" އަހަންނަށް ޔަގީން ޒައިނާއަކީ ނަދީމް އެ ބުނި އަންހެން ކުއްޖާކަން. ނަދީމްއަކީ އަހަރެން ހީކުރި ކަހަލަ މީހެއް ނޫން. އެއީ ދާއިން ކަހަލަ...ދާއިން ކަހަލަ އޯގާތެރި މީހެއް ނޫން. " ދާއިންގެ ނަން ބުނެވުމާއެކު އަރޫޝާ ފެންކަޅި ވާކަށް މާ ގިނައިރުތަކެއް ނުނެގިއެވެ.
އާދައިގެ މަތިން މަދީހާއާއި ރިޒާ އެ މީހުންގެ ދަނޑަށް ދިޔައެވެ. އެ ދެމަފިރިންނަކީ އެ ރަށުގައި އެންމެ ފުޅާކޮށް ދަނޑުވެރިކަން ކުރާ ދެ މީހުންނެވެ.
" ކަރައެއް ގަންނަން ލިބޭތޯ މިއައީ." ފާތުމައިދީ ބުނެލިއެވެ.
އޭރު ރިޒާ އުޅެނީ ކަރާ ކަނޑައި، އެ ކިރުމުގައެވެ. ފާތުމައިދީ އައުމާއެކު މަދީހާ ވެސް ރިޒާއަށް އެހީވެދިނުމަށް އެތަނަށް އަތުވެއްޖެއެވެ.
" އާނ ކަރާ ލިބިދާނެ ބޭނުން ވަރަކަށް ވެސް. ބޭނުން ސައިޒެއްގެ ކަރައެއް ފާތުމައިދީ ނިކަން ނަގާބަލަ. ވިއްސަށް ކިލޯ." ރިޒާ ބުންޏެވެ.
ސަތަރިގަނޑެއް މަތީގައި އަތުރާފައި ހުރި ކަރާތަކަށް ބަލަމުން ފާތުމައިދީ ކަރައެއް ނަގައި، މަދީހާއަށް ދިއްކޮށްލިއެވެ.
" ބޯޓުން ފައިބައިގެން ނަދީމްއާއެކު އެ އައީ ކޮން ކުއްޖެއްތަ؟ މާލޭ މަންޖެއަކާ ވައްތަރީ." ފާތުމައިދީ ބުނެލިއެވެ.
" އާނ އެއީ މަގޭ ނަދީމްގެ ރައްޓެއްސެއް. ރާއްޖެތެރޭގެ ރަށަކަށް އަންނަހިތުން އައި މަންޖެއެއް. " މަދީހާ ވާހަކަ ދެއްކީ ހެވިފައި ހުރެއެވެ.
" ދުވަސްކޮޅަކުން އަނެއްކާ ނަދީމަށް އެ މަންޖެ ކަމު ގޮސްދާނެ. މިހާރު މި ރަށުން ވެސް އަބަދު އިވެނީ އެ ކަހަލަ އަޑުތަކެއް ވިއްޔަ. ޅަ އުމުރުގައި ކައިވެނި ކޮށްގެން ، ގިނަ ކައިވެނިތައް ރޫޅެނީ." ފާތުމައިދީ ބުންޏެވެ.
" ފާތުމައަށް ތިހެން ހީވެދާނެ. މަގޭ ނަދީމްއަކީ އެކަހަލަ ކުއްޖެއް ނޫން. އަރޫޝާއާ ނަދީމް ކިތަންމެ ހަގަސް، އެ ކުދިންނަކީ ވަރަށް ވިސްނޭ، ޒިންމާދާރު ދެ ކުދިން. ވަރަށް ލޯބިން އުޅެނީ ވެސް. އެހެން އަދި ތާކުން ކުއްޖަކު ފެނުނަސް ނަދީމެއް ނުސިހޭނެ." ޔަގީން ކަމާއެކު އަޑަށް ބާރުލައިފައި މަދީހާ ބުންޏެވެ.
" ތިއެއް އެނގިދާނެތާ. " ފާތުމައިދީ ބޯ ޖަހާލަމުން ބުންޏެވެ.
ކަރާ ގަނެގެން އޭނާ ދިޔުމާއެކު ރިޒާ ވާހަކަ ދައްކަން ފެށިއެވެ.
" ހާދަ އަނގަ ވެސް ގަދަ މީހެކޭ. ޒައިނާ އަހަރެމެން ގޭގައި އުޅޭތީ މަށަށް ހީވަނީ އެ ވާހަކަ ފަތުރަމުން މީނަ މުޅި ރަށުގައި އެ ދުވަނީހެން. " ރިޒާ ބުންޏެވެ.
" އެ ކަހަލަ މީހުން ބޭނުންވާނީ އެ މީހުން ދެކޭ ގޮތަށް ހުރިހާ ކަމެއް ވެސް ވާން. މިހާރު ދުއާ ކުރާނޭ އެ ދެ ކުދިންގެ ކައިވެނި ރޫޅޭތޯ. އެ ބުނީނު އެނގިދާނެތާއޭ. މަގޭ ގައިގައި ފުރާނަ ހުރިހާ ހިނދަކު ނަދީމްއާ އަރޫޝާ ވަކިވާކަށް ފުރުސަތެއް ނުދޭނަން." މަދީހާ ބުނެލީ ބާރަށެވެ.
