ސުވާލު: އަޅުގަނޑުގެ ފިރިމީހާ އެކިގޮތްގޮތަށް ނަސޭހަތްދީގެން ވެސް ދީނީ ކަންތަކާ ވަރަށް ދުރު، ނަމާދަކަށް ނާރާ. އަނބިދަރީންގެ ކަން ތަކަށް ވަރަށް ފަރުވާ ކުޑަ ގިނަވަގުތު ހޭދަ ކުރަނީ ރައްޓެހިންނާ އެކީގައި، މިފަދަ ހާލަތުގައި އަނބިމީހާ އަށް ވަރިއަށް އެދެވިދާނެތޯ؟
الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن تبعهم باحسان إلى يوم الدين، أما بعد:
ޚުލާޞާ ޖަވާބު: ސުވާލުގައި ޒިކުރުކުރެވިފައިވާ ޙާލަތަކީ، އަނބިމީހާ ވަރިއަށް އެދުން ހުއްދަ ވާ ޙާލަތްތަކުގެ ތެރޭގައި ހިމެނޭ ޙާލަތެކެވެ. އެހެންކަމުން މި ޙާލަތުގައި އަނބިމީހާއަށް ވަނީ އޭނާގެ ފަރާތުން ކުރާން ޖެހޭ ކަންކަން ރަނގަޅަށް ކުރެވުނުކަން ކަށަވަރުކުރުމާއެކު ވަރި ވުމަށް ކުރާންޖެހޭ މަސައްކަތް ކުރުމެވެ. އެއްވެސް ޙާލެއްގައި ވަރިއަށް އަވަސް އަރުވައިގަތުމެއް ނުވެއެވެ. ފިރިމީހާގެ އެ ޢަމަލުތަކަށް އަނބިމީހާ ކެތްތެރިވެ، އޭނާއަށް ނަޞޭޙަތްދީ އޭނާ އިސްލާޙު ކުރުމަށް އެކި ގޮތްގޮތުން މަސައްކަތް ކުރާނީއެވެ. އެއަށްފަހު ވެސް އިސްލާޙު ނުވެއްޖެނަމަ، ކީރިތި ޤުރްއާނުގައި ﷲ ވަޙީކުރައްވާފައިވާ ފަދައިން އަންހެނާގެ އަހުލުންގެ ފަރާތުން ނިޔާ ކަނޑައަޅާނެ މީހަކާއި ފިރިމީހާގެ އަހުލުންގެ ފަރާތުން ނިޔާ ކަނޑައަޅާނެ މީހެއް ހޯދައި އެ ދެމީހުން މެދުވެރިކޮށް މިކަން ޙައްލުކުރުމަށް މަސައްކަތް ކުރާނީއެވެ. މިކަމުން ވެސް އަލި މަގެއް ނުފެނިއްޖެ ނަމަ ނުވަތަ ޙާލަތު އޮތް ގޮތުގެ ސަބަބުން މިކަން ނުކުރެވުނު ނަމަ، މި ފަދައިން ދިރިއުޅުން ހޭދަކުރަން ބޭނުން ނުވާ ކަމަށާއި އޭގެ ސަބަބުން އޭނާ އަށާއި ދަރީންނަށް އިޢާދަ ނުކުރެވޭހާ ބޮޑެތި ގެއްލުންތަކެއް ވާކަން އަންގައި ފިރިމީހާގެ ގާތުން ވަރިއަށް އެދޭނީއެވެ. ފިރިމީހާ އެގޮތުން ވެސް ވަރި ނުކޮށްފި ނަމަ ވަރިކޮށްދިނުމަށް އެދި ކޯޓުގައި އެދެވިދާނެއެވެ.
ތަފްޞީލީ ޖަވާބު: ކައިވެންޏަކީ ވަރަށް މާތް ގުޅުމެކެވެ. ހިލޭ އަންހެނަކާއި ފިރިހެނެއް ކައިވެނީގެ ގޮތުން ގުޅި، ކައިވެނީގެ ޢަޤުދުކުރުމާއެކު ދެމީހުންގެ މައްޗަށް ވެސް ލާޒިމު ކަންތައްތަކެއް ވެއެވެ. ދެމަފިރިން މާތް ﷲ އެންގެވި ގޮތަށް ޢަމަލުތައް ބަހައްޓަން ވާނެއެވެ. ﷲ އަށް އުރެދުމެއް ނުވާ ކަމެއްގައި އަނބިމީހާ ފިރިމީހާއަށް ކިޔަމަންތެރިވާން ވާނެއެވެ. އަދި ފިރިމީހާ އަނބިމީހާ އާއި އެދެމީހުންގެ ދަރީންނަށް އަޅާލައި ހެޔޮ ގޮތުގައި ބަލަހައްޓަން ވާނެއެވެ. ކައިވެނިކުރުމާއެކު އުފެދިގެންދާ އާއިލާގެ ވެރިޔަކީ ފިރިމީހާއެވެ. އަނބިމީހާއަކީ އޭނާގެ ބައިވެރިޔާއެވެ. އާއިލާގެ ވެރިޔަކަށް ވުމަކީ އެ މަޤާމަކަށް ކުރިމަތިލައިގެން ބަޔަކު ތިމާ އިންތިޚާބުކޮށްގެން ހޮވާ މަޤާމެއް ނޫނެވެ. އެއީ ކައިވެނީގެ ގޮށް ޖަހައި ޢަޤުދުކުރެވުމާއެކު ﷲ ތަޢާލާ ފިރިމީހާއަށް ދެއްވާ ޒިންމާތަކަކެވެ. ޤިޔާމަތްދުވަހުން ސުވާލުކުރެވޭނޭ މަސްއޫލިއްޔަތެކެވެ. އަދާކުރާން ޖެހޭ އަމާނާތެކެވެ. ވީމާ ފިރިމީހާގެ ކެރިކުޅަދާނަކަށް ހުރި މިންވަރަކުން މި މަސްއޫލިއްޔަތު އެންމެ ފުރިހަމައަށް އަދާކުރާން ވާނެއެވެ. އަދި އެކަމަށް ފަރުވާކުޑަކުރުން މަކީ އަނބިމީހާގެ ޙައްޤަށް އަރައިގަތުމެވެ.
އަސްލަކީ މަޤުބޫލު ސަބަބެއް ނެތި ވަރިއަށް އެދުން ހުއްދަ ނުވުމެވެ. އައްޝައިޚް އަލްބާނީ ޞައްޙަ ކަމަށް ވިދާޅޫވެފައިވާ އަބޫދާވޫދު އަދި އައް ތިރުމިޛީ ރިވާ ކުރައްވާފައިވާ ޙަދީޘެއްގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަަސައްލަމް ޙަދީޘްކުރައްވާފައި ވެއެވެ. أيما امرأة سألت زوجها الطلاق من غير ما بأس فحرام عليها رائحة الجنة (رواه أبو داود (2226) والترمذي (1887))
މާނަ: "މަޤުބޫލު ސަބަބެއް ނެތި އޭނާގެ ފިރިމީހާ ގާތުން ވަރިއަށް އެދޭ އަންހެނާއަށް ސުވަރުގޭގެ ވަސް ވަނީ ޙަރާމް ވެގެންނެވެ."
ޤަޠަރުގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަތުވާ ދިނުމާ ބެހޭ އިދާރިން 20 ޑިސެމްބަރު 2008 ގައި، އަނބިމީހާ ވަރިއަށް އެދުން ހުއްދަ ވާ ޙާލަތްތައް ބަޔާންކޮށް ނެރުނު ފަތުވާއެއްގައި ވެއެވެ. "ފިރިމީހާ ބޮޑެތި ފާފަތަކަށް އަރައިގަނެ، ފާސިގު ފާޖިރު ކަންކަން ކޮށް، ނުވަތަ ފަރުޟު އަޅުކަންތައް އަދާ ނުކޮށްއުޅޭ ނަމަ އަނބިމީހާ ކެތްތެރިވުމާއެކު، އޭނާގެ ފިރިމީހާއަށް ނަސޭޙަތް ދީގެން ވެސް އެކަންކަން އިސްލާޙު ނުކޮށް ފާފަކުރުން މަތީގައި ކުރިއަށް ދާނަމަ، މި ޙާލަތުގައި އަނބިމީހާއަށް ވަރިއަށް އެދެވިދާނެއެވެ. އަދި ވަރިއަށް އެދުމުން ފިރިމީހާ އެކަމަށް އިންކާރުކުރާނަމަ، ދެމަފިރިން ވަކި ކޮށްދިނުމަށް އެދި ކޯޓަށް ދިއުމަކީ ވެސް އަނބިމީހާއަށް ކުރެވިދާނެކަމެކެވެ." އަދި 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 8 ވަނައަށް ވީ ހުކުރު ދުވަހު ދިވެހި ރާއްޖޭގައި ކީ ހުކުރު ޚުޠުބާގައި ވެއެވެ. "ހަމަ އެފަދައިން ފިރިމީހާ އަނބިމީހާގެ މައްޗަށް އަނިޔާވެރިވެ، އޭނާގެ ޙައްޤުތައް އަދާ ނުކުރާނަމަ، އަނބިމީހާއަށް ކައިވެނި ޚުލްޢުކުރުމަށް ހުށަހެޅުން ހުއްދަވާނެއެވެ."
ޚުލްޢުކުރުމަކީ އަނބިމީހާ ފިރިމީހާއަށް އެއްޗެއް ދީގެން، ރުޖޫޢަނުކުރެވޭގޮތަށް ވެވޭ ވަރިއެކެވެ. އެގޮތުން ރަނުގެ ގޮތުގައި ފިރިމީހާ އަނބިމީހާއަށް ދިން އެއްޗެއް ދީގެން ނުވަތަ އެހެން އެއްޗެއް ދީގެން ވެސް ޚުލްޢު ވަރި ކުރެވޭނެއެވެ. ޚުލްޢު ވަރިއަށްފަހު އެދެމީހުން އަލުން ގުޅެން ބޭނުންނަމަ ޖެހޭނީ އާ ކައިވެންޏެއް ކުރާށެވެ.
ﷲ ތަޢާލާ ރުއްސުންލެއްވި ޢަބްދުﷲ ބިން ޢައްބާސްގެ ކިބައިން ރިވާވެގެންވެއެވެ. ޘާބިތު ބިން ޤައިސް ބިން ޝައްމާސްގެ އަނބިމީހާ، ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހަށް އައިސް ދެންނެވިއެވެ. އޭ ﷲގެ ރަސޫލާ (ޞައްލަﷲ ޢަލައިހިވަސައްލަމަ) އެވެ! ޘާބިތުގެ ދީންވެރިކަމާއި އަޚްލާޤަކަށް، އަހުރެން ދެކޮޅުހަދައި ޢައިބު ނުބުނަމެވެ. ނަމަވެސް ފިރިމީހާގެ ޙައްޤު އަދާނުކުރާމީހުންގެ ތެރެއިންވެދާނެކަމަށް ބިރުވެތިވަމެވެ. ދެންފަހެ ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ކަނބުލޭގެ އޭނައަށް، އޭނަގެ ދަނޑު އަނބުރާ ރައްދުކުރާނަމުތޯއެވެ؟ އެ އަންހެންމީހާ ދެންނެވިއެވެ. އާދޭހެވެ. އަދި އޭނާ ދަނޑު އަނބުރާ ރައްދުކުރިއެވެ. އެއަށްފަހު ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ އަމުރުކުރެއްވުމުން ޘާބިތު (ރަޟިޔަﷲ ޢަންހު) އެ އަންހެންމިހާ ވަރިކުރިއެވެ. (رواه البخاري).
ސުވާލުގައި ޒިކުރުކުރެވިފައިވާ ކަންކަމަކީ މަތީގައި ޒިކުރުކުރެވުނު ފަތުވާގައި ވާ ޙާލަތަކަށް ފެތޭ ކަންކަމެވެ. އެހެންކަމުން މި ޙާލަތުގައި އަނބިމީހާއަށް ވަނީ އޭނާގެ ފަރާތުން ކުރާން ޖެހޭ ކަންކަން ރަނގަޅަށް ކުރެވުނުކަން ކަށަވަރުކުރުމާއެކު ވަރި ވުމަށް ކުރާންޖެހޭ މަސައްކަތް ކުރުމެވެ. ފިރިމީހާގެ އެ ޢަމަލުތަކަށް އަނބިމީހާ ކެތްތެރިވެ، އޭނާއަށް ނަޞޭޙަތްދީ އޭނާ އިސްލާޙު ކުރުމަށް އެކި ގޮތްގޮތުން މަސައްކަތް ކުރާނީއެވެ. އެއަށްފަހު ވެސް އިސްލާޙު ނުވެއްޖެނަމަ، ކީރިތި ޤުރްއާނުގައި ﷲ ވަޙީކުރައްވާފައިވާ ފަދައިން އަންހެނާގެ އަހުލުންގެ ފަރާތުން ނިޔާ ކަނޑައަޅާނެ މީހަކާއި ފިރިމީހާގެ އަހުލުންގެ ފަރާތުން ނިޔާ ކަނޑައަޅާނެ މީހެއް ހޯދައި އެ ދެމީހުން މެދުވެރިކޮށް މިކަން ޙައްލުކުރުމަށް މަސައްކަތް ކުރާނީއެވެ. މިކަމުން ވެސް އަލި މަގެއް ނުފެނިއްޖެ ނަމަ ނުވަތަ ޙާލަތު އޮތް ގޮތުގެ ސަބަބުން މިކަން ނުކުރެވުނު ނަމަ، މި ފަދައިން ދިރިއުޅުން ހޭދަކުރަން ބޭނުން ނުވާ ކަމަށާއި އޭގެ ސަބަބުން އޭނާ އަށާއި ދަރީންނަށް އިޢާދަ ނުކުރެވޭހާ ބޮޑެތި ގެއްލުންތަކެއް ވާކަން އަންގައި ފިރިމީހާގެ ގާތުން ވަރިއަށް އެދޭނީއެވެ. ފިރިމީހާ އެގޮތުން ވެސް ވަރި ނުކޮށްފި ނަމަ ވަރިކޮށްދިނުމަށް އެދި ކޯޓުގައި އެދެވިދާނެއެވެ.
والله أعلم.