ރަޝިޔާ އާއި އުތުރު ކޮރެއާ ދެމެދު އެކުވެރިކަން ބަދަހިކުރުމުގެ މުޢާހަދާއެއްގައި ސޮއިކޮށްފިއެވެ.
ރަޝިޔާގެ ސަރުކާރުގެ ނޫސް އެޖެންސީ ޓާސް އިން ހާމަކޮށްފައިވާ ގޮތުގައި މި މުޢާހަދާގައި ސޮއިކުރެވިފައިވަނީ މިދިޔަ ޖޫން މަހުގެ 19 ވަނަ ދުވަހު އުތުރު ކޮރެއާގެ ވެރިރަށް ޕިޔޮންގްޔަންގްގައެވެ. އަދި މި މުޢާހަދާ ތަސްދީގު ކުރުމަށްޓަކައި ރައީސް ޕުޓިން ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހު ރަޝިޔާގެ ޕާލަމެންޓުގެ މަޖިލީހަށް ހުށަހަޅުއްވާފައެވެ.
މި މުޢާހަދާގެ ދަށުން، އެއްވެސް ޙާލަތެއްގައި ސަލާމަތީ އެހީތެރިކަން ބޭނުންވެއްޖެނަމަ، އދ. ގެ ޗާޓަރުގެ 51 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން، ވަގުތުން އެހީތެރިކަން ފޯރުކޮށްދެވޭނެކަމަށް ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން މި މުޢާހަދާގައި، ދެ ޤައުމުގެ މަސްލަހަތު ހިމާޔަތްކުރުމާއި، ސަރަޙައްދީ އަދި ދުނިޔޭގެ ސުލްޙަ އާއި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތްކުރާނެކަމަށް ބަޔާންކޮށްފައިވެއެވެ.
މި މުޢާހަދާގެ ދަށުން، ދެ ޤައުމުގެ ސިޔާދަތާއި ސަރަޙައްދީ ސަލާމަތަށް އިޙްތިރާމްކުރުމާއި، ހަމަހަމަކަމާއެކު މުޢާމަލާތްކުރުމާއި، އެއްވެސް ޤައުމެއްގެ އެތެރޭގެ ކަންކަމަށް ނުފޫޒު ނުފޯރުވުމުގެ މައްޗަށް ބިނާކޮށް ފުޅާ ދާއިރާއެއްގައި ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރާނެކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
މި މުޢާހަދާގައި ސޮއިކުރެވިފައިވަނީ، ރަޝިޔާ އާއި ޔުކްރެއިންގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ސިޔާސީ މަޝްރަޙު ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!