އަރޫޝާ ކޮޓަރިން ނިކުތް އިރު ޒައިނާ އާއި ނަދީމް ތިބީ ސޯފާގައެވެ. އެ މީހުންނަށް އަރޫޝާ ފެނުމާއެކު ދެ މީހުން ދައްކަމުން ދިޔަ ވާހަކަތައް ހުއްޓާލިއެވެ. ނަދީމް އިސްޖަހާލި ނަމަވެސް ޒައިނާ ބަލަމުން ދިޔައީ ސީދާ އަރޫޝާގެ މޫނަށެވެ. ޒައިނާއާއި ހަތަރުކަޅި ހަމަވި ވަގުތު އަރޫޝާގެ ހިތަށް އުނދަގޫ ވެއްޖެއެވެ. ފޫހިކަމާއެކު ޒައިނާ ބަލަން ފެށުމުން އަރޫޝާއަށް ހިނިތުންވާކަށް ވެސް ނުކެރުނެވެ. މަޑުނުކޮށް އޭނާ ހިނގައިގަތީ ބޭރު ދޮރާ ދިމާއަށެވެ.
" އަރޫޝާ. ކޮންތާކަށް ތި ދަނީ؟ ނަދީމް މިތާ އިންދާ ކީއްވެ ތި ދަނީ؟ އަޅައިވެސް....ނުލާ! " ޒައިނާ ވާހަކަ ދެއްކީ މަލާމާތުގެ ރާގަކަށެވެ.
ޒައިނާގެ އަޑަށް ނަދީމްއަށް އިސްއުފުލައިލެވުނެވެ. ޒައިނާ އެ ފަދަ ގޮތަކަށް ވާހަކަ ދެއްކުމުން ނަދީމް އިނީ ކޮންމެވެސް ވަރަކަށް ހިތްހަމަ ނުޖެހިފައެވެ. އަރޫޝާއާ އެއްވެސް ވަރަކަށް ޒައިނާ ވާހަކަ ދައްކާކަށް ނަދީމް ބޭނުމެއް ނުވެއެވެ.
" ބޭރު ޖޯއްޔަށް މި ދަނީ. " މަޑުމަޑުން އަރޫޝާ ބުންޏެވެ.
" އަހަރެމެން މިތާ ތިއްބާ ބޭރަށް ދަނީ ކީއްކުރަން؟ އާދޭ މި ތަނަށް." ޒައިނާ ބުންޏެވެ.
ފުން ނަޒަރަކުން ނަދީމްއަށް ބަލައިލުމަށްފަހު އަރޫޝާ ގޮސް ސޯފާގައި އިށީނެވެ. އޭނާ އިށީނީ ވަކިން ހުރި ސޯފާ ގޮނޑީގައެވެ. ޒައިނާ، ނަދީމްއާ ކުޑަކޮށް ދުރަށް ޖެހިލަމުން އަރޫޝާއަށް ބަލައިލިއެވެ.
" ނަދީމް އަހަންނަށް އެއްވެސް އެއްޗެއް ކިޔައެއް ނުދެޔޭ. ކިހާ ދުވަހެއް ވަންދެން ރައްޓެހި ވެގެން އުޅުނިންތަ؟ " ޒައިނާ އަހާލިއެވެ.
ޒައިނާގެ އަޑާއި އޭނާގެ ބެލުމުގައި ވެސް ހުރީ މަލާމާތް ކުރާ ކަހަލަ ގޮތެކެވެ. އެކަން އަރޫޝާއަށް ވަރަށް ރަނގަޅަށް އިހުސާސް ކުރެވުނެވެ. ޒައިނާގެ ބޭނުމަކީ އޭނާ ލަދުގަންނާލުންތޯ ހިތާހިތާ އަރޫޝާއަށް ސުވާލު ކުރެވެން ފެށިއެވެ.
" ޒައީ. އަހަރެން ބުނީމެއްނު ކުއްލި ގޮތަކަށޭ މެރީ ކުރީ. " ނަދީމް ބުންޏެވެ.
އޭނާ ބޭނުންވީ ޒައިނާ ހުއްޓުވާށެވެ. ނަމަވެސް ޒައިނާ ހުރީ އަރޫޝާއާ ވާހަކަ ދައްކާ ހިތުން ކެތްމަދުވެފައި ކަހަލައެވެ.
" ތިހެން ބުންޏޭ. ވަރަށް ދުވަސް ވަންދެން ރައްޓެހިވެގެން އުޅެފައި ވެސް ކުއްލިއަކަށް މެރީ ކޮށްފާނެއެއްނު. ނަދީމް ނުބުނަންޏާ އަހަރެން އަހާނީ އަރޫޝާ ކައިރީގައެއްނު. ދޯ؟ އަރޫޝާ!" ޒައިނާ ބުންޏެވެ.
އޭރު ވެސް އަރޫޝާއަށް އިނދެވުނީ ކަޅި ޖަހައިނުލާ ޒައިނާއަށް ބަލާށެވެ.
" ރައްޓެއްސެއް ނުވަން. " އަރޫޝާ ބުނެލިއެވެ.
