެއަށް ވަންނަން ހިނގައިގަތެވެ.
އައިސީޔޫ ކައިރިއަށް ދިޔައިރު ބޭރުގައި ތިބީ އަރޫޝާއާއި ރިޒާ އެކަންޏެވެ. އެހެންވެ، ދާއިން ކޮބައިތޯ އޭނާ އެހިއެވެ.
" ޑޮކްޓަރ ވާހަކަ ދައްކާލަން ބުނީމަ އެތެރެއަށް ވަނީ. " ޖަވާބު ދިނީ ރިޒާއެވެ.
" މަންމަގެ ހަބަރެއް ނުވޭތަ؟" ނަދީމް އެހިއެވެ.
" ނުވޭ! މަންމަގެ ނަން ގޮވާލީމަ ދާއިން އެތެރެއަށް ވަތް ގޮތަށް އަދިވެސް ނުނިކުމޭ. " ކަންބޮޑުވެފައި އިނދެ ރިޒާ ބުނެލިއެވެ.
ރިޒާ އާ ދާދި ގާތުގައި ނަދީމް ހުއްޓެވެ. އިށީންނަ ހިތް ވެސް ނުވެފައެވެ. އޭރު ފާރުގައި ބޯ ޖައްސާލައިގެން އަރޫޝާ އިނީ ވަރުބަލިވެފައި އިން ފާޑަށެވެ. ދެ ފަހަރަކު ނަދީމްއަށް އަރޫޝާއާ ދިމާލަށް ބަލައިލެވުނީ އެ މައުސޫމް މޫނުމަތިން ހިތްދަތިކަން ފާހަގަ ކުރެވުމުންނެވެ.
" ދަރިފުޅަށް ބައްޕަ ގެނައި ޖޫސް ޕެކެޓް ބޯލަންވީނު ދެން. ފެން ފޮދެއް ވެސް ބޮއިނުލާ ދަރިފުޅު ތި އިންނަނީ." ރިޒާ ބުންޏެވެ.
އެއާއެކު އަނެއްކާ ވެސް ނަދީމްއަށް ފަރުވާތެރިކަމާއެކު އަރޫޝާގެ މޫނަށް ބަލައިލެވުނެވެ.
" މަންމަގެ ހަބަރެއް ވީމަ ނޫނީ އަޅުގަނޑަކަށް ހަމަޖެހުމެއް ނުލިބޭނެ." އަރޫޝާއަށް ބުނެވުނެވެ.
ނަދީމްއަށް ވަގުތުން އިސްޖަހާލެވުނެވެ. ޒައިނާގެ ފަރާތުން އިވުނު ބަސްތަކުގެ ހިތްދަތިކަމުގައި ހުއްޓާ، އަރޫޝާ އެހެން ބުނުމުން ބޭއިހްތިޔާރުގައި އޭނާގެ ދެ ލޮލަށް ކަރުނަ ޖަމާވާން ފެށިއެވެ. ނަމަވެސް މޫނު އަނބުރާލުމަށްފަހު އޭނާ ލަސްލަހުން ދެ ލޯ ސާފު ކޮށްލިއެވެ.
ހަމަ އެ ވަގުތެވެ. ދާއިން ނިކުމެއްޖެއެވެ. އެއާއެކު ނަދީމްއަށް ދާއިންއާ ދިމާލަށް ހިނގައިގަނެވުނެވެ.
" އަލްހަމްދުލިﷲ މަންމަ ރަނގަޅު. އެކަމަކު އަދި ދެ ތިން ދުވަސް ވަންދެން މިތާ ބާއްވާނެ ކަމަށް ބުނީ. ލޭގެ ޕްރެޝަރ ވެސް އަދިވެސް ވަރަށް މަތި ވާހަކަ ބުނީ. " ދާއިން ބުންޏެވެ.
އެންމެންނަށް ވެސް ހެއްދެވި ފަރާތަށް ޝުކުރު އަދާ ކުރެވުނީ ފެންކަޅިވެ ތިބެއެވެ.
