ރާއްޖޭގެ ހުރިހާ އަތޮޅަކުން އެސްޓީއޯގެ ރޭޓުގައި ތެޔޮ ލިބޭ ގޮތް ހެދުމުގެ މަޝްރޫޢު މިއަދު އިފްތިތާޙްކޮށްފިއެވެ.

ދިވެހިރާއްޖޭގެ ކޮންމެ އަތޮޅެއްގައި ތެޔޮ ރައްކާކުރެވޭނޭ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢު އިފްތިތާޙްކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ.

Ad
rt

މިކަމަށް ބޭއްވި ރަސްމިއްޔާތުގައި ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސް.ޓީ.އޯ)ގެ މެނޭޖިންގް ޑިރެކްޓަރ ޝިމާދް އިބްރާހިމް ވިދާޅުވީ، މި މަޝްރޫޢުގެ އަމާޒަކީ ފެބްރުއަރީ 2026 ގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ފިއުލް ސެޓަޕް ޤާއިމުކޮށް، މަސްވެރިންނާއި ޢާންމު ރައްޔިތުންނަށް ތެޔޮ ލިބޭނޭ ނިޒާމު ޤާއިމުކުރުންކަމަށެވެ.

މިއަހަރުގެ ޖަނަވަރީ މަހު ވަނީ، ހުޅުމާލޭގައި ސެޓަޕް ޤާއިމުކޮށްފައިވާއިރު، ޅ. ފެލިވަރާއި ގއ. ކޫއްޑޫގައި ހުންނަ އެފް.އެސް.އެމް ޝެޑުން ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދެމުންދާކަމަށާއި، ފެބްރުއަރީ 2025 ވަނަ އަހަރު އަންނަންވާއިރަށް، އައްޑޫ ސިޓީ ހުޅުމީދޫގައި ސެޓަޕް ޤާއިމުކުރުމަށް ވަނީ ތާވަލުކޮށްފައިކަމަށް ޝިމާދް ވިދާޅުވިއެވެ.

2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ސެޓަޕް ގާއިމުކުރާ ރަށްތައް

  • ހއ. އިހަވަންދޫ،
  • ހދ. ހަނިމާދޫ،
  • ފ. ނިލަންދޫ،
  • ގދ. ފަރެސްމާތޮޑާ
  • ފުވައްމުލައް ސިޓީ

2026 ގެ ފެބްރުއަރީ މަހުގެ ނިޔަލަށް ސެޓަޕް ގާއިމުކުރާ ރަށްތައް

  • ށ. މިލަންދޫ،
  • ނ. މަނަދޫ،
  • ބ. ތުޅާދޫ،
  • ވ. ފެލިދޫ،
  • ތ. ހިރިލަންދޫ،
  • ރ. ދުވާފަރު،
  • އއ. މަތިވެރި،
  • މ. މުލައް،
  • ދ. ކުޑަހުވަދޫ
  • ލ. ގަން

މިކަމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމް ވަނީ، ތެލަކީ އަސާސީ ޚިދުމަތެއްގެ ގޮތުގައި ކަނޑައަޅުއްވައި، މުޅި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި، މަދުވެގެން ކޮންމެ އަތޮޅަކުން އެއް ރަށުން އެސް.ޓީ.އޯ ރޭޓުގައި ތެޔޮ ފޯރުކޮށްދޭ ނިޒާމެއް ޤާއިމުކުރުމަކީ ރައީސުލްޖުމްހޭރިއްޔާގެ ރިޔާސީ ވަޢުދެއްކަން ފާހަގަކުރަށްވާފައެވެ.

އެސް.ޓީ.އޯ މެދުވެރިކޮށް، މަސްވެރިންނަށް ބޭނުންވާ ތެޔޮ، ހެޔޮ އަގުގައި ވިއްކުމަކީ، ދިވެހީންގެރާއްޖެ މެނިފެސްޓޯގައިވެސް ހިމަނާފައިވާ މުހިންމު ނުކުތާއެކެވެ.