" އޯހް. ސީރިއަސްލީ؟ ތި ދެ މީހުން ރައްޓެއްސެއް ނުވަންތަ؟ އޯހް މައި ގޯޑް! ދެން ލޯތްބެއް ވެސް ނުވަންތަ؟" ތޫލި އަޑަކުން ޒައިނާ ބުނެލިއެވެ. ދެ ލޯ ބޮޑުކޮށްލަމުން، ތެޅި ގަނެފައި އޭނާ ވާހަކަ ދެއްކީ ފަހަރަކު މީހެއްގެ މޫނަށް ބަލަމުންނެވެ. އަރޫޝާއަށް އެ ވަގުތު ބަލައިލެވުނީ ނަދީމްގެ މޫނަށެވެ. އޭނާގެ މޫނުމަތިން ފެންނަން ހުރީ ހިތްހަމަ ނުޖެހުމުގެ އަސަރުތަކެވެ. ޒައިނާއަށް ބަލަން އިނދެ ނަދީމް ދެ ފަރާތަށް ބޯ ހޫރާލުމުން އަރޫޝާ އިސްޖަހާލިއެވެ.
" ތި ދެ މީހުން، އެކަކު އަނެކަކު ދަސްނުކޮށް، ލޯބި ނުވެ، ކިހިނެއް ދެން ކައިވެންޏަކާ ހަމައަށް ތި ދެވުނީ؟ އަޅެ ކައިވެންޏަކީ ހާދަ މާތް މަތިވެރި ގުޅުމެކޭ. ނަދީމް އަޅެ އަރޫޝާ ދެކެ ލޯބި ނުވަންޏާ އޭނައަށް ތިހާ ބޮޑު ދެރައެއް ދޭކަށް ނުވާނެއެއްނު. " ނަދީމްގެ ފަލަމަސްގަނޑުމަތީގައި އަތް ބާއްވާލަމުން ޒައިނާ ބުންޏެވެ.
އެ ވަގުތު އަރޫޝާގެ ކަޅި އެ ދިމާލަށް ހުއްޓުނުތަން ފެނި، ނަދީމް ކޮޅަށް ތެދުވެ ދެ ޖީބަށް އަތް ޖަހާލިއެވެ.
" ކިޔައިދޭން ފުރުސަތެއް ލިބުނު ނަމަ ކިޔައި ދިނީމުސް. " ނަދީމް ބުނެލީ ހިތްހަމަ ނުޖެހިފައި ހުރެއެވެ. އި
ތުރަށް މަޑުނުކޮށް އޭނާ ނިކުތީ ބޭރަށެވެ. އެއާއެކު އެއްޗެއް ބުނާނެ ފުރުސަތެއް ޒައިނާއަށް ދޭން ބޭނުން ނުވާތީ އަރޫޝާ އެނބުރި ގޮސް ކޮޓަރިއަށް ވަނެވެ. އެ ވަގުތު ޒައިނާގެ ތުންފަތުގައި ކުޅެލީ ވިހަ ހިނިތުން ވުމެކެވެ. ހެވިފައި އިނދެ ޒައިނާ ކަންނެތް ގޮތަކަށް ތެދުވެގެން ގޮސް ބޭރަށް ނިކުމެލީ ނަދީމް ފެނޭތޯއެވެ.
ޖޯލިފަތީގައި، ފޯނާ ކުޅެން އިން ނަދީމް ފެނި ހެމުން ހެމުން ޒައިނާ އެ ދިމާލަށް ދިޔައެވެ.
" ސީރިއަސްކޮށް ނަދީމް އަހަރެން ދެކެ ރުޅި އައީތަ؟" ޒައިނާ ބުންޏެވެ.
" ތި ޖޯލިން ތެދުވެފަ، ދުރުގައި އިށީނދެބަލަ. އަހަރެން ބުނީމެއްނު މި ގޭތޭރޭގައި އަހަންނާ މާ ގާތްކޮށް ނޫޅެއްޗޭ." ނަދީމް ބުންޏެވެ.
ޒައިނާ ތެދުވެ، އެއް ޖޯލި ދޫކޮށްލަމުން އަނެއްކާ ވެސް އިށީނެވެ.
" ހޫމް ސޮރީއޭ. ދެން ބުނެބަލަ ރުޅި އައިސްގެންތަ ތި އައީ؟" އަނެއްކާ ވެސް ޒައިނާ އެހިއެވެ.
" ދެން ޒައި ކީއްކުރަން ދައްކާ ވާހަކަތަކެއް؟ ހުރިހާ އެއްޗެއް ޒައިއަށް އެނގޭ އިރު ދެން ކީއްކުރަން މާ ބޭކާރު ވާހަކަ ދައްކަނީ؟ އަހަރެން ގަޔާވާ ކަމެއް ނޫނޭ ތިއީ؟" ނަދީމް ބުންޏެވެ.
ނަދީމްގެ ވާހަކައިން އޭނާ ހިތްހަމަ ނުޖެހިފައި ހުރި ވަރު ޒައިނާއަށް އެނގުނެވެ.
" އޭނަ ފެނުނީމަ އަހަރެން ވަރަށް ރުޅި އާދޭ. ފޫހިވޭ. ދެން އޭނަ ކީއްކުރަންތަ ނަދީމްއާ އިންނަން އެއްބަސް ވީ؟ އޭނަ ނީންނާނަމޭ ބުނި ނަމަ ތި ކައިވެންޏެއް ނުކުރެވުނީހެއްނު. އާނ! އެއްބަސްވާނެ ތާ ދޯ! ކާކު ބޭނުން ނުވާނީ ނަދީމް ކަހަލަ ހޭންޑްސަމް ރީތި މީހެއް. އޭނަ ހަމަ ނަދީމްއާ ހިތާ ވާތީ އިނީ. " ޒައިނާގެ އަޑު ބާރު ވާ ގޮތްވިއެވެ.
" އޭނަ ވެސް މަ ދެކެ ލޯތްބެއް ނުވާނެއެއްނު. އެހާ އަވަހަށް ލޯބި ވެވޭތަ؟ ޒައި ދެން މާ ގަދައަށް ވިސްނަނީ." ނަދީމް ބުންޏެވެ.
" ލޯބި ނުވާކަމެއް ނޭނގެ. ނަދީމް އަންނާތީ ކުކުޅާ އޭތި މީތި ކައްކާފަ. އޮފީހަށް ވެސް ނުގޮސް ހުރެގެން ނަދީމްއަށް ކާން ތައްޔާރު ކުރާނީ ކިހާ ލޯބި ވާތީ. އެހެން ނޫނަސް އޭނަ ހުންނަ ގޮތުން ވެސް އަހަންނަށް އެނގެޔޭ އެ ހުންނަނީ ނަދީމްއާ އަޅައިގަނެފައިކަން. ކޮންމެ ގޮތެއް ވިޔަސް ހެޔޮ. އަހަރެން ބޭނުން އަހަންނަކީ ނަދީމްގެ ލޯބިވެރިޔާކަން އަރޫޝާއަސް އަންގާލަން." ޒައިނާ ބުންޏެވެ.
" ނުވާނެ ބުނެގެންނެއް. މަންމަމެންނަށް އެނގުނިއްޔާ ކަމަކު ނުދާނެ. އަހަރެންގެ އަގު ވެއްޓޭ ކަހަލަ އެއްވެސް ކަމެއް ޒައި ނުކުރައްޗޭ. " ނަދީމް ބުނެލީ ހަރުކަށި ގޮތަކަށެވެ.
" ދެން އަހަރެން ވީ ތި ދެ މީހުންގެ ޑްރާމާ ބަލަން މިތާ ހުރެގެން މުޅި އުމުރު ހުސްކުރަންތަ؟ ނޫނީ ނަދީމްގެ އަނތްބަކަށް ވެވޭނެ ކަމަށް އުއްމީދުކޮށް ހިޔާލީ ފޮލާ ކައްކާލަ ކައްކާލާ މިހެން ހުންނަންތަ؟ " ޒައިނާ ބުންޏެވެ.
" ނޫނޭ ޒައި. އަހަރެން މި ބުނީނު މި ކަންތައް ނިންމަން ޓައިމް ބޭނުން ވާނެޔޭ. ކައިވެނި ކުރި އިރު ޒައި އަހަންނަށް ލިބޭނެކަމަަށް ހިއެއް ވެސް ނުކުރަން. އެހެން ނޫން ނަމަ އަހަރެން ބުނީމުސް ޒައިގެ ވާހަކަ. ދެން އޭރު އެ ކަންތައް ވީ ގޮތް ޒައިއަށް ކިޔައިދީ ކިޔައިދީ އަހަރެން ވަރުބަލި ވެއްޖެ. ގަބޫލުކޮށްބަލަ. އަންޑަސްޓޭންޑް ވެބަލަ. " ނަދީމް އާދޭހުގެ ނަޒަރަކުން ޒައިނާއަށް ބަލައިލިއެވެ.
އޭރުވެސް ޒައިނާ އިނީ ހިތްހަމަ ނުޖެހިފައެވެ.
ކޮފީ ޝޮޕް ބޭރުގައި އަފާ އިނީ އެކަނިމާއެކަންޏެވެ. ކޮފީއެއް ހިފައިގެން ނިކުތް ދާއިންއަށް އެ މަންޒަރު ފެނި އޭނާ މަޑުމަޑުން ގޮސް އަފާގެ ކުރިމަތީގައި އިށީނދެލިއެވެ. އެއާއެކު ލުއި ގޮތަކަށް އަފާ ހީލިއެވެ.
" މިހާރު އަހަންނާއެކު ޑިޔުޓީއަށް ނާރަނީ ކީއްވެ؟ އަހަރެންގެ ސްޕަވައިޒަރ ވެސް ބަދަލް ވެއްޖެ. ކިހިނެއްވީ؟" ދާއިން އަހާލިއެވެ.
ޖަވާބެއް ނުދީ އިރުކޮޅަކު އިނުމަށްފަހު ދާއިންއަށް ބަލައިލަމުން އަފާ ވާހަކަ ދައްކަން ފެށިއެވެ.
" ދާއިންއަށް އަހަންނާ ހެދި އުނދަގު ވާހެން ހީވެގެން. " އަފާ ދިނީ ކުރު ޖަވާބެކެވެ.
" އުނދަގޫ؟ އުނދަގުލެއް ނުވާނެ އެއްނު. އަހަރެމެންނަކީ ފްރެންޑްސްއެއްނު. " ދެކޮނޑު ހިއްލާލަމުން ދާއިން ބުންޏެވެ.
އަނެއްކާ ވެސް އަފާ ހީލިއެވެ.
" އެއީ އަސްލު އަހަރެންގެ މައްސަލައަކީ. ދާއިން އަހަންނާމެދު ދެކޭ ގޮތަށް އަހަންނަށް ދާއިންއާމެދު ނުދެކެވޭތީ." އަފާ ބުންޏެވެ.
އެކަން ދާއިންއަށް އޮޅިފައެއް ނެތެވެ. އަފާގެ އަމަލުތަކާއި ހަރަކާތްތައް ހުންނަ ގޮތުން ހުދު ދާއިންއަށް ވެސް އުނދަގޫވިއެވެ. އަދި އޭނާ ވަރަށް ބޮޑަށް އަފާ ދުރުވެސް ކޮށްލިއެވެ. އަފާއަށް އައި ބަދަލަކީ އެއީ ކަން ވެސް ދާއިންއަށް ހަމަ ރަނގަޅަށް ވެސް އެނގެއެވެ.
އަފާގެ ކުރިމަތީ އިން އިރު އާބިދު ދެއްކި ވާހަކަތައް ކަންފަތުގައި ގުގުމަމުން ދާ ކަހަަލައެވެ.
" އަރޫޝާއަކީ ފަހަރިއޭ، ދުވަހަކު ވެސް ނުލިބޭނެ. އިންތިޒާރު ނުކޮށްބަލަ. " އާބިދު ތަކުރާރުކޮށް ބުނި ހަދާންވެ ދާއިންއަށް އަފާއަށް ބަލައިލެވުނެވެ.
" ސޮރީ ދާއިން. ދާއިންއާ ފްރެންޑްޝިޕް ބޭއްވުމަކީ އަހަންނަށް ވަރަށް އުނދަގޫ ކަމެއް. ރަނގަޅުވާނީ ދެ މީހުން އެއްވެސް ވަރަކަށް ވާހަކަ ނުދެއްކިއްޔާ. " އަފާ އެހެން ބުނެ ތެދުވެއްޖެއެވެ.
އެއްވެސް އެއްޗެއް ނުބުނެ ދާއިން ހަމަ އިނީއެވެ. އަފާ އޭނާދެކެ ލޯބިވާކަން ދާއިންއަށް ޔަގީން ކުރެވުނީ އެހިސާބުންނެވެ. ދުރަށް ހިނގަމުން ދިޔަ އަފާއަށް ބަލަހައްޓައިގެން އޭނާއަށް އިނދެވުނީއެވެ. އެއީ ކިތަންމެހާ ވެސް ރީތި ކުއްޖެކެވެ. ހަޔާތެއް ފަށަން ވެސް އޭނާ ގޯހެއް ނޫނެވެ. ނަމަވެސް ދާއިންއަކަށް އޭނާއާ ގަޔާއެއް ނުވެވުނެވެ. އެ ފަދަ ނަޒަރަކުން އަފާއާ މެދު ނުވެސް ވިސްނުނެވެ. ލޯބީގެ ހިޔާލެއް އަޔަސް ކުރިމަތިން ސިފަވަނީ ހަމައެކަނި އަރޫޝާގެ ތަސްވީރެވެ. އެ މައުސޫމް މޫނާއި ލަދުރަކި ހިނިތުންވުމެވެ. ފަށުވި އިސްތަށިގަނޑާއި ފަތި ހަށިގަނޑެވެ. އޭނާގެ ބޮޑު ދެ ލޮލާއި ދާއިންއަށް ބަލައިލާ ތޫނު ނަޒަރެވެ.
" މާ ބޮޑު ގުޅުމެއް އުފެދިފައި ނެތަސް، މިހާ ވަރަށް ލޯބި މި ވެވެނީ ކީއްވެތަ؟" ދާއިންއަށް ބުނެވުނެވެ.
އޭރު މޭޒުމަތީގައި ހުރި ކޮފީތަށި އެއްކޮށް ހިހޫ ވެއްޖެއެވެ. ކޮފީ ކޯވަރެއް ބޮއިލުމަށްފަހު ތަށި ޑަސްބިނަށް ވައްޓާލީ ދުރަށް ހިނގައިގަންނަމުންނެވެ.
އެނދުގެ ހެޑްބޯޑުގައި ބޯ ޖައްސާލައިގެން އަރޫޝާ އިނެވެ. އޭރު ގަޑިން އެގާރަ ޖަހައިފިއެވެ. ނަދީމްއާ އެކު އެއް ކޮޓަރިއެއްގައި ހޭދަކުރަން ޖެހޭ ފުރަތަމަ ރޭ ކަމުން އޭނާ އިނީ ވަރަށް ބޮޑަށް ނުތަނަވަސް ވެފައެވެ. ނިދާ ބޮކީގެ ފަނޑުއަލީގެ ތެރެއިން ކޮޓަރި ތެރެއަށް އަރޫޝާ ނަޒަރު ހިންގާލިއެވެ. ކޮޓަރިއަށް ވެރިވެފައިވާ ހަމަހިމޭންކަމާ ފަޅުކަން ހިތަށް ވަޒަން ކުރެވުމާއެކު ހަނދާނަށް އައީ މިއަދު ޒައިނާ ދެއްކި ވާހަކަތަކެވެ. ޒައިނާއަކީ ނަދީމްގެ ކާކު ހެއްޔެވެ؟ ރައްޓެއްސަކަށް ވިޔަސް ނަދީމްގެ އަނބިމީހާއަށް އިހްތިރާމް ކުރަން ޖެހޭނެޔޭ އަރޫޝާގެ ހިތަށް އެރިއެވެ.
