ރާއްޖޭގެ ކަނޑުގެ ބައެއް ދޫކޮށްލީ ރޯމާދުވާލު ޤާނޫނުއަސާސީއާއި ވެސް ޚިލާފަށް ކަމަށާއި، އެކަން ހައްލުކޮށް، ގެއްލުނު ބައި އަނބުރާ ހޯދަން ވަނީ ބުރަ މަސައްކަތެއް ޖެހިފައިކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ރޭ ދަރުބާރުގޭގައި ބޭއްވި، ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

Ad
rt

މި ޖަލްސާގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ދިވެހި ޤައުމަށް ވަފާތެރިވުމަށްވުރެ ބޮޑު އުފަލެއް އެ މަނިކުފާނުގެ ނެތް ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި މި ވޭތުވެދިޔަ ފަންސާސް އެއް ހަފުތާއާ ދެ ދުވަހު އެކަން ދިވެހިރައްޔިތުންނަށް ފަހުރުވެރިކަމާއެކު ކަށަވަރުކޮށްދެއްވާފައިވާނެ ކަމުގައި ވިދާޅުވިއެވެ.

މިގޮތުން މި ހިނގާ އަހަރުގެ ދިހައެއް މޭގައި މިރާއްޖޭގައި ތިބި ބޭރުގެ ސިފައިން ހިމޭން ރީތި މިންގަނޑުތަކުން މަޝްވަރާކޮށްގެން، ޑިޕްލޮމަސީގެ ރިވެތި އުސޫލުން ކުރެވުނު މަޝްވަރާއިން، މި ޤައުމުގައި ތިބި ބޭރުގެ ހުރިހާ ސިފައިން މި ޤައުމުން ބޭލިފައިވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ ކަނޑުން ގެއްލުވާލި ބައި އަނބުރާ ހޯދުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުގެ މައްޗަށްވެސް އަލިއަޅުއްވާލައްވައި ވިދާޅުވީ، ރޯމާ ދުވާލު، ކަނޑައެޅިފައިވާ ދުސްތޫރީ ނިޒާމާ ޚިލާފަށް، ޤާނޫނު އަސާސީއާ ޚިލާފަށް، ރައްޔިތުންގެ މަޖިލީހުގައި އަހާލުމެއްނެތި، ރާއްޖޭގެ ކަނޑުން ބޮޑު ބައެއް ދޫކޮށްލާފައިވާ ކަމަށެވެ. އަދި އެކަން ކޮށްފައިވާގޮތުން އެ މައްސަލަ ޙައްލުކުރުމަށް ބުރަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެކަމަށްޓަކައި މި ސަރުކާރު ވެރިކަމަށް އައި ހިސާބުން ފެށިގެން އެޓަރނީ ޖެނެރަލްގެ އޮފީހުގެ ބޭފުޅަކު އ.ދ. ގައި ބަހައްޓައިގެން އަދި ޤާނޫނީ ވަކީލުންގެ ޓީމަކުންވެސް ގިނަ މަސައްކަތްތަކެއް މެދުކެނޑުމެއްނެތި ކުރަމުންގެންދާކަމަށެވެ.

މި މައްސަލައިގައި ދާދި މިދާކަށް ދުވަހު އިނގިރޭސި ސަރުކާރުން މޮރިޝަސްއަށް ޗާގޮސް ޙަވާލުކުރުމާބެހޭ ވާހަކަތަކެއް އިވިވަޑައިގަތުމުން، ޗާގޮސްއަކީ އަޅުގަނޑުމެންނާ ތާރީޚީ ގުޅުމެއް ވަރަށް ބޮޑަށް އޮތް ތަނަކަށް ވާތީ، ރަސްމީ ލިޔެކިޔުމުން އެކަންކަން ބަޔާންކޮށް، ދިވެހި ސަރުކާރުން މިހާރު އިނގިރޭސި ސަރުކާރަށް ސިޓީއެއް ފޮނުއްވާފައިވާނެ ކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.