ނަދީމްއަށް ބަލަހައްޓައިގެން ޒައިނާ ހުރި އިރު އޭނާގެ ދެ ލޯ ދިޔައީ ކަރުނައިން ފުރެމުންނެެވެ.
" އަހަރެން ބޭނުން ޒައިނާއާ ވާހަކަ ދައްކަން." ނަދީމް ބުންޏެވެ.
" އެކަމަކު އަހަންނެއް ބޭނުމެއް ނޫން ނަދީމްއާ ވާހަކަ ދައްކާކަށް. " ޒައިނާ ބުންޏެވެ.
އޭރު އޭނާގެ ލޮލުން ކަރުނަތައް ފައިބަން ފަށައިފިއެވެ. އެންމެ އިރުކޮޅަކު ވެސް ނަދީމްގެ ކުރިމަތީގައި ހުންނަން އޭނާ ބޭނުން ނުވާ ކަހަލައެވެ. ޒައިނާ ކުރިއަށް ހިނގައިގަތް ވަގުތު އަނެއްކާ ވެސް ނަދީމް އޭނާ ހުއްޓުވިއެވެ.
" އަހަރެންގެ ސުވާލުތަކަށް ޖަވާބު ނުދީއެއް ނުދެވޭނެ." ނަދީމް ބުންޏެވެ.
" ބޭނުމެއް ނެތް." ޒައިނާ ބުނެލީ ފަސޭހަކަމާއެކުއެވެ.
ނަމަވެސް ނަދީމް ކުރިއަށް ހިނގައިގަތީ ޒައިނާގެ އަތުގައި ހިފަމުންނެވެ. މީހުން މަދު ސަރަހައްދަކަށް ދެވުމާއެކު ނަދީމް ޒައިނާގެ އަތުން ދޫކޮށްލިއެވެ. ހަމަ އެއާއެކު ދަބަހުން ޓިޝޫއެއް ނެގުމަށްފަހު ޒައިނާ، އޭނާގެ މޫނު ކުރަމުން ނަދީމްއަށް ފުރަގަސް ދިނެވެ.
ނަދީމް ހުރީ އޭރުވެސް ޒައިނާގެ ހަރަކާތްތަކަށް ބަލާށެވެ.
" ކޮންމެހެން އަހަންނަށް ދައްކަން ވެގެން ރޯނެ ކަމެއް ނެތް ދެން. އަހަންނާ ދުރުވާނެ ގޮތެއް ނޭނގިގެން ތިމާގެ މައިންބަފައިން ލައްވާ ޑްރާމާ ކުޅުވީ. އަހަރެން ނުދެކެން ތިހާ ގޮތްކުޑަ މީހެއް." ރުޅި އައިސްފައި ހުރި ނަމަވެސް ނަދީމް ވާހަކަ ދެއްކީ މަޑުންނެވެ.
ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ޒައިނާ އެނބުރިލިއެވެ. އޭރު އޭނާގެ ދެ ލޮލާއެކު މޫނުވެސް ވަނީ ރަތްވެފައެވެ. ފުން ނަޒަރަކުން އޭނާ ނަދީމްގެ މޫނަށް ބަލަން ފެށުމުން ނަދީމްއަށް އުނދަގޫވާ ގޮތް ވިއެވެ. ޒައިނާގެ ލޮލުގެ ތެރެއަށް އޭނާއަށް ފީނައިގަނެވުނު ކަހަލައެވެ. ޒައިނާއަށް ލިބިފައިވާ ހިތްދަތިކަން އެ ދެ ލޮލުން ކިތަންމެ ރަނގަޅަކަށް ވެސް ފެންނަން ހުއްޓެވެ.
" އަހަންނާ ދިމާލަށް ތި ވަރަށް އެއްޗެހި ކިޔަން ނަދީމްއަށް އޮތީ ކޮން ހައްގެއް؟ އަހަންނަކީ ނަދީމްގެ ކާކު؟" ވަރުބަލިވެފައިވާ އަޑަކުން ޒައިނާ އެހިއެވެ.
" ބޭކާރު ވާހަކައެއް އަޑުއަހާކަށް ބޭނުމެއް ނޫން. އަހަރެން ސާފުކޮށްލަން ބޭނުންވަނީ އެމެރިކާއަށް ދަނީއޭ ކިޔައިގެން އަހަރެން ދުރުކޮށްލީ ކީއްވެތޯ؟ އަހަރެންގެ ނަންބަރު ވެސް ، އަދި ފޭސްބުކާ އިންސްޓާއިން ވެސް ބްލޮކް ކޮށްލީ. އަހަންނަށްޓަކައި ކިރިޔާ ވެސް ލޯތްބެއް އޮތްނަމަ އަހަންނަށް ޒައިގެ ހާލު ބަލައިލެވޭނެ ފުރުސަތެއް ދިނީސް ދޯ؟" ނަދީމް ބުނެލިއެވެ.
" އަހަރެމެން ނަދީމްއަކަށް އޮޅުވައެއް ނުލަން. އަދި އެއްވެސް މީހަކު ލައްވާ ފިލްމެއް ވެސް އަދި ޑްރާމާއެއް ވެސް ނުކުޅުވަން. ނަދީމް މިއަދު އަހަންނަށް އެއްޗެހި ކިޔާ، މަލާމާތް ކުރާތީ ހަމަ ހައިރާން ވެއްޖެ. " ޒައިނާ ބުންޏެވެ.
ޒައިނާގެ ވާހަކައިން ނަދީމް ހުރީ އިތުރަށް އަޑުއަހަން ބޭނުން ވެފައެވެ.
" ނަންބަރާ އެއްޗެހި ބްލޮކް ކޮށްލީ އެ ނޫން ގޮތެއް ނެތީމަ. ދުރަށް ދާން މަޖުބޫރުވީމަ. ނަދީމްއާ ވާހަކަ ދައްކަންޏާ އަހަންނަށް އުނދަގޫވާނެތީ. އަހަރެމެންގެ ތަގުދީރުގައި ދެ މީހުން އެކުގައިވާން ލިޔެވިފައި ނެތްކަމަށް ހީކޮށް މުޅި އުމުރަށް އަހަރެން ދުރަށް ދާން ބޭނުންވީތީ. " ޒައިނާ ބުންޏެވެ.
ވާހަކަ ދައްކަން ޒައިނާއަށް ފުރުސަތު ދީގެން ނަދީމް ހުރީ ނުސީދާ ގޮތަކަށް ބަލާށެވެ.
" އެކަމަކު... އެންމެ ފަހު ވަގުތު، އަހަންނަކަށް ކެތެއް ނުކުރެވުނު. މަންމަމެންނާއެކު އެއާޕޯޓަށް ފުރަން ވެސް ދިޔައިން. ނަމަވެސް.... އަހަންނަށް އެ ހިތްވަރެއް ނުލިބުނު. މައާފަށް އެދިފައި އަހަރެންގެ މައިންބައިން ދޫކޮށް އެތަނުން ނިކުމެގެން އައީ. އެ ވަގުތަކީ އަހަންނަށް ފަސޭހަ ވަގުތެއް ނޫން. ބައްޕަ ހުންނެވީ ވަރަށް ރުޅި ދުރުވެފައި. އެ ރުޅީގައި އަހަންނަކީ ދަރިއެއް ނޫނޭ ވެސް ބުނި. އެ މީހުންދެކެ އަހަރެން ވާ ލޯބި ނަދީމްއަށް އޮޅިފައެއް ނޯންނާނެ. އިހުސާސްކޮށްބަލަ އެ ވަގުތު އަހަރެންގެ ހާލު ހުންނާނެ ގޮތް " ޒައިނާއަށް ރޮވިއްޖެއެވެ.
ނަދީމް ހުރީ ހުރި ފިޔަވަޅު މަތީގައެވެ. ޒައިނާ ދައްކާ ވާހަކަތައް ގަބޫލު ކުރަން ވެސް އޭނާއަށް އުނދަގޫވިއެވެ. އޭނާ ހުރީ އޭނާއަށްޓަކައި ޒައިނާއަށް އެވަރުގެ ބޮޑު ގުރުބާނީއެއް ވާން ކެރުނީތީ ހައިރާންވެފައެވެ.
" އަހަރެން ނަދީމްއަށް ވަރަށް ގުޅިން. ފޯނު ނުނަގާތީ އަވަހަށް ފޭސްބުކް އިން އަންބްލޮކް ކޮށްލީ. އެ ވަގުތު... އެވަގުތު އަހަންނަށް ފެނުނީ ކޮންމެވެސް މީހަކު ލައިފައި އޮތް ފޮޓޯއެއް. އެއީ... އެއީ... ނަދީމްގެ ކައިވެނީގެ ފޮޓޯއެއް. ދެން ބުނެބަލަ! އެއީ އެޑިޓެއްތަ؟ ބުނެބަލަ! މީހުން މަރުހަބާ ކިޔާފައި ނަދީމްގެ ވޯލް ގައި ލިޔެފައި އެހުރީ ހަގީގަތެއް ނެތް ޕޯސްޓް ތަކެއްތަ؟" ޒައިނާގެ އަޑު ބާރު ވެއްޖެއެވެ.
ނަދީމްއަށް ހިންދިރުވާލެވުނެވެ. މާޔޫސްވެފައި ހުރެ ޒައިނާގެ މޫނަށް އޭނާ ބަލައިލިއެވެ.
" ތިއީ މިހާރު އަހަރެންގެ މީހެއް ނޫން. ނަދީމްއަކީ އެހެން މީހެއްގެ ހައްގެއް. އެހެން މީހެއްގެ ފިރިއެއް. އަހަރެން މަތިން ހަނދާން ނެތުނުލެއް ހާދަ އަވަހޭ. އަދި ހާދަ ފަސޭހައޭ ދޯ؟ އަދި އެހެން މީހަކު ދެކެ އެހާ ފަސޭހައިން ލޯބިވެސް ވެވިއްޖެ ދޯ؟ " ކަރުނަ ފުހެލަމުން ޒައިނާ ބުނެލީ މަލާމާތުގެ ރާގަކަށެވެ.
ގައިން ބާރު ހުސްވެފައި ހުރި މީހެއް ފަދައިން ނަދީމް އައިސް ޒައިނާގެ ކުރިމަތީ ހުއްޓުނެވެ. އޭރު އޭނާގެ ބެލުމުގައި ހުރީ ތަފާތު އަސަރުތަކެކެވެ.
" އަހަރެން ދެކެ ހަމަ އެހާ ލޯބިވޭތަ؟" ނަދީމް އަހާލިއެވެ.
" ކުރިން ވީން. އެކަމަކު މިހާރަކު ނުވޭ. " ޒައިނާ ނަދީމްއަށް ފުރަގަސްދިނެވެ.
" ވާނެ! މިހާރު ވެސް ވާނެ. އަހަރެން ވެސް ލޯބިވަނީ ޒައި ދެކެ. ހަމައެކަނި ޒައި ދެކެ. އަހަރެން ކައިވެނި ކުރީ ހަމަ ނަމަކަށް. މަންމަމެންގެ އެދުމުގެ މަތިން. އަހަންނާ އަރޫޝާއާ ދެމެދު އެއްވެސް ގުޅުމެއް ނޯންނާނެ. " ނަދީމް ބުންޏެވެ.
ނަމަވެސް ޒައިނާ ހުރީ އޭރުވެސް އޭނާއަށް ފުރަގަސް ދީގެންނެވެ. ނަދީމް ދައްކާ ވާހަކަތަކަށް ސަމާލުކަން ދޭން އޭނާ ބޭނުން ނުވާ ކަހަލައެވެ.
" އަހަންނަކީ މިހާރު ޔަތީމެއް. މައިންބަފައިން ދުނިޔޭގައި ހުރެމެ އަހަރެންގެ މައިންބަފައިން ވަނީ އަހަންނަށް މަރުވެފައި. ހަމަ ނަދީމްއަށްޓަކައި ވީ ގުރުބާނީއެއް. ދެން ދުވަހަކު ވެސް އެ މީހުން އަހަންނަކަށް މައާފެއް ނުކުރާނެ. އަދި ރާއްޖެ ވެސް ނާންނާނެ. " ޒައިނާ ބުނެލިއެވެ.
އެއާއެކު އަވަސް ފިޔަވަޅުތަކެއްގައި ގޮސް ޒައިނާގެ ކުރިމަތީގައި ނަދީމް ހުއްޓުނެވެ. އަދި ޒައިނާގެ ދެ ކޮނޑުގައި ހިފައި ވާހަކަ ދައްކަން ފެށިއެވެ.
" ތަގުދީރު އަހަރެމެންނާ ސަމާސާ ކުރަނީތަ؟ އަހަރެން ދުނިޔޭގައި ހުރިހާ ހިނދަކު ޒައި އެކަނި ވިޔަކަ ނުދޭނަން. ތި ނޫން އެއްވެސް މީހަކު ދެކެ އަހަރެން ލޯތްބެއް ނުވަން. ނުވެސް ވެވޭނެ." ނަދީމް އެހެން ބުނުމާއެކު ޒައިނާ، ނަދީމްގެ މޭގައި ބޯ ޖައްސާލިއެވެ.
ޒައިނާގެ ގައިގައި ބައްދާލަމުން، އޭނާގެ ބޮލުގައި ނަދީމް ބޮސް ދިނެވެ.
" ތަގްދީރު އަހަރެމެންނާ ސަމާސާއެއް ނުކުރޭ. ދެ މީހުން އެއްތަން ކުރުވީ." ޒައިނާއަށް މަޑުމަޑުން ބުނެލެވުނެވެ.
އަރޫޝާ އޮފީހުން އައި އިރު އޭނާގެ އިންތިޒާރުގައި މަދީހާ ހުއްޓެވެ. އަރޫޝާ ފެނުމާއެކު ފުޅާ ހިނިތުންވުމަކުން އޭނާގެ މޫނުމަތި އުޖާލާ ވެގެން ދިޔައެވެ.
" ދަރިފުޅު އަންނަން ވާއިރަށް މަންމަ އެހުރީ ހުރިހާ އެއްޗެއް ނަދީމްގެ ކޮޓަރިއަށް ވައްދާފައި. " މަދީހާ ބުންޏެވެ.
އެއާއެކު އަރޫޝާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެއްޖެއެވެ. އެކަމާ ނަދީމް ނުރުހުން ވެދާނެތީއެވެ. ރުޅި އައިސްދާނެތީއެވެ. އަދި އެއީ އަރޫޝާ ބޭނުންވާ ގޮތްކަމުގައި އޭނާ ދެކެފާނެތީއެވެ. އަރޫޝާ ކަންބޮޑުވެފައި ހުރިކަން މަދީހާއަށް އެނގުނު ނަމަވެސް އޭނާ މިފަހަރު ވެސް ހެދީ ނޭނގޭކަމަށެވެ. ހެވިފައި ހުރެ ކޮޓަރި ދޮރުލައްޕާލަމުން އޭނާ ބަދިގެއާ ދިމާލަށް ހިނގައިގަތެވެ.
ނަދީމްގެ ކޮޓަރިއަށް ވަނުމާއެކު އަރޫޝާގެ ހިތަށް ނުތަނަވަސްކަން ވެރިވެއްޖެއެވެ. ކައިވެނީގެ ފުރަތަމަ ރޭ ވެސް ނަދީމް އޭނާއާ އެކު އެންމެ މިނެޓަކަށް ވެސް ކޮޓަރީގައި މަޑުކޮށް ނުލިއެވެ. އެ ހަނދާން ވުމާއެކު އަރޫޝާ ފެންކަޅި ވެއްޖެއެވެ.
ލަސް ހިނގުމެއްގައި ގޮސް ޑްރެސިންޓޭބަލް މަތީ އޭނާ ދަބަސް ބަހައްޓާލިއެވެ. އެއަށްފަހު، ލޯގަނޑުން އަމިއްލަ ސޫރައަށް ބަލައިލިއެވެ. މަޑުމަޑުން މޫނުގައި އެއް އަތުން ފިރުމާލަމުން އަރޫޝާއަށް ދެ ލޯ މަރާލެވުނެވެ. ލޮލުގެ ތެރެއިން ފުރޭނިގެން އޭނާއަށް ފެނުނީ ދާއިންގެ ރީތި ސޫރައެވެ. އެ ފިރެހެންވަންތަ ހަށިގަނޑެވެ. އެ ހިތްގައިމު ހިނިތުންވުމެވެ. އަދި އޭނާގެ ތޫނު ނަޒަރެވެ. ވަގުވަގަށް އަރޫޝާއަށް ބަލައިލާ ގޮތެވެ.
ކުއްލިއަކަށް އަރޫޝާއަށް ދެ ލޯ ހުޅުވާލެވުނެވެ. އަވަސް އަވަހަށް އޭނާ ލޯގަނޑަށް ފުރަގަސް ދިނުމަށްފަހު ދެ އަތް އުރާލީ ހާސްކަމާ އެކުއެވެ.
" ނޫން.. ނޫން! މިއީ އަދި ރަނގަޅު ގޮތެއް ނޫން. އަހަންނަކީ މިހާރު ނަދީމްގެ އަނބިމީހާ! ލޯބި ނުވިޔަސް، އަދި ލޯބި ނުލިބުނަސް މި ދިރިއުޅުން އާރާސްތު ކުރަން އަހަރެން ބޭނުން. " އަރޫޝާއަށް ބުނެވުނެވެ.
" އާނ. ނަދީމްގެ ހިތުން ޖާގަ ހޯދަން އަހަރެން ބޭނުން. އަދި މި ދިރިއުޅުމުގައި ކުލަ ޖެއްސުމަށް މަސައްކަތް ކުރަން ވެސް ބޭނުން. ދިރިއުޅުން ހަލާކުވެދާކަށް އަހަރެން ދުވަހަކު ވެސް ނޭދެން. އެކަމަކު... ދުވަހަކުވެސް ނަދީމްދެކެ ލޯބި ވެވިދާނެބާ؟ އަހަރެންގެ ހިތުގައި ރަސްކުރަމުން ދަނީ އަދިވެސް ދާއިން. " އަރޫޝާއަށް އިސްޖަހާލެވުނީ އަމިއްލަ ނަފްސުދެކެ ވެސް ލަދުގެންފައި ހުރެއެވެ.
ނަދީމް ޒައިނާ ގެންދިޔައީ އޭނާ ކުއްޔަށް ހިފާފައި ހުރި ކޮޓަރިއަށެވެ. ޒައިނާ ހުރީ އުފަލުން ފޮޅިފައެވެ. މަންމަމެންނާ ވަކިވާން ޖެހުނުކަމުގެ ހިތާމަ ވެސް މިހާރު އޭނާއަށް އިހުސާސް ނުވާ ކަހަލައެވެ.
" އަހަރެން އަންނާނަން ކާއެއްޗެއް ގަނެގެން. މިހާރު ދެ މީހުން އެއްކޮށް އުޅެނިކޮށް ރަށު މީހަކަށް ފެނުނިއްޔާ ކަމަކު ނުދާނެ. " ނަދީމް ބުންޏެވެ.
ޒައިނާ ބޯ ޖަހާލަމުން އެނދުގައި އިށީނދެލިއެވެ. ނަދީމް ނިކުތީ ބޭރުން ތަޅުލައިފައެވެ. ހަމަ އެވަގުތެވެ. ޖީބުގައި އޮތް އޭނާގެ ފޯނު ރިންގް ވާން ފެށިއެވެ.
" އަރޫޝާ؟" ނަދީމްއަށް ބުނެވުނެވެ.
ސްކްރީނަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރުމަށްފަހު ނަދީމް ފޯނު ނެގިއެވެ.
" ހަ..ހަލޯ." އަރޫޝާ ބުންޏެވެ.
ނަދީމް ވެސް ހަލޯ އޭ ބުނެލިއެވެ. ނަދީމްގެ އަޑު ޖެހުމާއެކު އަރޫޝާގެ ކަންފަތަށް އުނދަގޫ ވެއްޖެއެވެ. އިތުރަށް ދައްކާނެ ވާހަކައެއް ނޭނގި އޭނާ ހުއްޓުންއެރި ކަހަލައެވެ.
" ކިހިނެއްވީ؟" ނަދީމް އަހާލީ އާދައިގެ ގޮތަކަށެވެ.
" ކަމެއް ނުވެ. " ބޭއިހްތިޔާރުގައި އަރޫޝާއަށް ބުނެލެވުނެވެ.
އެއާއެކު ނަދީމްއަށް ދެ ބުމަ ހިއްލައިލެވުނީ އަރޫޝާގެ މަގްސަދަކީ ކޮބައިބާވައޭ ހިތަށް އަރާފައެވެ.
" ކަމެއް ނުވެ ގުޅާތަ؟ ކުއްލިއަކަށް ތި ގުޅީ ކީއްކުރަން؟" ނަދީމް އަހާލިއެވެ. ސާދާ ގޮތަކަށެވެ.
" ނަދީމް ދިޔަ ގޮތަށް ހަބަރެއް ނުވާތީ. މަންމަމެން ވެސް ނަދީމްގެ ވާހަކަ އަހާތީ، ދޭނެ ޖަވާބެއް ނޭނގެ. އެހެންވެ." އަރޫޝާ ވާހަކަ ދެއްކީ މަޑުމަޑުންނެވެ.
ނަދީމް ކުރު ގޮތަކަށް ހީލިއެވެ.
" އެހެންތަ؟ މަންމަމެން އަހަންނަށް ގުޅި. ދެން އަރޫޝާ ގާތު އަހަރެންގެ ވާހަކަ އަހަންވީ ކީއްކުރަން؟ " ނަދީމް ބުންޏެވެ.
އިތުރަށް އެއްވެސް އެއްޗެއް ބުނާކަށް އަރޫޝާއަކަށް ނުކެރުނެވެ.
" ދެން... އަހަރެން ފޯނު ބާއްވަންތަ؟" މަގުމައްޗަށް ނިކުމެ ދެކޮޅު ބަލައިލަމުން ނަދީމް އެހިއެވެ.
" ކޮން ދުވަހަކުން އަންނަނީ؟" އަވަސް އަވަހަށް އަރޫޝާ އެހިއެވެ.
އަރޫޝާގެ ސުވާލުން އަނެއްކާ ވެސް ނަދީމްއަށް ލުއި ގޮތަކަށް ހިނިތުން ވެވުނެވެ.
" މިރޭ ދަންވަރު ފުރާ ބޯޓުން ފުރަން. ދެވޭނެ މާދަމާ މެންދުރަށް. " ނަދީމް ބުންޏެވެ.
އޯކޭ އޭ ބުނެ އަރޫޝާ އަވަސް އަވަހަށް ފޯނު ކަނޑާލިއެވެ. އޭރު އޭނާގެ މުޅި ހަށިގަނޑު ވެސް ވަނީ ފިނިވެފައެވެ. ފުން ނޭވާތަކެއް އަވަސް އަވަހަށް ބޭރު ކުރަމުން ދާއިރު ހިތަށް ބަރުވެފައިވާ މިންވަރު އަރޫޝާއަށް އިހުސާސް ކުރެވުނެވެ.
ހަމަޖެހިލުމަށްފަހު އަރޫޝާ ތައްޔާރުވީ ނަމާދު ކުރާށެވެ. އޭރު ވެސް އޭނާގެ ހިތުގައި ޝަކުވާތައް ތޮއްޖެހެމުންދެއެވެ. އޭނާ ބޭނުންވީ ހިތުގައި އުފެދެމުންދާ އުދާސްތަކެއް މުސައްލަމަތީ އިނދެ ބޭރުކޮށްލާށެވެ. ފެށިފައިވާ އާ ހަޔާތަށް ދިރުން ދެއްވާތޯ އޭނާ ދުއާ ކުރަމުންދިޔައެވެ. އޭނާ ބޭނުންވަނީ ދާއިންއަށްޓަކައި ހިތުގައިވާ ވަރުގަދަ ލޯބި ފުހެލާށެވެ. އަދި ނަދީމްއަށް ވަފާތެރި އަނތްބެއްގެ ގޮތުގައި އަބަދުމެ ލެއްވުމަށާއި ނަދީމްގެ ހިތުން ޖާގައެއް ލިބުމަށް އެދި ރޮމުން އޭނާ ދުއާ ކުރިއެވެ.
އަރޫޝާ ހިތްހަމަ ޖެހުނީ ދެނެވެ. ތެދުވެ ގޮސް ލޯގަނޑު ކުރިމަތީ ހުއްޓުނު އިރު މޫނުމަތި އުޖާލާވެފައިވާހެން ވެސް އޭނާއަށް ހީވެއެވެ. ބޭއިހްތިޔާރުގައި އޭނާއަށް ހިނިތުންވެލެވުނެވެ.
ހަމަ އެ ސިކުންތުގެ ތެރޭގައި އޭނާގެ ހަނދާނަށް އައީ ނަދީމްގެ ޖުމްލައެވެ.
" އަހަރެން ވަރަށް ލޯބިވާ ކުއްޖަކު ހުރޭ. "
އެ ދުވަހު ނަދީމް ބުނި ޖުމްލައިން އަރޫޝާ ޖެހިލުންވާ ގޮތްވިއެވެ. އެއްވެސް ވަރަކަށް ނަދީމް އަރޫޝާއާ ގަޔާ ނުވާކަން އަރޫޝާއަށް އެނގެއެވެ. އެހެންވެ އޭނާއަށް ކުރިމަތިލާން މި ޖެހެނީ ވަރަށް ބޮޑު އިމްތިހާނަކާ ކަން ވެސް އޭނާއަށް ހަމަ ރަނގަޅަށް އެނގެއެވެ.
ޑިޔުޓީ އިން އައި ގޮތަށް ދާއިން އޮށޯތީއެވެ. އަފާއާ އެކު މަސައްކަތް ކުރަން އޭނާއަށް އުނދަގޫ ވަނީއެވެ. އަފާގެ އަމަލުތައް ހުންނަ ގޮތުން ފޫހިވަނީއެވެ. ޑިޔުޓީއަށް ވެސް ދާހިތެއް ނުވެއެވެ. އުއްމީދާއެކު ފެށި ދަތުރަށް ނިމުން ގެންނަން ޖެހެނީކަމުގައި އިހުސާސް ކުރެވެން ފެށިއެވެ.
އެނދުމަތީ އޮތް ފޯނަށް ވެސް އޭނާއަށް ބަލައިލެވުނީ ފޫހިކަމާއެކުއެވެ. ފޯނު ނެގުމަށްފަހު އެނދުން ތެދުވެ ކޮޓަރީގެ ހަތަރު ބިތުގައި ހުރި ހަތަރު އެނދަށް އޭނާ ބަލައިލިއެވެ. ނަސީބު ދިމާކުރި ގޮތުން ކޮޓަރީގައި ދެން އުޅޭ އެންމެން ވެސް ވީ ޑިޔުޓީގައެވެ. އެހެންވެ އޭނާ އަވަހަށް އާބިދުއަށް ގުޅިއެވެ. އޭނާ އެ ހުންނަނީ އެކަނިވެލާނެ ފުރުސަތެއް ނުލިބިގެން ކަހަލައެވެ.
އަފާގެ ވާހަކަތައް އޭނާ އާބިދުއަށް ކިޔައިދިނީ ފޫހިކަމާ އެކުއެވެ.
" ރީތި މަންޖެއެއްތަ؟" އާބިދު އަހާލީ ސަމާސާ ރާގަކަށެވެ.
" އާނ ހުތުރެއް ނޫން. މި ރިސޯޓުގައި އުޅޭ އެންމެ ރީތި މަންޖެ. އެންމެން ވެސް ކަޅި އަޅާ. އެކަމަކު އޭނާގެ ސަމާލުކަން މި ލިބުނީ މަށަށް އެކަނި. ކިހާ ދެރަކަމެއް ދެން." ދާއިން ބުންޏެވެ.
" ދެރަކަމެކޯ! ދާއިން ތި ހުރީ މޮޔަވެފައިތަ؟ މަށަށް ފެންނަނީ ތި އަފާއަކާ ރައްޓެހިވާން." އާބިދު ހިޔާލު ދިނެވެ.
އެވަގުތު ދާއިން ރުޅި އަތުވެއްޖެއެވެ. އޭނާގެ އަޑުގައި ވެސް ހުރީ ހިތްހަމަ ނުޖެހުމުގެ އަސަރެވެ.
" އަހަރެންގެ ހާލަތު ހަމަ އެންމެ ރަނގަޅަށް އެނގޭނީ އާބިދުއަށް. އެކަމަކު ތިހުރީ މަށަށް ދޭ ހިޔާލު. އަރޫ މަތިން މަށަކަށް ހަނދާން ނައްތައެއް ނުލެވޭނެ." ދާއިން ބުންޏެވެ.
" ބަލަ އަރޫއަކީ މިހާރު ކަލޭގެ ފަހަރިއޭ. ބޭބެގެ އަންހެނުންނޭ. " އާބިދުގެ އަޑުވެސް ބާރުވިއެވެ.
" މަގޭ ބޭބެ އެއް ނުހުންނާނެ. އެންމެ ކުޑައިރުއްސުރެން މަންމަމެން އައީ މަށާ ބޭބެއާ ތަފާތު ކުރަމުން. އަބަދުވެސް އޭނައަށް މޮޅު ގޮތް ހޯދައިދޭން އަހަރެން ދަށް ކުރާނީ. އެންމެ ފަހުން މަގޭ ބިޓު ވެސް އެ ލިބުނީ ބޭބެއަށް. އެއީ ވެސް ހަމަ މަންމަމެންގެ ކަންތައް." ދާއިންގެ ލޭ ހޫނު ވެގެން ދިޔަކަހަލައެވެ.
ދާއިންއާ އޭނާގެ މައިންބަފައިންނާ ދެމެދު އޮންނަ ގުޅުން ހީނަރު ވަރު އާބިދުއަށް އެނގެއެވެ. އަދި ދާއިންގެ އިހްސާސްތައް އޭނާއަށް ވަރަށް ބޮޑަށް އިހުސާސްވެސް ކުރެވެއެވެ. އެހެންވެ އޭނާ އަބަދުވެސް މަސައްކަތް ކުރަނީ ދާއިން ހަމައަކަށް އެޅުވޭތޯއެވެ. ދާއިންގެ ވިސްނުމާ ކުޅެ، ކަންތައްތައް ހައްލު ކުރެވޭތޯއެވެ.
" ބަލަ ކޮންއިރަކު އަރޫ ކަލޭގެ ބިޓަށް ވީ؟ ތި ދެ މީހުންނަކީ ލޯބިވާކަން އަމިއްލައަށް އެނގޭ އިރުވެސް ނުބުނެ ތިބި ބައެއް. އެކަކު އަނެކަކަށް ފާ ކޮށްކޮށް ތިބީ. ދެން ތެޔޮ ނާށި ކާޅު ގެންދިޔައީމަ މަންމަމެން މަތީ ތި އަޅުވަނީ. މަންމަމެންނަކަށް ނޭނގޭނެ ދޯ އަރޫއާ ދާއިން ގުޅުމެއް އޮތް ކަމެއް. ހުދު ކަލޭމެން ދެ މީހުންނަކަށް ވެސް ނޭނގެ ތި ދެ މީހުންގެ ދެމެދު ގުޅުމެއް އުފެދުނުކަމެއް. ދެން މަންމަމެން ކުށްވެރި ނުކުރޭ. " އާބިދު ބުންޏެވެ.
" ދެން އަރޫއެއް ނުލިބޭނެ އެއްނު. އެއީ ނަދީމްގެ އަންހެނުން. އިންތިޒާރު ކުރުމަކީ ބޭކާރު ކަމެއް. " ހަމަ އެ ނޭވާގައި އާބިދު ބުންޏެވެ.
" އަހަރެން އިންތިޒާރެއް ނުކުރަމޭ." ދާއިން އަވަސް އަވަހަށް ބުނެލިއެވެ.
" ދެން؟ ތިބުނާ އަފާއާ ރައްޓެހިވާންވީނު." އާބިދު ބުންޏެވެ.
ދާއިން ޗޮކެއް ކަނޑާލީ ފޫހި ގޮތަކަށެވެ.
" އަހަރެން ނުވޭ މީހުންނާ ރައްޓެހިވާ ހިތެއް. އަހަރެން މި ގުޅީ އެކަމަށް އެއްބާރުލުން ހޯދާކަށް ނޫނެއްނު. އަހަރެން މިއުޅެނީ އެކަމުން ސަލާމަތް ނުވެވިގެން. އޭނަގެ ދަށުން މަ މަސައްކަތް ކުރަން މި ޖެހެނީ. މިހާރު އޭނަ ހުންނަނީ މޫނު ހަދާފަ. މަގޭ ސިމްޕަތީ ހޯދަން އުޅެނީ. މަ ވީ ކޮންމެ ރެޔަކު އޭނައާއެކު ބީޗަށް ދާން. ކޮފީއަށް ދާން. މަ ނުވެޔޭ އެހެން އުޅޭ ހިތެއް. އާބިދު ހެޔޮނުވާނެ އެހެން ތާކުން މަށަށް ޖޮބް ހޯދައިދީ. " އެއް ނޭވާއިން ދާއިން ކިޔާލިއެވެ.
އާބިދު ފެށީ ހޭށެވެ. އޭނާގެ ހިނިގަނޑު މައިތިރި ވީ ވެސް ދާއިން ރުޅި އައިސް އާބިދުއަށް ހަޅޭއްލަވައިގަތީމައެވެ.
" ސޮރީ... ސޮރީ.. ހެވޭނެ އެއްނު ކަލޭ ތިއުޅެނީ އަންހެން ކުދިން ދެކެ ބިރުން ވިއްޔަ. ދެން އެހެން ތާކަށް ދާއިރަށް އެތާކުން ކުއްޖަކު ކަލެޔާ ހެދި މޮޔަ ވެދާނެ. އަނެއްކާ ވީ އެތަނުން ކެނޑެން؟ ތިހެން ފިލަމުން ފިލަމުން ގޮސް ދުނިޔެ އަޅާ ނުދާތި." އާބިދު ވާހަކަ ދެއްކީ މަޖާ ރާގަކަށެވެ.
" ތި ގޮތް ވެސް މިހާރު މާ ރަނގަޅު. " ދާއިން އެހެން ބުނެ ފޯނު ކަނޑާލިއެވެ.
އާބިދުއަށް ދެ ފަރާތަށް ބޯ ހޫރާލެވުނީ ވެސް ހެމުންނެވެ.
ހެނދުނު ދަނޑަށް ދިޔަ ގޮތަށް ގަސްތަކަށް ފެން ދީފައި މަދީހާ އާއި ރިޒާ ގެއަށް އައި އިރު އަރޫޝާ އުޅެނީ ބަދިގެ ތެރޭގައެވެ. އަރޫޝާ ފެނުމާއެކު މަދީހާއަށް ލިބުނީ ހައިރާންކަމެވެ. އަރޫޝާއަށް ބަލަމުން އައިސް މަދީހާ ބަދިގެއަށް ވަނެވެ. އޭރު ތިން އުނދުނަށް ތިން ތެލި އުދާފައި ހުއްޓެވެ.
" ދަރިފުޅު އޮފީހަށް ނުދަނީތަ؟ ހާދަ ވަރަކަށް ތި ކައްކަނީ؟ " މަދީހާ އަހާލީ ނުހަނު އަވަހަށެވެ.
އަރޫޝާ ހިނިތުންވެލަމުން މަދީހާއަށް ބަލައިލިއެވެ.
" އާއިލީ ޒިންމާ ދެ ދުވަސް ނެގީ. މިއަދު މެންދުރު ނަދީމް އަންނާނެތީ. " ލަދުން ހުރި ވަރުން އަރޫޝާއަށް ވާހަކަ ދެއްކުނީ ލަސްލަހުންނެވެ.
އެ ޖުމްލައިން މަދީހާގެ ހިތަށް އުފާވެރިކަން ލިބިގެން ދިޔައެވެ.
" އެހެންތަ؟ މަންމަ މެންނަކަށް ނުވެސް ގުޅާ! ދަރިފުޅަށް ގުޅާފަ ބުނީތަ؟" މަދީހާ ހުރީ ވަރަށް ބޮޑަށް އުފާވެފައެވެ.
ހިނިތުންވެ ހުރެ އަރޫޝާ ބޯ ޖަހާލިއެވެ.
" ކޯއްޗެއް ތި ކައްކަނީ ދެން؟ ދަރިފުޅަށް އެނގޭތަ ނަދީމްއަށް މީރު އެއްޗެހި؟" މަދީހާ އެހިއެވެ.
" އަދިއެއް ނޭނގެ. އެކަަމަކު... ކުރިއަށް އޮތްތާ ނަދީމްއަށް ކަމުދާ އެއްޗެހި އެނގޭނެއެއްނު. " އަރޫޝާ ބުންޏެވެ.
" ކުކުޅު ރިހަތަ މީ؟ ކުކުޅު މީރު ވާނެ ކޮންމެ ގޮތަކަށް ހަދައިގެން ވެސް. އެހެންވީމަ ނޭނގި ވެސް ރަނގަޅު އެއްޗެއް ތި ކެއްކުނީ. " މަދީހާ ބުންޏެވެ.
" އަވަސް ކޮށްލާފައި ފެންވަރާލަން ދޭ އިނގޭ. މަންމަ މޭޒުމަތި ތައްޔާރުކޮށްލާނަން. " އަނެއްކާ ވެސް ވާހަކަ ދެއްކީ މަދީހާއެވެ. ހެވިފައި ހުރެ އަރޫޝާ ބޯ ޖަހާލިއެވެ.
އަރޫޝާ ހުރީ ބޮލުގައި ފުނާ އަޅާލަ އަޅާލައެވެ. ނަދީމްއަށްޓަކައި އޭނާ ކުރަމުންދާ އުއްމީދުތަކާމެދު ވިސްނެނީއެވެ. އަނތްބެއްގެ ދައުރު އަދާކުރަން ބޭނުން ވިޔަސް ނަދީމް އޭނާއަށް އެ ފުރުސަތު ދޭނެބާވައޭ ހިތަށް އަރަނީއެވެ. ނަދީމްގެ މަގާމުގައި ދާއިން ހުރިނަމައޭ ހިތަށް އެރުމާއެކު އޭނާގެ ހިތް ފިނިވެގެން ދިޔައެވެ.
" ދާއިން މަތިން ހަނދާން ކުރާކަށް ބޭނުމެއް ނޫން. އެ ހަނދާނުގައި ނިމި ދާކަށް ބޭނުމެއް ނޫން. އަހަންނަށް އެނގޭ އެކަމުން އަހަންނަށް ލިބޭނީ އިތުރު ހިތްދަތި ކަމެއްކަން. ލޮލުން އޮހޮރޭނީ ކަރުނަ ކަން. ލޯބިވިޔަސް ދުވަހަކުވެސް އަހަންނަކަށް ދެނެއް ދާއިންއެއް ނުލިބޭނެ. " ވަރުބަލިކަމާއެކު އަރޫޝާ ދެ ލޯ މަރާލިއެވެ. އެހިނދު އޭނާގެ އެސްފިޔަތައް ތެމިގެން ދިޔައެވެ.
މާ ގިނަ އިރު ވިސްނަން އިންނަން ވެއްޖެނަމަ، ނިމޭނީ ކަރުނައިންކަން އަރޫޝާއަށް އެނގެއެވެ. މިއަދު ރޯކަށް އޭނާ ބޭނުމެއް ނޫނެވެ. ހިތްވަރުކޮށްފައި ދިރިއުޅުމާ ކުރިމަތިލުމަކީ އޭނާގެ އަޒުމެކެވެ. އަވަސް އަވަހަށް ފުނާ ބޭއްވުމަށްފަހު މޫނު ސާފުކޮށްލިއެވެ. އަދި ފުންނޭވާއެއް ދޫކޮށްލަމުން ލޯގަނޑުން އަމިއްލަ ސޫރައަށް ބަލައިލިއެވެ.
ބާރު ހިނގުމުގައި ގޮސް އަރޫޝާ ބަދިގެއަށް ވަތް އިރު މަދީހާއާއި ރިޒާ ތިއްބެވެ. ހެވިފައެވެ. އެ މީހުންގެ މޫނުމަތީގައިވަނީ އުފާވެރިކަމެވެ.
" މި ކިޔަނީ ހާދަ މޭޒުމަތި ތިޔާގި ދުވަހެކޭ." ރިޒާ ބުނެލިއެވެ.
އެއާއެކު ހެވިފައި ހުރެ އަރޫޝާ އިސްޖަހާލިއެވެ.
" ބޯޓު އަތުވެއްޖެ. ބައްޕަ މި އައީ ބަނދަރުން. ނޭނގެ ވިއްޔަ ނަދީމް އަންނާނެ ކަމެއް. ގެއަށް އައިސް ވަނީމަ މަންމަ ބުނީމަ މި އެނގުނީ. ބޯޓުން މީހުން ވެސް ފައިބާ އޭރު. " ތައްޓަކުން ތެލުލި މަސްބުރި އެއް ނަގަމުން ރިޒާ ބުންޏެވެ.
" ނަދީމް އައީމަ، އެންމެން އެއްކޮށް ކާން މަޑުކޮށްބަލަ." މަދީހާ ބުނެލީ ރިޒާގެ އަތްމަތީ ޖަހާލަމުންނެވެ.
އެ ވަގުތު އަރޫޝާއަށް ވެސް ކުޑަކޮށް ހެވިއްޖެއެވެ.
" މަންމާ! " ނަދީމްގެ އަޑުން ދޮރާ ދިމާލަށް އެންމެންނަށް ބަލައިލެވުނީ އެއްފަހަރާއެވެ.
( ނުނިމޭ )
މި ވާހަކަ ގެނެސްދެނީ ކޮންމެ އާދީއްތަ. އަންގާރަ އަދި ބުރާސްފަތި ދުވަހެވެ.
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!