ސިލްސިލާ ވާހަކަ: ލޯބިވިޔަސް 15

loabi viyas

ކުރީގެ އަދަދާއި ގުޅޭ،

" މަންމާ! " ނަދީމްގެ އަޑުން ދޮރާ ދިމާލަށް އެންމެންނަށް ބަލައިލެވުނީ އެއްފަހަރާއެވެ.

އެ ވަގުތު އެންމެންގެ ނަޒަރު ހުއްޓުނީ ނަދީމްއާ ދާދި ގާތުގައި ހުރި ޒައިނާއާ ދިމާލަށެވެ. ނުތަނަވަސްކަމާއެކު ޒައިނާ ވެސް ފަހަރަކު މީހެއްގެ މޫނަށް ބަލަމުން ދިޔައެވެ.

ނަދީމް އުއްމީދު ކުރި ގޮތާ ހިލާފަށް، މަންމައާއި ބައްޕަގެ މޫނުމަތިން ހިނިތުންވުން ނުފެނުމުން އޭނާ ހުރީ ކޮންމެވެސް ވަރަކަށް ޖެހިލުންވެފައެވެ. ހިންދިރުވާލަމުން ނަދީމް، ޒައިނާއަށް ބަލައިލިއެވެ. އަދި ގަދަކަމުން ހީލީ، ޒައިނާ ހިތްހަމަ ޖައްސާލުމަށްޓަކައެވެ. ނަމަވެސް އަރޫޝާ ފެނުމާއެކު ޒައިނާގެ ހިތުގައި ހައިޖާނުގަނޑެއް އުފެދިއްޖެއެވެ. އޭނާއަށް ވުރެ އަރޫޝާ ރީތިކަމަށް އޭނާގެ ހިތް ދައުވާ ކުރަން ފަށައިފިއެވެ. އެ ވަގުތުން ފެށިގެން ޒައިނާގެ ހިތުގައި ހަސަދައިގެ ހުޅު ހިފައިފިއެވެ.

" ދަރިފުޅާ ނަދީމް. " ތަނަށް ވެރިވެފައިވާ ހަމަހިމޭންކަން ފޫ އަޅުވާލީ ރިޒާއެވެ.

ބައްޕަ ގޮވާލުމުން ނަދީމް ބޯ ޖަހާލިއެވެ. އަދި ކޮނޑުގައި އޮތް ދަބަސް ނަގައި، ތިރީގައި ބެހެއްޓިއެވެ. އޭރު ވެސް ޒައިނާ ހުރީ ހުރި ފިޔަވަޅު މަތީގައެވެ.

" މިހުރީ ކޮން ކުއްޖެއްތަ؟" މަދީހާ އެހިއެވެ.

ހިތްހެޔޮ ރާގަކަށް ވާހަކަ ދެއްކި ނަމަވެސް މަދީހާ ވެސް ހުރީ ވަރަށް ބޮޑަށް ހާސްވެފައެވެ.

ނަދީމް ދޭނެ ޖަވާބެއްގެ އިންތިޒާރުގައި އަރޫޝާ ވެސް ހުރީ ނުތަނަވަސް ވެފައެވެ. ނަދީމްއާއެކު އަންހެން ކުއްޖަކު އައުމުން އަރޫޝާއަށް ވެސް ލިބުނީ ސިހުމެކެވެ.

" މިއީ... މިއީ ޒައިނާ. އަހަރެންގެ... އަހަރެންގެ ވަރަށް ގާތް ރައްޓެއްސެއް. ޒައިގެ މަންމަމެން ރާއްޖެއިން ބޭރަށް ދިޔައީމަ މިރަށުގައި ދުވަސްކޮޅަކު މަޑުކޮށްލަން ވެގެން އައީ. " ނަދީމް ބުންޏެވެ.

ދޮގު ހަދަން ޖެހުނީތީ އޭނާއަށް ވާހަކަ ދެއްކުނީ އާގަންނަމުންނެވެ. ނަދީމް، ޒައިނާ ތައާރަފް ކޮށްދިނުމާއެކު ޒައިނާ ހިނިތުންވެލަމުން މަދީހާއަށް ބަލައިލިއެވެ.

އަރޫޝާއަކަށް ނަދީމް އެ ބުނި އެއްޗެއް ގަބޫލެއް ނުކުރެވުނެވެ. ޒައިނާއަކީ ނަދީމްގެ ލޯބިވެރިޔާބާވައޭ އޭރުވެސް އޭނާގެ ހިތަށް އަރަމުން ދެއެވެ.

" އެހެން ދޯ؟ އާނ ދެން އުޅޭ އެންމެން ކާން. ޒައިނާ ވެސް އުޅޭ އަހަރެމެންނާއެކު ބަތްކާން. " މަދީހާ ވާހަކަ ދެއްކީ އުފަލުންނެވެ.

" ކާނީ ފެންވަރައިގެން." ނަދީމް އަވަސް އަވަހަށް ބުނެލިއެވެ.

 

" މަންމަމެން ފަތިހު ދަނޑަށް ގޮސް އުޅެފައި، ދެންމެ ގެއަށް މިއައީ. އައި އިރު އަރޫޝާ މިހުރީ ދަރިފުޅު އަންނާތީވެ  ވަރަށް ގަދައަށް ކައްކާފަ." ހެވިފައި ހުރެ މަދީހާ ބުންޏެވެ.

އެވަގުތު ލަދުރަކި ގޮތަކަށް ހީލަމުން އަރޫޝާ ނަދީމްއަށް ބަލައިލީ ނަދީމްގެ ސަމާލުކަން އޭނާއަށް ލިބޭތޯއެވެ. ނަމަވެސް ނަދީމް، އޭނާއަށް ބަލައިވެސް ނުލިއެވެ. އަރޫޝާއަށް ފެނުނީ މަދީހާއަށް ބަލަހައްޓައިގެން ހުރެ އޭނާ ލުއި ގޮތަކަށް ހީލިތަނެވެ.

" ނަދީމް! ޒައިނާގެ ދަބަސް އަރޫޝާގެ ކޮޓަރިއަށް ގެންދަންވީ އެއްނު. މިހާރު އެ ކޮޓަރި ހުންނާނީ ހުސްކޮށެއްނު." މަދީހާ ބުންޏެވެ.

އެއާއެކު ކުއްލި ސިހުމަކާއެކު ނަދީމްއަށް ބަލައިލެވުނީ އަރޫޝާގެ މޫނަށެވެ. ނަދީމްގެ އެ ބަލައިލުމުން، އަރޫޝާގެ ހިތަށް ބިރުވެރިކަން ވަނެވެ. ނަދީމް ހިތްހަމަ ނުޖެހުނުވަރު އަރޫޝާއަށް އިހްސާސް ކުރެވުމާއެކު އޭނާ އިތުރަށް ބިރުގަތެވެ.

" އާދޭ ޒައި. " ނަދީމް ހިނގައި ގަންނަމުން ބުންޏެވެ.

އެ ވަގުތު ޒައިނާ ނަދީމްގެ ފަހަތުން އަވަސް އަވަހަށް ދިޔައެވެ.

" ތި ދެ މީހުން އެއްކޮޓަރިއެއްގައި އުޅޭތަން ބަލަން އަހަންނަކަށް ނެތެއް ނުކުރެވޭނެ.!" އެތެރެއަށް ވަތް ގޮތަށް ޒައިނާ ޝަކުވާ ކުރަން ފެށިއެވެ.

" ނަދީމްއާ އެއް ކޮޓަރިއެއްގައި އަރޫޝާއަކަށް ނޫޅެވޭނެ. " ޒައިނާ ބުންޏެވެ.

ނަދީމްގެ ކުރިމަތީގައި ހުއްޓި ހުރެ ޒައިނާ ދެ އަތް އުރާލިއެވެ. އޭރު ނަދީމްގެ މޫނުމަތިން ވެސް ފެންނަމުން ދިޔައީ ހިތްހަމަ ނުޖެހުމުގެ އަސަރުތަކެވެ.