" ދެ ތިން މަސް ވަރު ނަގާނެޔޭ ބުނީ އެއްކޮށް މަންމަ އޯކޭ ވާން. އެ ދުވަސްތަކުގައި ވެސް އަދި ކުރިއަށް އޮތްތާވެސް އިތުރު ހާޓްއެޓޭކެއް ޖެހުނަ ނުދިނުމަށް ވަރަށް ގިނަ ކަންކަމަށް ސަމާލުކަން ދޭން ވެސް ބުނި. ސްޓްރެސް ނުވެ، މިންހެޔޮ ކާނާ ކައިގެން ވަރަށް އުފަލުގައި ގެންގުޅެން ބުނީ. އެއް ފަހަރު ޖެހުނީމަ ކުރިއަށް އޮތްތާވެސް އަދި ޖެހިދާނެ ކަމުގެ ބިރު އެބައޮތް. އެހެންވެ، ވަރަށް ހިތްހަމަ ޖައްސައިގެން ގެންގުޅޭށޯ ބުނީ. " ދާއިން ބުންޏެވެ.
" ދަރިފުޅު ދެކުނިންތަ މަންމަ؟" ރިޒާ އަހާލީ އަސަރާއެކުއެވެ.
" ނޫން. ނުދެކެން. ބުނީ އަދި ދެ ތިން ދުވަސް ފަހުން މަންމަ ކައިރިއަށް ވައްދާނަމޯ. ވަރަށް ރަނގަޅޯ ބުނީ ހުރިހާ ކަމެއްވެސް. ދެން، އަހަރެންގެ ނަންބަރު ނެގީ. ބުނީ އެ މީހުން އަހަރެމެންނަށް ބޭނުންވީމަ ގުޅާނަމޯ. އެތަނަކަށް ނުވެއް ވައްދާނެ މިހާރަކު." ދާއިން ކިޔައިދިނެވެ.
އޭރު އަރޫޝާ ވެސް ހުރީ ކޮޅަށެވެ. ނަމަވެސް ދާއިންގެ ވާހަކަ އަޑު އިވުމާއެކު އަރޫޝާއަށް ރަނގަޅަށް ރޮވިއްޖެއެވެ. މޫނުގައި އަތް އެޅުމަށްފަހު އޭނާ އަނެއްކާވެސް ގޮނޑީގައި އިށީނެވެ. ދާއިންއާއި ނަދީމްއަށް ވެސް ބަލަހައްޓައިގެން ތިބެވުނީއެވެ. ރިޒާ މަޑުމަޑުން އަރޫޝާއާ ކައިރިވެލުމަށް ބޮލުގައި ފިރުމާލިއެވެ.
" ދެން ނުރޮއި! އިންޝާﷲ ހުރިހާ ކަމެއް ވެސް ދެން ރަނގަޅުވެދާނެ. " ރިޒާ ބުންޏެވެ.
ހުއްޓާލެވޭތޯ އަރޫޝާ މަސައްކަތް ކުރަމުން ދިޔައެވެ.
" ދެން އެއްޗެއް ކާލަން ދާން ވީ އެއްނު. އެ ބުނީނު މިތާ ތިއްބަސް މަންމަ ކައިރިއަކަށް ނުވަދޭނެޔޭ! " ނަދީމްއަށް ބަލައިލަމުން ރިޒާ ބުންޏެވެ.
ނަދީމް ބޯ ޖަހާލިއެވެ.
ރިޒާމެން ތިބީ ހޮސްޕިޓަލް ކައިރިން ދުވަހު ކުއްޔަށް ދޭ ދެ ކޮޓަރީގެ އެޕާޓްމަންޓެއް ހިފައިގެންނެވެ. ނަދީމްގެ ފަހަތުން އަރޫޝާ ވަތްތަން ބަލަން ދާއިންގެ ހިތަށް ހަމަ ރަނގަޅަށް ވެސް ކުޅަދާނައެއް ނުވިއެވެ. ރިޒާ ކޮޓަރިއަށް ވަނުމާއެކު ދާއިން މަޑުކޮށްލީ ބެލްކަނީގައެވެ. ހިތަށް ވެރިވެފައިވާ އުނދަގޫ ހައްތަހާ ދަނީ ބޮޑުވަމުންނެވެ.
" އަރޫގެ ހިޔާލްތަކުން އަހަންނަށް މިންޖު ނުވެވިގެން މި އުޅެނީ ކީއްވެތަ؟ މިއީ ވަރަށް ބޮޑު ކުށެއް. މިހާރު އަރޫގެ ހަނދާންތަކާ ދުރަށްދާން އަހަރެން މަސައްކަތް ކުރަން ޖެހޭނެ. " ދާއިންއަށް ހިތާހިތާ ކިޔާލެވުނެވެ.
ހިތް ކިތަންމެ ވަރަކަށް އެހެން ބުނި ކަމުގައި ވިޔަސް، އެއީ ކުރަން އެހާ ފަސޭހަ ކަމެއް ނޫންކަން ދާއިންއަށް އެނގެއެވެ. އޭނާގެ ހިތުގައި އަރޫޝާއަށް އޮތް މަގާމު އިތުރު އެހެން އެއްވެސް މީހަކަށް ނުދެވިގެން އެ އުޅެނީ ވެސް އަރޫޝާދެކެ ވާ ލޯބިންކަން ވެސް ދާއިންއަށް ހަމަ ރަނގަޅަށް އެނގެއެވެ.
" ޒައި! ހެޔޮނުވާނެ ތިހާ ރުޅި ނައިސްބަލަ!" ނަދީމް ބުނެލިއެވެ.
ބެލްކަނީގައި ހުރި ދާއިންއަށް ނަދީމްގެ އަޑު އިވުނެވެ. އޭނާ އައިސް އިށީނީ ސިޓިންރޫމްގައި ހުރި ސޯފާގައެވެ. ދާއިން ހުރީ ސޯފާ ހުރި ދިމާ ބޭރުގައެވެ.
" އަހަރެމެން މި އުޅެނީ މިތާ ކުއްޔަށް ހިފައިގެން. އަހަރެން ކިހިނެއް ޒައި ގެނެސް ބަހައްޓާނީ؟ މި ތަނަށް ހަރަދު ކުރަނީ ބައްޕަ. ޒައިއަށް އެނގެއެއްނު އަހަރެންގެ އަތުގައި އެންމެ ލާރިއެއް ވެސް ނޯންނާނެކަން. " ނަދީމް ބުނެލިއެވެ.
ނަދީމް ދައްކަމުންދާ ވާހަކަތަކަށް ދާއިންއަށް ސަމާލުކަން ދެވުނެވެ. އޭނާ ވާހަކަ އެ ދައްކަނީ ކާކާބާވައޭ ވެސް ދާއިންގެ ހިތަށް އެރިއެވެ.
" ވަކިވާ ވާހަކަ ދައްކަނީ ކީއްކުރަންތަ؟ޒައިއާ ވަކިވާން ބޭނުން ނުވާތީ ދޯ އަހަރެން މި އުޅެނީ. ޕްލީޒް ޒައި. އަންޑަސްޓޭންޑް ވެބަލަ. ބައްޕަ އަތުން ރުފިޔާ ކޮޅެއް ނަގައިގެން އަހަރެން ޒައިއަށް ޖަމާ ކުރާނަން. އަހަންނަށް ވަރަށް އުނދަގޫވާނެ އަބަދު ގުޅަން. އަރޫޝާ ފެންވަރަށް ވަތް ގަޑީގައި މި ނިކުތީ ބޭރަށް. ޒައި ދެން ގަބޫލު ކޮށްބަލަ." ނަދީމްއަށް ރުޅި އާދެވުނެވެ.
އޭނާ ފޯނު ބޭއްވި އިރު ދާއިން ހުރީ ވަރަށް ބޮޑަށް ހިތް ނުތަނަވަސް ވެފައެވެ. ބޮލަށް ބަރުވެ އޭނާއަށް ވަރަށް އުނދަގޫވެސް ވެއްޖެއެވެ.
" ނަދީމްބެ... ކާކާބާ އެ ވާހަކަ ދައްކަނީ؟ އަރޫއާ މެރީކޮށްގެން ވެސް ނަދީމްބެ ބިޓާ ވާހަކަ ދައްކަނީ؟ " ދާއިންއަށް ބުނެވުނެވެ.
އޭނާއަށް ވިސްނުނީ އަރޫޝާއަށް ލިބޭނެ ހިތްދަތިކަމާ މެދުގައެވެ. ކައިވެންޏަށްފަހު ބޭވަފާތެރިވުމަކީ ވަރަށް ބޮޑު ކުށެއްކަމުގައި ދާއިންއަށް ދެކެވުނެވެ. އެއާއެކު އޭނާއަށް މުށް ބާރު ކޮށްލެވިއްޖެއެވެ. ނަދީމްދެކެ އިންތިހާއަށް ރުޅި އާދެވިއްޖެއެވެ. ނަދީމްއާ ދިމާލަށް ބުނަން ބޭނުންވި ނަމަވެސް، އެކަމުގެ ތެރެއަށް ވަންނާކަށް އޭނާއަކަށް ނުކެރުނެވެ. އެ ހިތްވަރެއް ވެސް ނުލިބުނެވެ.
" ނިމުނީ ދޯ؟ ބައްޕަ ބުނި މިތާ ކައްކާ ކެވޭ ގޮތަށް ހުރީމަ ކައްކަން އެއްޗެހި ގަންނަ ވާހަކަ. ބައްޕައާ ދާއިންކޮއްކޮ ވެސް އަދި ނުނިމޭ ކަންނޭނގެ. އެ މީހުން ނިމުނީމަ އަހަރެމެން ދާނަން ފިހާރައަށް. އަހަރެން ފެންވަރައިގެން ނިކުތީމަ އަރޫޝާ ވެސް ނިދާލަން ވަދޭ އިނގޭ! " އިރުކޮޅެއް ފަހުން ނަދީމްގެ އަޑު ދާއިންއަށް އިވިއްޖެއެވެ.
އަރޫޝާ އެތަނަށް އައީކަން ދާއިންއަށް އެނގުނެވެ. އެހެންކަމުން އިރުކޮޅެއް ފަހުން ދާއިން މަޑުމަޑުން ފާރާ ކައިރިވެ، ސިޓިންރޫމް ތެރެއަށް ނަޒަރު ހިންގާލިއެވެ. އެއާއެކު ސޯފާގައި އަރޫޝާ އިންތަން އޭނާއަށް ފެނުނެވެ. ކުޑަކޮށް ހަމަޖެހިލުމަށްފަހު، ހަށިގަނޑު ތެދުކޮށްލަމުން ދާއިން ސިޓިންރޫމަށް ވަނީ ދެ ޖީބަށް އަތް ޖަހާލައިގެން ހުރެއެވެ. އަރޫޝާގެ ފަހަތުން އައިސް އޭނާ ވަކިން ހުރި ސޯފާ ގޮނޑީގައި އިށީނުމާއެކު އަރޫޝާ ދިޔައީ ސިހިގެންނެވެ. އެ ހިނދު އޭނާ އަވަސް އަވަހަށް އިސްޖަހާލިއެވެ.
އޭރުވެސް ދާއިންގެ ސިކުނޑީގައި އެނބުރެމުން ދަނީ ދާދި ދެންމެއަކު ނަދީމް ދެއްކި ވާހަކަތަކެވެ. ހިލޭ އަންހެނަކާ ނަދީމް ގުޅުމެއް ބާއްވާކަން ދާއިންއަށް އެނގުމުން އޭނާއަށް ވަރަށް އަސަރު ކޮށްފިއެވެ. ކުރިމަތީގައި އެ އިން އެ އަންހެން ކުއްޖާއަކީ ދާއިންގެ ހަގީގީ ލޯތްބެވެ. އޭނާގެ ހިތާއި ފުރާނައެވެ. އެ އަންހެން ކުއްޖާދެކެ ވެވުނު ލޯބީގެ ބާރުން އިތުރު އެއްވެސް އަންހެނަކަށް އޭނާ ޝައުގުވެރިއެއް ނުވެވުނެވެ. އެކަމަށް މަސައްކަތް ކުރާހިތްވެސް އޭނާ ނުވެއެވެ.
ވީ އިރު އެ މައުސޫމް އަންހެންކުއްޖާއަށް އެހެން މީހެއްގެ ފަރާތުން އަނިޔާއެއް ލިބެން ދާއިންގެ ހިތެއް ނޭދުނެވެ. އޭނާއަށް އެ ކުއްޖާގެ ހިތް ގެންގުޅެން ލިބިއްޖެނަމަ ކޫރުމެއް ވެސް އެޅުނަކަ ނުދޭނެކަން ޔަގީނެވެ. އެ ދެ ލޮލުން ކަރުނަ ހިލުވައިނުލާނެކަން ގައިމެވެ. އެ ރީތި ދެ ތުންފަތުން އަބަދުވެސް ފެންނާނީ ހިނިތުންވުނެވެ. ނިޔަނެތި މޫނުމަތީގައި ވާނީ މުޅިންވެސް އުފާވެރިކަމުގެ އަސަރެވެ.
އެފަދަ ހިޔާލުތަކުގައި ދާއިންއަށް އިނދެވުނީ ސީދާ އަރޫޝާއަށް ބަލާށެވެ. ދަހިވެތިވެފައެވެ. ބޭނުން ވެފައެވެ. އަދި އަރޫޝާގެ ލޯތްބަށް އެދިއެދިއެވެ.
" ލައިފް ކިހިނެއް؟' ދާއިން އަހާލިއެވެ.
އެހާ ގާތުން ދާއިންގެ އަޑު އިވުމުން އަރޫޝާއަށް ތެޅިގަނެވުނެވެ. އިސް އުފުލައި ބަލަައިލަމުން ގަދަކަމުން އޭނާ ހިނިތުންވެލިއެވެ. އިތުރަށް އެއްވެސް އެއްޗެއް ނުބުނެވުނެވެ. ދުލުގައި ހީވީ ތަޅު އެޅުވިފައި އޮތް ހެންނެވެ.
"އޫމް؟" އަރޫޝާއަށް ބުނެވުނެވެ.
އެ ވަގުތު ދާއިން ކުރު ހިނިގަނޑެއް ޖަހާލިއެވެ.
" ކިހިނެއްހޭ މި އެހީ ލައިފް؟ " ދާއިން އެހިއެވެ.
އޭނާ ހުރީ އަރޫޝާގެ ފަރާތުން ލިބޭނެ ޖަވާބަކަށް އެދިއެދިއެވެ. ނަދީމް އޭނާއާމެދު ކަންތައްތައް ބަހައްޓާ ގޮތް ބަލައިލަން އިންތިހާއަށް ބޭނުން ވެފައެވެ. އަދި އަރޫޝާ އުޅެނީ އުފަލުގައިތޯ ކަށަވަރު ކުރާ ހިތް ވެފައެވެ.
" ލައިފް؟ ވަރަށް ރަނގަޅު. " އަރޫޝާ ދިނީ ފިނި ޖަވާބެކެވެ.
" ނަދީމްބެ ރަނގަޅުތަ؟" ހަށިގަނޑު ގުދު ކޮށްލުމަށްފަހު، ދެ ކަކުލުގައި އަތް ވިއްދާލަމުން ދާއިން އެހިއެވެ.
އަރޫޝާއަށް ދާއިންގެ މޫނަށް ފަރުވާތެރިކަމާއެކު ބަލައިލެވުނެވެ. އެއްޗެއް ނުބުނެ އިރުކޮޅަކު އިނުމަށްފަހު އަރޫޝާ ހިނިތުންވެލަމުން ބޯ ޖަހާލިއެވެ.
" ކައިވެނިކޮށްފައި އަދި އެހާ ގިނަ ދުވަހެއް ނުވެއެއްނު. " އަރޫޝާ ބުނެލިއެވެ.
" މިހެން މި އެހީ ތި ދެ މީހުންވެސް މެރީ ކުރީ ވަރަށް ކުއްލި ގޮތަކަށް ދޯ! އެހެންވީމަ..." ދާއިންގެ ޖުމްލަ ފުރިހަމަ ކުރާނެ ޖާގައެއް އަރޫޝާ ނުދިނެވެ.
" އެހެންވީމަ... އަހަރެމެން އަދި ދަސްކުރަން ވަގުތު ނަގާނެ އެއްނު. ދަތުރުގެ މެދުތެރެއިން ދިމާވާ މީހުންނަކީ ބީރައްޓެހިން. އެ މީހުންނާ ރައްޓެހިވެ، ގުޅުން ބަދަހި ކުރަން ވަގުތު ބޭނުންވާނެ. " އަރޫޝާ ބުންޏެވެ.
ދާއިންއަކަށް އިތުރު އެއްޗެއް ނުބުނެވުނެވެ. ހަމައެކަނި ހިނިތުން ވުމަކުން އޭނާ ފުއްދާލީއެވެ.
" ދާއިން މީހަކާ އިންނަނީ ކޮން އިރަކުން؟" އަރޫޝާ އެހިއެވެ.
" އަހަރެން މި ހުރީ ދުވަހަކުވެސް އެކަން ނުކުރާ ގޮތަށް ނިންމައިގެން." އަރޫޝާއަށް ބަލައިލަމުން ދާއިން ބުންޏެވެ.
އެއާއެކު އަރޫޝާގެ މޫނުމަތީގައި ސުވާލުތައް އެތުރެން ފެށިއެވެ. އޭނާގެ މޫނަށް ބަލަން އިނދެ، ދާއިން އަނެއްކާވެސް ހީލިއެވެ.
" ކައިވެނި ކުރަން ބޭނުންވާ ކުއްޖާ، އެހެން މީހެއްގެ ހަޔާތާ ގުޅުނު ހިސާބުން އަހަރެން މި ހުރީ ކައިވެނީގެ ޗެޕްޓާ ކްލޯޒް ކޮށްގެން. އެއީ ދެން އަހަރެންގެ ހަޔާތުގައި ވާނެ ކަމެއް ނޫން." ދާއިން ބުންޏެވެ.
އެއާއެކު އަރޫޝާގެ މޫނުމަތީގެ ކުލަވަރު މުޅިން ބަދަލު ވެއްޖެއެވެ. ހައިރާންކަމާއެކު ހިތްދަތިކަން އެ މޫނުމައްޗަށް ވެރިވެއްޖެއެވެ. ހިތު އަޑީގައި ރައްކާކޮށް، ފޮރުވާފައި އޮތް ލޯބީގެ އަސަރު ފެންނަން ފަށައިފިއެވެ. އެ މޫނުމައްޗަށް އަންނަމުން ދާ ބަދަލްތައް ފާހަގަ ކުރެވުމުން އަނެއްކާ ވެސް ވާހަކަ ދެއްކީ ދާއިންއެވެ.
" ސީދާ ލޯބިވެޔޭ ނުބުނެވުނީމަތަ މި ހެން މި ވީ؟ ކުށްވެރި ވަނީ ކާކުކަމެއް ކީއްވެ ކަމެއްވެސް އަހަންނަކަށް ނޭނގެ. ހަމައެކަނި އެނގޭހާވެސް އެއްޗަކީ އަހަރެންގެ ހިތަށް ލިބުނު އަނިޔާތަކަށް ފަރުވާއެއް ދުވަހަކުވެސް ދެން ނުލިބޭނެކަން. އަމިއްލަ ނަފްސު ކުށްވެރިކޮށްކޮށް، ކުރެވޭ ޝަކުވާތަކަށް ނިމުމެއް ވެސް ނާންނާނެކަން. ރޫހީ އުފަލެއް ލިބި، އެ އުފަލާއި އެ ރޫހީ ލޯތްބަށް އަހަރެން އާދަވެ، ހަގީގަތުގައި ވެސް ލިބޭނެކަމަށް މާ ބޮޑަށް އުއްމީދު ކުރެވުނީ." ދާއިން ވާހަކަ ދެއްކީ އަސަރާއެކުއެވެ.
އޭރު އަރޫޝާގެ ދެ ލޮލަށް ކަރުނަ ޖަމާވާން ފަށައިފިއެވެ. ދެ ތުންފަތް ފިތި، ނޭވާ އަވަސް ވާން ފަށައިފިއެވެ.
" އަރޫ ފެނުނީމަ މާޒީގެ އިހްސާސް ކުރެވެން ފަށައިފި. އެކަމަކު ވޭނީ ގޮތަކަށް.ލައިފްގެ އެންމެ ރީތި، އެންމެ އުފާވެރި، އަދި އެންމެ ލޯބި ދުވަސްތައް ގުޅިފައިވަނީ އަދިވެސް އަރޫއާ. އަދި މި ހިތްދަތި، އުއްމީދެއް ނެތް، އަނދިރި ދިރިއުޅުމުގައިވެސް ވަނީ ހަމަ އަރޫ." ދާއިން ހުރީ އޭނާގެ ހިތުގެ އުދާސްތައް ބަންޑުންކޮށްލަން އިންތިހާއަށް ބޭނުންވެފައި ކަހަލައެވެ.
ސިޓިންރޫމްގައި ދިއްލާފައި ހުރި ރީނދޫކުލައިގެ ބޮކީގެ ފަނޑު އަލިން އަރޫޝާގެ ދެ ލޮލުގެ ވިދުން އޭނާއަށް ފެނިއްޖެއެވެ. އެ ދެ ލޯ ކަރުނައިން ފުރެމުން ދާތަަން ފެނި ދާއިންއަށް އުނދަގޫވާން ފެށިއެވެ.
" ދެރަ ނުވޭ! އަރޫ، ތި ދިރިއުޅުމައިގެން ކުރިއަށް ދޭ! އަހަރެން މިހުރީ މިހާރު މި އަނިޔާއަށް އާދަވެފައި. ހޭނިފައި. " ދާއިން އަނެއްކާ ވެސް ބުންޏެވެ.
އަރޫޝާއަށް އެއްވެސް އެއްޗެއް ނުބުނެވުނެވެ. ކަރުނައެއް ވެސް ނުހިފެހެއްޓުނެވެ. ގިސްލަގިސްލާފައި އޭނާއަށް ރޮވެމުން ދިޔައެވެ. އެކަމާ ދާއިން ނުހަނު ކަންބޮޑު ވެއްޖެއެވެ.
" އަ...އަރޫ! ނަދީމްބެ ނިކުމެދާނެ. ޕްލީޒް! ހުއްޓާލަބަ.. " ދާއިން ބުންޏެވެ.
އޭނާއަށް އިރުއިރުކޮޅުން ދެ ކޮޓަރީގެ ދޮރަށް ބަލައިލެވެއެވެ. އަތުގެ ނުފުށުން ކަރުނަތައް ފުހެމުން ދިޔަ އިރު ވެސް އަރޫޝާއަށް ހުއްޓާލެވޭ ގޮތެއް ނުވިއެވެ.
އެވަގުތު ކުއްލިއަކަށް ނަދީމް ނިކުތްތަން ފެނުނެވެ. އެއާއެކު ދާއިންއަށް ތެޅިގަނެވުނެވެ. ބިރުން ހުރި ވަރުން ކޮޅަށް ވެސް ތެދުވެވުނެވެ. އޭރު ނަދީމްގެ ނަޒަރު ހުއްޓިފައި ހުރީ އިސްޖަހައިގެން ރޯން އިން އަރޫޝާއަށެވެ.
( ނުނިމޭ )
މި ވާހަކަ ގެނެސްދޭނީ ކޮންމެ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެވެ.