ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކްލަބް ޕޯލްސްޓާއިން އިންތިޒާމް ކޮށްގެން މާލެއިން އުތުރުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ބާއްވާ "މައިކަޕް 2024" ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިމުބާރާތް ހުޅުވާލާފައިވަނީ އިހަވަންދޫގެ އެންމެހާ ޒުވާނުންނަށާއި އަދި އިހަވަންދޫ ފިޔަވައި ހއ.ހދ.ށ.ނ.ރ.ބ.ޅ އަތޮޅުތަކުގައި، އަތޮޅުގައި ހުރި ސަރުކާރު މުއައްސަސާތަކާއި، އެ އަތޮޅުތަކުގައި ހުރި ހިލޭސާބަހަށް މަސައްކަތްކުރާ ކުލަބު ޖަމިއްޔާތަކަށާއި، އެ އަތޮޅުތަކުގައި ހުރި ކުންފުނިތަކާއި، އެ އަތޮޅުތަކުގައި ހުރި ރިސޯޓުތަކަށެވެ. ނަމަވެސް އިހަވަންދޫގެ އެއްވެސް ކްލަބު ޖަމިއްޔާއަކަށް ސަރުކާރުގެ މުއައްސަސާއަކަށް، އަދި ކުންފުންޏަކަށް މި މުބާރާތުގައި ބައިވެރިއެއް ނުވެވޭނެއެވެ.

Ad
rt

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އަންގާރަ ޑިސެމްބަރ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާއިރު، އެކަމަށް ހާއްސަ ކުރެވިފައިވާ އޮންލައިން ފޯމް މެދުވެރިކޮށް ބައިވެރިވެވޭނެއެވެ. މުބާރާތް ފެށުމަށް ތާވަލު ކޮށްފައި ވަނީ ޑިސެމްބަރ މަހުގެ 18 ވަނަ ދުވަހުއެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ފައިސާގެ އިނާމެއްގެ ގޮތުގައި 100000 (އެއްލައްކަ) ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ. އަދި ރަނަރަޕް ޓީމަށް 35000 (ތިރީސްފަސްހާސް) ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އިހަވަންދޫ މައި ކަޕް ފުޓްބޯޅަ މުބާރާތަކީ 2007 ވަނަ އަހަރު، އޭރު ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ގެ އެހީތެރިކަމާއިއެކު އެ ރަށުގައި ހިންގަން ފަށާފައިވާ މުބާރާތެކެވެ.

މި މުބާރާތް ފުރަތަމަ ހަތަރު އަހަރު ކުރިއަށް ގެންގޮސްފައި ވަނީ އިހަވަންދޫގެ ޓީމްތަކަށް ހާއްސަކޮށްގެންނެވެ. ނަމަވެސް ހަތަރުވަނަ މުބާރާތް، 2010 ވަނަ އަހަރު އެ އަތޮޅަށް ހުޅުވާލިއެވެ. އެއަށްފަހު މި މުބާރާތް 2019 ވަނަ އަހަރާއި ހިސާބަށް ކުޅެފައިވަނީއ އަތޮޅަށް ހުޅުވާލައިގެންނެވެ. 2020 ވަނަ އަހަރު ވެސް މި މުބާރާތް ކުރިއަށް ގެންދަން މަސައްކަތް ކުރިނަމަވެސް އެ ދުވަސްވަރު އިހަވަންދޫގައި ކޮވިޑް ބަލިމަޑުކަމުގެ ނުރައްކާ ބޮޑުވެ މުބާރާތް ކުރިއަށް ގެންދެވޭގޮތް ނުވެ ހުއްޓާލަން ޖެހުނެވެ. އެ އަހަރާއިއެކު ފާއިތުވި ހަތަރު އަހަރު ވެސް މި މުބާރާތް ބާއްވާފައި ނުވެއެވެ.