ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ބާއްވާ "ތިލައުތުރު ފުޓްސަލް މުބާރާތް 2024" ފަށައިފިއެވެ.
މި އަހަރުގެ މުބާރާތް ބާއްވަނީ އެ އަތޮޅު ކެލާގައެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި އިއްޔެ ހަވީރު ބައްދަލުކޮށްފައި ވަނީ އެންމެ ފަހުގެ ޗެމްޕިއަން ވަށަފަރާއި ބާރަށެވެ. މެޗު 3-2 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ބާރަށުންނެވެ. މި މެޗުގައި ބާރަށަށް ލަނޑުތައް ޖަހައިދިނީ މުހައްމަދު ޝަމާއިލް، އަބްދުﷲ މިސްބާހްގެ އިތުރުން އަހްމަދު ޝަޒީމް އެވެ. ވަށަފަރަށް ލަނޑުތައް ޖަހައިދިނީ އަބްދުﷲ ޝިނާން އަދި ސާޖިދު ރަޝީދެވެ. މިއީ ގްރޫޕް އޭގެ މެޗެކެވެ.
މުބާރާތުގެ ދެވަނަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ކެލަޔާއި ތުރާކުނެވެ. މި މެޗު ނިމިގެން ދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ. ނަމަވެސް ލަނޑުޖަހާނެ ގިނަ ފުރުސަތުތައް ވަނީ ދެ ޓީމަށް ވެސް ލިބިފައެވެ. މިއީ ގްރޫޕް ބީގެ މެޗެކެވެ.
ރޭ ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ މުރައިދޫއާއި ފިއްލަދޫއެވެ. މި މެޗު 3-1 ގެ ނަތީޖާއިން ކާމިޔާބު ކުރީ ފިއްލަދޫންނެވެ. މި މެޗުގައި ފިއްލަދޫއަށް ލަނޑުތައް ޖަހައިދިނީ އަބްދުﷲ އިޚުވާން، އާދަމް އަބްދުލްރަހީމްގެ އިތުރުން މުހައްމަދު ހުޝާމެވެ. މުރައިދޫގެ ހަމައެކަނި ލަނޑު ޖެހީ އަހްމަދު ރަޝީދެވެ. މިއި ގްރޫޕް އޭގެ މެޗެކެވެ.
ރޭ ކުޅުން ދެވަނަ މެޗުގައި ބައްދަލު ކޮށްފައި ވަނީ އިހަވަންދޫއާއި އުތީމެވެ. މި މެޗު 3-1 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ އިހަވަންދޫއިންނެވެ. މި މެޗުގައި އިހަވަންދޫއަށް ލަނޑުތައް ޖަހައިދިނީ މުހައްމަދު މަދީހް، އިބްރާހީމް ހާމިދުގެ އިތުރުން މުހައްމަދު ސާނިއުއެވެ. އުތީމުގެ ހަމައެކަނި ލަނޑު ޖެހީ މުހައްމަދު މަޒީންއެވެ.
މި އަހަރުގެ މުބާރާތުގައި އެ އަތޮޅުގެ 10 ރަށަކުން ވަނީ ބައިވެރިވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!