ކޮޓަރި ދޮރު ހުޅުވުމާއެކު އަރޫޝާ ދިޔައީ ސިހިގެންނެވެ. އެތެރެއަށް ވަދެ ދޮރު ލައްޕާލަމުން ނަދީމް އަރޫޝާއަށް ބަލައިލިއެވެ. އެއާއެކު އަރޫޝާއަށް ކޮޅަށް ތެދުވެވުނެވެ. އަރޫޝާ ފެނުމުން ނަދީމްއަށް ދޮރުމަތީ މަޑުކޮށްލެވުނެވެ. އެއްޗެއް ނުބުނެ އަރޫޝާއަށް ވެސް ހުރެވުނީ ނަދީމްއަށް ބަލަހައްޓައިގެންނެވެ.
އަތުގައި އޮތް ފޯނު ޖީބަށް ލުމަށްފަހު ނަދީމް ހިނގައިގަތީ ފާހާނާއާ ދިމާލަށެވެ. އެއާއެކު ބޭއިހްތިޔާރުގައި އަރޫޝާއަށް އޭނާއަށް ގޮވާލެވުނެވެ. އަރޫޝާގެ އަޑު އިވުމާއެކު ނަދީމް ހުއްޓި ފަހަތް ބަލައިލިއެވެ.
" ނަދީމް! " ނަދީމް ބަލައިލުމުން އަރޫޝާއަށް ދެ ވަނަ ފަހަރަށް ވެސް އޭނާއަށް ގޮވާލެވުނެވެ.
" ޒައިނާ ދެއްކި ވާހަކަތަކަށް އަހަރެން މައާފަށް އެދެން. " ނަދީމް ބުންޏެވެ. އާދައިގެ ރާގަކަށެވެ.
އެއަށްފަހު އަރޫޝާ އެއްޗެއް ބުނުމުގެ ކުރިން އޭނާ ގޮސް ވަނީ ފާހާނާއަށެވެ. އަރޫޝާއަށް އަނެއްކާ ވެސް އެނދުގައި އިށީނދެލެވުނެވެ. ނަދީމް ނިކުންނާނެ އިރެއްގެ އިންތިޒާރުގައި އިން އިރު ވެސް އޭނާގެ ހިތަށް އުނދަގޫ ވަމުން ދިޔައެވެ. ވާހަކަ ދައްކަން ބޭނުންވިޔަސް، ދައްކާނެ ވާހަކައެއް އޭނާއަކަށް ނޭނގުނެވެ.
އެ ފިކުރުގައި އިންދާ ނަދީމް ނިކުމެއްޖެއެވެ. އަނެއްކާ ވެސް އަރޫޝާ ތެދުވީ ނަދީމްގެ ސަމާލުކަން ހޯދުމަށްޓަކައެވެ. ކަންތައް ވީ ވެސް އޭނާ ބޭނުންވި ގޮތަށެވެ. ހުރި ފިޔަވަޅު މަތީ ނަދީމް ހުރީ އޭނާއަށް ބަލަހައްޓައިގެންނެވެ.
" ކިހިނެއްވީ؟ " ނަދީމްގެ ސުވާލުން އަރޫޝާ ސިހިގެން ދިޔައެވެ.
" މީ... ކޮންގްރެޓްސް.." އަރޫޝާއަށް ބުނެވުނީ އާގަންނަމުންނެވެ.
އެ ވަގުތު ނަދީމް އޭނާއާ ދިމާލަށް އަންނަތަން ފެނި އަރޫޝާއަށް އިސްޖަހާލެވުނެވެ.
" ކޮންކަމަކަށް؟" ނަދީމް އަހާލިއެވެ.
" ގްރެޖުއޭޓް ވީމަ. " ނަދީމްއަށް ބަލައިލަމުން އަރޫޝާ ބުނެލިއެވެ.
ނަދީމް ހީލަމުން ފޯނުން ގަޑި ބަަލައިލިއެވެ. އެ ވަގުތު ޒައިނާގެ ދެ މެސެޖް ލިބިފައި އޮތެވެ. އޭނާ އަވަސް އަވަހަށް ފޯނު ޖީބަށް ލުމަށްފަހު ވާހަކަ ދައްކަން ފެށިއެވެ.
" ބްލޭންކެޓެއް ނެތްތަ؟" ނަދީމް އެހިއެވެ.
" ކީއްކުރަން؟" އަރޫޝާ އަވަސް އަވަހަށް ސުވާލު ކުރިއެވެ.
" ހަނދާން ނެތުނީތަ އަހަރެެން ދެ މީހުންނަކީ ލޯބިވެގެން އަދި ބޭނުން ވެގެން އިން ދެ މީހުންނެއް ނޫނޭ. އަބަދުވެސް އޭތި ހަނދާނުގައި ބަހައްޓާތި. " ނަދީމް ބުންޏެވެ.
އޭނާ ގޮސް އެނދުމަތިން ދެ ބާލީސް ނަގައި ތިރިއަށް ވައްޓާލިއެވެ. އަދި ހެވިފައި ހުރެ އަރޫޝާއަށް ބަލަަމުން މުށިތައް މަތީ އޮށޯވެލިއެވެ. ހައިރާންވެފައި ހުރެ އަރޫޝާ ދެ އަތް އުރާލިއެވެ.
" މުޅި އުމުރު ތި ގޮތަށް ހޭދަ ކުރަންތަ ނަަދީމް ބޭނުންވަނީ؟" އަރޫޝާ އަހާލިއެވެ.
" މުޅި އުމުރު ހޭދަ ކުރަން ބޭނުންވާ ގޮތް ކިޔައިދެންތަ؟" ފުންމައިގެން ތެދުވެ ނަދީމް ބުންޏެވެ.
އޭނާގެ އަޑު ތަންކޮޅެއް ބާރު ވުމުން އަރޫޝާ ޖެހިލުންވިއެވެ.
" އަހަރެން ވަރަށް ލޯބިވާ ކުއްޖަކާއެކު ވަރަށް ލޯބިން އުޅެން ބޭނުމީ. އެކަމަކު މި ކައިވެނިން އަހަންނަށް އޮތީ ކޮން އުފަލެއް؟ ލޯބި ނުވާ މީހަކާއެކު ލޯބިން އުޅޭނީ ކިހިނެއް؟ ބަލައިލާ ހިތުން ތި މޫނަށް ބަލައިލާނީ ކިހިނެއް؟ ވާހަކަ ދައްކާލާ ހިތުން ކައިރީގައި އޮށޯވެލާނީ ވަކި ކިހިނެއް؟" ނަދީމް އެއްފައްޗަކަށް އަމުނާލިއެވެ.
އަރޫޝާއަށް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އޭނާއާއެކު އުޅެން ނަދީމް ބޭނުން ނުވާވަރު ފުރަތަމަ ފަހަރަށް އިހުސާސް ކުރެވުނެވެ. ފަހަތަށް ޖެހެމުން ގޮސް އަރޫޝާއަށް އެނދުގައި އިށީނދެލެވުނެވެ. އެއާއެކު ނަދީމް އޮށޯވެލިތަން އޭނާއަށް ފެނުނެވެ. އަރޫޝާއަށް ފުރަގަސްދިނުމަށްފަހު އޭނާ ފޯނު ބަލަން ފެށިއެވެ.
ހިތް ފަޅައިގެންދާ ހާލު އަރޫޝާ ވެސް އޮށޯތެވެ. އޭރު އޭނާގެ ދެ ލޮލުން ކަރުނަތައް ހިފެހެއްޓުމެއް ނެތި ފައިބަމުން ދެއެވެ.
ޖެހިގެން އައީ ބަންދު ދުވަހެއް ކަމުން އަރޫޝާ ވަރަށް އަވަހަށް ސައި ތައްޔާރު ކުރިއެވެ. ފަތިހު ދަނޑަށް ގޮސް މަދީހާމެން އޭރު ވެސް ނާދެއެވެ. މޭޒުމަތީގައި ތަށިތައް އަތުރާލުމަށްފަހު އަރޫޝާ ބަދިގެއިން ނިކުންނަން ހިނގައގަތެވެ. އެ ވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ސިޓިންރޫމްގައި އިން ޒައިނާއެވެ. ޒައިނާއާ އެއްވެސް ވަރަކަށް ވާހަކަ ދައްކާހިތެއް އޭނާ ނުވެއެވެ. އެހެންވެ، އަޅައިވެސް ނުލާ ކޮޓަރިއާ ދިމާލަށް ހިނގައިގަތީއެވެ.
" އަރޫޝާ." ޒައިނާ ގޮވާލިއެވެ.
ހުއްޓުމަށްފަހު އަރޫޝާ ޒައިނާއަށް ބަލައިލިއެވެ. އޭރު ޒައިނާ އިނީ ހެވިފައެވެ. ނަމަވެސް ރައްދުގައި ހީލާކަށް އަރޫޝާ ބޭނުމެއް ނުވިއެވެ. އިއްޔެ ވީ ކަންތަކާ އަދިވެސް އޭނާ އެ ހުރީ ހިތްހަމަ ނުޖެހިފައެވެ.
" އަހަރެން މިއިނީ ނަދީމް ތެދުވަން ދެން. އޭނައަށް ގޮވާލަދީފާނަންތަ؟ ނޫނީ އޭނައަށް ގޮވާލަން އަހަރެން ތި ކޮޓަރިއަށް ވަނަސް އޯކޭތަ؟" ޒައިނާގެ ވާހަކަ ދެއްކުމުގައި އެއްވެސް އަދަބުވެރި ކަމެއް ނެތެވެ. އިތުރަށް އަރޫޝާ ގާތަށް އައީ ރުޅިއެވެ. އެއްވެސް ޖަވާބެއް ނުދީ އޭނާ ކޮޓަރިއާ ދިމާލަށް އެނބުރުނެވެ.
އެތެރެއަށް ވަތް އިރު ވެސް ނަދީމް އޮތީ ނިދާފައެވެ. ނަދީމްއަށް ބަލަހައްޓައިގެން އިރުކޮޅަކު އަރޫޝާއަށް ހުރެވުނީއެވެ. ރޭ ނަދީމް ކީ އެއްޗެހި އަދިވެސް އަރޫޝާގެ ސިކުނޑީގައި ހަރުލާފައި ހުރި ކަހަލައެވެ. މަޑުމަޑުން އޭނާ ގޮސް ނަދީމް ގާތު ހުއްޓުމާއެކު އޭނާ ލޯ ހުޅުވާލިއެވެ. އަދި ފުންމައިގެން ތެދުވަން އުޅުނެވެ. ނަމަވެސް ބުރަކައްޓަށް އެރި ތަދުން އޭނާއަށް ދެ ލޯ މަރައި ފިއްތާލެވުނެވެ.
ބޭއިހްތިޔާރުގައި އަރޫޝާއަށް ނަދީމް ކައިރިއަށް ތިރިވެ، އޭނާގެ ބުރަކަށީގައި ދެ އަތް ވިއްދާލެވުނެވެ. އޭރުވެސް ނަދީމް އިނީ ގުޑި ނުލެވިފައެވެ.
" މަޑުމަޑުން... ފުންކޮށް ނޭވާ ލައިބަ. ގައިން ބާރު ދޫކޮށްލާ! " ހާސްވެފައި ހުރި ނަމަވެސް އަރޫޝާ ވާހަަކަ ދެއްކީ ނުހަނު މަޑުމަޑުންނެވެ.
ތަދު ވާ ވަރުން ނަދީމްއަށް ޖެހުނީ އަރޫޝާގެ ބަހަށް އިޖާބަ ދޭށެވެ. ނަދީމްގެ ގައިގައި ހިފަހައްޓައިގެން އަރޫޝާ އޭނާ އަރިއަކަށް ބޭއްވިއެވެ. އަދި ބުރަކަށީގައި ބާލީސް ޖައްސާލުމަށްފަހު އޭނަ ދިޔައީ އަލަމާރިއާ ދިމާލަށެވެ.
" ތީ ކޯއްޗެއް؟ މަންމައަށް ގޮވާ ތި އުނގުޅަން." ވަރަށް އުނދަގުލުން ނަދީމް ވާހަކަ ދެއްކިއެވެ.
އަރޫޝާ ހިފައިގެން އައި ބޭސްފުޅި ފެނި ނަދީމްގެ ހިތް އަވަސް ވެގެން ދިޔައެވެ.
" މަންމައަށް ގޮވައިލެވިދާނެ. އެކަމަކު ނަދީމް ތިރީގައި އޮތްތަން ފެނުނީމަ ސުވާލު ކުރާނެ. " އަރޫޝާ ބުނެލިއެވެ.
އެ ވަގުތު ނަދީމް މަސައްކަތް ކުރީ ތެދުވާށެވެ. ނަމަވެސް ހަށިގަނޑު ހިއްލާލާނެ ހިތްވަރެއް އޭނާއަކަށް ނުލިބުނެވެ.
" އަހަންނަކީ އަނބިމީހާގެ ގޮތުގައި ނުދެކުނަސް އަހަރެން ދެކެނީ ތިއީ އަހަރެންގެ ފިރިމީހާގެ ގޮތުގައި. އެހެންވީމަ، އަހަރެންގެ އެހީތެރިކަން މިފަހަރު ހޯދިއްޔާ ރަނގަޅުވާނީ. އެއީ ނަދީމް ބަލި ވީމަ." އަރޫޝާ ވާހަކަ ދެއްކީ ލަސްލަހުންނެވެ.
ހަމަ އެވަގުތެވެ. ދޮރުގައި ޓަކި ޖަހައިފިއެވެ. ސިހިފައި ނަދީމްއާއި އަރޫޝާއަށް ދޮރާ ދިމާލަށް ބަލައިލެވުނީ އެއްފަހަރާއެވެ. އެއާއެކު ދެ މީހުންގެ މޫނުމަތިން ވެސް ހާސްކަން ފާޅުވާން ފެށިއެވެ. މަންމަ ސައިބޯން ގޮވަން އައީކަން ނަދީމްއަށް އެނގުނެވެ. އޭރު ދެ ވަނަ ފަހަރަށް ޓަކި ޖަހައިފިއެވެ.
" ދެން ވެސް އަހަރެން ނަގަން އުޅެބަލަ. " ނަދީމް ބުނެލީ ސިއްރު އަޑަކުންނެވެ.
އަރޫޝާ ނަދީމްގެ ގައިގައި ހިފެހެއްޓުމާއެކު ނަދީމް ވެސް ތެދުވަން މަސައްކަތް ކުރިއެވެ. ތެދުވެ، އަރޫޝާގެ ކޮނޑަށް އަތް ލައިގެން އޭނާ ގޮސް އެނދުގައި އޮށޯވެލިއެވެ. އެއާއެކު އަރޫޝާ އަވަސް އަވަހަށް މުށިތައް މަތީގައި ހުރި ބާލީސްތައް ނަގައި އެނދުގައި އަތުރާލިއެވެ.
އޭނާ ގޮސް ދޮރު ހުޅުވާލުމާއެކު ދޮރުމަތީގައި ހުރި ޒައިނާއަށް އެނދުގައި އޮތް ނަދީމް ފެނިއްޖެއެވެ. އެ އާއެކު ޒައިނާގެ މޫނުމައްޗަށް އެރި ކުލަވަރުން އަރޫޝާގެ ހިތުގައި ޒައިނާއާ ބެހޭ ގޮތުން އުފެދިފައިވާ ސުވާލުތައް އިތުރު ވެގެން ދިޔައެވެ.
މަންމަގެ އަޑު ނީވުމުން ނަދީމް ދޮރާ ދިމާލަށް މޫނު އަނބުރާލިއެވެ. އެ ވަގުތު އޭނާއަށް ފެނުނީ މަންމައެއް ނޫނެވެ. ރުޅި ގަދަވެފައި ހުރި ޒައިނާއެވެ.
( ނުނިމޭ )
މި ވާހަކަ ގެނެސްދޭނީ ކޮންމެ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެވެ.