ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާ ދޫކުރާ އުސޫލު އިސްލާޙްކޮށް، ސިޔާސީ ޕާޓީތަކުގެ ޤާނޫނާއި ޚިލާފްވާނަމަ ޖޫރިމަނާ ކުރަން ހިމަނާފައިވާ ސިޔާސީ ޕާޓީގެ ޤާނޫނަށް 4 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަޞްދީޤުކުރައްވައިފިއެވެ.

ސަރުކާރުގެ ފަރާތުން ސިޔާސީ ޕާޓީގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުު މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު (ލަތީބެ) އެވެ.

Ad
rt

މި ބިލަކީ، 2024 ނޮވެމްބަރ 13 ވީ ބުދަ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 49 ވަނަ ޖަލްސާގައި 61 މެންބަރުންގެ ވޯޓުން ފާސްކުރި ބިލެކެވެ.

މި ބިލުގައި ހިމަނާފައިވާ މައިގަނޑު ނުކުތާތަކުގެ ތެރޭގައި އުވާލެވޭ ޕާޓީއެއްގެ ނަމާއި ނިޝާން ފަދަ ތަކެތި އަލަށް އުފައްދާ ޕާޓީއަކަށް ބޭނުންކުރެވޭނީ 5 އަހަރު ފަހުން ކަމަށް ބަޔާން ކުރުމާއެކު ޕާޓީ ރަޖިސްޓްރީކުރުމުގެ އުސޫލުތަކަށް ބަދަލު ގެނެސްފަވެއެވެ.

ޕާޓީތަކަށް ފައިސާ ދޭ އުސޫލަށް ބަދަލުގެންނަ ބިލު ފާސްކޮށްފި

މީގެ އިތުރުން ޕާޓީތަކަށް ދައުލަތުން ދޭ ފައިސާގެ މިންވަރު ކަނޑައެޅިފައިވަނީ އަހަރީ ބަޖެޓުގެ 0.1% އާއި 0..1% އާއި 0.2% އާ ދެމެދުގެ އަދަދަކަށްކަމަށް ބަޔާންކޮށްފަވެއެވެ.

މި ބިލުގައި ސިޔާސީ ޕާޓީތަކުގެ ޤާނޫނާ ޚިލާފުވާ ފަރާތްތަކަށް ކަނޑައެޅޭ އަދަބު ބޮޑުކޮށްފައިވާއިރު، މެމްބަރެއް ނަމަ 30,000 އާއި 75,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ. އަދި އެ ފަރާތް ނިސްބަތްވާ ޕާޓީ 100,000 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ، މި ޤާނޫނު ފާސްވެ، ތަޞްދީޤުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންކަމަށް ބަޔާންކޮށްފައިވުމާއެކު، މިއަދުން ފެށިގެން މި ޤާނޫނަށް ވަނީ ޢަމަލުކުރަން ފަށާފައެވެ.