" އަހަރެން ވެސް ބޭނުމެއް ނޫނޭ އެ ގޮތެއް.  " ނަދީމް ބުންޏެވެ.

" ހެވޭ! އަހަރެމެން ބޭނުންވާ ގޮތަށް އެއްވެސް ކަމެއް ނުވެއެއްނު. އަހަރެން މި ބުނީ ނަދީމްއަކަށް އޭނައާ އެއް ކޮޓަރިއެއްގައެއް ނޫޅެވޭނެޔޭ. " ޒައިނާ އަމުރު ކުރިއެވެ.

އެ ވަގުތު ފާރުގައި ބުރަކަށި ޖައްސާލަމުން ނަދީމް ފުން ނޭވާއެއް ދޫ ކޮށްލިއެވެ.

" ނަދީމް ބޭނުންވާ ގޮތަށް، ނަދީމްގެ ރައްޓެއްސެކޭ ކިޔައިގެން އަހަރެން މި އުޅެނީ. އެކަމަކު އަހަރެން ބޭނުންވާ ގޮތެއް ނަދީމްއަކަށް ނެހެދޭނެތަ؟ " އަނެއްކާ ވެސް ވާހަކަ ދެއްކީ ޒައިނާއެވެ.

އޭރު ވެސް ނަދީމް ހުރީ ފުން ވިސްނުމެއްގައެވެ. ނޭނގި ހުއްޓާ، ދިރިއުޅުމަށް އައި ބޮޑެތި ބަދަލުތަކާއެކު ކުރިމަތި ކުރުވި އިންގިލާބާ މެދު އޭނާއަށް ފިކުރު ކުރެވެނީއެވެ.

" ކީއްވެ އެއްޗެއް ނުބުނެ ތި ހުރީ؟ އަހަރެންގެ އިހްސާސްތައް ނަދީމްއަށް ނޭނގެނީތަ؟" ޒައިނާ ބުނެލީ މަޑުމަޑުންނެވެ.

" އެނގެޔޭ! އެކަމަކު... އަހަރެން މި އުޅެނީ އަމިއްލަ ގެއަކު ނޫން. މިތާ އަހަރެން ބޭނުންވާހާ ގޮތަކަށް ނޫޅެވޭނެ. މައިންބަފައިންގެ ކުރިމަތީގައި ލަދުގަންނާކަށް އަހަރެން ބޭނުމެއް ނޫން. ޒައި! އަހަރެން ޒައި ދެކެ ވަރަށް ލޯބިވޭ. އިންތިހާއަށް ލޯބިވޭ. ތި ނޫން އެއްވެސް މީހެއް ދެކެ އަހަންނަށް ދުވަހަކު ވެސް ލޯތްބެއް ނުވެވޭނެ. " ނަދީމް ބުންޏެވެ.

ޒައިނާގެ ކޯތާފަތުގައި އަތް ޖައްސާލައިގެން ހުރެ އޭނާ ޒައިނާގެ މޫނަށް ބަލަމުން ދިޔައީ ކަންބޮޑުވާ ހާލުގައެވެ.

" އަހަންނަށް އިތުބާރު ކުރޭ. ޕްލީޒް. " ނަދީމް ބުނެލީ މަޑުމަޑުންނެވެ.

ހައިރާންވުމާއެކު ނުތަނަވަސް ވެފައިވާ ހިތަކައިގެން ޒައިނާ ވެސް ނަދީމްއަށް ބަލަމުން ދިޔައެވެ. އަދިވެސް ބުނަން ބޭނުންވެ، ނުބުނި ހުރި އެތައް ވާހަކަތަކެއް އެ މޫނުމަތިން ޒައިނާއަށް ފެންނަ ކަހަލައެވެ.

" އިތުބާރު؟ އިތުބާރު ކުރާތީ ދޯ، އަހަރެން ނަދީމްގާތު އަހައިވެސް ނުލާ، އަހަރެންގެ މައިންބަފައިން ދޫކޮށް ނަދީމް ގާތަށް އައީ. އިތުރަށް އަހަރެން އިތުބާރު ކުރަންވީ ކޮން ކަމަކަށް؟" ދެރަވެލާފައި ޒައިނާ އެހިއެވެ.

ނަދީމްގެ ހިތުގައި އޮތް އެއްޗެއް އޭނާގެ ދުލާ ހަމައަށް ނުފޯރައިގެން އުޅޭ ކަހަލައެވެ. ދެ ލޯ މަރާލައިގެން އިރުކޮޅަކު ހުރުމަށް ފަހު އޭނާ ޒައިނާގެ މޫނުން އަތް ދޫ ކޮށްލިއެވެ.

" ޒައި ވެސް ޒައިގެ މަންމަމެންގެ އެދުމަށް ދެކޮޅު ނަހަދަން ވެގެން އަހަރެން ދޫކޮށްލީ. އަހަރެން ޒައިގެ ހަޔާތުން ނެރެލީ. ހަމަ އެގޮތަށް އަހަރެން ވެސް މަންމަމެންނަށް ކުރާ އިހްތިރާމަކުން ދެކޮޅު ހަދަން ނުކެރުނީ.  ކުރިން ވެސް ބުނީމެއްނު މި ކައިވެންޏަކީ ވެސް އެ ގޮތަށް ކުރެވުނު ކަމެކޭ. އެކަމަކު ބުނަންތަ؟ އެކަމަކު މި ކައިވެނި މާ ގިނަ ދުވަހަކު ދެމިގެންނެއް ނުދާނެ. " ނަދީމް ބުންޏެވެ.

އެ ވަގުތު ނަދީމް ބުނަން އުޅޭ އެއްޗެއް ނުވިސްނިގެން ކަހަލަ ގޮތަކަށް ޒައިނާއަށް ދެ ބުމަ ކައިރި ކޮށްލެވުނެވެ.

" އަހަރެންގެ ފަރާތުން އެއްވެސް ލޯތްބެއް އަދި އަޅާލުމެއް ވެސް އަރޫޝާއަކަށް ނުލިބޭނެ.  އޭނަ އަމިއްލައަށް މިކަން ނިންމާނީވެސް. އެ ދުވަސް ދެކެން ޒައި ހުންނާތި." ނަދީމް ބުނެލިއެވެ.

" އެކަމަކު... ނަދީމް! އަހަންނަށް ވަރަށް އުނދަގޫ ވާނެ." ޒައިނާ ބުންޏެވެ.

" އިތުބާރެއް ނުކުރާނަންތަ؟" ނަދީމް ސުވާލު ކުރިއެވެ.

އެއާއެކު ޒައިނާ މަޑުމަޑުން ދެ ފަރާތަށް ބޯ ހޫރާލިއެވެ.

 

ނަދީމްގެ ކޮޓަރީގައި އަރޫޝާ ހުރީ ދެކޮޅަށް ހިނގާލަހިނގާލައެވެ. ހިތަށް ލިބެމުންދާ ހާސްކަމުގެ ސަބަބުން ހިތުގެ ވިންދު ވަނީ ހައްދުން ނެއްޓިފައި ކަހަލައެވެ. ނަދީމްއާ ކުރިމަތިލާނެ ގޮތެއް ނުވިސްނިގެން އޭނާގެ ހިތް ތެޅިފޮޅެނީއެވެ.

އޭނާގެ އަވަސް ފިޔަވަޅުތައް ހުއްޓުނީ ނަދީމް އައިސް އެތެރެއަށް ވަނުމުންނެވެ.

" އަހަރެން އޮފީހުން އައި އިރު މަންމަ އަމިއްލައަށް ހުރީ އަހަރެންގެ އެއްޗެހި މި ކޮޓަރިއަށް ގެނެސް." އަރޫޝާ އަވަސް އަވަހަށް ބުނެލިއެވެ.

އެ ވަގުތު އަތުކުރީގައި އޮތް ގަޑި ބާލައި، ޑްރެސިން ޓޭބަލް މަތީގައި ބޭއްވުމަށްފަހު ނަދީމް ބަލައިލިއެވެ. އޭރު އަރޫޝާއަށް ވެސް ހުރެވުނީ ނަދީމްއަށް ބަލަހައްޓައިގެންނެވެ.

" ހޫމް. މަންމަމެން ބުނެގެން ކުރި ކައިވެންޏެއްގައި މަންމަމެން ބުނާހާ ގޮތެއް ހަދައިގެން ދޯ އުޅެން ޖެހޭނީ. " ނަދީމް ބުންޏެވެ.

ނަދީމް އެހެން ބުނުމާއެކު އަރޫޝާއަށް އިސްޖަހާލެވުނެވެ. ނަދީމްގެ ހިތުގައި އަރޫޝާއާމެދު އެއްވެސް ޝައުގެއް ނެތްކަން އޭނާގެ ރާގުން ވެސް އަރޫޝާއަށް އެނގުނެވެ. ދިރިއުޅުމުގައި ކުރިމަތިވާނެ އެއަށްވުރެ ބޮޑު ހަނގުރާމައެއް ނެތޭ އޭނާގެ ހިތަށް އެރިއެވެ.

" އަހަރެމެން ދެ މީހުންގެ ދެމެދު އެއްވެސް ގުޅުމެއް ނެތަސް މި ދިރިއުޅުން ކުރިއަށް ގެންދަން ބޭނުންތަ؟" ނަދީމް ބުންޏެވެ.

ނަދީމްގެ ސުވާލުން އަރޫޝާއަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ. ނަދީމްގެ މަގްސަދު ވަރަށް ރަނގަޅަށް އަރޫޝާއަށް އެނގެއެވެ. އެކުގައި އުޅެން އެއްވެސް ވަރަކަށް ބޭނުން ނުވާކަން ވެސް އެނގެއެވެ. އެކަމާ އަރޫޝާ ދެރަ ނުވި ނަމަވެސް ކައިވެނި ދަމަހައްޓަން އޭނާ ކުރި އުއްމީދު، ކުޑަވާ ގޮތް ވިއެވެ.

" ކައިވެންޏަކީ އަހަރެމެން ހީ ކުރާ ވަރަށް ވުރެ މާ މަތިވެރި އަދި މާތް ގުޅުމެއް. އެކަމަކު މި ކައިވެނިން އަހަރެމެން ދެ މީހުންނަށް ލިބޭނެ އެއްވެސް އުފާވެރިކަމެއް ނެތްކަން އަހަންނަށް ވެސް އެނގޭ. ހިތްހަމަ ޖެހުމެއް އަދި އުއްމީދެއް ނެތްކަން ވެސް އެނގޭ. އަހަރެން ވެސް މި ކައިވެންޏަށް އެއްބަސް ވީ މަޖުބޫރެއްގައި ތާށިވެގެން. އެކަމަކު... ކައިވެންޏަކީ ސަމާސާއެއް ކަމަކަށް އަހަރެން ނުދެކެން. އަދި އާއިލާއާއި އަހަރެމެންގެ އަގަކީ ވެސް ވަރަށް މަތިވެރި އެއްޗެއް." އަރޫޝާ ބުންޏެވެ.

އެ ވާހަކަތައް ދައްކާނެ ހިތްވަރު ލިބުނީ ކިހިނެއް ކަމެއް ވެސް އޭނާއަކަށް ނޭނގެއެވެ. ކައިވެނި ކޮށްފައި ހަފްތާއެއް ނުވެ، ކައިވެނި ރޫޅާލާކަށް ފަހަރެއްގައި ވެސް އޭނާ ނޭދެއެވެ. އެފަދަ އިޝާރާތެއް ނަދީމް ކުރީތީ ވެސް އޭނާ ހުރީ ލަދުގަނެފައެވެ.

" ތި ބުނީ މި ކައިވެނި ދަމަހައްޓަން ބޭނުން ވެޔޭތަ؟" ދެ އަތް އުރާލަމުން ނަދީމް ބުންޏެވެ.

ފެންކަޅިވެފައި ހުރެ އަރޫޝާ ބޯ ޖަހާލީ ދުރަށް ބަލައިލަމުންނެވެ.

" ނަދީމް ބޭނުން ނުވަންޏާ އެންމެ ރަނގަޅު! އަހަރެން ވަރިކުރޭ. ނޫނީ މަންމަމެންނާ ވާހަކަ ދައްކާ މިކަން ނިންމަން. އޭރުން މި ކަން ނިމިދާނެ.ވަރި ކުރުމަކީ އަހަރެމެން އަންހެނުންނަށް ލިބިފައިވާ ބާރެއް ނޫން. " އެހެން ބުނުމަށްފަހު އަރޫޝާ ނަދީމްއަށް ފުރަގަސް ދިނެވެ. ޒައިނާއަކީ ކާކުތޯ އަހަން ބޭނުން ވެފައި ހުރި ނަމަވެސް އެ ސުވާލު ކުރަން އަދި މާ އަވަހޭ ހިތަށް އަރައި، އަވަސް އަވަހަށް ނިކުމެގެން ދިޔައެވެ.

އަރޫޝާ ދިޔުމާއެކު ނަދީމްއަށް އެއް އަތުން ބޮލުގެ އިސްތަށިގަނޑުގައި ބާރަށް ހިފަހައްޓާލެވުނެވެ. އޭނާ ހީކުރި ގޮތާ ހިލާފަށް އަރޫޝާ މާ ހުށިޔާރުވެފައި ވިސްނުންތޫނެވެ. އަރޫޝާ ލައްވާ އޭނާ ކުޅުވަން އުޅޭ ގޭމް، ކުޅެން އުނދަގޫވާނެ ވަރު ނަދީމްއަށް އެވަގުތު އިހުސާސް ކުރެވުނެވެ.

ހަވީރުގެ ވަގުތެވެ. އަރޫޝާ އުޅުނީ ބަދިގެ ތެރޭގައެވެ. އޭރު ރިޒާއާއި މަދީހާ ވީ ގަސްތަކަށް ފެންދޭން ދަނޑަށް ގޮހެވެ.

ނަދީމްއާ ވާހަކަ ދެކެވުނު ފަހުން އަރޫޝާގެ މޫނުމަތީގެ ކުލަވަރު ހުންނަނީ ވަނދުވެފައެވެ. ދިރިއުޅެން ފަސޭހަ ނުވާނެކަން އޭނާއަށް ވިސްނެމުން ދިޔައެވެ. އުއްމީދު ކުޑަވެ، މާޔޫސްވާ ގޮތް ވިއެވެ. އެހާ އަވަހަށް ނަދީމް އެ ގޮތް ބޭނުންވުމުން އަރޫޝާ ވެސް ދިރިއުޅުން މަތިން ފޫހިވާން ފެށިއެވެ.

ކޮޓަރިން އައިސް ޒައިނާ ހުއްޓުނީ ބަދިގެބައިގެ ދޮރުމަތީގައެވެ. އެ ވަގުތު އުނދުން ކައިރީ ހުއްޓި ހުރި އަރޫޝާ ފެނި، ޒައިނާގެ ހިތަށް ފޫހިކަން ވެރިވެގެން ދިޔައެވެ. ދޮރުކަނީގައި ލެނގިލައިގެން ހުރެ ޒައިނާ އަރޫޝާގެ ފައިން ފެށިގެން ބޮލަށް ބަލަމުން ދިޔައީ ހަސަދަވެރިކަމާއެކުގައެވެ.

ޒައިނާއަކީ ނަދީމްގެ ކާކުކަން އަރޫޝާއަށް އަންގާލަން ކިތަންމެ ބޭނުންވި ނަމަވެސް ނަދީމް އޮތީ އެކަން ސިއްރުކުރުމަށް އަމުރު ކޮށްފައެވެ. އެހެންވެ، ޒައިނާއަށް ޖެހުނީ ހިތް މައިތިރި ކޮށްލާށެވެ.

" ކޮފީއެއް ލިބިދާނެތަ؟" ޒައިނާ ބުންޏެވެ.

ޒައިނާގެ އަޑަށް ސިހިފައި އަރޫޝާ ފަހަތް ބަލައިލިއެވެ. އޭރު ޒައިނާ ހުރީ އެތެރެއަށް ވަދެއެވެ. ޒައިނާ އަރޫޝާއަށް ބަލަމުން ދިޔަ ގޮތުން އަރޫޝާއަށް އުނދަގޫ ވިއެވެ. ނަމަވެސް ގަދަކަމުން ހިނިތުންވެލުމަށްފަހު އޭނާ އެދުނީ އިށީނުމަށެވެ.

" ކޮބާ ނަދީމްގެ މަންމަމެން؟ ގޭގައި ނެތީތަ؟" ޒައިނާ އަހާލިއެވެ.

އެ ވަގުތު އަރޫޝާ ބޯ ޖަހާލިއެވެ.

" ދަނޑަށް ގޮސް ވީ. " އަރޫޝާ ދިނީ ކުރު ޖަވާބެކެވެ. ޒައިނާއަށް ބޯ ޖަހާލެވުނެވެ.

" ކޮން އިރަކުން އެ މީހުން އަންނަނީ؟" ޒައިނާ އަހާލިއެވެ.

" ބަންގި ގޮވީމަ އަންނާނެ. " އަރޫޝާ ބުންޏެވެ.

އެއާއެކު އަތުގައި އޮތް ފޯނުން ޒައިނާ ގަޑި ބަލައިލިއެވެ. ޒައިނާއަށް ހިނިތުން ވެލެވުނީ ބޭއިހްތިޔާރުގައެވެ. ނަދީމް އޮންނާނީ ނިދާފައިކަން ޒައިނާއަށް އެނގެއެވެ.

" އޭ އޯކޭ އިނގޭ ކޮފީ ނެހެދިޔަސް. " ޒައިނާ އެހެން ބުނެލި އިރު އޭނާ ހުރީ ދޮރުން ވެސް ބޭރު ވެފައެވެ.

އަތުގައި ހުރި ކޮފީ ޖޯޑު މޭޒުމަތީ ބަހައްޓަމުން އަރޫޝާއަށް ދެ ފަރާތަށް ބޯ ހޫރާލެވުނެވެ. މޭޒުމަތީ ދެ އަތް ވިއްދާލުމަށްފަހު އޭނާ ވިސްނަން ފެށިއެވެ. އެއާއެކު އަނެއްކާ ވެސް ހަނދާންވީ ނަދީމް އެންމެ ލޯބިވާ ކުއްޖާގެ ވާހަކަ ބުނި ދުވަސް މަތިންނެވެ.

" ދުވަހަކު ވެސް އެ ކުއްޖާއާ ކައިވެންޏެއް ނުކުރެވޭނެޔޭ ބުނީ. ޒައިނާއަކީ ކާކުބާ؟ އަނެއްކާ، ނަދީމް އެހެން މީހަކާ ރައްޓެހިވީބާ؟" އަރޫޝާގެ ސިކުނޑިއަށް ހިޔާލުތައް ގިނަވާން ފެށިއެވެ.

އަރޫޝާ ގޮސް ސިޓިންރޫމަށް ނިކުތީ ޒައިނާ ކޮބައިތޯ ބަލާށެވެ. ގޭތެރެއިން އޭނާގެ ހިލަމެއް ނުވުމުން އަރޫޝާ މަޑުމަޑުން ޒައިނާގެ ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. އެ ވަގުތު ނަދީމްގެ ކޮޓަރި ތެރެއިން ހީލި އަޑު އިވުނެވެ.

އެ ކޮޓަރިއަށް ވަންނަން ޒައިނާއަށް ކެރުނީތީ އަރޫޝާ ހައިރާންވިއެވެ. އަދި ހިތްހަމަ ވެސް ނުޖެހުނެވެ. ފުން ނޭވާއެއް ދޫ ކޮށްލުމަށްފަހު އޭނާ ގޮސް ދޮރު ހުޅުވާލިއެވެ. އޭރު ނަދީމްގެ މަގަތުގައި އިށީނދެލައިގެން ޒައިނާ އިނީ ފުޅާ ހިނިތުންވުމެއްގައެވެ. އަރޫޝާ ފެނުމާއެކު އޭނާ ތެދުވެއްޖެއެވެ. ހައިރާންވެފައި ހުރެ، އަރޫޝާ ބެލީ ނަދީމްގެ މޫނަށެވެ.

" ނަދީމް ވެސް ވާނެއެއްނު އަހަރެމެންނާއެކު ކޮފީ ބޯން ދާން. " ޒައިނާ އަވަސް އަވަހަށް ބުނެލިއެވެ.

އެ ވަގުތު ނަދީމް ތެދުވިއެވެ. އަރޫޝާ އޭރު ވެސް ހުރީ ދޮރުމަތީގައެވެ.

" ޒައި ދޭ. އަހަރެން މި ދަނީ ފްރެޝް ވެލައިގެން. " ނަދީމް ބުނެލިއެވެ.

ދާހިތް ނުވެފައި ހުރެ ޒައިނާ ހިނގައިގަތެވެ. އަރޫޝާ ޒައިނާއަށް ޖާގަ ދިނުމަށްފަހު ޒައިނާ ނިކުތުމުން  އެތެރެއަށް ވަދެ ދޮރު ލެއްޕިއެވެ. ޒައިނާގެ މޫނުމައްޗަށް އެރި ރުޅިވެރި ކުލަވަރުން އެތާ އެންމެ އިރުކޮޅަކު ވެސް އޭނާއަކަށް ނުހުރެވުނެވެ. ބާރުބާރަށް އޭނާ ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ.

" ނަދީމްގެ ލޯބިވެރިޔާއަކީ ޒައިނާތަ؟" އަރޫޝާ ސުވާލު ކުރީ މަޑުމަޑުންނެވެ.

" ހާދަ އަވަހަކަށް ޒައިނާއާ ބެހޭ ގޮތުން ސުވާލު ތި ކުރީ؟ އަހަރެން ގެއަށް ގެންނަ މީހުންނާ ބެހޭ ގޮތުން ވެސް އަރޫޝާއަކަށް ސުވާލެއް ނުކުރެވޭނެ. އަހަރެންގެ މިނިވަންކަމާ ބެހެން ނޫޅެއްޗޭ.." ރުންކުރު ގޮތަކަށް ނަދީމް އެހެން ބުނެ، ފާހާނާއާ ދިމާލަށް ހިނގައިގަތެވެ.

އަރޫޝާއަށް ދެ ލޯ މަރާލެވުނެވެ. ދުވަހަކަށް ވުރެ ދުވަހެއް ނަދީމް، އޭނާދެކެ ވާ ފޫހި އިތުރުވާހެން ހީވާން ފެށިއެވެ. އަރޫޝާގެ ސޫރަ ދެކެން ވެސް އޭނާ ބޭނުން ނުވާކަހަލައެވެ. މަޑުމަޑުން އެނދުގައި އިށީނދެ އޭނާ ވިސްނަން ފެށިއެވެ.

" އަހަންނަށް ޔަގީން ޒައިނާއަކީ ނަދީމް އެ ބުނި އަންހެން ކުއްޖާ! ނަދީމްއަކީ އަހަރެން ހީކުރި ކަހަލަ މީހެއް ނޫން. އެއީ ދާއިން ކަހަލަ...ދާއިން ކަހަލަ އޯގާތެރި މީހެއް ނޫން. " ދާއިންގެ ނަން ބުނެވުމާއެކު އަރޫޝާ ފެންކަޅި ވާކަށް މާ ގިނައިރުތަކެއް ނުނެގިއެވެ.

( ނުނިމޭ )

މި ވާހަކަ ގެނެސްދޭނީ ކޮންމެ އާދީއްތަ، ހޯމަ އަދި އަންގާރަ ދުވަހެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. Alheyy kiyaahithun hama inthizaaruga mi hureveny ekm 3 dhuvahu gennaathy vrh dhera vey..vaahaka vrh vrh reethi maasha allah..dhaain gennan feney

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *