ފަލަސްޠީނުގެ މިނިވަންކަން އިޢުލާނު ކުރިތާ 36 އަހަރު ފުރުމުގެ މުނާސަބަތުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޚާއްޞަ މެސެޖެއް ފޮނުއްވައިފިއެވެ.
މިގޮތުން ރައީސް މުޢިއްޒު ވަނީ ފަލަސްޠީނުގެ ރައީސް ޑރ. މަޙްމޫދު ޢައްބާސްއަށާއި ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު މުޙައްމަދު މުސްޠަފާއަށް ވަކިވަކިން މެސެޖު ފޮނުއްވާފައެވެ.
މި މެސެޖުގައި ފަލަސްޠީނުގެ މިނިވަންކަން އިޢުލާން ކުރިތާ 36 އަހަރު ފުރުމުގެ މުނާސަބަތުގައި، ހެޔޮ އެދުންތައް ފޮނުއްވާފައިވާއިރު، ފަލަސްޠީނުގެ ރައްޔިތުން، އަނިޔާވެރިކަމާއި ބޭއިންސާފާ ދެކޮޅަށް ކުރަމުން ގެންދާ މަސައްކަތުގައި، އެ ރައްޔިތުންގެ ސާބިތުކަމާއި ހިތްވަރުގަދަކަމަށް ތައުރީފްކުރަށްވައި ހިތްވަރު ދެއްވާފައި ވެއެވެ.
ރައީސްގެ މެސެޖުގައި، ދިވެހިރާއްޖޭގެ އެއްބާރުލުން އަބަދުވެސް ފަލަސްޠީނަށް ލިބެމުންދާނެކަމުގެ ޔަޤީންކަން ދެއްވާދެއްވުން ވަނީ ތަކުރާރުކުރަށްވާފައެވެ.
މީގެ އިތުރުން ފަލަސްތީނުގެ މިނިވަން ދައުލަތެއް ޤާއިމުވެ ދިޔުމަށް ދިވެހި ސަރުކާރުން ގެންގުޅޭ ސްޓޭންޑް ކަމިގައިވާ، 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައެޅިފައިވާ ފަލަސްޠީނުގެ މިނިވަން އަދި އިސްތިޤްލާލީ ދައުލަތަކަށް ދިވެހިރާއްޖެއިން އަބަދުވެސް ވަކާލާތުކުރައްވާނެކަމުގެ ޔަޤީންކަން ވެސް ރައީސްގެ މެސެޖުގައި ދެއްވާފައިވެއެވެ.
ރައީސްގެ މެސެޖު ނިންމަވާލައްވަމުން، ފަލަސްޠީނުގެ ރައީސް ޑރ. މަޙްމޫދު ޢައްބާސްއަށާއި ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު މުޙައްމަދު މުސްޠަފާއަށާއި، އަޚުވަންތަ ފަލަސްޠީނުގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ޞުލްޙައާއި ކުރިއެރުމަށް އެދިވަޑައިގެންފައިވެއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި، ދިވެހި ސަރުކާރުން ދަނީ ކެނޑިނޭޅި ފަލަސްތީނުގެ އަޚުންނާއި އުޚުތުންގެ ޙައްޤުގައި ވަކާލާތު ކުރަމުންނެވެ. ފެށުނީއްސުރެ ދިވެހި ރާއްޖެއަކީ ފަލަސްތީނުގެ ޙައްޤުގައި ބަސް ބުނަމުން އަންނަ އެ ޤައުމުގެ ރަށްޔިތުންނަށް ވަރަށް ހެޔޮއެދޭ ޤައުމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!